Follow us on
ޤުރްއާން ހިތުދަސްކުރަން ބޭނުންނަމަ މިކަންކަން ކޮށްލާށެވެ.
| މުޙައްމަދު މަޢޫން

1. އިޚްލާޞްތެރިވާށެވެ. ދުނިޔެވީ އެދުމެއްނެތި ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހާއަށް މާތްﷲ ތައުފީޤްދެއްވަވާ، އެކަން ފަސޭހަކޮށްދެއްވާނެއެވެ. މިކަމުން ލިބޭ އުޚުރަވީ ޘަވާބާއިމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ. މިފަދަ ބައެއް ޙަދީޘްތައް މި އަރޓިކަލްގެ ތިރީގައި ހުށައަޅާލާފައިވާނެއެވެ.

2. ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވާށެވެ. ފާފަކުރާވަރަކަށް ތިމާގެ ހިތުގައި ކަޅު ލައްތަކެއް ޖެހި، ހިތުގެ އަލިކަން ފިލަމުންދާނެއެވެ. މި ދަމިލަތައް ފިލުވޭނީ ޒިކުރުކުރުމުންނާއި، އިސްތިޣްފާރުކުރުމުންނާއި އަދި ހެޔޮ ޢަމަލުތައް ކުރުމުންނެވެ.

3. ހެޔޮލަފާ ޞާލިޙް އެކުވެރިން ޚިޔާރުކުރާށެވެ. ޤުރުއާންހިތުދަސްކުރަންއުޅޭ އެހެންކުދިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާށެވެ. މުރާލި އެކުވެރިންނާއިއެކު އުޅޭނަމަ، ތިބާވެސް މުރާލިވާނެއެވެ. އިނގިރޭސި ހަރުބަހެއްގައިވެއެވެ.
~ If you want to be a lion, be with lions.~
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ) މާނައަކީ: “މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ.” ރަވާހުލް އިމާމުއް ތިރްމިޛީ-ރަޙިމަހުﷲ

4. ޙިފްޡްކުރާ ކުލާހެއްގައި ނުވަތަ ޙަލަޤާއެއްގައި ބައިވެރިވާށެވެ. ވަކިބަޔަކާއި ނުގުޅި އަމިއްލައަށް ހިތުދަސްކުރުން ގެންދާނަމަ ފޫހިވުމާއި އެކަމަށް ދެވޭ އިސްކަން ނުވަތަ (commitment) ކުޑަވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުން ހަފްތާ ބަންދުގައި އެ ހަފްތާގައި ދަސްކުރެވުނުބައި ކިޔައިދިނުމަށް އިންތިޒާމެއް ހަމަޖައްސާށެވެ. މިގޮތުން އެކުވެރިންކޮޅެއް އެއްވެގެންވެސް ޙަލަޤާއެއް ހެދުން މުހިންމެވެ.

އަލްމާއިދާ ސޫރަތުގެ ދެވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى) މާނައީ؛ “އަދި ހެޔޮކަންތައް ކުޅައުމަށާއި، ތަޤްވާވެރިކަމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިވާށެވެ.” ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ. [والله في عون العبد ما كان العبد في عون أخيه] މާނައީ:އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ. | މިއީ ސަޙީޙް މުސްލިމްގައި އައިސްފައިވާ ހަދީޘެކެވެ.

ޞަޙީޙުލް ޖާމިޢުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. ﷲތަޢާލާގެ އަތްޕުޅުވަނީ ޖަމާޢަތާއިއެކުގައެވެ. މި ހަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން ހެޔޮކަމެއްގައި ކުރިޔަށްދާނަމަ، ﷲތަޢާލާ އެބަޔަކަށް ވާގިދެއްވުމާއި ނަޞްރާއިކާމިޔާބު ދެއްވުމުގައި ވޮޑިގެންވާނެއެވެ.

5. ދަސްކުރާބައި އެހެންމީހަކު ލައްވާ ގިނަގިނައިން ކިޔުއްވާށެވެ. ދިރާސާތަކުން ދައްކާގޮތުގައި އިންސާނުން އެހެންމީހަކަށް އެއްޗެއް ކިޔައިދޭނަމަ އޭނާގެ ކޮންސެންޓްރޭޝަން ލެވެލް އަދި ނަތީޖާ ނެރެވޭ މިންވަރު 85 އިންސައްތަ އިތުރުވެއެވެ. އަމިއްލައަށް ކިޔާނަމަ، ޖެހޭ ކުށްތަކެއްވެސް ފާހަގައެއް ނުކުރެވޭނެއެވެ.

