Follow us on
ކީރިތި ޤުރުއާނުގެ އަލީގައި التقوى
| އަޙުމަދު ހުސައިން

التقوى

عرب ބަހުގައި تقوى ގެ މާނައަކީ އެހެން އެއްޗެއް ބޭނުންކޮށްގެން އެއްޗަކުން ސަލާމަތްވުމެވެ. ވީމާ وقاية އަކީ އެއްޗަކުން ނުވަތަ ކަމަކުން ސަލާމަތްވާނޭ އެހެން އެއްޗެއް ނުވަތަ މަގެއް ހޯދުމެވެ. ނުވަތަ ރައްކާތެރިވުމެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. «اِتَّقُوا النَّارَ وَلَو بِشِقِّ تَمْرِةٍ»[1] މާނައީ: “ކަދުރު އޮށެއްގެ ފަޅިވަރަކުންނަމަވެސް ނަރަކައިގެ އަލިފާނުން ސަލާމަތްވާށެވެ.” މި ޙަދީޘްފުޅުން ދޭހަކޮށްދެނީ ކަދުރު އޮށެއްފަދަ ކިތައްމެ ކުޑަ އެއްޗެއް ހޭދަކޮށްގެން ނަމަވެސް ނަރަކައިން ސަލާމަތްވާނެ މަގެއް ހޯދުމަށެވެ.

ޝަރުޢީ އިޞްޠިލާޙުގައި تقوى ގެ މާނައަކީ، ފާފަވެރިވަނިވި އެންމެހައި ކަމަކުން އެއްކިބާވެ ނަފްސު ރައްކާތެރިކުރުމެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ އެކަލާނގެ އަމުރުކުރެއްވި އެންމެހައި ކަންކަން ކޮށް އަދި ނަޙީ ކުރެއްވި އެންމެހައި ކަންކަމަކުން ސަލާމަތްވެ ރައްކާތެރިވުމެވެ. އެންމެ ކުރުކޮށް ދަންނަވަނީނަމަ تقوى ވެރި ކަމަކީ މާތް ﷲ އަށް ބިރުވެތިވުމެވެ. އަދި މާތް ﷲ އަޅުގަނޑުމެނަށް ކުރައްވާފައިވާ އެންމެ މަތިވެރި ވަޞިއްޔަތަކީ تقوى ވެރިވުމަށް އެކަލާނގެ ކުރައްވާފައިވާ ވަޞިއްޔަތެވެ. އެކަލާނގެ ވަޙީ ކުރައްވަނީ ﴿وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّـهَ﴾[2]  މާނައީ: “އަދި، ހަމަކަށަވަރުން، ﷲ އަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ.” ހަމައެފަދައިން ކޮންމެ ހަފްތާއެއްގެ ވެސް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ޖަމަޢަވާ އެންމެ ބޮޑު ޖަމާޢަތް ކަމުގައިވާ ހުކުރު ނަމާދުގެ ޚުޠުބާގައި ވެސް تقوى ވެރިވުމަށް ވަޞިއްޔަތްކުރަނީ މިކަމުގެ މަތިވެރި ކަމުންނެވެ.

ޤުރުއާނުގައި އައިސްފައިވާ ތަޤްވާވެރިންގެ ސިފަތަކަކީ ކޮބާ؟

އެކަލާނގެ ކީރިތި ޤުރުއާނުގައި “تقوى” މި ލަފުޡު 200 އަށް ވުރެ ގިނަ ފަހަރު ޛިކުރު ކުރައްވާފައިވެއެވެ. އަދި تقوى ވެރިންގެ ޞިފަތައް ޤުރުއާނުގެ އެކިތަންތާނގައި އެކި ގޮތްގޮތަށް ބަޔާން ކުރައްވާފައިވެއެވެ.

ޤުރުއާނުގެ އަލީގައި ތަޤްވާވެރިކަން

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّأَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ إِنَّ اللَّـهَ عَلِيمٌ خَبِيرٌ﴾[3]  މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.” މި އާޔަތުން ވަރަށް ސާފުކޮށް އެނގޭގޮތުގައި އެކަލާނގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ މީސްތަކުން ކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމައެފަދައިން އެކަލާނގެ މުއުމިނުތަކުންނަށް ޚާއްޞަ އަމުރަކުން تقوى ވެރިވުމަށް އަމުރުކުރައްވާ ވަޙީ ކުރައްވަނީ ﴿يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ أَنْ أَنذِرُوا أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاتَّقُونِ﴾[4]  މާނައީ: “އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمر ފުޅާއެކު، وحى އާއިގެން ملائكة ން ފޮނުއްވަތެވެ. (وحى ކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!” އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾[5] މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”

ކީރިތި ޤުރުއާނުގައި تقوى ގެ މާނަ އައިސްފައިވާ ގޮތްތައް

އެކަލާނގެ ޤުރުއާނުގައި تقوى ގެ މާނަ އެކި ގޮތްގޮތަށް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ޤުރުއާނުގައި  تقوى ގެ މާނަ ތަފާތު 5 ގޮތަކަށް އެކަލާނގެ ބަޔާންކުރައްވާފައިވެއެވެ.

