Follow us on
އިރުގެ އަލިން ޞިއްހަތަށް ލިއްބައިދޭ ފައިދާތައް އެނގޭތަ؟
| އައިމިނަތު އަޒްލާ

އިރުގެ އައްޔަކީ އިންސާނާގެ ހަންގަޑަށް ފައިދާ ލިއްބައިދޭ އެއްޗެކޭ ކިޔާއަޑު އަޅުގަނޑުމެން ވަރަށް ގިނައިން އަހަމުއެވެ. ނަމަވެސް އިރުގެ އައްޔަކީ ސިއްހަތަށް ކިހާ ފައިދާ ހުރި އެއްޗެއްކަން ގިނަ މީހުނަށް އޮޅުންފިލާފައި ޥާހެނެއް ހިޔެއްނުވެއެވެ. އިރުގެ އަލިން ހަށިގަނޑަށް ފައިދާ ލިބެނީ ވަކި ވަގުތެއްގައެވެ. އަނެއްބައި ވަގުތު ތަކުގައި އިރުގެ އައްޔަކީ އިންސާނާ އަށް ހުރި ގެއްލުމެކެވެ. އިރުގެ އައްޔާ އިންސާނާގެ ސިއްހަތާއި ގުޅުވައިދެނީ މި ދަންނަވާ ކަންކަމެވެ.

1. އިރުގެ އަލީގެ ސަބަބުން  ރޭގަނޑު ނިދުމަށް ފަސޭހަ ވެއެވެ.
ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި  ހެނދުނުގެ ވަގުތުގައި އިރުގެ ދޯދިތައް ހަށިގަނޑަށް  އެޅުމުން  އެއީ ދުވާލުގެ ވަގުތުކަމާއި “މެލަޓޮނިން” ހޯމޯން އުފެއްދުން ހުއްޓުވުމަށް ސިކުޑިއަށް ސިގްނަލް ފޮނުވައި ދެއެވެ. އަދި އެކަމުގެ ސަބަބުން ރޭގަނޑު ނިދަންވުމުން މި ހޯމޯން އުފެއްދުމަށް ސިކުޑިއަށް ސިގްނަލް ފޮނުވައި ދިނުމެވެ. އެހެން ކަމުން ހެނދުނު ހޭލާ އިރުގެ އަވީގައި އުޅުމުން ހެނދުނު ހޭލުމަށާއި ރޭގަނޑު ނިދުމަށް ފަސޭހަވެއެވެ.

2. އިރުގެ އަލިން ބަރުދަން ލުއިވުމަށް އެހީވެދޭ
ހެނދުނުގެ ވަގުތުގައި އިރުގެ އަލިން ހަށިގަނޑަށް ތާޒާކަން ލިއްބައިދީ ކަންނެތް ކަމާއި ވަރުބަލި ކަމުން މީހާ ސަލާމަތް ކޮށްދެއެވެ. އެކަމުގެ ސަބަބުން ހެލިފެލިވުން އިތުރުވުމާއި އެކު ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓި މީހާގެ ހަރަކާތްތެރިކަން އެތައް ގުނައަކަށް އިތުރުވެއެވެ. ނަތީޖާ އެއްގެ ގޮތުން ރޭގަނޑު ފުރިހަމަ ނިންޖެއް ނިދުމަށް ހަށިގަނޑު ޖާގަދެއެވެ. ދިރާސާ ކުރާ މާހިރުން ވިދާޅުވާ ގޮތުގައި  ފުރިހަމަ ނިންޖަކީވެސް  ބަރުދަން ލުއިކުރުމަށް ލިބޭ އެހީއެކެވެ.

3. ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދިނުން
ވިއްސާރައިގެ ސަބަބުން ހަށިގަނޑު މާބޮޑަށް ފިނިވެ ހަށިގަނޑަށް ލިބޭ ވަރުބަލިކަމާއި ، ކަންނެތްކަމުގެ އިތުރުން ނާރުތަކުގައި ލޭދައުރުވުން ރަނގަޅުކުރުމަށް އިރުގެ އައްޔަކީ ބޭނުންތެރި އެއްޗެކެވެ. ސައިކޭޓްރިސްޓުން ވިދާޅުވާގޮތުގައި ގިނަވަގުތު އަވި ލިބި ބޭރުގައި އުޅޭމީހުން ސިކުނޑީގެ ބަލިތަކާއި ނާރުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. ލޭދައުރު ކުރާ ނިޒާމާއި ހިތުގެ ބަލިތައް ޖެހުން އެކަމުގެ ސަބަބުން ދުރުކޮށްދެއެވެ. ހެނދުނުގެ ވަގުތުގައި އިރުގެ އަލި ލިބުމުން ހަށިގަނޑު ގުނަވަންތައް ބަރާބަރަށް މަސައްކަތް ކުރުމަށް އެހީވެދެއެވެ.

4. ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދިނުން
ހެނދުނުގެ ވަގުތުގައި ހަށިގަނޑަށް ލިބޭ އަވިން  ވިޓަމިން ޑީ އުފައްދާ ހަށިގަނޑަށް ކެލްސިއަމް އިތުރު ކޮށްދިނުމަށް އިރުގެ އަލިން ލިއްބައިދޭ ވިޓަމިން އެހީވެދެއެވެ. ކެލްސިއަމް އަކީ ކަށިތަށް ވަރުގަދަ ކުރުމަށް  މުހިއްމު މާއްދާ އަކަށް ވާއިރު އިރުގެ އަލިން ހަންގަނޑަށް  ވިޓަމިން ޑީ ލިއްބައިދޭކަން ފާހަގަ ކުރެވެއެވެ. އަދި ހެނދުނުގެ ވަގުތުގައި ކަސްރަތަކީ ހަށިގަނޑަށް މުހިއްމު އެއްޗަކަށް ވީއިރު ހެނދުނުގެ ވަގުތުގައި ހަރަކާތްތެރިވުމުން ކަށިތައް ވަރުގަދަކޮށްދީ ކަށީޣެ މައްސަލަތައް ދިމާވުން މަދުކޮށްދެއެވެ.

5. އަޅުކަންތަކަށް ފަރުވާތެރިވެވުން
ހެނދުނުގެ ވަގުތުގައި ލިއްބައިދޭ އިރުގެ އަލިން ހަށިގަނދަށް ލިއްބައިދޭ ތާޒާ ކަމަކީ ވަގުތުން ވަގުތައް ކަންކަން ކުރުމުގެ ހަރުދަނާ ސިފަ މީހާގެ ގައިގައި އަށަގަތުމަށް ވެދޭ އެހީއެކެވެ. ހެނދުނުގެ ނުވަތަ ފަތިހުގެ ވަގުތުގައި ލިއްބައިދޭ އިރުގެ ދޯދިތަކުން މީހާ އަށް ހިތްހަމަޖެހުން އިހްސާސްވެއެވެ. އަދި ދުވަހުގެ ތާވަލް ކުރިއަށް ގެންދިއުމަށް ފަސޭހަވެދެއެވެ. އާދަވެގެން ކޮންމެ ދުވަހަކަު ހެނދުނުގެ ކުރީކޮޅު ނުވަތަ ފަތިހު ހޭލާ މީހެއް ނަމަ އަޅުކަންތައް ބަރާބަރަށް އަދާކޮށް ކޮންމެ ދުވަހެއް ހިތްހަމަޖެހުމާއި އެކީ ނިންމާ ލުމުގެ ޝައުގު މީހާގެ ހިތުގައި ބޮޑުވެދެއެވެ.

6. ކެންސަރު ޖެހުމުން ދުރުކޮށްދޭ
އިރުގެ އަލިން ލިބޭ ވިޓަމިންގެ ސަބަބުން އުރަމަތީގެ އަދި ޕުރޮސްޓޭޓް (ބުލެޑާ ތިރީގަ އިންނަ ގްލޭންޑެއް) ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާވެރިން ހެކިވެއެވެ. މީގެ އިތުރުން  ހިތުގެ ބަލިތަކާއި ނާރުގެ  ބަލިތަކުންވެސް ސަލާމަތް ކޮށްދެއެވެ. އިރުގެ އަލިން ލިބިދޭ ވިޓަމިން ޑީއަކީ ހަމަ އެކަނި ހަންގަނޑަށް ފައިދާ ލިއްބައިދޭ ވިޓަމިނެއް ނޫނެވެ. ހަށިގަނދުގައި ވިޓަމިން ޑީ މަދުވާނަމަ ކަށިތަށް އައިބުވެ ކިޑުނީ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ތިބާ އަކީ ކޮންމެ ދުވަހަކުވެސް ހެނދުނުގެ ތާޒާ އިރުގެ އަލި ލިބިގަންނަ މީހެއްނަމަ  މަސައްކަތުގެ މާހައުލުގައި ތިބާ އަކީ ކާމިޔާބު ހިންގުންތެރި މީހެއްގޮތުގައި ފާހަގަވެގެންދެއެވެ. އަދި ހަމަ އެހެންމެ އިރުގެ އައްޔަކީ ހާސްކަމާއި ނުތަނަވަސްކަމުން ދުރުކޮށްދީ ވިސްނުން ރަނގަޅު ކުރުމަށް އެހީވެދޭ އެއްޗެކެވެ.

