Follow us on
ފިލައިގެން ނުދިޔަ ހިތާމަ
| އާމިނަތު ރައުދާ

އިރު އޭގެ ވާޖިބު އަދާކުރުމުގެގޮތުން އެންމެފަހުގެ ދަޅަ ދައްކާލުމާއިއެކު، އޮއްސިގެން ހިނގައްޖެއެވެ. އެހެންނަމަވެސް އަދިވެސް މިޝްކާ އިނީ ގޮނޑުދޮށުގައި ހެދިފައިވާ ގަސްތަކުގެތެރޭގައި އިށީނދެލައިގެންނެވެ. އޭނާގެ ކޮއްކޮ މައިޝާވެސް އޭނާގެ ކައިރީގައި އިނެވެ. “ދޮންތީ! ހިނގާބަލަ ގެއަށްދާން. މިތަން މާވައިގަދަ.” މައިޝާ މިހެން ހަމަ ބުނެލުމާއިއެކު މިޝްކާ އެއިންތަނުން ތެދުވެ ހިނގައިގަތީ މައިޝާގެ އަތުގައި ހިފާލައިގެންނެވެ. ކުޑަތަންކޮޅަކަށް ހިނގައިގަނެވުނުތަނާ ގާކޮޅެއްގައި އަޅައިގަނެފައި މައިޝާ ބަންޑުން ވެއްޓުނެވެ. “އެއީއެއްވެސް ކަމެއް ނޫން. އަވަހަށް ތެދުވޭ!” މިޝްކާ މިހެން ބުނެލުމަށްފަހު ކޮއްކޮ ނަގާ ބެހެއްޓިއެވެ. “ދޮންތީ، ނަސީބެއްނު ފައި ނުކެނޑުނުކަންވެސްދޯ.” ތެދުވެ ގައިގައިހުރި ވެލިތައް ފޮޅާލަމުން މައިޝާ ބުންޏެވެ.

ގެއަށްއައިސް ހަމަވަނުމާއިއެކު މިޝްކާގެ މޫނަށް ހޫނު އެތިފަހަރެއް އެރިއެވެ. “ކަލޭ ތިއައީ ކޮންތާކުން؟ ކަލޭ ދާތަނަކަށް މައިޝާ ގޭގަ ބަހައްޓާފަވެސް ދެވިދާނެއެއްނު! ކިތައްފަހަރުތަ މަބުނާނީ އޭނަ ގޮވައިގެން ތިއްތިދެއްކެން ދާނެކަމެއް ނެތޭ!!” ރުޅިވެރިކަމާއިއެކު މިޝްކާގެ މަންމަ، ނަފީސާ ބަނދިވަރު ގުނާލާފައި، މައިޝާގެ އަތުގައި ހިފައި ދަމަމުންގޮސް ގޭތެރެއަށްވަނެވެ.

މިޝްކާ ބިންމަތީގައި ދެކަކޫ ޖަހާލައިގެން އިނދެ ރޯންފެށިއެވެ. “މަންމާ! ކީއްވެތަ އަބަދު އަހަންނަށް ތިހާއިހާނެތިކޮށް ކަންތައް ތިކުރަނީ؟ އަހަރެން، ކޮއްކޮދެކެ ވަރަށް ލޯބިވޭ. އަހަރެން ނުދަން ކޮއްކޮ ގޮވައިގެން ތިއްތި ދެއްކޭކަށް.” މިޝްކާ ހިތާހިތުން ވާހަކަދައްކަމުން ގިސްލަމުން ދިޔައެވެ. ކަންދިމާކުރިގޮތުން މިޝްކާގެ ބައްޕަ، ނާޝިދު އައިސް ގެއަށްވަނީ އެވަގުތުއެވެ. “ކިހިނެތްވީތަ؟ ކަލޭގެކަމަކީ މިހާރު ދެކަކޫ ޖަހާލައިގެންއިނދެ ރުއިންތަ؟ ބޮޑު އުނދަގުލެއްނު! ހަމަމިހާރު ތެދުވެގެންދޭ!”  ބައްޕަވެސް އައިސް މިފަދަގޮތަކަށް ވާހަކަ ދެއްކުމުން މިޝްކާ ވަރަށް ދެރަވިއެވެ. “އަހަރެން މިއީ ކިހާ ބޭކާރު މީހެއް ހެއްޔެވެ؟ އަހަރެންގެ މުޅި އުމުރުގައިވެސް އަހަރެން އުޅެން ޖެހޭގޮތަކީ ހަމަ މިއީހެއްޔެވެ؟” މިޝްކާގެ ހިތަށް އެރިއެވެ.

