Follow us on
ދިވެހިންނަކީ ރޭސިސްޓު ބައެއް ނޫނޭ ބުނެވިދާނެތަ؟
| ފާނޫޒް.ކޮމް

މިސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަނެއްކާ ވެސް ސުވާލެކެވެ. ރޭސިސްޓު ވުމަކީ ހަމައެކަނި ކުލަ ތަފާތު ވުމުން އެކަނި ކުރެވޭ ކަމެއް ހެއްޔެވެ؟

ނޫނެކެވެ. ރޭސިސްޓު ވުމަކީ ހަމަ އެކަނި ކަޅު މީހުންނާއި ދޮން މީހުން ތަފާތު ކުރުން އެކަންޏެއް ނޫނެވެ. އެހެން ދީނެއްގެ މީހުންނާއި ނުވަތަ އެހެން ޤައުމެއްގެ މީހުންނާއި ވެސް ތަފާތުކޮށް ކަންތައް ކުރާ މީހުންނަށް ރޭސިސްޓު މީހުންނޭ ކިޔާ އުޅެއެވެ.

އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި މިފަދައިން ކަންތައް ކުރާ މީހުން ޙަޤީޤަތުގައި ވަރަށް ގިނަ އެވެ. ގިނަ ދިވެހިންނަކީ މިޒާޖުގެ ގޮތުން ވަރަށް ފޮނި ބައެކޭ ވެސް ބުނެވިދާނެއެވެ. އެފަދަ ދިވެހިންނަށް އެކުގައި އުޅެވޭނީ ވަކި ބަޔަކާއި އެއްކޮށެވެ. އަދި ވާހަކަ ދެއްކޭނީ ވެސް ވަކި ގޮތަކަށް ތިބޭ މީހުންނާއެވެ.

ކުރިން ވެސް ބުނި ފަދައިން އެހެން ދީންތަކުގެ މީހުންނާއި ވެސް އަދި އެހެން ޤައުމު ތަކުގެ މީހުންނާއި ދޭތެރޭވެސް ބައެއް ދިވެހިން ކަންތައް ކުރާ ގޮތް ވަރަށް ވެސް ހިތްދައްޗެވެ. ހޮޓަލަކަށް ނުވަތަ ރެސްޓޯރަންޓަކަށް ދިޔުމުން އެތަނުގައި މަސައްކަތް ކުރަން ހުންނަ ބިދޭސީންނާއި ދިމާލަށް ހިތަށް އެރި އެއްޗެއް ކިޔާ މީހުން މަދެއް ނޫނެވެ. އަދި ބިދޭސީއަކު ކައިރީގައި ހުރެއްޖެ ނަމަ ފަކުރުން ގޮސް ހުރިތަނަށް ވިރޭފަދަ ދިވެހިން ވެސް މަދެއް ނޫނެވެ. އެމީހުންނާއި ދޭތެރޭ ގިނަ ދިވެހިން ކަންތައް ކުރަނީ އަޅުންތަކަކާއި ދޭތެރޭ ކަންތައް ކުރާ ފަދައިންނެވެ. ނުވަތަ އެއަށްވުރެ ވެސް ގޯސް ކޮށެވެ.

ދެން އަނެއް ކަމަކީ ރީތި ހުތުރަށް ބެލުމެވެ. މިއީ ވެސް ރޭސިޒަމް ގެ ވައްތަރެކެވެ. އަދި މިއީ ވެސް އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު ވެފައިވާ މައްސަލައެކެވެ. ކިރިޔާވެސް ހަމުގެ ކުލަ ކަޅު ވެއްޖިއްޔާ އެހަޑި ވިއްޔެވެ. މޫނުގައި ނުވަތަ ހަށިގަނޑުގައި ޢައިބެއް ހުރެއްޖެނަމަވެސް ހަޑިއެވެ. ލައްގަނޑެއް އިނަސް ހަޑިއެވެ. އިސްކޮޅުން މާކުރުވެގެން ނުވާނެއެވެ. ދިގު ވެގެން ވެސް ނުވާނެއެވެ. ލައިގެން ހުންނަ އެއްޗެއްސަކީ އިހު ޒަމާނުގެ “ކަޓު” އެއްޗެއްސަށް ވެގެން ނުވާނެއެވެ. ކިޔެވުމަށް ވަރަށް މޮޅުވާން ވާނެއެވެ. މަޝްހޫރު މީހަކަށް ވުމަކީ އަދި އިތުރު ޕްލަސް ޕޮއިންޓެކެވެ. މުއްސަންޖަކަށް ވާން ވާނެއެވެ. އުމުރުން ދުވަސް ވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ނުކުޅެދޭ މީހަކަށް އެއްގޮތަކަށް ވެސް ވެގެން ނުވާނެއެވެ. މިއީ އަޅުގަނޑުގެ ޤަވައިދުތަކެއް ނޫނެވެ. މިއީ ބައެއް ދިވެހިން، އެމީހުންނާއި އެކުގައި އުޅޭ ރަޙްމަތްތެރިންގެ ކިބައިން ހޯދާ ނުވަތަ ހުންނަން ޖެހޭނެ ކަމަށް ޤަބޫލުކުރާ ބައެއް ސިފަތަކެކެވެ.