6. މެދުކެނޑުމެއްނެތި ދަސްކުރާބައިތައް ތަކުރާރުކޮށް ކިޔަމުންދާށެވެ. ހިތް އަވަސްވެ، ކުރީގައި ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުން ދޫކޮށްނުލާށެވެ. ބައެއް ބޭފުޅުން މުރާޖަޢާކުރުމެއްނެތި، އައު ސޫރަތްތައް ދަސްކުރުމުގައި އަވަސް އަރުވާލައެވެ. އެންމެ ރަނގަޅު ގޮތަކީ މިދެބައި އެކުއެކީގައި ކުރިޔަށް ގެންދިޔުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. «إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ»  رواه مسلم | މާނައީ: ”ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އެ އޭގެ ކަރުގައި އެލުވާފައި އޮންނަ ވާ ރަނގަޅަށް އައްސާފައިބާއްވާނަމަ، އެ ފިލައިގެން ނުދެއެވެ. އެކަމަކު އެ ވާ މޮހިއްޖެނަމަ އެ ޖަމަލު ސާހިބުމީހާ ދޫކޮށް ފިލައިދެއެވެ.”

7. ތިބާ ޤުރުއާން ހިފުޒުކޮށް ނިންމަން ބޭނުންވާ ތާރީޚް ލިޔާށެވެ. މިފަދައިން ލަނޑުދަނޑި ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ނަފުސު ޗެކުކުރުމާއި ކަންނެތްކަން ދުރުކުރުވުމެވެ. ލަނޑުދަނޑިތަކެއްނެތްނަމަ، މަސައްކަތްކުރުމުގެ އެއްވެސް ރޫޙެއް ނުހުންނާއެވެ. އިސްވެ މިދެންނެވިފަދައިން ލިޔެފަ، އެ ޢިބާރާތްކޮޅު ތިމާއަށް ގިނަގިނައިން ފެންނާނެފަދަ ތަންތަނުގައި ތަތްކުރާށެވެ.

8. ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ. ކިޔޫތަކުގައި މަޑުކޮށްގެން ހުންނަ ވަޤުތުތައް ނުވަތަ ފެރީ ދަތުރުމަތީގައިވެސް ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ.

10. ދުޢާކުރާށެވެ. [اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَ عَلِّمْنِي مَا يَنْفَعُنِي وَ زِدْنِي عِلْمًا] – ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އެ ޢިލްމަކުން މި އަޅާ އަށް މަންފާ ނުކުރާނޭ ޢިލްމުންނާއި، އިބަ ރަސްކަލާނގެ އަށް ބިރުވެތި ނުވާ ހިތަކުންނާއި އިބަ އިލާހަށް ކިޔަމަން ނުގަންނަ ނަފްސަކުންނާއި އިޖާބަ ނުކުރައްވާނޭ ދުޢާއިން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ.

< رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي > މާނައީ: އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!

< رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا > މާނައީ: އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!

11. ހެނދުނުގެ ވަޤުތުތަކުގެ ބޭނުން ހިފާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެންމެ މޮޅު ވަޤުތަކީ ފަތިސްނަމާދު ކޮށްގެން އޮންނަ ވަގުތުތަކެވެ. < اللهم بارك لأمتى فى بكورها > މާނައީ؛ ” ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”

ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައިވުމުން ޤުރުއާން ކިޔަވަން ތިމާވަގުތު ހޭދަކުރުމަކީ ތިމާގެ އެހެންކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެކަމެކެވެ. ﷲ ތަޢާލާ އެކަމުގެ ސަބަބުން ދުވަހުގެ އެންމެހާ ވަގުތުތަކެއްގަޔާއި ކަމެއްގައި ބަރާކާތް ލައްވަވާނެއެވެ.

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩

(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.

ބައެއް ހަދީސް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެބޭކަލުން ޤުރުއާން ކިޔަވާ ދުވަހެއްގައިނަމަ، އެބޭކަލުންނަށް އެދުވަހެއްގައި ގިނަ ހަދީސް ލިޔެވެއެވެ. އެކަމަކު ޤުރުއާން ނުކިޔަވާ ދުވަހެއްގައި މިފަދައިން ގިނަ ހަދީސެއް ނުލިޔެވެއެވެ.

