Follow us on
އެނގޭތަ! އަސްލު މާހެފުން ތައްޔާރުކުރަންވީ މިހެން
| އަޙުމަދު އަނަސް

އިހުޒަމާނެކޭ އެއްގޮތަށް މިއަދުވެސް މާހެފުން ދުވަހު އެކި އެކި ކާއެއްޗެހި ތައްޔާރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ތަފާތަކީ މިކަން ކުރާ ގޮތެވެ. ތައްޔާރުކުރާ އެއްޗެއްސެވެ. މިއަދު އާންމުކޮށް މިހަދާ މާހެފުމުގައި ހިމެނޭނީ ކުކުޅާއި ޕާސްތާފަދަ ޒަމާނީ ކެއުންތަކެކެވެ. ނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ކުރިން ރަށްފުށުގައި މާހެފުން ފާހަގަކޮށް އުޅުނީ މިގޮތަށް ހެއްޔެވެ؟ މިސުވާލު މިކޮށްލީ އަޅުގަނޑަށް ޖަވާބުވެސް އެނގިހުރެއެވެ.

އެޒަމާނުގައި މާހެފުން ފާހަގަކޮށް އުޅުނީ މިއަދު އަޅުގަނޑުމެން މާހެފުން ފާހަގަކުރަމުން މިއަންނަ ގޮތަކަށް ނޫނެވެ. މިއަށްވުރެން މާމަޖާ، ދިވެހިވަންތަ ގޮތަކަށެވެ. އަދި ދިވެހި މަސައްކަތްތެރިކަންވެސް ފެންނަ ގޮތަކަށެވެ.

އޭރު މާހެފުން ދުވަހަށް ތައަޔާރުވާން ފަށަނީކީ މާހެފުން ދުވަހުގެ ކުރީދުވަހަކު ނޫނެވެ. އެދުވަހުގެ ހަފްތާ ތަކެއް ކުރިން ފެށިގެން އެދުވަހަށް ތައްޔާރުވަމުން ދެއެވެ. ހަނޑޫ އަވީގައިލާ ހަނޑޫ މާއެރުވުން އޮންނާނެއެވެ. އޭރު ދިޔާހަކުރު ގެނެސް ފުޅިފުޅިގައި ރައްކާކޮށްފައި ހުރެއެވެ. ހަނޑޫ މާއެރުވުމަށްފަހު އެ ހަނޑުލަށް ދިޔާ ހަކުރު އަލާ ގުޅަ ގުޅައަށް ގުޅަވަށައި ޑަބިޔާތަކަށް އަޅައި ރައްކާކުރާނެއެވެ. ހަމައެހެންމެ ހިތަތަލަ ފުށުން ހަދާފައި ހުންނަ ވައި ފޮޅީގައިވެސް ހަކުރުލައި ރައްކާކުރާނެއެވެ. އަދި މީގެއިތުރުން މާހެފުން ދުވަހުގެ ހެނދުނުގައި ރުއްބުޑިއާއި އޮނަފޮޅި ކިޔާ ދެ ހެދިކާއެއް ތައްޔާރުކުރެއެވެ.