މައިޝާ ކޮޓަރިއަށް ވައްދާލާފައި މަންމަ ދިޔައީ ބައްޕައަށް ކާންދިނުމަށެވެ. މަންމަ ހަމަކޮޓަރިން ނިކުތުމާއިއެކު މައިޝާއަށް ގިސްލެވެން ފެށުނެވެ. “މަންމަ ދޮންތިދެކެ ހާދަ ރުޅިޔެކޭދޯ އެއަންނަނީ؟ އަނެއްކާ އެއީކީއްވެބާ؟ ދޮންތިއަށް މަންމަގެ ލޯބި ނުލިބެންޏާ އަހަރެންވެސް މަންމަގެ ލޯބި ބޭނުމެއްނޫން. އަހަރެންވެސް ބޭނުންވަނީ ދޮންތި އުޅޭ ހާލުގަ އުޅެން.” މައިޝާ ކިތަންމެ ކުޑަޔަސް އޭނާ އެކަމާދޭތެރޭ ވަރަށް ވިސްނައެވެ. އެ ކުޑަ ހިތުގައި މިޝްކާއާއި މެދު ހަމްދަރުދީ އުފެދެއެވެ. ކޮންމެ ދުވަހަކުވެސް އެއީ އާދައެކެވެ. އަބަދުވެސް ނަފީސާ އާއި ނާޝިދުގެ ކަމަކީ މިޝްކާ ރޮއްވުމެވެ. އެފަކީރު ގެއަށް ވަދެއްޖެއްޔާ އަބަދުވެސް އޮންނަންޖެހެނީ ރޯލަރޯލައެވެ.

ދުވަސްތައް އާދައިގެ މަތީން ފާއިތުވަމުން ދެއެވެ. އެއްދުވަހުގެ ހެނދުނެވެ. މައިޝާ އޮތީ ވަރަށްބޮޑަށް ހުންއައިސްގެންނެވެ. މިޝްކާ އެކޮޓަރިއަށްވަނީ މައިޝާއަށް ގޮވާލުމަށެވެ. މިޝްކާ މަޑުމަޑުން ހިނގާލާފައިގޮސް އެނދުގެ މަގަތުން އިށީނެވެ. އަދި މައިޝާގައިގައި ކޮއްޓާލަންވެގެން މޫނުގައި އަތް ޖައްސާލިތަނާ މިޝްކާގެ އަތަށް ހޫނުވިއެވެ. ” ކޮއްކޯ! ހާދަ ހުންގަދައޭ. ނުދަންތަ ޑޮކްޓަރަށް ދައްކާކަށްވެސް؟” މިޝްކާ މައިޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ކުއްލިއަކަށް އެދެކުދިން ސިއްސައިގެން ދިޔައީ މަންމަ އައިސް ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވާލި އަޑަށެވެ. މައިޝާ، މިޝްކާގެ އަތުގައިހިފާ ފިއްތާލިއެވެ. “މަންމާ!” މިޝްކާގެ އަނގައިން މަޑުމަޑުން ނުކުތެވެ. ” ހޫނ! އެއްކަލަ ދެމީހުން އެއްތަންވީދޯ؟ މައިޝާ ކައިރީ މަ ކިތައްފަހަރު ބުނާނީ ތިކަހަލަ ގޯސް މީހުންނާއިއެކީ ނޫޅޭށޭ! މީހުން ބުނެއެއްނު އަހިވަކާޖެހި އަހިވައް ފާވާނެއޭ. ކަލެއަށްވެސް ވާނީ ހަމައޭނަގޮތް.” އަނގުރު އަލިފާންފަދަ ހޫނު ބަސްތަކަކުން މިޝްކާގެ ސިކުނޑި ފިހެލުމަށްފަހު ނަފީސާ ކޮޓަރީގެ ދޮރު ބާރަކަށް ލައްޕާލުމާއިއެކު ނިކުމެގެން ހިނގައްޖެއެވެ.

