Follow us on
ދިވެހިންނާއި ދިވެހިބަސް
| އަޙުމަދު އަނަސް

ދިވެހިންގެ ދިވެހިވަންތަކަން ސިފަކޮށްދޭ އެންމެ މައިގަނޑު އަސާސަކީ ދިވެހި ބަހެވެ. އެހެނީ ދިވެހިންނަކީ އެއްދީނަކަށް ތަބާވާ ބައެއް ނަމަވެސް ވަކި ނަޞްލަކަށް ނިސްބަތްވާ ބައެއް ނޫންކަމެވެ. ދިވެހިންގެ ދީނަކީ އިސްލާމު ދީންކަމުގައި ވީ ނަމަވެސް ދުނިޔޭގައި ބިލިޔަނަކަށްވުރެ ގިނަ މީހުންގެ ދީނަކީވެސް އިސްލާމު ދީނެވެ. އެހެންކަމުން އެއީ ދިވެހިންނަށް ވަކިން ޚާއްޞަކަމެއް ނޫނެވެ. ހަމަ އެހެންމެ ދިވެހިންގެ ތެރޭގައި އެތައް ދަރިކޮޅަށް ނުވަތަ ނަޞްލަށް ނިޞްބަތްވާ މީހުން އުޅެއެވެ. އެހެންކަމުން ދިވެހިންނަކީ ވަކި ނަޞްލެއްގެ ބަޔެކޭ ބުނެވޭކަށް ވެސް ނެތެވެ. ނަމަވެސް ދިވެހިންގެ ބަހަކީ ދިވެހިންނަށް ޚާއްޞަ ބަހެކެވެ. ދިވެހި ބަހުން ވާހަކަދައްކާ އެހެން އެއްވެސް ބައެއް ނެތެވެ. އަދި ތާނަ އަކުރުން ލިޔާ އެހެން ޤައުމެއް ނުވަތަ ބައެއް ވެސް ނެތެވެ. އެހެންކަމުން ދިވެހި ބަހަކީ ދިވެހިންގެ ދިވެހިވަންތަކަން ރަމްޒުކޮށްދޭ އެންމެ ވަރުގަދަ އެއް ރަމްޒެވެ.

ދިވެހިބަސް ތާޒާކޮށް ކުރިއެރުވުމަށްޓަކާއި ސަރުކާރާއި ކަމާބެހޭ އެކި އެކި ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދެއެވެ. ރާއްޖޭގައި ޖުމްލަކޮށް ވަޒީފާގެ ބާޒާރުގައި އަދި ޚާއްޞަކޮށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ހޮވުމުގައި ޘާނަވީ އިމްތިހާނާއި މަތީ ޘާނަވީ އިމްތިހާނުތަކުން ދިވެހި ބަހުން ފާސްވެފައި އޮތުން ނުވަތަ ވަކި ވަރަކަށްވުރެ މަތީ ގްރޭޑެއް ހޯދުމަށް ޝަރުތުކޮށްފައި އޮވެއެވެ. އަދި ދިވެހިބަސް ދިރުވާ އާލާކުރުމާއި ބަހުގެ ކަންކަން ކުރިއެރުވުމަށް ދިވެހި ބަހުގެ އެކަޑަމީގެ ނަމުގައި ޚާއްޞަ މުވައްސަސާއެއް ވަނީ އުފައްދަވާފައެވެ. މީގެ އިތުރުން ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ދަނީ ތަންފީޒުކުރެވެމުން ނެވެ. ހަމަ އެހެންމެ ދިވެހި ބަހުގެ މާސްޓަރސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގަމުން އެބަދެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގައިވެސް ދިވެހި ބަހުން މުޢާމަލާތްކުރުމުގެ ދޮރުތައް ހުޅުވި ދިވެހި ބަހުން މުއާމަލާތުކުރެވޭ އެކި އެކި އެޕްލިކޭޝަންތަކާ ސޮފްޓްވެއަރ ތައްވެސް ވަނީ ވުޖޫދުކުރެވިއެވެ. އަދި ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކު ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކު ހިންގަމުން ދެއެވެ.

