Follow us on
ބޮޑެތި މީހުންގެ އިނގިރޭސި ކުލާސް – ތިބާގެ ތަޖްރިބާ އަދި ޚިޔާލަކީ ކޮބާ؟
| ހުސައިން ޝަރީފް

ޓީޗަރެއްގެ ގޮތުގައި އަހަރެން ހޭދަކުރަމުން މިދާ ދުވަސްތަކުގައި މަދުންނަމަވެސް ބޮޑެތި މީހުން އިނގިރޭސި ދަސްކޮށްދިނުމަށް އަހަރެންގާތުގައި އެދެމުން ގެންދެއެވެ. އެފަދަ ދަނޑިވަޅުތަކުގައި އަހަރެން ހިތަށް އެންމެ ފުރަތަމަވެސް އަރާ ސުވާލަކީ އެގޮތަށް އެދޭމީހާ ދަސްކުރަން ބޭނުންވަނީ ކޮންއެއްޗެއްބާވައެވެ؟ އިނގިރޭސީގެ ކޮންބައެއް ބާވައެވެ؟ ކިޔުން، ލިޔުން ނުވަތަ ވާހަކަދައްކަން ބާވައެވެ؟

މިގޮތުން ދެފަހަރެއްގެ މަތިން ބޮޑެތި މީހުންގެ އިނގިރޭސި ކުލާހެއް ހިންގަން އަހަރެން ފެށީމެވެ. ނަމަވެސް މިއިން އެއްފަހަރުވެސް ކާމިޔާބު ކަމާއެކު ކުލާސް ނިންމައިލެވިފައެއް ނުވެއެވެ. ވަކި ހިސާބަކުން ކުލާހުގެ ބައިވެރިންގެ އަދަދު މަދުވެގެން ގޮސް މަދު ބައިވެރިންނަށް ވެދެއެވެ. އެހެންގޮސް، ބާކީތިބި ބައިވެރިންނަށް އެނގުނު މިންވަރު ބަލައިލުމަށް ވަޒަންކުރުމެއް ބާއްވާ ހިނދު، ވަޒަންކޮށްލަން ލިބެނީ ދެތިން ބައިވެރިންނެވެ. ފަސްޖެހުމާއި ގަންނަބިރާއެކުވެސް އެމީހުން އެހިސާބަށް ހިތްވަރުކުރެއެވެ.

މިވާގޮތެއް ވިސްނައިލުމަށް ގަޑިއެއްހާއިރު ހޭދަކޮށްލުމަށް އަހަރެން ނިންމީމެވެ. އަމިއްލަ ތަޖުރިބާއިން ފާހަގަވާ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

އެންމެފުރަތަމަ ކަމަކީ މިފަދަ ފުރުޞަތެއް ހުޅުވައިލުމުން ބައިވެރިވަނީ އެކި ފެންވަރުގެ މީހުންނެވެ. މިގޮތުން އާއްމުކޮށް ވަކިހިސާބަކުން ކިޔެވުން ހުއްޓައިލަނީ އިނގިރޭސި ބަލައިގެން ކިޔަން ނޭގޭ ނުވަތަ ވަރަށް ނުފަރިތަ މީހުންނެވެ. ބައިވެރިންގެ ހުރި ޤާބިލްކަމަކީ ކިޔެވުން ކުރިއަށް ގެންދިޔުމާ ނުގެންގޮސް ހުއްޓައިލުމަށް ސީދާ އަސަރުފޯރުވާ ކަމެކެވެ.

ފާހަގަކުރެވޭ ދެވަނަ ކަމަކީ ބައިވެރިންގެ ބޭނުމާއި ކުލާހުގައި ކިޔަވައިދެވޭ އެއްޗަކާ ދިމާނުވުމެވެ. ގިނަ ބޮޑެތި މީހުން ބޭނުންވަނީ ވާހަކަދައްކަން ދަސްކުރާށެވެ. ނަމަވެސް ދިމާވާ ގޮންޖެހުމަކީ ލިޔެފައިހުންނަ އެއްޗެހި ބަލައިގެން ފަރިތަކޮށް ކިޔަން ނޭގުމެވެ. ވާހަކަދައްކަން ދަސްކޮށްދެވޭނީ ދިގުމުއްދަތަކުން ކަމަށްވެފައި، އެމަގު ކުރުކޮށްލުމަށް ޑައިލޮގު ފަދަ ތަކެތި ދީގެން ކުރާ މަސައްކަތްތައް ބައިވެރިންނަށް ބަލައިނުގަނެވެނީ އެވެ. މިކަން ކުލާހުގެ ބައިވެރިންނަށް ކުރީބައިގައި އެނގިފައި އޮތުން މުހިއްމެވެ.

ބޮޑެތި މީހުންގެ އިނގިރޭސި ކުލާހެއް ކާމިޔާބު ނުވާ އަނެއް ސަބަބަކަށް އަހަންނަށް ފާހަގަކުރެވެނީ ބައިވެރިންގެ ކިބައިގައި އުނގެނުމުގެ ވައްޓަފާޅި ނެތުމެވެ. ދެވޭ މަޢުލޫމާތު އެއްކުރުމާއި ރައްކައުކުރާނެގޮތް ނޭގުމެވެ. ނޯޓުނެގުމާއި މަޢުލޫމާތު އިންތިޒާމް ނުކުރެވުމެވެ. މުޠާލިޢާ ނުކުރެވުމެވެ. އަދި ދަސްވާ މިންވަރު އަމިއްލައަށް ވަޒަންކުރަން ނޭގުމެވެ. ޖުމްލަގޮތެއްގައި އުނގެނުމުގެ ހުނަރުތަކަށް ބައިވެރިން އަޙުލުވެރި ނުވުމެވެ.

މިކަމާމެދު ފުންކޮށް ވިސްނައިލުމުން އަހަންނަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އެއީ ބޮޑެތި މީހުންނަށް އިނގިރޭސި ދަސްކޮށްދިނުމަށް ކުރުމަގެއް އިޚްތިޔާރުކުރަން ޖެހޭކަމެވެ. އެގޮތުން އެއްވެސް ބާވަތެއްގެ އިނގިރޭސި ކުލާހެއްގައި ބައިވެރިވާއިރު، ފަރިތަކޮށް ކިޔަން ބައިވެރިންނަށް އެނގެންޖެހެއެވެ. ލިޔެފައި ހުންނަ އެއްޗެހި ކިޔައިގެން ނޫންގޮތަކަށް، ކުލާހެއްގައި ވިޔަސް، އިނގިރޭސި ދަސްނުވާނޭކަމެވެ. މިއީ އަހަރެންގެ ތަޖްރިބާއާއި ޚިޔާލު މިކަމުގައި ހުރިގޮތެވެ. ތިބާގެ ތަޖްރިބާ ނުވަތަ ޚިޔާލަކީ ކޮބައިތޯއެވެ؟

ޚިޔާލު ފާޅުކުރައްވާ