Follow us on
ޔޫސޭ: ދިވެހިރާއްޖޭގެ ޗާލީ ޗެޕްލިން
| އަޙުމަދު އަނަސް

މިހާރުވެސް ރަމަޟާން މަހުގެ ރޭގަނޑުގެ އަޅުކަމަށްފަހު މުނިފޫހިފިލުވާދިނުމަށް ޓީވީ ޗެނަލްތަކުން ދައްކާ ޕްރޮގުރާމުތައް މަދެއް ނޫނެވެ. ޑްރާމާތަކާއި، މުބާރާތްތަކާއި އެކި އެކި ޝޯތަކެވެ. މިހުރިހާ ޕްރޮގުރާމުތަކެއް ދައްކަމުންދާއިރުވެސް އެއިން ޕްރޮގުރާމަކަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. އެހެނަސް އެންމެން ދަންނަ “ދިރިއުޅުމަކީ މިއިބާ” ދައްކާގަޑިއަށް ތަފާތު ބޮޑު އަހައްމިޔަތުކަމެއްދެއެވެ. ދައްކަން މިއުޅެނީކީ މިޑުރާމާގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އަހަރެމެން އެންމެންގެ ލޯބި ހޯދާފައިވާ ޔޫސޭ، ޔޫސުފް ރަފީއުގެ ވާހަކައެވެ.

ޔޫސުފް ރަފީއު ނޭނގިދާނެއެވެ. އެކަމަކު ޔޫސޭއަކީ ކާކުކަން ނޭނގޭނެ މީހެއް މިދިވެހިރާއްޖޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިހަށް ޓީވީ މޯލްޑިވްސްގައި މަސައްކަތްކުރި ޔޫސޭ ވެގެންދިޔައީ މުޅިރާއްޖެ ޤަބޫލުކުރާފަދަ “ކޮމީޑިއަން” އަކަށެވެ. ޔޫސޭ މިއަދު މުސްކުޅިއަތަށް އަޅާލާފައިވީނަމަވެސް “ދިރިއުޅުމަކީ މިއީބާ”ގައި ޔޫސޭ އެދައްކާ ކެރެކްޓާއިން މިކަމެއް ނޭނގެއެވެ.

ދިރިއުޅުމަކީ މިއީބާ އުފެދުނީ ކިހިނެއް؟

ދިރިއުޅުމަކީ މިއީބާއަކީ އެންމެ ފުރަތަމަ ޔޫސޭ ޓީވީގައި ވަޒީފާގައި އުޅުނުއިރު އަހުމަދު ވަހީދު ކިޔާ ބޭފުޅަކު އުފެއްދި ކޮންސެޕްޓެކެވެ. އެއީ 1981 ވަނަ އަހަރުގެ ތެރޭގައެވެ. އެއަހަރުން ފެށިގެން މެދުކެނޑުމެއްނެތި ގެނެސްދެމުންދާ ދިރިއުޅުމަކީ މިއީބާ ގެނެސްދޭތާ މިހާރު 37 އަހަރުވެއްޖެއެވެ. އޭގެތެރެއިން 29 އަހަރު ވަންދެން މިޕްރޮގުރާމު ގެނެސްދިނީ ޓީވީއެމްއިންނެވެ.

އެންމެފުރަތަމަ އަހުމަދު ވަހީދު ދިރިއުޅުމަކީ މިއީބާގެ ކޮންސެޕްޓް ނެރުއްވީ އޭރު ޤައުމަށް ދިމާވެފައިވާ ކަންކަމަށް މީހުން އިތުރަށް ހޭނުމުގެ ބޭނުމުގައެވެ. އޭރު މަގުތަކާއި އެއްޗެހި ހަލާކުވެފައި އޮތުމުން އެކަންކަން ރަނގަޅުކުރުމަށެވެ.

އެހެން ޑުރާމާތަކާއި ޚިލާފަށް ދިރިއުޅުމަކީ މިއީބާ އަކީ މާބޮޑަށް ރޭވިގެން ކުޅެވޭ ޑުރާމާއެއް ނޫނެވެ. އަދި ޑުރާމާގެ ޓައިމިންގަތައް އެހާމެ ރަނގަޅެވެ.

މިޑުރާމާގައި ޖައްސާ ސްޓަންޓުތަކަކީ އެހެން ޑުރާމާތަކާއި ޚިލާފަށް ހަމަ ހަގީގީ ސްޓަންޓެވެ. ވޭތުވެދިޔަ 37 އަހަރުގެ ތެރޭގައި ސްޓަންޓުޖެއްސުމުގެ ތެރެއިން ޔޫސޭއަށް ތަފާތު އެތަށް އަނިޔާތަކެއްވެސް ވަނީވެފައެވެ. 2015 ވަނައަހަރު ގެނެސްދީފައިވާ އެޕިސޯޑެއްގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި ގަހަކުން ވެއްޓި މޭކަށިގަނޑުން 3 ކަށިގަނޑު ބިނދި 26 ދުވަސްވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

ޔޫސޭ މަޝްހޫރުވެގެން ދިޔައީކީ ހަމައެކަނި “ކޮމީޑިއަން” އެއްގެ ގޮތުގައެއްނޫނެވެ. ނޮވެންބަރު 3ގެ އުދުވާނި ހަމަލާގައި ޔޫސޭދެއްކި ހިއްވަރާއި ޤައުމީ ޖޯޝަކީ އެކަކަށްވެސް ހަނދާނުން ފޮހެލެވޭނެ ކަންކަމެއްނޫނެވެ.

ޔޫސޭ މިހާރު މުސްކުޅިވެއްޖެއެވެ. މިކަމާއިމެދު ޚުދު ޔޫސޭވެސް އެއްބަސްވެއެވެ. އެހެނަސް ޔޫސޭ އެދެނީ “ދިރިއުޅުމަކި މިއީބާ”ގެ ކޮންސެޕްޓް އުވިދިޔަނުދީ އެހެންބަޔަކު މިކަމައިގެން ކުރިއަށް ދިޔުމަށެވެ. އާންއެކެވެ. މިކަން ކުރެވިދާނެއެވެ. އެހެނަސް އެންމެންވެސް ބޭނުމީ ޔޫސޭއެވެ.

ދިރިއުޅުމަކީ މިއީބާގެ މަންޒަރެއް ތިރީގައިއެވަނީއެވެ.

 

ޚިޔާލު ފާޅުކުރައްވާ