Follow us on
އާންޑްރޭ އޯޓޮލްފް – ކުޅަދާނަ ފަހުލަވާނެއް
| ފާނޫޒް.ކޮމް

ކޮންމެ އިންސާނަކީވެސް، އެ އިންސާނެއްގެ ކިބައިގާ ޚާއްޞަ ހުނަރެއް ހުންނާނެ މީހެކެވެ. އެ ހުނަރުގެ ބޭނުންކޮށްގެން ގިނަބަޔަކު ދަނީ އަހަރެމެން ޙައިރާން ކޮށްލަމުންނެވެ. ގިނަބަޔަކު ދަނީ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަވެސް ހޯދަމުންނެވެ.

މިފަހަރު ދައްކަން މިއުޅެނީ މުޅިން އާދަޔާ ޚިލާފު މީހެއްގެ ވާހަަކައެވެ. އެއީ ޖަރުމަނީ އަށް އުފަން އާންޑްރޭ އޯޓޮލްފްއެވެ. މީނާ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައިވަނީ އެންމެ ކަމަކުން ނޫނެވެ. އެތަކެއް ކަމަކުންނެވެ. އޭގެ ތެރެއިން ބައެއް ރިކޯޑްތައް ތިރީގައި ފާހަގަ ކޮށްލާނަމެވެ.

• 30 ސިކުންތު ތެރޭގައި އެންމެ ގިނަ މަސްޓަރޑް ބުއިން.
މި ރެކޯޑް ފުރިހަމަ ކުރަން އޯޓޮލްފް ވަނީ 30 ސިކުންތުގެ ތެރޭގައި 416 ގްރާމުގެ މަސްޓަރޑް ބޮއިފައެވެ. އެއީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

• 1 މިނިޓް ތެރޭގައި މޮޑެފައި ހުރި އަލުވި ކެއުން.
އެންމެ މިނެޓެއްގެ ތެރޭގައި އާންޑްރޭ އޯޓޮލްފް ވަނީ މޮޑެފައިހުރި 893 ގްރާމުގެ އަލުވި ކައިފައެވެ. އެހެންކަމުން 11 ނޮވެމްބަރު 2014 ގައި މީނާވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

• 1 މިނިޓް ތެރޭގައި އެންމެ ގިނަ މަރމައިޓް ކެއުން.
2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އޯޓޮލްފް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދީ 1 މިނިޓް ތެރޭގައި 252 ގުރާމުގެ މަރމައިޓް ކައިގެންނެވެ.

• ކަނު ބަނދެގެން ޓެނިސް ބޯޅަ އެއްލާފައި ހިފުން
މި ރިކޯޑް ޙާޞިލްކުރި ގޮތަކީ، ކަނު ބަނދެގެން ހުރެ ޓެނިސް ބޯޅައެއް ފައިރާއި ދިމާއަށް އެއްލަނީއެވެ. ފައިރުގައި ޖެހިފަ އަންނަ ވަގުތު އެ ބޯޅަ ހިފަނީއެވެ. އޯޓޮލްފް ވަނީ އެގޮތަށް އައި 32 ބޯޅަ އެންމެ މިނިޓެއްގެ ތެރޭގައި ހިފާފައެވެ. އެއީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

• ކަނު ބަނދެގެން އެންމެ ގިނަ ޖެލީ ކެއުން

ތައްޓެއްގައި ހުންނަ ޖެލީތަކެއް 1 މިނިޓް ތެރޭގައި ކާން ޖެހެނީ ކަނު ބަނދެގެންނެވެ. ތަށީގައި އަތްވެސް ޖައްސާ ނުލައެވެ. އާންޑްރޭ އޯޓޮލްފް ވަނީ 1 މިނިޓް ތެރޭގައި 1445 ގުރާމުގެ ޖެލީ މިގޮތަށް ކައިފައެވެ. އެެއީ 23 ޖުލައި 2016 ގައެވެ.

• 1 މިނިޓް ތެރޭގައި އެންމެ ގިނަ ‘ޕާޓީ ޕޮޕަރސް’ ގޮއްވުން
2016 ވަނަ އަހަރުގެ ޖަނަވަރީ މަހު 9 ވަނަ ދުވަހު އޯޓޮލްފް ވަނީ އެންމެ މިނިޓެއްގެ ތެރޭގައި 78 ޕާޓީ ޕޮޕަރސް ގޮއްވާފައެވެ.

• 100 މީޓަރުގެ ގޮނޑި ރޭހުން 1 ވަނަ
15 އޯގަސްޓް 2014 ވަނަ އަހަރު ބޭއްވުނު 100 މީޓަރުގެ ގޮންޑި ރޭހުން 1 ވަނަ ހޯދި ބައިވެރިޔާ މި ރޭސް ނިންމާފައިވަނީ 31.92 ސިކުންތުގެ ތެރޭގައެވެ. އެއީ އާންޑްރޭ އޯޓޮލްފްއެވެ.

އާންޑްރޭ އޯޓޮލްފްގެ މި ހުނަރުތައް ފެނި ދުނިޔޭގެ ގިނަ ބަޔަކު ވަނީ ޙައިރާން ވެފައެވެ. މަތީގައި ބަޔާން ކުރެވުނު ރިކޯޑް ތަކުގެ އިތުރުންވެސް އޯޓޮލްފްގެ އެހެނިހެން ރިކޯޑް ތަކެއް ހުންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