މަތީގައި އެ ދަންނަވާލެވުނީ އަންހެންވެރިން މާހެފުން ދުވަހަށް ތައްޔާރުވުމަށް ދުރާލާ ކުރާ ކަންކަމެވެ. އަންހެންވެރިން މިކަންކަން ކުރާއިރު ފިރިހެންވެރިން ބޯދަށަށް ރޭޑިޔޯ ލައިގެން ނިދަން ތިބެނީކީ ނޫނެވެ. މާހެފުންދުވަހަށް ތައްޔާރުކުރާ ޙާއްޞަ އޮޑިއެއް ކަމަށްވާ “މާހެފުން އޮޑި” ތައްޔާރުކުރުމުގައި ފިރިހެންވެރިން ހޭބޯނާރާ އުޅޭނެއެވެ. ތަންގަނޑު ހުރިހާ ފިރިހެންވެރިން ބައިހަދާލާފައި ކޮންމެވެސް އެއްގެއެއްގެ ގޮތިތެރޭގައި ނުވަތަ ގޯތީގެ ވަލުތެރެއާއި ގޯތީގެ އިންފާރުވާ ވަކިވާހިސާބުގައި މާހެފުން އޮޑިއެއް އެޅުމައިގެން އުޅޭނެއެވެ. މިދައްކަނީކީ އޮޑިއެއް ބަންނަ ވާހަކައެއް ނޫނެވެ. އޮޑިއެއް އަޅާވާހަކައެވެ. އެއީ ކިހިނެއްކަންވެސް ތަންކޮޅެއް ފަހުން އަދި އެނގިގެން ދާނެއެވެ. ފިރިހެންވެރިން މިގޮތަށް ގެއެއްގައި އޮޑި އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ޒުވާން ނޫކަށިފުރައިގެ ކުދިން އުޅޭނީ މޫދުގައި މާހެފުން އޮޑިއެއް އެޅުމުގައި ހޭބޯނާރައެވެ. މީގެ އިތުރުން މިގޮތަށް މިއަޅާ އޮޑިއަކީ ރަށުގައި އެޅޭ އެންމެ ބޮޑު އޮޑިއަށް ހަދަން ފިސާރި ގަދަޔަށް މަސައްކަތް ކުރާނެއެވެ. ބޭނުމަކީ އޮޑިބަލަން އަންނަމީހުންނާއި އޮޑިއަށް އަރާ މީހުންގެ އަދަދު އިތުރު ކުރުމެވެ. މީގެސަބަބަބުން އޮޑިން ކުރާ ވިޔަފާރިވެސް ރަނގަޅުވެއެވެ. މިތާންގައި ވިޔަފާރިއޭ ބުނެވުނަސް އޮޑީގައި ހުންނަ އެއްޗެހި ގަތުމަށް ބޭނުންކުރާ ފައިސާ ފޮއްޗެއް ނުހުރެއެވެ. ފައިސާއާއި ނުލާ އޮޑީގައި ވިޔަފާރިކުރާގޮތް މިލިޔުން ކިޔަމުން ގެންދާ ވަރަކަށް އެނގެމުން ދާނެއެވެ.

މާހެފުން އޮޑި އެޅުން

މިއީ މޫދުގައި މާހެފުންއޮޑި އެޅުމަށް ނޫކަށިފުރައިގެ ޒުވާނުން މަސައްކަތްކުރާގޮތުގެ ހުލާސާއެކެވެ.

މާހެފުން އޮޑި އެޅުމަށްޓަކައި މާހެފުން ދުވަހުގެ ގާތްގަނޑަކަށް މަސްދުވަސްކުރިން އޮޑި އަޅަން ބޭނުންވާ އެއްޗެހިކަނޑަން ވަލަށް ދާނެއެވެ. އަދި ވަރުގަދަ ގަސްގަހުން މުޑިއަށް ވާކަހަލަ ދަނޑި ކަނޑައެވެ. މީގެއިތުރުން، އޮޑީގެ ވަށައިގެން އަޅަން ތަންކޮޅެއް ތަތް ލަކުޑި ހުންނަ ގަސްގަހުން ދަނޑިކަނޑަން ޖެހެއެވެ. މިގޮތަށް ދަނޑި ކަނޑާއިރު ކަނޑަނީކީ ދެތިންބޮނޑިހައި މުޑި ނުވަތަ ދަނޑިއެއް ނޫނެވެ. މިހާރު ފެންނަން މިހުންނަ ރެޑްމެރެންޓީ ލަކުޑި ބޮނޑީގެ ދެތިން ހަތަރު ބޮނޑިހައި ދަނޑި ކަނޑަން ޖެހެއެވެ. މީގެން ދަނޑިއެއްގެ ދިގުމިނުގައި 15 ވަރަކަށް ފޫޓު އަދި ވަށަމިނުގައި ކޯލާ ދަޅެއްގެ ވަށަމިން ހުންނަން ޖެހެއެވެ. މިހުރިހާ ދަނޑިއެއް ކަނޑާ ނިމިގެން އޮޑި އަޅަން ހިޔާރުކުރާ އަތިރިމަގާއި ހަމަޔަށް ގެންދަނީ މޫދުތެރެއިން ދަމާފައެވެ. މިއީ އިހުޒަމާނުގައި ދަރުބަނދެގެން ދަރު ނުވަތަ ލަކުޑި ގެންދާ ގޮތެވެ.