ބަހަށް އިސްކަންދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް ބަވަނަ ވަމުން އަންނަ މި ދުނިޔޭގައި ދިވެހި ބަހަށްވެސް ވަނީ އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް އޮތް ނަމަވެސް ދިވެހިބަހަށްވުރ އިނގިރޭސި ބަހަށް ބޮޑަށް އިސްކަންދެވޭ ފަހަރުތައް ގިނަވަމުން ދިއުމެވެ. އިންޓަނެޓާއި ކޭބަލް ޓީވީފަދަ ވަޞީލަތްތަކުގެ ޒަރީއާއިން އެހެން ހަޟާރާތްތަކުގެ މީހުން ދިރިއުޅުމުގެ ވައްޓަފާޅި ފެނި، އަޅުގަނޑުމެންގެ ޒުވާންޖީލުގެ ސިކުނޑިތައް އެ ހަޟާރަތްތަކުން ފަތަހަކުރަމުން ދިއުމުގެ ސަބަބުން ދިވެހިންގެ ޒަމާންވީ އާދަކާދަތަކާ ޘަޤާފަތްދޫކޮށް އެހެން ހަޟާރަތްތަކަށް އަޅުގަނޑުމެން ދީލާލުމެވެ. ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސިބަސް ބަލައިގަނެ، އެންމެފަހުން ތަޢުލީމީ ނިޒާމުގެ ތެރޭގައިވެސް ދިވެހި ބަހަކީ ހަމަ އެކަނި ދިވެހި އިސްލާމް ފަދަ ދެތިން މާއްދާއެއް ކިޔަވައިދެވޭ ބަހަކަށްވެ ނިމުމެވެ. ދިވެހިންގެ މައި ސިނާޢަތްތައް ކަމަށްވާ ފަތުރުވެރިކަންފަދަ ސިނާއަތްތަކުގައި ކުރެވޭ މުއާމަލާތުތަކަކީ އިނގިރޭސި ބަހުން ކުރެވޭ މުއާމަލާތުތަކަށްވުމުން ދިވެހި ބަހަށް އެފަދަ ސިނާއަތްތަކުން ޖާގަ ނުލިބުމެވެ.. ހަމަ ބަވަނަ ވަމުންދާ ދުނިޔެއަށް ދަރިން ފައްކާކުރުމަށް އެންމެ މުހިންމީ ދަރިން އިނގިރޭސި ބަހަށް ފަރިތަކުރުވުންކަމަށް ބައެއް މައިން ބަފައިންނަށް ޤަބޫލުކުރެވި، އެންމެ ޅަ އިރުންފެށިގެން ގޭތެރޭގައިވެސް ދިވެހިބަސްނޫން ބަސްބަހުން ކުދިންނަށް މުޚާތަބުކުރެވި، ދިވެހިބަހަކީ ގޭތެރޭގެ މާހަލުގައިވެސް ބޭނުންނުކުރާ ބަހަކަށް ވުމެވެ. މިއިން ކޮންމެ ގޮންޖެހުމަކީވެސް އެތައް ޞަފްޙާއެއްގެ މަޒުމޫނުތައް ލިޔެވިދާނެ އޭގައި އެތައް ކަމެއް، އެތައް ދާއިރާއެއް ހިމެނޭ ކަންކަމެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީ މިއަދު އަޅުގަނޑުމެންގެ ދިވެހިބަހަށް ކުރިމަތިވެފައިހުރި، އަދި ދުރާލާ މިކަންކަމަށް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އަގު ނުކުރެވޭހާ ބޮޑަތި ގެއްލުންތައް ލިބިދާނެ ކަންތައްތައްކަމެވެ.

ބަސްދިރުވާ އާލާކުރުމަށް ކިތަންމެ ބޮޑަތި އަދި ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ބަހަށް ލޯބިކުރާ ދިވެހި އެތައް ޚިދުމަތްތެރިންނެއް ބަސްކުރިއަރުވާ އާލާކުރުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީން ދަނީ ބަހާބެހޭ ތަފާތު ދިރާސާތަކާއި، ބަހަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކާއި، ބަހަށް ލޯބި ޖެއްސުމަށް ތަފާތުމުބާރާތްތަކާއި، ހަރަކާތްތައް ކެނޑިނޭޅި ހިންގަމުންނެވެ. ހަމަ އެހެންމެ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އޮފީސްތަކާ ކުންފުނިތަކުގެ ނަންބޯޑުތަކުން ވެސް ދިވެހި ބަހަށް އިސްކަންދޭކަން ހާމަކޮށްދިނުމަށް ބާރުއަޅާ މަސައްކަތްކުރުމާއި، ދައުލަތުގެ އޮފީސްތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިއުންތަކާ މުވާމަލާތްތަކަކީ ވެސް ދިވެހިބަހުން ތާނައަކުރު ބޭނުންކޮށްގެން ކުރެވޭ މުވާމަލާތްތައް ކަމަށް ހެދުމަށް ބާރުއަޅާ މަސައްކަތްކުރައްވަމުން ނެވެ. އަދި އަލަށް ތައާރަފްވާ ސިނާޢަތްތަކުގައި ކުރެވޭ މުވާމަލާތްތަކުގައި ބޭނުންކުރާނެ ދިވެހި ބަސްތައް އުފައްދާ އެ ބަސްތައް ބޭނުންކުރުމަށް ބާރުއަޅާ ބަހުގެ އެކަޑަމީން އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ހަމަ އެހެންމެ ކިޔަވާ ކުދިންގެ ހިތްތަކުގައި ބަހަށް ލޯބި ޖެއްސުމަށް ދިވެހި އަދަބީ އެތައް ހަރަކާތްތަކާއި ވާހަކައާއި މަޒުމޫނު ލިއުމުގެ މުބާރާތްތައްވެސް ސްކޫލުތަކާ ގުޅިގެން ބަހުގެ އެކަޑަމީން ދަނީ ކުރިޔަށް ގެންދަވަމުންނެވެ. ބަހާބެހޭ ޢިލްމީ މަޢުލޫމާތުތައް މުއްސަނދި ކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީން މިހާރުވެސް ގެންދަވަނީ ބަހަވީ އިލްމުން މާސްޓަރސް ފެންވަރަށް ކިޔވައިދެމުންނެވެ. އަދި ބަހަވީ ޢިލްމުގެ އެތައް ދިރާސާތައް ކުރުމަށް މަގުފަހިވެ ކުރިޔަށް އޮތްތަނުގައި މި ދާއިރާއިން އެޔައްވުރެ މަތީ ފަންތީގެ ކޯސްތައްވެސް ހިންގުމަށްވެސް ޤައުމީ ޔުނިވަރސިޓީން ވަނީ އަމާޒު ހިފާފައެވެ.