“މައިއްކޯ. ދެން ދޮންތި މިގެއަކު ނުހުންނާނަން. ދޮންތީގެ ސަބަބުން މައި ގޯސް ކުއްޖަކަށް ވެދާނެ. އޭރުން ދޮންތިވެސް ވަރަށް ދެރަވާނެ. އަދި ދޮންތިގެ ސަބަބުން މަންމަ ހުރިހާއެއްޗެހް ގޮވަނީ މައި އާއި ދިމާލަށް. އެހެންވީމަ ދެން ދޮންތި ދަނީ.” މިޝްކާ ރޮމުން ރޮމުން ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ހުރިހާ ކަމަކާވެސް ކެރިގެން ކުރިމަތިލުމުގެ ވަރުގަދަ ޢަޒުމަކާއިއެކު މިޝްކާ އޭނާގެ ކޮޓަރިއަށްވަދެ ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ. ފޮއްޓަށް އެއްޗެހި އެޅުމަށްފަހު ފޮށި ހިފައިގެން މިޝްކާ ކޮޓަރިން ނިކުތެވެ. އަދި މަޑުމަޑުން ހިނގަމުންގޮސް ގޭގެ ބޮޑުދޮރާ އަރާހަމަކުރުމަށްފަހު އުޅެބޮޑުވި ގެފެންނާނެ އެންމެ ފަހުފަހަރުކަމަށް ވުމާއިއެކު، އެނބުރި ގޭތެރެއަށް ބަލާލިއެވެ. އެވަގުތު މައިޝާ އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެން ހުއްޓެވެ. މައިޝާ ރޮވިފައި ހުރުމުން މިޝްކާ ވަރަށް ދެރަވިއެވެ. އަދި އަތްހޫރާލާ އެންމެފަހުގެ ސަލާމް ކުރުމަށްފަހު ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެއާއިއެކު މައިޝާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. މިޝްކާގެ ހާލަކީވެސް ހަމައެއީއެވެ.

މިޝްކާ ދާނެ ވަކިތަނެއް ނެތުމާއިއެކު މިޞްރާބުޖެހީ އަތިރިމައްޗާ ދިމާއަށެވެ. އަތިރިމައްޗަށް ދިޔައިރު މޫދުގައި އެކިއެކި ޢާއިލާތަކުގެ މެމްބަރުން މަޖާކުރަމުން ދެއެވެ. އެކުދިންގެ މަންމަމެންނާއި ބައްޕަމެން، އަދި އެމީހުންގެ ދަރިންނާއި ގާތްތިމާގެ މީހުންނާއިއެކު އުޅޭ އުފާވެރި ގޮތްތައް ފެނުމުން މިޝްކާ އިތުރަށް ދެރަވިއެވެ. އަދި ހިތަށްއެރިއެވެ. ” އަހަރެންގެ މަންމައާއި ބައްޕަވެސް އަހަރެންދެކެ އެހާލޯބިވާނެނަމަ ހާދަރަނގަޅެވެ. އެހެންވީނަމަ އަހަރެންވެސް އުޅޭނީ ހާދައުފަލުގައެވެ.” މިޝްކާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަދި ދެލޯ ފެންކަޅިވެ، ހޫނު ކަރުނަ ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