ޖެހިގެން އަންނަދުވަހު ދިޔަވަރު ހިކޭވަގުތު ބަލާފައި އެންމެން އަތިރިމައްޗަށް ޖަމާވެ މަސައްކަތް ފަށައެވެ. އެންމެ ފުރަތަމަ މަސައްކަތަކީ އޮޑިގެ މައްޔާ ބިމަށް ޖެހުމެވެ. މައްޔާއަކީ އޮޑީގެ ބިންގާ ކަމަށްވެސް ދެންނެވިދާނެއެވެ. އެއަށްފަހު އޮޑީގެ އޮނިގަނޑު ހެދުމަށްޓަކައި ދޯންޏެއްގެ ބައްޓަން އިންނަގޮތަށް މުޑިތަކެއް ޖަހައެވެ. އަދި މިޖެހި މުޑިތަކުގެ ބޭރުން ހުރަހަށްވާގޮތަށް ހެޔޮވަރުގެ ދަނޑި އައްސާ އޮނިގަނޑު ތައްޔާރުކުރާއިރު ހުންނާނީ ކޮށިގަނޑެއް ހެއްނެވެ. މިހެން ދަނޑި އައްސަމުންގޮސް ހެޔޮވަރު އުސްމިނެއްގައި މަތިކަން ދަނޑި އައްސައެވެ. އަދި އެ ދަނޑީގެ މަތީގައި ހިކި ފަނުގެ އޮށި އަތުރައެވެ. މި އޮށިތަށް ހުންނަން ޖެހޭނީ ޖެހި ފިތިފައެވެ. ދެން އެއަށްފަހު އޮޑީގައި ކުޑަ ޖިފުޓި ގަނޑެއް ފަދައިން ހިޔާގަނޑެއް ހަދައެވެ. މި ހިޔާގަނޑު ހެދުމަށް ބޭނުންކުރާނީ ތޮށައްޔެވެ. މި އޮޑީގެ ދެ ވަތް ހުންނާނެއެވެ. ދެވަތްވެސް ހުންނާނީ ކުރުނބާ އަޅާ ފުރާލާފައެވެ. މާހެފުން ދުވަސް އަންނަން ވާއިރަށް އޮޑީގެ ހުރިހާ މަސައްކަތެއް ހުންނާނީ ކޮށްނިންމާލާފައެވެ. އަދި ކުރުނބާ ގަންނަން އަންނަ މީހުން އޮޑިޔާއި ހަމައަށް ގެންދިޔުމަށް ކުޑަ ބޮއްކުރައެއް ނުވަތަ ކަނދުފައްޗެއް އޮންނާނެއެވެ.

މާހެފުން ދުވަހުގެ އިރުއެރުމާއިއެކު ރަށުގެ ކުދިބޮޑު އެންމެން މޫދަށްއެރި މާހެފުން ކެއުމާއި ކުރުނބާ ބުއިމުގައި ވަގުތު ހޭދަ ކުރެއެވެ. ކުރުނބާ ގަންނާނީ މާހެފުން އޮޑިންނެވެ. މާހެފުން އޮޑިން ކުރާ ވިޔަފާރީގައި ބޭނުންކުރާނީ ގޭގައި ތައްޔާރުކުރާ މާހެފުމެވެ. މިގޮތުން ހަކުރުލީ ގުޅައަކަށް ކުރުނބައެއް ނުވަތަ އޮނަފޮޅިއަކާއި ރުއްބުޑިއަކަށް ކުރުނބައެއްފަދަ އަގުތަކެއް ހުރެއެވެ.

މިއީ ދިވެހިންގެ އާދަކާދަޔާއި، މަސައްކަތްތެރިކަމާއި އަދި އެއްބައިވަންތަކަން އަނގައިދޭ ކަމެކެވެ. ނަމަވެސް މިއަދު މިފަދަ ކަންކަން މިހެރަ އުވެމުން ދަނީއެވެ.

މައުލޫމާތު: މުނިއަވަސް

 

ޚިޔާލު ފާޅުކުރައްވާ