ބަސްދިރުވާ އާލާކޮށް ހިމާޔަތްކުރުމަށް އެކިފަރާތްތަކުން މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް އެކަންކަން ކާމިޔާބުވުމާ ނުވުން ބިނާވެފައި ވަނީ އަޅުގަނޑުމެން ކޮންމެ ދިވެހި ފަރުދަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. އަޅުގަނޑުމެން ކޮންމެ ކިޔަވާ ކުއްޖަކީ ދިވެހިބަހަށް ލޯބިކުރާ ކުށެއްނެތް ސާފުދިވެހިބަހުން ވާހަކަދައްކާ ލިޔެއުޅޭ ބަޔަކަށް ވެގެންނެވެ. މައިންބަފައިން ދަރިންނަށް ދިވެހިބަހުގެ މުހިންމުކަން ވިސްނައިދީ ދަރިންނާ ދިވެހިބަހުން ވާހަކަދައްކާ ދިވެހި އާދަކާދައާ ޝަޤާފަތަށް ދަރިންގެ ހިތްޖެއްސުމަށް މަސައްކަތް ކުރެވިގެންނެވެ. ބޮޑަތި ސިނާއަތްތަކުގެ ފަރާތްތަކުން ވެސް ބަހަށް އިސްކަންދީ ބަސްދިރުވާ އާލާކުރެވޭ ގޮތަށް ކަންކަން ބައްޓަންކޮށް އެގޮތަށް މަސައްކަތް ކުރެވިގެންނެވެ. މުޅި ތަޢުލީމީ ނިޒާމު މިހާރު ބިނާވެފައިވާގޮތް ބަދަލުކޮށް ދިވެހިންގެ މާދަރީބަހުން ތަޢުލީމު ދެވޭގޮތަށް ބަދަލުކުރެވިގެންނެވެ. ބަވަނަ ވަމުންއަންނަ ދުނިޔެއިން ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައި ދިވެހި ވަންތަކަން ނުގެއްލޭގޮތަށް ބަސްތަރައްޤީކޮށް އީޖާދީބަސްތައް ނެރެވިގެންނެވެ. އަދި ނެތެމުންދާ ޘަޤާފަތްތަކުގެ ދިރުވާ އާލާކުރެވޭނެ ގޮތްތައް ހޯދާ ދިވެހިންގެ އާދަކާދައާ ޘަޤާފަތް ދިވެހި ޒުވާން ޖީލުތަކަށް ހެޔޮގޮތުގައި ވާޞިލް ކޮށްދެވިގެންނެވެ. މި ހުރިހާ ކަމެއްގެ މައިގަނޑު ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. އެއީ ދިވެހިންގެ ދިވެހިވަންތަކަން ހިމާޔަތްކުރުމެވެ. ނުވަތަ ދިވެހިން ދިވެހިންގެ އަޞްލަށް ރުޖޫޢަވެ ދިވެހިންގެ ގޮތުގައި ކުރިއަރައިދިއުމެވެ. އެތައް މިލިޔަން އިންސާނުންގެ ތެރޭން ދިވެހިންނަކީ ކޮބައިކަން ވަކިކޮށްދޭނެ ޚާއްޞަ ރަމްޒެއްގެ ގޮތުގައި ދިވެހިބަސް ދެމިއޮތުމަށް ޖާގަދިނުމެވެ. އެއީ ޤައުމީ ވަންތަކަމާއި، ވަޠަނީ ރޫޙް އާލާކޮށް، އެއްދީނެއްގެ އެއްބައެއްގެ ގޮތުގައި ބަދަހިކަމާއެކު ކުރިއަރާދިއުމެވެ.

ޚިޔާލު ފާޅުކުރައްވާ