Follow us on
ދިވެހި ރަނގަޅުގޮތް: “ގަދަވަޔާއެކު ގެދޮރާއި ރުއްގަސް ވެރޭނީއެވެ” މިއީ ހަމަތެދެއް!
| އަޙުމަދު އަނަސް

ދިވެހި ރަނގަޅު ގޮތް، މި ނަމުގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ލިޔުމެއް ގެނެސްދިނުމުގެ އުންމީދުގައި ކުރިޔަށް މި ގެންދާ ތޫރައިގެ ކިޔުންތެރިންނަށް އަޅުގަނޑު މަރުހަބާ ދަންނަވަމެވެ

ޑިސެމްބަރ 1ވަނަ ދުވަހު ދިވެހި ބަހުގެ އެކެޑެމީގެ ފޭސްބުކް ޕޭޖުން ގަދަވަޔާއެކު ގެދޮރާއި ރުއްގަސް ވެރޭނީކަމަސް އިޢުލާނު ކުރުމާއެކު މީސް މީޑިއާގެ ތެރޭގައި މިކަމާއި ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފައެވެ. މީގެތެރެއިން ގިނައީ ފާޑުކިޔުންތަކެވެ.

ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރައްވާ!divehibas heyo gothugai beynunkuravvaa!

Posted by Dhivehibahuge Ekedamee on Thursday, 30 November 2017

އެކަކު ޤަބޫލުނުކުރިޔަސް އެއީ ހަމަތެދެކެވެ. ގަދަވަޔާއެކު ގެދޮރާއި ރުއްގަސް ވެރޭނީއެވެ. “ރުއްގަސް” ނުވަތަ “ގެދޮރު” މިދެލަފުޒަކީ އެކައްޗަށްވުރެ ގިނަވުމުން ބޭނުންކުރާ ދެލަފުޒެއެވެ. ހަމައެހެންމެ “ވެރުން” މިލަފުޒުވެސް ބޭނުންކުރަނީ އެކެއްޗަށްވުރެ ގިނައެއްޗިއްސަށް ނިސްބަތްކުރާއިރުއެވެ. މިސާލަކަށް “އަހަރެމެން ގޭގައި ހުރި އަނބުގަސް ވެރިއްޖެއެވެ.” މިއީ ނުބައިގޮތެކެވެ. އަނބުގަހަކީ އެންމެ ގަހެކެވެ. އެހެންގޮތަކަށް ބުނާނަމަ “singular noun” އެކެވެ. އެހެންވީމާ އަނބުގަސް ވެއްޓޭނީއެވެ. އެހެންނަމަވެސް “އަހަރެމެން ގޭގައިހުރި އަނބުގަސްތައް ވެރިއްޖެއެވެ.” މިހާލަތުގައި ބޭނުންކުރަންޖެހޭނީ “ވެރުން” މިލަފުޒެވެ. އެއީ “އަނބުގަސްތައް” މިލަފުޒު ނިސްބަތްވަނީ ބައިވަރު އަނބުގަހަށްކަމަށް ވާތީއެވެ. އެހެންގޮތަކަށް ބުނާނަމަ “އަނބުގަސްތައް” މިލަފުޒަކީ “plural noun” އެކެވެ.

މިފަދަ ހާލަތްތަކުގައި “ވެރުން” މިލަފުޒު ބޭނުންކުރަން ފެށީ އަދަކު އިއްޔެއަކު ނޫނެވެ. ރަސްގެތީމު ލޯފަން އީސަ ހެއްދެވި ބޮޑު ވިއްސާރަ ރައިވަރުގައިވެސް ހަމަ މިފަދައިން ބޭނުންކޮށްފައިވެއެވެ.

ރަސްގެތީމު ލޯފަން އީސަ ހެއްދެވި ރައިވަރު: ބޮޑު ވިއްސާރަ ރައިވަރުން

Posted by Dhivehibahuge Ekedamee on Thursday, 30 November 2017

ބަހުގެ އެކެޑަމީއިން މިގޮތަށް އިޢުލާނުކުރުމާއެކު އެއެކެޑަމީގެ ރާއިސް، އަލްފާޟިލް އަޝްރަފް އަލީއާއި ދިމާއަށް މަލާމަތްކުރި މީހުންވެސް މަދެއްނޫނެވެ. ދިވެހި ބަހަކީ އަޝްރަފް އަލީ ބޭނުންގޮތެއް ހަދާ އެއްޗެއްކަމަށް އެތަށްބަޔަކު ބުނަމުންދިޔައެވެ. އެހެންނަމަވެސް މިފަދަ ހުރިހާ ކަމަކަށްފަހުވެސް އަޝްރަފް އަލީ ވަނީ ކުރިންވެސް ބުނުއްވި ބަހުގައި ހިފަހައްޓާ އެންމެނަށް އެކަން ރަނގަޅަށް ފަހުމުކޮށްދެވޭތޯ މަސައްކަތްކޮށްފައެވެ.

އަޅުގަނޑު ދެކޭގޮތުގައި މިގޮތަށް މީހުން އަމަލުކުރަމުން މިދަނީ ނުވިސްނޭތީއެވެ. ޤަބޫލުކުރަން ބޭނުންނުވާތީއެވެ. އަނެކާ ބުނާއެއްޗެއް ޤަބޫލުކޮށްފިނަމަ ތިމާގެ އަގުވެއްޓޭނެކަމަށް ބައެއް މީހުން ޤަބޫލުކުރާތީއެވެ.

އަދިވެސް އެއްފަހަރު ބުނަމެވެ. އެންމެ ގަހެއް ނުވަތަ އެންމެ ގެއެއްނަމަ ވެއްޓޭނީއެވެ. ބައިވަރު ގަސް ނުވަތަ ބައިވަރު ގެ ނަމަ ވެރޭނީއެވެ.

:ދިވެހި ރަނގަޅުގޮތް، މި ތޫރައިގައި ކުރިން ގެނެސްދެވިފައިވާ ބައެއް ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