Follow us on
ހޭނެތިފަ އޮންނަ މީހާއާއިމެދު ކަން ކުރާނީ ކިހިނެތް؟
| އަޙުމަދު އަނަސް

ހޭނެތިފައިވާ މީހާއަށް ބޭނުންވަނީ އެމީހާ ސަލާމަތުން ޞިއްހީ ގޮތުން ކިޔަވައިގެން ހުރި މީހަކާއި ހަމައަށް ގެންދިޔުމާއި ހަމައަށް އަޅާލުމެވެ. މިކަން މިހެން ކުރެވޭނީ ވަކި ޙާއްޞަ ގޮތަކަށެވެ. މިއޮތީ ތިމާގެ ކުރިމަތީގައި މީހެއް ހޭނެތުމުން ކުރެވިދާނެ ކަންކަމެވެ.

އިތުރު ނުރައްކަލެއްވޭތޯ ބެލުން

ހޭނެތިފައި އޮންނަ މީހާ ކައިރިއަށް ދިޔުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިތުރަށް އެމީހާއަށް ގެއްލުންވެދާނެފަދަ ނުރައްކަލެއް ވޭތޯ ބެލުމެވެ. އެގޮތުން މިފަދަ ނުރައްކަލެއް ވާނަމަ އެކަމެއް ރަނގަޅުކުރަން ވާނެއެވެ. ނުވަތަ ހޭނެތިފައި އޮންނަ މީހާ އެހެން ރައްކާތެރި ތަނަކަށް ގެންދަން ވާނެއެވެ.

އިޖާބަދޭތޯ ބެލުން
ހޭނެތިފައި އޮތް މީހާ ހޭނެތިފައިކަން ޔަގީން ކުރުމުގެ ގޮތުން އެމީހާ އިޖާބަދޭތޯ ބެލުން މުހިންމެވެ. އެގޮތުން “ކޮންނަމެއް ކިޔަނީ؟” “ލޯ ހުޅުވަބަލަ” މިފަދަ ގޮތްގޮތަށް ގޮވާލެވިދާނެއެވެ. މިއިން ސުވާލަކަށް ޖަވާބު ނުދޭނަމަ ކޮންޑުގައި ހިފާ ތަޅުވާލާށެވެ.

އެހީއަށް އެދި ގޮވުން
ހޭނެތިފައިވާ މީހާ ސަލާމަތުން ރިކަވަރީ ޕޮޒިޝަން އަށް ލުމަށްފަހު އެންމެ ކައިރިން ޞިއްހީ ޚިދުމަތް ލިބޭނެ ތަނަކަށް ގުޅަށް ޖެހޭނެއެވެ. ޞިއްޙީ ޚިދުމަތްދޭ ބައެއް އަންނަންދެން ހޭނެތިފައިވާ މީހާ ނޭވާލާތޯ އިރުއިރު ކޮޅުން ބަލަން ޖެހެއެވެ. ނޭވާ ހުއްޓިއްޖެނަމަ ސީ.ޕީ.އާރު ދޭން ވާނެއެވެ.

ނޭވާހޮޅި ހުޅުވާލުން
މީހާ ހޭނެތިފައި އޮންނައިރު އޮންނާނީ ހަށިގަނޑުން ވާގިގޮސްފައެވެ. އެހެންކަމުން ދޫއޮންނާނީ ނޭވާހޮޅީގެ މައްޗަށް ވެއްޓިފައެވެ. ނޭވާހޮޅި އޮންނާނީ ބަންދުވެފައެވެ. މިގޮތަށް 4 މިނެޓު ނުވަތަ އެއަށްވުރެން ގިނައިރު ވެއްޖެނަމަ މީހާއަށް ނޭވާނުލެވުމުގެ ސަބަބުން ސިކުނޑީގެ ހަތާތައް (ސެލްތައް) މަރުވާން ފަށާނެއެވެ. ސިކުންޑީގައި ހުންނަ ހަތާތަކަކީ މަރުވުމަށްފަހު އަލުން އުފެދޭ އެއްޗެއް ނޫނެވެ.

ނޭވާހޮޅި ހުޅުވާލުމަށް އެންމެ ފުރަތަމަ އެއް އަތް ހޭނެތިފައި އޮތް މީހާގެ ނިއްކުރި މަތީގައި ބާއްވާށެވެ. އެއަށްފަހު އެއަތުން މަޑުމަޑުން ފަހަތަށް އޮއްބާލާށެވެ. މިގޮތަށް ކަންކުރުމުން ހޭނެތިފައިވާ މީހާގެ ބޯ ފަހަތުން ލެނބޭނެއެވެ. އެއަށްފަހު އަނެއް އަތުން ހޭނެތިފައިވާ މީހާގެ ދަތްދޮޅީ ކައިރީގައި ޖެއްސުމަށްފަހު ހިތްލާލަށެވެ.

ނޭވާލާތޯ ބެލުން
ހޭނެތިފައި އޮތް މީހާ ނޭވާލާތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ނޭވާލާތޯ ބެލުމަށް މެޔަށް ނުވަތަ ބަނޑަށް ބެލިދާނެއެވެ. ނުވަތަ ނޭފަތުގެ ކައިރިން އިހުސާސްވޭތޯވެސް ބެލިދާނެއެވެ.

ރިކަވަރީ ޕޮޒިޝަން އަށް ލުން
ހޭނެތިފައިވާ މީހާ ރިކަވަރީ ޕޮޒިޝަން އަށް ލުމުން ވަރަށް ބޮޑަށް ފުރަތަ އެހީ ދިނުމަށް ފަސޭހަވާނެއެވެ. ރިކަވަރީ ޕޮޒިޝަންގައި އޮންނައިރު ނޭވާހޮޅި އޮންނާނީ ހުޅުވިފައެވެ. އަދި މީހާ އޮންނާނީ ރީއްޗަށް ބިންމަތީގައި ބޭއްވިފައެވެ.

ރިކަވަރީ ޕޮޒިޝަން

މަޢުލޫމާތު ފޯރުކޮށްދެވިފައިވަނީ: ދިވެހި ރެޑް ކްރެސެންޓް

ޚިޔާލު ފާޅުކުރައްވާ