Follow us on
ނޮވެންބަރ 3ގެ އުދުވާނީ ހަމަލާ!
| ފާނޫޒް.ކޮމް

ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއަށް 29 އަހަރު ފުރުނީއެވެ. އެދުވަސް ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚް ނުދެކޭފަދަ ބިރުވެރި ކަންތައްތަކަކާ ދިވެހިން ކުރިމަތިލާންޖެހުނު ދުވަހަކަށެވެ. ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތަކާއި، ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ކުރިމަތި ކުރުވި ހަމަލާގެ ނުރައްކާތެރިކަން ކިތަންމެހާވެސް ބޮޑެވެ.
މި ހަމަލާގައި ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޝަހީދުވި 19 ދިވެހިންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލިއެވެ. އެ ޢުދުވާނަށް މިއަދަށް 29 އަހަރު ފުރުނު ނަމަވެސް އެދުވަހުގެ އެ ހަނދާންތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ.
3 ނޮވެމްބަރު 1988 ވީ ބުރާސްފަތިދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. މީގެ ތެރޭގައި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 މީހުން ހިމެނުނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށްޓަކައެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ.
ކުލީސިފައިންގެ ހަމަލާ މާލެއަށް ދޭންފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 އެއްހާ މީހުން ކަނޑާއި ވައިގެ މަގުން ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ. އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ދިވެހި ސިފައިންނާއި، ކުލީ ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލު ކުރެވި ހަނގުރާމަ އޮތީ މައިތިރިވެފައެވެ. އޭރު ދިވެހި ސިފައިންގެ މަސައްކަތުން ކުލީ ސިފައިންގެ އެތައް ބަޔަކު ވަނީ މަރާލާފައެވެ.
މިފަދަ ދުވަހެއްގައި ހިތްމައްޗަށް ގެންނަންވީ މިޤައުމު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަނުދެއްވައި ސަލާމަތްކުރެއްވުމަށް މާތް ﷲ ރަޙްމަތާއެކު މެދުވެރީންނަށް ވެވަޑައިގެންނެވި މި ލޮބުވެތި ފަސްގަނޑު އެބައެއްގެ ލެއިން ރަތްކޮށްލައި ޝަހީދުވެވަޑައިގެންނެވި އަބްޠާލުންގެ ޒިކްރާއެވެ. އެބޭފުޅުން އެދެއްކެވި ނަމޫނާއެވެ.
އަޅުގަނޑުގެ ދުޢާ އަކީ މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމެވެ. މިނިވަންކަމުން އަޅުވެތިކަމަށް ދާން އެއްވެސް މީހަކު ބޭނުންނުވާނެކަން ޔަޤީނެވެ. މާތް ﷲ އެ ޝަހީދުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން

ޚިޔާލު ފާޅުކުރައްވާ