Follow us on
ޝާފިޢީ މަޛުހަބުގެ އިމާމް، އިމާމް ޝާފިޢީ
| އަޙުމަދު އަނަސް

:ޢިލްމީ ޚިދުމަތް

ޚިޖްރައިން 195 ގައި އިރާޤުގައި ވަޒަންވެރިވުމާ ހަމައަށް ޝާފިޢީގެފާނު މައްކާގައި އިލްމީ ޚިދުމަތް ކުރެއްވިއެވެ. މިދުވަސްވަރު އުޞޫލު އިލްމުގެ ރޮނގުން “އައްރިސާލް” މިނަމުގައި ފޮތެއް އެކުލަވާލެއްވިއެވެ. ޝާފިޢީގެފާނުގެ އިލްމީ ޚިދުމަތަށް ބަލާއިރު ފާގަހަކޮށްލަންޖެހެނީ އެކަލޭގެ ފާނަކީ އިރާޤުގައި އޮތް އަހުރުއް ރައުޔުންގެ ވިސްނުމާއި ހިޖާޒުގައިއޮތް ހަމައެކަނި ނައްސައްތަބާވުމުގެ ވިސްނުމާއިމެދު އުފެދިފައިވާ އަރާރުންތައް މައިތިރި ކުރިގޮތަށެވެ. މިކަން އެކަލޭގެފާނުގެ ފޮތްތަކުން ހާމަވެގެން ދެއެވެ. އިރާޤުގައި އެކަލޭގެ ފާނު “އަލްހުއްޖާ” މިނަމުގައި ފިޤުހުފޮތެއް ލިޔުއްވިއެވެ. އިރާޤުގައި އިލްމީ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު މިޞުރަށް އެނބުރި ވަޑައިގެންނެވީ ހިޖްރައިން 198 ވަނަ އަހަރުގައެވެ. އެދުވަސްވަރު “އަލްއުއްމު” މިނަމުގައި ފިޤުހު ފޮތެއް ލިޔުއްވިއެވެ.

ޝާފިއީގެފާނުގެ އިލްމުވެރިކަމާއިމެދު އިލްމުވެރިން އިއުތިރާފުވެ ވަޑައިގެންނެވިއެވެ. އަލްކަރާސީ ވިދާޅުވެފައިވެއެވެ. “އަހަރަމެންނަށް ޤުރުއާނަކީ ކޮބައިކަމާއި ސުންނަތަކީ ކޮބައިކަން ޝާފިއުގެފާނުގެ އަރިހުން އަޑުއަހައިފުމަށް ދާންދެން އެނގިފައި ނުވެއެވެ.” އިމާމު އަޙްމަދުބުނުހަންބަލު ވިދާޅުވިއެވެ. “އަހަރުމެންނަށް މުޖްމަލަކީ ކޮބައިކަމާއި، މުފައްޞަލަކީ  ކޮބައިކަމާއި، ހަދީޘްފުޅުގެ ނާސިހާއި މަންސޫހަކީ ކޮބައިކަންވެސް އެނގުނީ ޝާފިއުގެފާނުގެ އަރިހުން އުނގެނުމުންނެވެ.” މީގެއިތުރުން ހަދީޘް އިލްމުވެރިން ހޭލުންތެރި ކުރެއްވުމުގައިވެސް އެކަލޭގެފާނުގެ ދައުރު ބޮޑެވެ. މިކަން ބައެއް އިލްމުވެރިން ހާމަކުރައްވަނީ މިފަދައިންނެވެ. “އެއްވެސް ދުވަސްވަރެއްގައި ހަދީޘް އިލްމުވެރިން ހަދީޘް އިލްމާމެދު ވާހަކަ ދައްކަވާނަމަ އެދައްކަވަނީ ޝަފިއީގެފާނުގެ ދޫފުޅުންނެވެ.”

