Follow us on
ދިވެހިބަސް ނެތިހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި
| ފާތިމަތު ޝަފާ

ކިތަންމެ މަދު ބަޔަކު ވާހަކަ ދައްކައި އުޅޭ ކިތަންމެ ކުޑަބަހެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ދިވެހިބަހަކީ ވެސް ދުނިޔޭގެ ބަސްތަކުގެ ތެރެއިން ބަހެކެވެ. އެބަހަކަށް ޓަކައި ދިވެހި ކޮންމެ ދަރިޔަކު ފަޚުރުވެރިވާނޭ ބަހެކެވެ. ބަހެއްގައި ހުންނަންވާ ހުރިހާ ގޮތްތަކާއި ސިފަތަކެއް އަދި އަމިއްލަ އަކުރަކާއި ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ އަމިއްލަ އަޑަކާއި ރާގެއް އޮވެއެވެ. ނަމަވެސް ހިތާމަޔަކީ ޒަމާންތައް ބަދަލުވެ ކުރިއަރާ ދާއިރުވެސް އަޅުގަނޑުމެންގެ ދިވެހިބަސް ކުރިއަރާ ނުދިޔުމެވެ. ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުން ދާއިރުވެސް ދިވެހިބަސް ދިރެމުން ދާތަނެއް ނުފެނެއެވެ. ދިވެހިބަސް ދަނީ ނެތެމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބަހަކީ ދިވެހި ވަންތަކަން ދައްކައިދޭ އެންމެ މުހިންމު އެއް ބަޔަށް ވާއިރު، އަޅުގަނޑުމެންގެ ދިވެހިބަސް ނެތިގެން ގޮސްދާނެކަމުގެ ބިރުވެރިކަން އޮތުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހިބަސް ނެތިދިޔުމަށް މެދުވެރިވާ ބައިވަރު ސަބަބުތަކެއް އެބައޮތެވެ.

ވިސްނާލަމާތޯއެވެ! މިޒަމާނުގައި ގިނަ މައިންބަފައިން އެމީހުންގެ ދަރިންނަށް ގޮވާހަދަނީ “ބޭބީ” ފަދަ ނަންނަމުންނެވެ. ހަމައެއާއެކު އެކުދިންގެ މަންމަ އާއި ބައްޕަ އަށް “މަންމީ، ޑެޑީ” ފަދަ ނަންނަމުން މުއާމަލާތް ކުރަން ދަސްކޮށް ދިނުމަކީ އާމު ކަމެކެވެ. އެގޮތަށް “މަންމީ، ޑެޑީ” ކިޔަން ދަސްކޮށް ދިނުމުގެ ބަދަލުގައި ދިވެހި ބަހުން މަންމަ، ބައްޕަ ކިޔަން ދަރިންނަށް ދަސްކޮށްދެން އެބަޖެހެ އެވެ. އަދި “ބޭބީ” ކިޔައި ދަރިންނާ މުއާމަލާތް ކުރުމުގެ ބަދަލުގައި ދަރިފުޅާ ކިޔާ ދިވެހިބަހުން މުއާމަލާތް ކުރަން އާދަ ކުރަން އެބަޖެހެއެވެ. މިގޮތަށް އަމަލު ނުކުރެވިއްޖެ ދަރިން ބޮޑެތިވެ އެދަރިންގެ ދަރިންނަށް ވެސް ދަސްކޮށްދެވޭނީ އިނގިރޭސިބަހުން “މަންމީ، ޑެޑީ” ކިޔަންށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިބަސް ކުރިއެރުމަށް އެޅޭ ހުރަހެއް ކަމުގައި ވެގެންދެއެވެ.

އާދެ! ދިވެހި ދަރިންގެ ހިތްތަކުގައި ދިވެހިބަހަށް ވުރެ ބޮޑަށް އިނގިރޭސިބަހަށް އިސްކަމެއްދެވިފައިވާ ކަމާމެދު ޝައްކެތްނެތެވެ. ހިތާމަވެރި ހަޤީގަތަކީ އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައި ދިވެހިންގެ ފަޚުރެއްކަމުގައި ބުނާ ދިވެހިބަސް އެތްފަރާތް ކޮށްލާފައި އިނގިރޭސިބަހުން މުއާމަލާތް ކުރުމެވެ. ތެދެކެވެ، މި ޒަމާނުގައި ގިނަ ޒުވާންކުދިން، ދިވެހިން ވާހަކަ ދައްކަން ޖެހުމަކީ ފޫހިވެ، ލަދުގަންނަ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިހާރަކަށް އައިސް ދިވެހި ދަރިން އެކަކު އަނެކަކާ މުއާމަލާތް ކޮށް އުޅޭގޮތުގެ މިސާލަކަށް ބަލާލަމާ ހިނގާތޯއެވެ. “ޔޫ ކައިފިންތަ؟” ޖަވާބުގައި “އައި ނުކަނިގްސް” މިގޮތަށް ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނި ކޮށްގެން ވާހަކަ ދެއްކުމަކީ ދިވެހި ދަރިންގެ ކިބައިގައި ހަރުލާފަ ހުރި އާދައެކެވެ. މީ ވަރަށް ވެސް ދެރަކަމެކެވެ. ދިވެހިބަހަށް ކުރަންޖެހޭ އިޚްތިރާމާއި ޤަދަރު ގެއްލުވާލާ ކަމެކެވެ. އަޅުގަނޑުމެންގެ މިއަމަލު ހުއްޓައި ނުލައިފިނަމަ ދިވެހިބަސް ނެތިގެން ދާނެ ކަމާމެދު ޝައްކެތްނެތެވެ.

އާދޭހެވެ! ދިވެހިންގެ ފަޚްރުވެރި ދިވެހިބަސް ހިމާޔަތްކުރެވޭނީވެސް ހަމަ އަޅުގގަނޑުމެން ދިވެހިންނަށެވެ. މިކަމާމެދު ދިވެހި ކޮންމެ ދަރިޔަކުވެސް ވިސްނާލަން އެބަޖެހެއެވެ. މުއާމަލާތް ކުރުމުގައި އެހެނިހެން ބަސްތަކަށްވުރެ ދިވެހިބަހަށް އިސްކަމެއްދޭން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދިވެހިބަހަށް އިސްކަމެއްނުދެވިއްޖެ ނަމަ ދިވެހިބަސް ނެތިގެން ގޮސްދާނެކަމުގެ ބިރުވެރިކަން ވަރަށް ވެސް ބޮޑެވެ.

ޚިޔާލު ފާޅުކުރައްވާ