Follow us on
ވާހަކަ ފޯރި: ވާހަކަ މަންތްލީ ޗެލެންޖު – ޑިސެމްބަރ މަހަށް “ސުނާމީ ވާހަކަ”!
| އަޙުމަދު އަނަސް

ކުއްލިއަކަށް އެދުވަހު ހޭލެވުނީ ދައްތައެއް އައިސް ގާތުގައި ހުރެ ވަރަށް ބާރަށް ހަޅޭއްލަވާ އަޑަށެވެ. އެ ދައްތަ ކީ އެއްޗެއް އިނގޭވަރުވީ ތެދުވިފަހުންނެވެ. އޭރު ކޮޓަރީގެ ތެރެއަށް ލޮނުގަނޑު ވަދެ އެއްޗެހިތައް އޮޔާ ދަނީ އެވެ. ފުރަތަމައަށް ހީވީ ހުވަފެނެއްގައި އުޅެވުނީ ކަމަށެވެ. ރަނގަޅަށް ލޯ ހުޅުވައިލެވި ވާނުވާ ފިލީ ލޮނުގަނޑުގެ ތެރެއަށް ދެފައި ކޮއްޕާލައިގެން ތެދުވުމާއެކު އެވެ. ދެން އިވުނީ ބާރު އަޑުފައްގަނޑެކެވެ……..

ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު ވާހަކަ.ކޮމް އިން “ވާހަކަ މަންތްލީ ޗެލެންޖު” އޮންނަ ކަން އިއުލާނު ކުރުމާއެކު އަހަރެންވެސް ވާހަކައެއް ލިޔަން ފަށައިފީމެވެ. “ސުނާމީގެ ދުވަހުގައި އަހަރެން…..” މިނަމުގައެވެ.

ވާހަކަ މަންތްލީ ޗެލެންޖު ދަންނަމުހެއްޔެވެ؟ ފަހަރުގައި ނޭނގިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މިއުޅެނީ އޭގެ ވަނުވާ ކިޔާދޭށެވެ. ވާހަކަ މަންތްލީ ޗެލެންޖަކީ ލިޔުންތެރިންގެ ހުނަރުވެރިކަން ކުރިއަރުވައި، ލިޔުންތަކުގެ ފެންވަރު ތަރައްގީކުރުމަށާއި، ވާހަކަ.ކޮމްގެ ވާހަކަތަކުގެ ޚަޒާނާ އިތުރަށް މުއްސަނދިކުރުމަށް ވާހަކަ.ކޮމް އިން ކޮންމެ މަހަކު ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި އެކި މަހުގައި އޮންނާނީ އެކި ސުރުހީއެވެ. މިހިނގާ ޑިސެމްބަރ މަހުގެ ސުރުހީއަކީ “ސުނާމީ ވާހަކައެވެ”.

ސުނާމީގެ ނުރައްކާތެރި ރާޅުތަކުގެ ހަނދާން އެބަހުރި ހެއްޔެވެ؟ އެ ރާޅުތަކުގައި ކުރެވުނު އިހުސާސް ހިއްސާކޮށްލަން ބޭނުންފުޅުވާނަމަ ވާހަކަ.ކޮމްގެ މި މުބާރާތުގައި ބައިވެރިވެ 25ޑިސެމްބަރުގެ ކުރިން ފަސްސަތޭކަ ބަހަށް ވުރެ މަދުނުވާނެ ވާހަކައެއް ލިޔުއްވުމަށްފަހު ވާހަކަ.ކޮމް އަށް އަޕްލޯޑް ކުރައްވާށެވެ.

ލިޔުންތެރިން މި މުބާރާތުގެ ދަށުން އަޕްލޯޑްކުރައްވާ ވާހަކަތައް ޑިސެމްބަރ 26 ވަނަ ދުވަހު ވެބްސައިޓްގައި ޝާއިއުކުރެވޭނެނަމަށް ވާހަކަ.ކޮމް އިން ބުނެއެވެ. އަދި މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތް ޖެހިގެން އަންނަ ހަފްތާގައި އިއުލާންކުރެވޭނެކަމާއި އެއްވަނައަށް ދާ ފަރާތަކަށް އިނާމެއް ލިބޭނެކަމަށްވެސް ވަނީ ވާހަކަ.ކޮމް އިން އަޅުގަނޑާއި ޙިއްޞާ ކުރިއެވެ. ވަނަވަނައަށް ދާ ފަރާތް ހޮވާނީ ވާހަކައަށް ލިބިފައިވާ ޖުމްލަ ‘ލަވް” ރިއެކެޓް އަދި ވިއުސްގެ މައްޗަށްބެލުމަށް ފަހުގައެވެ.

ވާހަކަ މަންތްލީ ޗެލެންޖު މުބާރާތުގެ ގަވާއިދުތައް ތިރީގައި ބަޔާންކޮށްފައިވަނީއެވެ.

> ވާހަކަ ހުށައަޅަންވާނީ 25 ޑިސެމްބަރ 2017 ވާ ދުވަހުގެ ކުރިންނެވެ.
> ވާހަކަ ލިޔަންވާނީ ދިވެހި ބަހުންނެވެ.
> ވާހަކައިގައި މަދުވެގެން 500 ބަސް ހަމަވާން ވާނެއެވެ. މި ފަދައިން ބަސްތައް ހަމަނުވާ ވާހަކަތައް އުނިކުރެވޭނެެއެވެ.
> ކޮންމެ ލިޔުންތެރިއަކުވެސް އެއްވާހަކައަށް ވުރެ ގިނަ ވާހަކަތައް ލިޔެވޭނެއެވެ. ނަމަވެސް ވާހަކަތަކުގެ ވިއުސްތައް ގުނުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ.
> ހުށައަޅާ ވާހަކަ ވެގެންވާނީ ތިޔަފަރާތުގެ އަމިއްލަ ވާހަކައަށެވެ.
> މި މުބާރާތަށް ހަގީގީ އަދި ޚިޔާލީ ވާހަކަވެސް ހުށައެޅިދާނެއެވެ.

ވާހަކަ.ކޮމް ދަނީ ދިވެހި އޮންލައިން ވާހަކަ ވެބްސައިޓްތަކުގެ ތެރޭގައި ފިޔަޖަހާލާފައެވެ. އަޅުގަނޑުމެންނަށް މަޢުލޫމާތުދެމުން ވާހަކަ.ކޮމްގެ މޭސްތެރިޔާ އަދި މައިންޑް އާޓްސްގެ ވެރިޔާ، އަބްދުﷲ ޝަފީއު (އަބޯ) ބުނީ “އަދިވެސް ކަންކަން ކުރިޔަށް އޮތީ”ކަމަށެވެ. މިވަރުން ވާހަކަ.ކޮމް އަދި ނިންމާލަން ނެތްކަން މިކަމުން ހަމަ ރަނގަޅަށް ސާބިތުވެއެވެ.

ވާހަކަ.ކޮމް އިން މިހުރިހާ ކަމެއް ފަހިކޮށްދީފައި ވާއިރު ނުލިޔެ ތިބެންވީ ކީއްހުރަން ހެއްޔެވެ. ފޯނު ނޫނީ ލެޕްޓޮޕް ނަގާ އަވަހަށް ލިޔަން ފަށާށެވެ.

ވާހަކަ.ކޮމްގައި ލިޔަން ފަށަން

ޚިޔާލު ފާޅުކުރައްވާ