:ޞިފަފުޅުތައް

އެކަލޭގެފާނަކީ ވިސްނުންތޫނު ބޭކަލެކެވެ. ތަވާޟުވެރިކަމާއި، ޙައްޤު ޤަބޫލުކުރެއްވުމާއި، އަމާނާތްތެރިކަމާއި، އަދުލުވެރިކަމަކީ އެކަލޭގެފާނުގެ ހަރުދަނާކަމުގެ ސިފަތަކެވެ. މީގެ އިތުރުން ތަޤުވާވެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ ވިސްނުމާއި ފިކުރު ހެޔޮ ބޭކަލަކު ކަމުގައި ޝާފީގެ ފާނު ވިއެވެ.

:ޢިލްމު އުނގެނިވަޑައިގަތުން

އެންމެފުރަތަމަ މައްކާގެ ކުޑަކުދިން ޤުރުއާން ހިތުދަސްކުރުމަށް ދާތަނަކަށް ވަޑައިގެން އުމުރުން 7 އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ. ދެން، މަސްޖިދުލް ޙަރާމުގައި ޤުރްއާން ކިޔެވުމާއި، ތަފްސީރު އިލްމު ހޯއްދެވުން ފުރިހަމަ ކުރެއްވި އިރު އުމުރުފުޅަކީ 10 އަހަރެވެ. އަދި ހަމަ އެތާނގައި އޮންނަ ސުފްޔާބުންނުއުޔައިނާއާއި، މުސްލިމުބްނުޚާލިދުއްޒައްޖީގެ ދަރުސް ކުލާހުގައި ބައިވެރިވެ ވަޑައިގެން ހަދީޘް އިލްމާއި ފިޤްހު ޢިލްމު ޙާޟިލުކުރެއްވީ އޭގެފަހުންނެވެ.

އުމުރުފުޅުން 10 އަހަރު ފުޅުގައި މުވައްޠާ ވެސް ހިތުދަސް ކުރެއްވިއެވެ. އިމާމުމާލިކުގެ އަރިހުން މާލިކީ މަޛުހަބުގެ ފިޤުހު ޙާޞިލް ކުރެއްވީ މަސްޖިދުލް ޙަރަމުގައި ތަޢުލީމު ހޯއްދެވުމަށްފަހުގައެވެ. އިމާމުމާލިކުގެ އަރިހުގައި 9 އަހަރު ހުންނެވި އިރު މަދީނާގެ އެހެން ޢިލްމުވެރިންގެ އަރިހުންވެސް އުނގެނި ވަޑައިގެންފައިވެއެވެ. ހިޖްރައިން 179 ގައި އަލްއިމާމު މާލިކު އަވަހާރަވުމާއެކު ޝާފިއީގެފާނު އިރާޤަށް ވަޑައިގެން ޢިލްމު ހޯއްދެވުމަށް 2 އަހަރު ވޭތުކުރެއްވިއެވެ.

:ޝާފިޢީ މަޛްހަބު

ޝާފިޢީ މަޛުހަބަކީ ސުންނީ ޖަމާޢަތުގެ މަޛްހަބެކެވެ. އިމާމު ޝާފިއީގެފާނަކީ މިމަޛުހަބުގެ އިމާމެވެ. މި މަޛުހަބު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތުން ތިންވަނަ ކާފާފުޅު ކަމުގައިވާ ޝާފިޢުބްނުއްސާއިބުގެފާނެވެ. ޝާފިޢީ މަޛްހަބު ބިނާކުރައްވާފައިވާ އަޞްލުތަކަކީ، ކީރިތި ޤުރްއާން، ސުންނަތް، އިޖުމާއު އަދި ޤިޔާސެވެ. އަދި ޝާފިޢީފިޤުހަކީ އަހުލުލްޙަދީޘާއި އަހުލުއްރައުޔާ ދެމެދުގައިވާ މެދުމިން އިހްތިޔާރު ކޮށްފައިވާ ޢިލްމެއްމެއެވެ.

ޚިޔާލު ފާޅުކުރައްވާ