މިޝްކާ ދިޔަތަން ބަލަން ހުރެފައި ރޮމުންރޮމުން މައިޝާ ކޮޓަރިއަށްވަނެވެ. އިރުކޮޅަކުން މަންމައައިސް ކޮޓަރިއަށް ވަނުމާއިއެކު މައިޝާ ދެލޯ ފޮހެލިއެވެ. އަދި ބުންޏެވެ. “މަންމާ! ދޮންތި ގޮއްސި ގެއިން ނުކުމެގެން މަންމަ އެއްޗެހިކީމަ.” ނަފީސާގެ ދެލޮލަށް ރުޅިވެރިގޮތެއް ޖެއްސުމާއިއެކު، ވަރަށް ބާރަށް ޖަވާބު ދިނެވެ. ” ހޫނ. ރަނގަޅެއްނު. ކަލޭ ތިހުރި އޭނަގެ އަވައިގައިޖެހި ހަރުވެފަ. މަށަށް މާރަނގަޅު އޭނަ މަރުވެއްޖެއްޔާވެސް. ކަލޭ ތިހާ ކަންބޮޑުވަންޏާ ދާންވީނު އޭނަގެ ފަހަތުން!” މައިޝާގެ ދެލޯ އަނެއްކާވެސް ފެންކަޅިވިއެވެ. އެއީ އޭނާގެ މަންމަ ނުރުހުންތެރިކަމާއިއެކު އޭނާއާއި މުޚާޠަބުކުރި އެންމެ ފުރަތަމަފަހަރުކަމަށް ވީމައެވެ. މައިޝާގެ ބައްޕައަށް އައިސް ކޮޓަރިއަށް ވަދެވުނީ މައިޝާ ރޯންއިންދައެވެ. ނާޝިދު މައިޝާއާއި މުޚާޠަބުކުރީ ކުރިންދުވަހު މިޝްކާ ރޯންއިންދާ މުޚާޠަބު ކުރިގޮތަކަށް ނޫނެވެ. “ދަރިފުޅާ! ކިހިނެތްވީ ތިރޮނީ؟” ނާޝިދު މައިޝާއާއި ސުވާލުކޮށްލިއެވެ. “ބައްޕާ! ދޮންތި ގޮއްސި ގެއިން ނުކުމެގެން. ދޮންތި ދިޔަތަނެއް ބަލައިދީ. އަދި ދޮންތި ގެނެސްދީ.” މައިޝާ ރޮމުންރޮމުން ވަރަށް އާދޭހާއިއެކު ބުންޏެވެ. ” ވަގުއެއް ވެއްޖެއްޔާ ބަލާނަން.” ވަރަށް ޔަޤީންކަމެއްނެތް ކަހަލަގޮތަކަށް މިހެން ބުނެލުމަށްފަހު ނާޝިދު ކޮޓަރިން ނިކުތެވެ. މައިޝާ ވަރަށް އުއްމީދާއިއެކު ބައްޕައަށް ހީލިއެވެ.

މިޝްކާ އިނީ ރާޅުބީއްސާ ހިސާބުގައެވެ. މިހާރު މިޝްކާ އެވަނީ ޚިޔާލީ ފުންކަނޑެއްގެ ތެރެއަށް ފީނައިގެންފައެވެ. ކުއްލިއަކަށް މިޝްކާ ޚިޔާލީ ކަނޑުން މައްޗަށް އަރަންޖެހުނީ މުސްކުޅިވަރެއްގެ އަންހެނަކު އައިސް ގޮވާލިއަޑަށެވެ. “ކޮއްކޯ! ކިހިނެތްވީ؟ ކޮންކަމަކާ މާބޮޑަށް ތިވިސްނަނީ؟” އެއަންހެންމީހާ އެކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ހައިރާންކަމާއިއެކު ބަލަހައްޓައިގެން މިޝްކާއިނެވެ. މިޝްކާ ހައިރާންވީ އެމީހާއަށް މިޝްކާ ކަމަކާދޭތެރޭ ވިސްނާކަން އެނގުނީމައެވެ. އެމީހާއަށް ޖަވާބުދޭން އަނގަހުޅުވާލިތަނާ އެމީހުން ތިބިތަނާއި މާދުރުނޫން ހިސާބަކަށް އައިސް ސައިކަލެއް މަޑުކޮށްލައިފިއެވެ. މިޝްކާ އެނބުރި ބަލައިލިއެވެ. އެއީ ބައްޕައެވެ. އަނެއްކާވެސް މިޝްކާ ހައިރާންވިއެވެ. ހައިރާން ނުވާންވީވެސް ކީއްވެހެއްޔެވެ؟ އެބައްޕައަކީ މީގެކުރިން ދުވަހަކުވެސް މިޝްކާ ކޮންމެ ތަނެއްގައި ހުއްޓަސް އަޅާލާ ބައްޕައެއް ނޫނެވެ.

