Follow us on
#ފަރުދީ ޒިންމާ: ތިމާވެށި ރައްކާތެރިކުރަމާ!
| މުޙައްމަދު މަޢޫން

އަޅުގަނޑުމެންގެ ރާއްޖެއަކީ ތިމާވެށީގެ ވަރަށް ނާޒުކު ގައުމެކެވެ. ރަށްރަށް އުފެދިފައި އޮތް ގޮތުންނާއި ފަރުތަކުގެ ނާޒުކުކަމުންނެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ. އެއީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.  އަޅުގަނޑުމެންގެ މިނާޒުކުތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއްކަމުގައި ދެކެންޖެހެއެވެ. މިގޮތުން ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ތިމާވެއްޓަށް ގެއްލުންދޭ ކޮންމެ ކަމަކުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދުރުވާންޖެހެއެވެ. މިގޮތުން މިރާއްޖޭގެ ކުދިރަށްތަކުގެ ގޮނޑުދޮށްތަކުންނާއި ފަރުތަކުން ވެއްޔާއި ގަލާއި އަކިރިފަދަ ތަކެތި ނެގުމުން އެންމެން ދުރުވާންޖެހެއެވެ. ފަރުތަކާއި ރީތިމޫދަށް ކުނިއެޅުމުން އެންމެންވެސް ދުރުވާންޖެހެއެވެ.

އުކާލެވޭ ކުންޏާއި އަންދާ ކުނީގެ ސަބަބުން ޖައްވަށް ވިހަ ގޭސް ތަކެއް ފެތުރިގެން ދެއެވެ. މިގޭސްތަކުގެ ސަބަބުން ދުނިޔެ ވަނީ ވަރަށް ބޮޑުތަން ހޫނު ގަދަވެފައެވެ. އެއީ ދުނިޔޭގެ ޖައްވުގައި ގިނަ ގްރީން ހައުސް ގޭސްތައް ފެތުރެމުން ދާތީއެވެ. ދުނިޔެ ވަށައިގެންވާ އޯޒޯން ފަށަލަ ވަނީ މިގޭސް ތަކުގެ ސަބަބުން ހަލާކުވެފައެވެ. މި އޯޒޯން ފަށަލައަކީ ނުރައްކާތެރި އަލްޓްރާވައިލެޓް އަލި ތަކުގެ ސަބަބުން ދުނިޔެ ރައްކާތެރިކޮށްދޭ ފަށަލައެވެ.

އެހެންކަމުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެންމެންވެސް ސަމާލުވާންޖެހެއެވެ. ރަށުގައި ކުނި އެޅުމަށް ވަކި ޚާއްސަ ތަނެއް ކަނޑައެޅިފައި ހުންނަނަމަ އެތަނަކަށް ކުނިއެޅުމަށް ސަމާލުވާންޖެހޭނެއެވެ.

ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ގަސް އިންދުން ގިނަ ކުރުމެވެ. ގަސްގަހާގެހީގެ ސަބަބުން ކަރބަންޑައިއޮކްސައިޑް ފަދަ ވިހަ ގޭސްތައް މަދުވެއެވެ. މިކަމުގެ ސަބަބުން ދުނިޔެ ހޫނުވުން ކުޑަކޮށްދެއެވެ. އަދި ގޮނޑުދޮށްތަކާއި ހޭޅިފަށުގައި ގަސްއިންދުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭން ވެއްޖެއެވެ. އެއީ ރާއްޖޭގެ ރަށްތައް ގިރުން ކުޑަ ކުރުމަށް ޓަކައެވެ.

މީގެއިތުރުން ކިޔަވާކުދިންނަށް ތިމާވެށި ހިމާޔަތް ކުރުމާއިބެހޭގޮތުން މުޖުތަމައުގެ އެހެން އަފްރާދުންނަށް މަޢުލޫމާތު ދެވިދާނެއެވެ.

ސުކޫލުތަކުގެ ތިމާވެށި ކުލަބުތަކުން ތިމާވެށި ހިމާޔަތްކުރުމާބެހޭ ޕޯސްޓަރުތަކާއި ލީފްލެޓްތައް ތައްޔާރުކުރެވިދާނެއެވެ.

ތިމާވެށި ރައްކާތެރި ކުރުމަށް ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ފެކްޓްރީތަކުން ބޭރުކުރާ ދުން މަދުކުރެވޭތޯ ބަލަންޖެހެއެވެ. ސޮއި ކޮށްފައިވާ މުއާހަދާތަކަށް އަމަލު ކުރާކަން އަމަލީގޮތުން ދައްކަން ޖެހެއެވެ. ރަށު ފެންވަރުގައި ނަމަ ކުނި އެންދުމުގައި ނުވަތަ ކުނިނައްތާލުމުގައި ރައްކާތެރި ގޮތްތަކެއް ހޯދިދާނެއެވެ.

ރާއްޖޭގެ ތިމާވެށި ސަލާމަތް ކުރުމަށް އެހެންބަޔަކު ނާންނާނެއެވެ. އެކަމަށް މަސައްކަތްކުރަން ތިބީ ހަމަ ދިވެހީންނެވެ. ވުމާއެކު ތިމާވެށި ރައްކާތެރިކުރުމަށް އެންމެން އަތުކުރި އޮޅާލައިގެން އެއްރޫހެއްގައި ކުރިއަށްދިއާން އެބަޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