އަޅުގަނޑުމެންގެ ދަރިންނަށް ބަރަކާތުގެ ދޮރުކޮޅުތައް ހުޅުވާލަދޭން ބޭނުންކަމުގައިވާނަމަ، އެކުދިން ލައްވާ ޅަފަތުގައި ޤުރުއާން ހިތުދަސްކުރުވަން ފައްޓަވާށެވެ. ތިބާގެ ދަރިފުޅު ޤުރުއާން ހިތުދަސްކޮށްފިކަމުގައިވާނަމަ، ތިބާގެ ބޮލުގައި ޤިޔާމަތްދުވަހުން ޝަރަފުގެ ތާޖެއް އެޅުވޭނެއެވެ. ޅަފަތުގައި ހިތުދަސްކުރަން ފަށައިފިނަމަ، ވަރަށް އަވަހަށް ހިތުދަސްކޮށް ނިންމާލެވޭނެއެވެ. އަދި ޅަފަތުގައި ދަސްކުރާ އެއްޗެހި ހަނދާންނުނެތި ގިނަދުވަހު ހުންނާނެއެވެ.

ޢަރަބި ހަރުބަހެއްގައިވެއެވެ. < العلم في الصغر كالنقش في الحجر > ޅަފަތުގައި ދަސްކުރާއެއްޗެހި، ގަލުން ކަނޑާނަގާފައިވާ ކުރެހުމެއް ފަދައިން ހިތުގައި ހަރުލާ ހުންނާނެއެވެ.

ޤުރުއާން ހިތުދަސްކުރުމުން ލިބޭ އުޚުރަވީ ޘަވާބު

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

[ تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لاَ أَقُولُ الْم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ     ]  رواه الترمذي

ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ސަވާބުލިބޭނެއެވެ.)

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خِيَارُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» أخرجه أحمد: حديث/ 1317 [صحيح]

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

”ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި، އެހެންމީހުންނަށް ޤުރުއާން އުނގަންނައިދޭ މީހާއެވެ.”

 [ يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا ]

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތަރްތީލްކޮށް ކިޔަވާށެވެ. ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއިއެކު ވާޞިލްވެވޭ ހިސާބެވެ.” أخرجه الترمذي: حديث/ 3914 ]صحيح

(الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِى يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ)متفق عليه

މާނައީ: {ޤުރުއާން ކިޔެވުމުގައި ކުޅަދާނަމީހާވާހުށީ ވަޙީލިޔުއްވާ މާތް މަލާއިކަތް ބޭކަލުންނާއި އެކުގައެވެ. އަދި އުނދަގުލުން ކޮށަކޮށައިގެން ޤުރުއާން ކިޔަވާ މީހާއަށް ދެއަޖުރު ލިބޭ ހުށްޓެވެ.}.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

(اقرؤوا القرآن فإنه يأتي يوم القيامة شفيعا لأصحابه)  أخرجه مسلم في صحيحه

”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް(އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.”

«مَنْ سَلَكَ طَرِيقًا يَلْتَمِسُ بِهِ عِلْمًا، سَهَّلَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ»   ސަޙީޙް މުސްލިމް

ޢިލްމު ޙާސިލްކުރުމަށްޓަކައި (ޢިލްމު ޙާސިލްކުރެވޭފަދަ) މަގަކުން ހިނގައިފިމީހާއަށް، ސުވަރުގެޔަށް ދެވޭ މަގުތަކުންކުރެ މަގެއް ﷲ ތަޢާލާ އޭނައަށް ފަހިކޮށްދެއްވާނެއެވެ.

وما اجتمع قوم في بيت من بيوت الله يتلون كتاب الله ويتدارسونه بينهم إلا نزلت عليهم السكينة، وغشيتهم الرحمة، وحفّتهم الملائكة، وذكرهم الله فيمن عنده

(رواه مسلم بهذا اللفظ)

ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާނުލައްވާ ގޮތަކަށް، ﷲގެ ފޮތް ކިޔަވާ، އަދި އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ނަހަދައެވެ. އަދި އެބައިމީހުން ރަޙްމަތުން ވަށާލެވެއެވެ. (އެބަހީ: އެބައިމީހުންގެ މައްޗަށް ގިނަގުނަވެގެންވީ ރަޙުމަތް ލައްވައެވެ.) އަދި މަލާއިކަތްބޭކަލުން (މާތްކޮށް ހިއްތެވުމުގެ ގޮތުން) އެބައިމީހުން ވަށާލައްވައެވެ. އަދި ﷲތަޢާލާ، އެއިލާހުގެ ޙަޟްރަތުގައިވާ ބޭކަލުންގެ (މަލާއިކަތް ބޭކަލުންގެ) އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!