“ކީއްވެ މިތަނުގަތިއިނީ؟ ހިނގާ ގެއްށްދާން!” ނާޝިދު ބުނެލިއެވެ. މިޝްކާ ހިތާއިދެކޮޅަށްނަމަވެސް އެސައިކަލުގެ ފަހަތަށް އެރީ، އެއީ މިޝްކާގެ އުފަން ބައްޕައަށް ވެފައި ދެވަނަ ގޮތެއް ނެތީމައެވެ. ނާޝިދު މިޝްކާ ގޮވައިގެން ދިޔައީ ގެއަށެވެ. ހަމަގޮސް ގެއަށް ވަދެވުނުތަނާ މައިޝާ ދުވެފައި އައިސް މިޝްކާގެ ގައިގައި އޮޅުލައިގަތެވެ. “ދޮންތީ! ކޮންތާކަށް މައި އެކަނި ކޮށްލާފައި ދިޔައީ؟ މައި ވަރަށް ދެރަވި ދޮންތި ދިޔައީމަ. ދެން މައި ދޫކޮށްލާފަ ނުދައްޗޭ އިނގޭ!” މައިޝާ އާދޭހާއެކު ބުންޏެވެ. މައިޝާ މި ދެއްކި ވާހަކަތަކުން ނާޝިދުގެ ހިތަށް ފުންއަސަރުތަކެއް ކުރިއެވެ. އަދި އެދެއްކި ވާހަކަތަކުން މިޝްކާގެ އެއްވެސް ކުށެއް ނެތްކަމާއި، މިޝްކާ މައިޝާދެކެ ވަރަށް ލޯބިވާކަން އަދި މައިޝާވެސް މިޝްކާދެކެ ވަރަށް ލޯބިވާކަން ނާޝިދުއަށް އެނގުނެވެ.

ނަފީސާ ކޮޓަރިން ނިކުމެގެން އެދިމާއަށް އަންނަތަން އެވަގުތު މިޝްކާއަށް ފެނުނެވެ. މިޝްކާ ބިރުން ރޫރޫއަޅައިގަތެވެ. “ކަލޭ އައީތަ؟ ކަލޭ ނެތީމަ މާފަސޭހަ. ދެން ކީއްކުރަން ތިއައީ؟ ކަލޭ ދިޔަ ތާކުވެސް ނުހުރެވުނުދޯ؟” ނަފީސާ އަބަދުވެސް އޭނާ މިޝްކާއާއި މުޚާޠަބުކުރާ އާދައާއި އެއްގޮތަށް އެކީއެކައްޗަކަށް ބަސްތައް އަމުނާލައިފިއެވެ. މިފަހަރު ނާޝިދު ވަރަށް ރުޅިއައެވެ. އަދި މިޝްކާއާއި ކައިރިއަށް ޖެހިލުމަށްފަހު، ނަފީސާއާއި ދިމާލަށް އެއްޗެއް ބުނެލިއެވެ. ” ނަފީސާ! ކިހިނެތް ވެގެންތަ ތިއުޅެނީ؟ އަހަރެމެންނަށް ދަރިން ދެއްވަނީ މާތްﷲ. މިއީވެސް އަހަރެމެންނަށް ﷲ ދެއްވި އަމާނާތެކޭ. އަހަރެމެން ޖެހޭނީ މި އަމާނާތް، އަމާނާތްތެރިކަމާއިއެކު ބަލަހައްޓަން. ދެން މީގެފަހުން ތިފަދަ ގޮތަކަށް މިޝްކާއާއި މުޚާޠަބުކޮށް ވާހަކަދައްކައިގެން ނުވާނެ! އަޑުއިވިއްޖެތަ؟” “އާނ. މަށަކީ ބީރުމީހެއް ނޫނޭ. މަގޭ ފަސްހިއްސު ސަލާމަތުން އެބަހުރި.” ނަފީސާ ޒުވާބު ކުރަން ފެށުމުން ނާޝިދު ނަފީސާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށްވަނެވެ. އެވަރުންވެސް ނަފީސާގެ އަނގަ މަޑެއްނުވެއެވެ. އަދި ބުންޏެވެ. ” ކަލޭވެސް ހާދަ ވެފައޭދޯ ތިހުންނަނީ؟ މަށަށްކީއް. އެއީ މަގޭދަރިއެއްނޫން.” މިޝްކާހުރީ ރޯންކަމުން މިޝްކާއަށް މަންމަ އެހެން ބުނިއަޑެއް ނީވެއެވެ. ނަމަވެސް މިއަޑުއިވުނު މައިޝާ، މިޝްކާކައިރީގައި މަޑުކުރުމަށް އަތުން އިޝާރާތް ކުރުމަށްފަހު، މަންމަމެންގެ ކޮޓަރިއާދިމާލަށް ދުއްވައިގަތެވެ.