1 ބިރުވެތިވުމާއި ބިރުގަތުން

އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ﴾[6] މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.”

2 އަޅުކަން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يُنَزِّلُ الْمَلآئِكَةَ بِالْرُّوحِ مِنْ أَمْرِهِ عَلَى مَن يَشَاءُ مِنْ عِبَادِهِ أَنْ أَنذِرُواْ أَنَّهُ لاَ إِلَـهَ إِلاَّ أَنَاْ فَاتَّقُونِ﴾[7] މާނައީ: “އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمرފުޅާއެކު، وحىއާއިގެން ملائكة ން ފޮނުއްވަތެވެ. (وحىކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ.”

3 ފާފަކުރުމުން އެއްކިބާވުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَأْتُواْ الْبُيُوتَ مِنْ أَبْوَابِهَا وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ﴾[8] މާނައި: “އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް تقوىވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”

4 ތައުޙީދު

އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿أُوْلَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ﴾[9] މާނައި: “އެއުރެންނަކީ އެއުރެންގެ ހިތްތައް ﷲ ، امتحان ކުރައްވައި، تقوىވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުށްޓެވެ.”

5 އިޚްލާޞްތެރިކަން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ذَلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ﴾[10] މާނައީ: “(ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ شعائرތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينى أمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ.”

ޤުރުއާނުގައި ﷲ ތަޢާލާ تقوى ވެރިންނަށް ކުރައްވާފައިވާ ވަޢުދު

މާތް ﷲ އަށް تقوى ވެރި މުއުމިނު އަޅުންނަށް އެކަލާނގެ ވަނީ އެތަނގެ ދަށުން ފެންކޯރުތައް ހިނގަހިނގައި އޮންނަ ސުވަރުގެތައް ތައްޔާރު ކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ ހެއްލުންތެރިންނާއި އަޅާބަލާއިރު تقوى ވެރިންނަށް ހުރި ސަވާބުގެ މަތިވެރިކަން އެކަލާނގެ ބަޔާންކުރައްވާފައިވެއެވެ. ﴿قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللَّـهِ ۗوَاللَّـهُ بَصِيرٌ بِالْعِبَادِ﴾[11]  މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) تقوى ވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ حال ގަޔެވެ. އަދި، طاهر ވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުށްޓެވެ. އަދި، ﷲ ގެ حضرة ން ރުއްސެވުން (އެއުރެންނަށް) ހުށްޓެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. “

تقوى ވެރިންނާއި، މާތް ﷲ ގެ އާޔަތްތަކާއި އެކަލާނގެ ރަސޫލާއަށް އީމާންވީ މީހުނަށް ހުރި ސަވާބުގެ މަތިވެރިކަން ބަޔާންކުރައްވާ އެކަލާނގެ ވަޙީ ކުރައްވަނީ ﴿قَالَ عَذَابِي أُصِيبُ بِهِ مَنْ أَشَاءُ ۖ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚفَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ﴾[12] މާނައީ: “އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب އެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ عذاب ކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، تقوى ވެރިވެ، زكاة ދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނަށް ތިމަންރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ﴿كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ﴾[13] މާނައީ: ” އެކަލާނގެ އަމިއްލަ ذات ފުޅުގެ މައްޗަށް رحمة ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. (އެބަހީ: އަޅުތަކުންނަށް رحمة ވަންތަވެވޮޑިގަތުމަކީ އެކަލާނގެ ذات ފުޅަށް އެކަލާނގެ ލާޒިމުކުރައްވާފައިވާ ކަމެކެވެ.”

تقوى ވެރިންގެ ވާހަކަ ބަޔާން ކުރައްވަމުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ﴾[14] މާނައީ: “ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން ﷲ ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ.” އެހެންކަމުން ތަޤްވާވެރިން އެކަލާނގެ މަގުން މީސްތަކުން ފުރައްދާ ޝައިޠާނާއަށް ވަރަށް ބޮޑަށް ފާރަ ވެރިވާނެއެވެ.

މިފަދަ އަޅުން ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ ﴿أَلَا إِنَّ أَوْلِيَاءَ اللَّـهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾[15] މާނައީ: “ދަންނާށެވެ! ހަމަކަށަވަރުން، ﷲ ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ”. އަދިވެސް އެކަލާނގެ ވަޙީކުރައްވަނީ ﴿إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾[16] މާނައީ: “ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲ އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.”

