Follow us on
ދިރުން ނެތް އެއްޗަކަށް އިނުމެއް ނެތެވެ!
| އަޙުމަދު އަނަސް

ދިވެހި ރަނގަޅު ގޮތް، މި ނަމުގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ލިޔުމެއް ގެނެސްދިނުމުގެ އުންމީދުގައި ކުރިޔަށް މި ގެންދާ ތޫރައިގެ ކިޔުންތެރިންނަށް އަޅުގަނޑު މަރުހަބާ ދަންނަވަމެވެ

ދިވެހިބަހަކީ ވަރަށް މުއްސަނދި ބަހެކެވެ. ދުވަހެއް ދުވަހަކަށް މުއްސަނދިކަން އިތުރުވަމުން އަންނަ ބަހެކެވެ. ދިވެހި ބަހަކީ އަޅުގަނޑުމެން ހުރިހައި ދިވެހީންގެ އަމިއްލަ ބަހެވެ. އަހަރުމެންގެ މާދަރީ ބަހެވެ. އަހަރުމެންގެ ގައުމީ ބަހެވެ. އަޅުގަނޑުމެން އެންމެން ވެސް އާންމުކޮށް ވާހަކަދައްކާ ބަސް ވެސް މެއެވެ. އެހެނަސް މިއަދު ބައެއް މީހުނަށް ދިވެހިބަހުގެ ހަމަތައް ރަނގަޅަށް ނޭނގޭ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ދާދި ފަހުން އަޅުގަނޑު ދިވެހި އޮންލައިން ނޫހެއްގައި އޮތް ރިޕޯޓެއް ކީމެވެ. އެ ރިޕޯޓު ކިޔައިފައި  އަޅުގަނޑު ފިސާރި ލަދުގަތެވެ. އަދި އެހައިމެ ރުޅިވެސް އައެވެ. ރިޕޯޓު ލިޔެފައި އޮތީ ބަހުގެ ހަމަތަކަށް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ. މީހަކަށް ކުށެއް ކުރެވިދާނެއެވެ. އެހެނަސް އެއީ ބޮޑުވަރެވެ. “ގޭއާއި ޖެހިގެން ގޯޅިވެސް އިނީއެވެ. ނުވިތާކަށް “ބަޑި” ވެސް އިނީއެވެ. އެ ނިމުނީކީއެއް ނޫނެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން “ގޭއާއި ޖެހިގެން” މިހެން ނުވެސް ބުނެވޭނެއެވެ. މި ޖުމުލައިގެ ރަނގަޅު ގޮތަކީ “ގެޔާއި ޖެހިގެން ގޯޅި އޮތީއެވެ”. ”ބަޑި” މިއީ ވެސް އިންނަ އެއްޗެއް ނޫނެވެ. އެއީ ވެސް އޮންނަ އެއްޗެކެވެ. ކޮޅަށް ބަހައްޓައިފި ނަމަ ހުންނަ އެއްޗެކެވެ. ގިނަ ނަމަ ހުންނަ އެއްޗެއްސެވެ. ވީމާ ރަނގަޅު ގޮތަކީ “ބަޑި އޮތީއެވެ” މިހެންވެ. މިފަދަ އެތައް ކުށެއް ހަމަ އެ ލިޔުމުން އަޅުގަނޑަށް ފާހަގަކުރެވުނެވެ.