މިފަދަ ކަންތައްތަކަށް ބަލާއިރު އަދި މިފަދަ ކަންތައްތަށް ހުންނަ މީހުންނާއި ދިމާލަށް ފާޑުކިޔާ މަލާމަތް ކުރާއިރު ހަނދާން ނެތެނީ އެއިންސާނާ ވެސް ހައްދަވާާފައިވަނީ ޚާލިޤްވަންތަ މާތް ﷲ ކަމާއި އެކަލާނގެ ހުރިހާ އިންސާނުން ވެސް ހެއްދެވީ އެއްމެ ފުރިހަމައަށް ކަމެވެ. ތިމާ ބޮޑާވެ މިދުނިޔޭގައި އުޅޭ އިރު، މިދުނިޔެއަކީ ނެތި ފަނާވެދަނިވި އެއްޗެއްކަން ވެސް އެފަދަ އިންސާނުން ހަނދާނެއް ނުހުރެއެވެ.

މިފަދައިން ކަންތައް ކުރާ ދިވެހިން އެމީހުންގެ ދަރިންނަށް ދަސްކޮށް އެދެނީ ކޮން އެއްޗެއް ބާ އޭ އަޅުގަނޑު ހިތަށް އަރައެވެ. އުމުރުން ދުވަސްވެފައިވާ މީހަކާއި މިފަދަ މީހެއްގެ ދަރިއެއް ކައިރިވިޔަ ނުދީ ދުރަށް ގެންދިޔަ މަންޒަރު އަޅުގަނޑަށް ފެނުނެވެ. ފަހުން އެނގުނީ އެއީ އެމީހާގެ މަންމަ ކަމަށެވެ. މާމަ އާއި މާމަ ދަރިފުޅު ދުރުކުރި އިރު ކޮންމެވެސް ދުވަހަކުން އެއީ ވެސް މުސްކުޅި ވާނެ މީހެއްކަން އޭނާ ހަނދާން ނެތީ ކަންނޭނގެއެވެ.

މިފަދަ ވަރަށް ގިނަ ތަފާތު ކުރުންތަކާއި ނޭދެވޭ އުޅުންތަށް އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ގިނައެވެ. ބޭރު ޤައުމުތަކުގެ އެކި މީހުން “ރޭސިޒަމް” އާއި ބެހޭގޮތުން ކުޅެފައިވާ އެކިއެކި ވީޑިއޯތަށް ވަރަށް ގިނަ ދިވެހިން ސޯޝަލް މީޑިއާ ގައި ޝެއާ ކުރާތަން ވެސް ފެނެއެވެ. ނަމަވެސް އަމިއްލަ އަށް އެކަން ކުރެވޭ އިރު ގިނަ ދިވެހިންނަށް އެއީ ގޯސް ކަމަކަށް ނުވެއެވެ. އެފަދަ ވީޑިއޯ ޝެއާ ކުރާއިރު އޭގެން ލިބެންޖެހޭ މެސެޖު އެފަދަ މީހުންނަށް ނުވިސްނެއެވެ. ނަމަވެސް އެފަދަ ވީޑިއޯ ޝެއާރ ކުރުމުގައި އަވަސްވެގަންނާތީ ވަރަށް ހައިރާންވެއެވެ. އެހެންކަމުން އަނެއްކާ ވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލާނަމެވެ.

ދިވެހިންނަކީ ރޭސިސްޓު ބައެއް ނޫނޭ ބުނެވިދާނެ ހެއްޔެވެ؟

*ދުވަސް

ޚިޔާލު ފާޅުކުރައްވާ