މައިޝާގޮސް ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސާލާފައި މަންމައާއި ބައްޕަ ދައްކާ ވާހަކަތައް އަޑުއަހަން ހުއްޓެވެ. މިޝްކާއަށް މައިޝާ މިކުރަނީ ކީއްކަމެއް އެއްގޮތަކަށްވެސް އެނގޭގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް މިޝްކާއިނީ މަންމަ ކީއެއްޗެހިން ދެރަވެ އެކަމާ ރޯށެވެ. މައިޝާ ދޮރުގައި ކަންފަތް ޖައސާލައިގެން ހުއްޓެވެ. ބައްޕަ ދައްކާ ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް ރީއްޗަށް މައިޝާއަށް އަޑުއިވެއެވެ. އަދި މަންމަ ކައިރީގައި ބައްޕަ ކިޔާ އަޑުއިވެއެވެ. ” ހަމަޖެހިބަލަ ނަފީސާ! ތެދެއް. އެއީ އަހަރެމެންނާ އެއްވެސް ގުޅުމެއްނެތް، ޢާއިލާއެއްގެ ހުރި ހަމައެކަނި ދަރިއެއް.” މައިޝާއަކަށް ބައްޕަ މިދައްކަނީ ކާކުގެ ވާހަކައެއްކަމެއް ނުވިސްނުނެވެ. ބައްޕަ އެވާހަކަ ދެއްކުމަށްފަހު ދެން މައިޝާއަށް އިވެންފެށީ ބައްޕަ ރޯއަޑެވެ. މައިޝާ ވަރަށް ދެރަވިއެވެ. އެހެންނަމަވެސް މައިޝާ ކެތްކޮށްލައިގެންހުރީ، ދެން ބައްޕަ ދައްކާ ވާހަކައަކުން އެދައްކަނީ ކާކުގެ ވާހަކައެއްކަން އެނގިދާނެކަމުގެ އުއްމީދުގައެވެ. އެހެންހުއްޓާ އަނެއްކާވެސް ބައްޕަ ވާހަކަދައްކަން ފެށިއެވެ. ” އެއީ ކިހާ ހިތާމަވެރިކޮށް ދިމާވިކަމެއް! އެއީ އަހަރެމެންނާއެކު ދަތުރެއްގަ ދިޔަ މީހެއް. އޭނާގެ އަނބިމީހާ ވަނީ ދަރިފުޅު ވިހެއުމުގެ ތެރޭގަ ނިޔާވެފަ. އޭނާއަކީވެސް ވަރަށް ބަލި މީހެއް. ހާރޓް ޕޭޝަންޓެއް. އެހެންނޫންތަ؟ އޭނާ މޭގަ ރިއްސިގޮތަށް އަހަރެންގެ ކައިރީގަ އިނީތީވެ، އަހަރެންގެ ފަރާތުން އެދުނީ އޭނާ މަރުވެގެން ދިޔަޔަސް އޭނާގެ ދަރިފުޅު މިޝްކާ އަހަރެންގެ ދަރިއެއްފަދައިން ބަލައިދިނުމަށް.”

މައިޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަމައެއާއިއެކު ކުޑަކުޑަ މައިޝާގެ ދެކޯތާފަތް އެކީއެކައްޗަކަށް ކަރުނުން ތެންމާލައިފިއެވެ. އެއީ މައިޝާ އެންމެ ލޯބިވި އޭނާގެ “ދޮންތި” މިޝްކާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ނޫންކަން އެނގުމުންނެވެ. ކޮންމެގޮތަކަށް ކަންތައްވީ ކަމުގައިވިޔަސް މައިޝާގެ ހިތުގައި މިޝްކާއާއިމެދު ވާލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ.

މައިޝާ ރޯތަންފެނި، މިޝްކާ ދުވެފައިއައިސް މައިޝާ ގައިގައި ބައްދާލައިފިއެވެ. އަދި އެހިއެވެ. “މައި ކޮއްކޯ! ކިހިނެތްވީ؟” މައިޝާ ރުއިން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. “ދޮންތީ! ދޮންތި ކޮއްކޮ ދޫކޮށްލާފައި އެއްވެސް ތަނަކަށް ނުދައްޗޭ އިނގޭ!” ދެންވެސް މައިޝާއަށް ފެށުނީ ރޯށެވެ. “އާއެކޭ! ދޮންތި ނުދާނަން. ކީއްކުރަން ދޮންތި ކޮއްކޮ ދޫކޮށްލާފަ ދާންވީ؟ ދެން ބުނެބަލަ. ކީއްވެތިރޮނީ؟” މިހެން މިޝްކާ ބުނުމުން، މައިޝާ މިޝްކާގެ އަތުގައި ހިފައިގެންގޮސް ގޭގެ ޖޯލިފަތީގައި އިށީނެވެ. އަދި ވަރަށް ހިތްވަރު ކޮށްފައި ވާހަކަފެށިއެވެ. “ދޮންތީ! ވަރަށް ބިރުގަނޭ މިވާހަކަ ބުނަން.” އެހިސާބަށް ބުނެފައި މައިޝާ ހުއްޓާލުމުން މިޝްކާ ސުވާލުކުރިއެވެ. “އެއީ؟” މައިޝާ ވާހަކަ ކިޔައިދޭންފެށިއެވެ. ” ދޮންތިގެ މަންމައާއި ބައްޕަ މިހާރު މިދުނިޔެއަކު ނެތް. ކޮއްކޮމެންނަކީ އަސްލު ދޮންތިއާއި ވަރަށް ދުރުހިލޭ ބައެއް.” މައިޝާގެ މިވާހަކަތައް ޤަބޫލުކުރަން މިޝްކާގެ ހިތްނުރުހުނެވެ. ނަމަވެސް މައިޝާ ތަކުރާރުކޮށް ބުނަން ފެށުމުން ޤަބޫލުކުރަން މަޖުބޫރުވިއެވެ.

