Follow us on
އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެކެވެ.
| އަޙުމަދު އަނަސް

ދުވަސްވަރަކީ ރަށުގެ ކޮންމެ އަހަރެއްގައިވެސް ބާއްވާ ޔޫތު ފުޓުބޯޅަ މުބާރާތަށް ރަށުން އެކި އެކި ޓީމުތަށް ހަދަމުން ދިޔަ ދުވަސްވަރެވެ. އަޒްމީން އަކީ ފުޓްބޯޅައަށް ވަރަށް ޝައުގު ހުންނަ ޒުވާނެކެވެ. އަޒްމީން ކުޅިވަރަށް މި ހުންނަ ފޯރިއެއްގެ ސަބަބުން އަޒްމީންވެސް ޓީމެއް ހަދައިފިއެވެ. ނަމަވެސް އެހެން ޓީމުތަކާއި ޚިލާފަށް މިޓީމުގެ ކުޅުންތެރިންގެ މެދުގައި އެއްވެސް ވަރަކަށް އެކުވެރިކަމެއް ނޯވެއެވެ.

މުބާރާތް ފެށިއެޖެއެވެ. އަޒްމީންގެ ޓީމްގެ މެޗު އޮންނަ ދުވަސް އައިސް ޖެހިއްޖެއެވެ. ޓީމްއެއްކޮށް ދަނޑަށް ހާޒިރުވެ މެޗު ފެށިއްޖެއެވެ. ނަމަވެސް ކޮންމެ މީހެއްވެސް ބަލަނީ އަމީއްލައަށް ކުޅެ ގޯލް ޖެހޭތޯއެވެ. އެއްވެސް މީހަކު އަނެކާ ދައްކާ ވާހަކައިގެ އަޑެއް ނާހައެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ޓީމުން ގޯލްޖެހުމަށް ފަސޭހަވެގެން ދިޔައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެއެވެ. ނަމަވެސް ނަތީޖާއަކީ އެހާ ކަމުދާ ނަތީޖާއެއްނޫނެވެ. ސަބަބުތަކަކާ ނުލައެއްވެސް ނޫނެވެ. ކުޅުންތެރިންގެ މެދުގައި އެކުވެރިކަމޭ މިކިޔޭ ކަމުގެ ހަމަ ތަންފުކެއްވެސް ނެތެވެ.

ދެވަނަ ހާފުގައި ކުޅޭނެ ގޮތާމެދު ވާހަކަ ދައްކަން ފަށައިފިއެވެ. މިހެން ވާހަކަދައްކަމުންގޮސް ﷲ ގެ އިރާދަފުޅާއެކު ޓީމުގެ ހުރިހާ ކުޅުންތެރިން އެއްގަަކަށް އަރާ އެކުވެރި އެއްބައިވަންތަވެ މުޅިން ޖޯޝު އާވެގެން ދިޔައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިއްޖެއެެވެ. އަޒްމީންގެ ޓީމުގެ ކުޅުން ވަރަށްވެސް ރަނގަޅެވެ. މެޗު ނިމިގެން ދިޔައީ އެންމެން ވެސް ބޭނުންވާ ވަރުގެ ނަތީޖާ އަކާއި އެކުގައެވެ. އަޒްމީންގެ ޓީމު މޮޅު ވީއެވެ.

އަޒްމީންގެ ޓީމަށް އެވީ ކިހިނެތްކަން އެނގޭ ހެއްޔެވެ. ފުރަތަމަ ހާފުގައި އެކުވެރިކަން ނެތުމުން އެ ޓީމުގައި ބާރެއްނެތީއެވެ. ނަމަވެސް ދެވަނަ ހާފުގައި އެކުވެރިކަން އޮތުމުން އެ ޓީމުގެ ބާރު ގަދަވީއެވެ. ދަންނައެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެެވެ.

ޚިޔާލު ފާޅުކުރައްވާ