އިރުގެ އައްޔަކީ ކޮންމެ ކޮންމެ ގަޑިއެއްގައި ހަށިގަނޑަށް ފައިދާ ލިއްބައިދޭ އެއްޗަކަށް ނުވާއިރު , އިރުގެ އަލި ލިބިގަތުން އެއްމެ ރަނގަޅީ ހެނދުނުގެ ވަގުތުގައެވެ. އެއީ އިރު އަރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އިރުގެ އަލިން މީހާގެ މިޒާޖަށް ހެޔޮ ބަދަލު ގެނެސްދީ މޫނުމަތިން ތާޒާ ކަން ދައްކުވައިދެއެވެ. އެހެން ކަމުން އެފަދަ މީހުނަށް ކަންކަމުގައި ރަނގަޅުގޮތް ވިސްނުމާއި ބަރާބަރަށް ކަންކަން ކުރަން ދަސްވެއެވެ.

ދުޅަހެޔޮ ހަށިގަނޑަކަށް އިރުގެ އަލީގެ ބޭނުން ބޮޑުއިރު އިރުން ހަންގަނޑު ރައްކާތެރި ކުރުމަކީވެސް މުހިއްމު ކަމެކެވެ.   އެގޮތުން އަލި ހަންގަނޑަކަށް ނަމަ 15 މިނެޓް، އަދި  އަނދިރި ހަންގަނޑެއްނަމަ 20 މިނެޓް އަވީގައި ހޭދަކުރުން އެދެވިގެންވެއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތުތަކުގައި ހަމަށް ރައްކާތެރި އެއްޗެއް ބޭބުން ކުރުމާއި އިރުގެ އަލިން އިސްތަށިގަނޑާި ސިކުނޑިއަށް  ލިއްބައިދޭ ގެއްލުންތައް ކުޑަ ކުރުމަށް ފިޔަވަޅު އަޅަންޖެހެއެވެ. މީގެ އިތުރުން އިރުގެ ގަދަ ހޫނަކީ ލޮލުގެ ފެނުމަށް  ނުރައްކާ އެއްޗަކަށް ވީއިރު އިރުގެ އަވިން ލޯ ސަލާމަތް ކުރުމަށް އައިނުގެ އެހީ އާއެކު ރައްކާތެރިކަން ލިބިގަންނަން ޖެހެއެވެ. އިރުގެ ގަދަ ހޫނުން ހަމުގެ ކެންސަރަށް މަގު ފަހި ކުރުވާ އިރު އަވީގައި ގިނަވަގުތު ހޭދަކުރާ މީހުން ހަމަށް ރައްކާތެރި އެއްޗެއް ބޭނުންކޮށް  ހަނަގަނޑަށް ސަމާލުވުން މުހިންމެވެ.

އިންސާނުންނަށް ލިބިފައިވާ ކޮންމެ ނިއުމަތަކީ ނުވަތަ ރިޒްގަކީ އެއިން ފައިދާ އާއި ގެއްލުން ލިއްބައިދޭ އެއްޗަކަށް ވީ ހިނދު އިރުގެ އަލިންވެސް ފައިދާ ލިބެނީ ހެނދުނުގެ ވަގުތުގައި ކަމާއި މެންދުރުގެ ގަދަ ހޫނުން ހަށިގަނޑަށް ގެއްލުން ލިބޭ ކަން ހަނދުމަ ކުރަން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