“ތިއީ ކާކު ދައްކައިގެންއުޅޭ ވާހަކައެއް؟” މިޝްކާ މިހެން އަހާލަމުން މައިޝާއާއި ދިމާއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. “މިއީ ބައްޕަ ދެންމެ ކޮޓަރީގައިހުރެ މަންމަ ކައިރީގައި ބުނިއެއްޗެއް.” މައިޝާ ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ކިޔައިދިނުމުން މިޝްކާގެ ލޮލުން ކަރުނަ ފޭދެންފެށިއެވެ. އެއީ ނާޝިދު ކޮޓަރިން ނުކުމެގެން އައި ވަގުތެވެ. ” ކޮންވާހަކައެއް ތިދައްކަނީ ދެކުދިން؟” ނާޝިދު ހީލަމުން މިހެން އަހައިލިއެވެ. “ކޮބާތަ އަޅުގަނޑުގެ އަސްލު މަންމަ އާއި ބައްޕަ؟” މިޝްކާގެ ކުރެހިފައިވާ އަޑުން ސުވާލުކުރީ ނާޝިދުއާއެވެ. މިޝްކާ މިކުރި ސުވާލަށް ދޭނެޖަވާބެއް ނޭނގިފައި ހުއްޓާ މައިޝާ ވާހަކަދައްކަން ފެށިއެވެ. “ބައްޕާ! ބައްޕަ މަންމަކައިރީގައި ދެއްކި ހުރިހާ ވާހަކައެއް ކޮއްކޮއަށް އަޑުއިވުނު.” މިހެން ބުނުމުން ނާޝިދުއަށް ޙަޤީޤަތް ހާމަކުރަން މަޖްބޫރު ވިއެވެ. “އާނ. މިބައްޕައާއް މަންމައަށް މަޢާފުކުރޭ! ވަރަށް ގިނަ ދުވަސްވެއްޖެ މިވާހަކަ ނުދެއްކިގެން އުޅޭތާ.” އަދި ނާޝިދު މިޝްކާއަށް ހުރިހާވާހަކައެއް ހަޤީގަތަށް ކިޔައިދިނެވެ. އެވަގުތު ނަފީސާވެސް އައިސް އެތަނަށް ހުއްޓި މަޢާފަށް އެދުނެވެ.

މިޝްކާއަށް ކޮށްފައިވާ އަނިޔާތަކާއި، ބުނެފައިވާ ހިތްދަތި ބަސްތައް އެއްފަރާތްކޮށް، ނަފީސާއާއި ނާޝިދުއަށް މަޢާފުކުރުމަށްފަހު އަބަދުވެސް ހިތްހެޔޮކަމުގައި ބުންޏެވެ. އަދި އޭގެފަހުން އެގޭތެރެއަށް އައި ބަހާރުމޫސުމެއް ފަދައިން އެކުޑަކުޑަ ޢާއިލާ ވަރަށް ލޯތްބާއެކު އުފަލުގައި ދިރިއުޅެމުން ދިޔައެވެ. މިޝްކާ އޭނާގެ މަންމައާއި ބައްޕަ ނެތުމުން ކުރާ ހިތާމަތައް ފިލައިގެން ނުދިޔަސްވެހެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ދޮން

    ماشاء الله! ވ ރީތި.