ތަޤްވާވެރިންގެ ސިފަތައް

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ تقوى ވެރިންގެ ހުރިހާ ސިފަތަކެއް މިފަދަ ބަޙުޘެއްގައި ހުށަހަޅައި ދިނުމަކީ އެކަށިގެންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ކީރިތި ޤުރުއާނުން ހޮވާލެވިފައިވާ ސިފަތަކެއް އަޅުގަނޑުގެ ޤާބިލުކަން ހުރި މިންވަރަކުން ހުށަހަޅައިދެވޭތޯ މަސައްކަތްކުރާނަމެވެ. إن شاء الله.

ޤުރުއާނުގައި ވާރިދުވެފައިވާ ތަޤްވާވެރިންގެ ސިފަތައް

تقوى ވެރިންގެ ސިފަތަކުގެ ތެރެއިން ޤުރުއާނުގައި ވާރިދުވެފައިވާ ވަރަށް މުޙިންމު 6 ސިފައެއް ވެއެވެ.

1 މާތް ﷲ އަށް އަޅުކަންކުރުން

އެކަލާނގެ ވަޙީކުރައްވަނީ ﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾[17] މާނައީ : “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”

2 ޤިޞާޞް ހިފުން

تقوى ވެރިންގެ ސިފައެއް ބަޔާން ކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ ﴿وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ﴾[18] މާނައީ: “އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.” އެކަލާނގެ މިއާޔަތުގައި ޙަޤީޤަތުގައި ބަޔާންކުރައްވަނީ ޤިޞާޞްގެ ޙުކުމް ތަންފީޛު ކުރާނީ ތަޤްވާވެރިންކަމެވެ.

3 ރޯދަހިފުން

ރޯދަ ހިފުމަކީ تقوى ވެރިންގެ މާތްވެގެންވާ ޞިފައެކެވެ. އެހެނީ ނަބަވީ އިރުޝާދުގެ އަލީގައި އަޅުގަނޑުމެނަސް އެނގޭގޮތުގައި ރޯދަހިފުމަކީ ޝަހުވަތްތައް މަނާކޮށް ހިތް މަޑުމޮޅި ކުރުވާ އަދި ކެތްތެރިވާން ދަސްކޮށްދޭ އަޅުކަމެކެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْتَتَّقُونَ ﴾[19] މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. “

4 އެކަލާނގެ ދެއްކެވި ސީދާމަގަށް ތަބަޢަވުން

ތެދުމަގުގައި ދެމިތިބުމަކީ އަޅުގަޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމަށް ކޮންމެހެން ބޭނުންކަމެކެވެ. އެގޮތުން އެއީ تقوى ވެރިންގެ މާތްވެގެންވާ ޞިފައެއް ކަމުގައި ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ ﴿وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ﴾[20]  މާނައީ: “އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.”

5 ވަރިކޮށްފައިވާ އަނބިމީހާއަށް ނަފަޤާ ދިނުން

تقوى ވެރިންގެ މައްޗަށްވާ ޙައްޤެއް ކަމުގައި ބަޔާންކޮށް އެކަލާނގެ ވަޙީކުރައްވަނީ ﴿وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ﴾[21]  މާނައީ: “ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި نفقات ދިނުން ހުށްޓެވެ. تقوى ވެރިންގެ މައްޗަށްވާ حق އެއްގެ ގޮތުގައެވެ.”

6 އަހުދުތަކުގެ މަތީގައި ދެމިތިބުން

މުސްލިމުންނަކީ މުޢާހަދާއެއްކޮށްފި ނަމަ އެއާއި ޚިލާފުވެގެންވާނެ ބައެއް ނޫންކަން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿إِلَّا الَّذِينَ عَاهَدتُّم مِّنَ الْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْئًا وَلَمْ يُظَاهِرُوا عَلَيْكُمْ أَحَدًا فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ﴾[22] މާނައީ: “مشرك ންގެ ތެރެއިން އެބަޔަކާ، ތިޔަބައިމީހުން معاهدة ކޮށްފައިވާ، އަދި އެއުރެން (އެ معاهدة އާމެދު) ތިޔަބައިމީހުންނަށް އެއްވެސްކަމެއް އުނިކޮށްފައިނުވާ އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސްމީހަކަށް އެހީވެ، ވާގިދީފައިނުވާ މީހުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންގެ މުއްދަތު ހަމަވަންދެން އެއުރެންގެ عهد ފުރިހަމަކުރާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ.”

ޚިޔާލު ފާޅުކުރައްވާ