Follow us on
ސާފުތާހިރުކަމަކީ ކޮބާ؟
| މުޙައްމަދު މަޢޫން

ތިމާގެ ހަށިގަނޑާއި، ތިމާ ބޭނުންކުރާ އަންނައުނާއި، އުޅޭތަން ސާފުކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މިއީ އިސްލާމް ދީން ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ހަށިގަނޑު ސާފުތާހިރު ކަމަކީ މުޖުތަމަޢެއްގައި އުޅޭއިރު އެހެން މީހުންނަށް ތިމާގެ ފުށުން އުނދަގުލެއް ވިޔަ ނުދިނުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި މީގެ އިތުރުން ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ތަފާތު ހަމުގެ ބަލިތަކާއި އަދި އެހެނިހެން އެތަކެއް ބަލިތަކުން މިންޖު ކުރުވާނޭ ކަމެއްވެސް މެއެވެ.

ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި ދުވާލަކު ދެފަހަރު ނުވަތަ ތިން ފަހަރު ދަތް އުނގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ހެނދުނު ހޭލައިގެންނާއި، އަދި ނިދަން އޮށޯތުމުގެ ކުރިން ދަތްޕިލަ ރަގަޅަށް ސާފުކޮށް އުގުޅަން ވާނެއެވެ. ދަތްޕިލަ ރަގަޅަށް އުގުޅައި ސާފުކުރުމަކީ ދަތް ފަނިކެއުމުން ހިމާޔަތްކޮށްދީ، ހިރުގަނޑުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެކެވެ.

ކެއުމުގެ ކުރިންނާއި އަދި ފާޚާނާ ކުރުމަށްފަހު ދެއަތް ސައިބޯނިލައިގެން ރަނގަޅަށް ދޮވެ ސާފުކުރުމަކީ ސާފުތާހިރުކަމުގެގޮތުން  ކުރެވިދާނެކަމެކެވެ. މިގޮތަށް ޢަމަލު ކުރަން ޖެހެނީ ބެކްޓީރިއާ، ވައިރަސް ފަދަ ޖަރާސީމްގެ ބާވަތްތަކަކީ އަހަރެމެންނަށް ލޮލަށް ނުފެންނަ ކުދިކުދި އެއްޗިއްސަށްވެފައި، އެތަކެތީގެ ފުށުން ފެތުރޭ ބަލިތަކުން ހަށިގަނޑު ހިމާޔަތް ކުރުމަށްޓަކައެވެ.

ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ގިނަ ބަލިތަކަކީ ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކަށް ވީތީއެވެ.

ބޭރަށް ހިންގުން، ކޮލެރާ، ޝިގެއްލާ، ހެޕަޓައިޓިސް، ފަދަ ބަލިތަކަކީ ކާބޯ ތަކެތީގެ ސާފުތާހިރުކަމަށް ސަމާލުނުވެއްޖެނަމަ ފެތުރިދާނެ ބަލިތަކެވެ.

އަޅުގަނޑުމެން ދިރިއުޅޭ ގޯތިގެދޮރާއި ހިނގާބިނގާވެ އުޅޭ މަގުތަކަކީ ވެސް ސާފުތާހިރުތަންތަނަށް ހަދަންޖެހެއެވެ. މިކަންކަމަކީ އިސްލާމްދީންވެސް ނުހަނު ބޮޑަށް ބާރުއަޅާ ކަންތައްތަކެވެ.

ތިމާ ދިރިއުޅޭތަނުގެ ސާފްތާހިރުކަން ކުޑަވެއްޖެނަމަ، ނުރައްކާތެރި އެތައް ބައްޔެއް ފެތުރުމަށް ދިމާވެއެވެ.

ވުމާއެކު ހުރިހާ އެންމެންވެސް ފަރުދީ ގޮތުން ތިމާގެ އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވެ، އަދި މުޅި މުޖުތަމަޢުގެ ސާފްތާހިރުކަން ދެމެހެއްޓުމަށްވެސް މަސައްކަތްކުރަން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