ކަންކަން މިހެން ހުރުމާއެކު، އަޅުގަނޑު ކުޑަކުޑަ ދިރާސާއެއްކޮށްލީމެވެ. އެ ގޮތުން އެކިއެކި އުމުރުފުރާގެ ކުދިންނާ ވާހަކަދައްކައި ސުވާލުކޮށް ހެދީމެވެ. މި ދިރާސާއިން އަނެއްކާ ވެސް އަޅުގަނޑަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ކުރިން ރިޕޯޓަކުން ތަފާތު އެތައް މައްސަލައެއް ފާހަގަކުރެވިގެން ލިބުނު މާޔޫސްކަމެއްގެ ބޮޑުކަމުން ހަދާނެ ގޮތެއް ނޭނގިފައި ހުރި އަޅުގަނޑުގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއެވެ. ވާހަކަދެއްކި ކުދިންގެ ތެރެއިން 70 އިންސައްތަ ކުދިން “އިނުން” ބޭނުންކުރީ ނުބައިކޮށެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ސުކޫލުތަކުން ބަހުގެ ހަމަތަކާއި ރިވެތި އުސޫލުތަކާއި ހަމަތައް ކިޔައި ނުދެނީ ބާވައެވެ؟ ނުވަތަ ކުދިންނަށް ހަމަ  ދިވެހިބަހުގެ ހެޔޮ ގޮތްތައް ފަހުމު ނުވަނީ ހެއްޔެވެ؟

އަޅުގަނޑުގެ ދިރާސާގެ ނަތީޖާ

އުމުރު

ޖުމުލަ ސުވާލުކުރެވުނު ކުދިންގެ އަދަދު

އިނުން މިލަފުޒު ނުބައިކޮށް ބޭނުންކުރި ކުދިންގެ އަދަދު

10 3 2
13 5 3
16 3 2
18 2 1

ދިރާސާގެ ތެރެއިން އަޅުގަނޑަށް ޚާއްޞަ ކަންތައްތަކެއް ފާހަގަކުރެވުނެވެ. ހަމަ އެހެންމެ ފާހަގަކުރެވުނު ޖަވާބުތަކެއް ވެސް އެބަހުއްޓެވެ. ކުއްޖެއްގެ ގާތުގައި ކެމެރާ ކޮބައިހޭ އެހުމުން ދިން ޖަވާބު ހިއްސާކޮށްލާނަމެވެ. އުމުރުން 16 އަހަރުގެ މި ކުއްޖާ ޖަވާބުގައި ބުނީ “ކެމެރާ އިންނާނެ ކޮޓަރީގަ ޗާޖަށް ޖަހާފަ” މިހެންނެވެ. އަދި ކުއްޖެއް ގާތުގައި “މިއަދު ބައިސްކަލުގައި ތިއައީ ކީއްވެ؟” މިހެން އެހުމުން ބުނީ “މަންމަ ސައިކަލުގެ ހަން އިނީ ފަޅައިގެން ގޮސްފައި” މިހެންނެވެ.

މިހުރިހައި ކަންކަމަކީ ވެސް އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ ކަންކަމެވެ. މިކަންކަން ހައްލުކޮށްދޭކަށް އިތުރު ބައެއް ނެތެވެ. ހަމައެކަނި ތިބީ އަޅުގަނޑުމެން ދިވެހިންނެވެ. ޝައްކެއްނެތެވެ. ދިވެހިންގެ ބަސް ހިމާޔަތްކުރަން ޖެހޭނީ ދިވެހީންނެވެ.

“އިނުން” މިލަފުޒު ބޭނުންކުރުމުގައި ވިސްނިދާނެ ކަމެއް އެބައޮތެވެ. އެއީ “ދިރުންނެތް އެއްޗަކަށް އިނުމެއް ނެތެވެ” މިޖުމުލައެވެ. ދިރުމެއް ނެތް އެއްޗެއް ކޮޅަށް ހުރި ނަމަ ހުންނާނީއެވެ. ވެއްޓިފައި ނުވަތަ ބާއްވައިފައި އޮތް ނަމަ އޮންނާނީއެވެ. އެ އެއްޗެއް އިންނަ ޙާލަތެއް ނާންނާނެއެވެ.

އެހްނެ ވީމާ ދިވެހިބަހުން ވަހަކަ ދައްކާ އިރު ދިވެހިބަހުގެ ހަމަތަކާ މެދު ފިކުރުކޮށްލަމާ ހެއްޔެވެ؟ ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ އަޅުގަނޑުމެންގެ އުފަލަކަށް ހަދަމާ ހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