Follow us on
މިފަހަރު މިއޮތީ ކެބިން ކުރޫއެއް ވެލައެއް ސަލާމަތްކުރާ ވީޑިއޯއެއް
| އަޙުމަދު އަނަސް

މަސް ހިފުމަށާއި އެހެނިހެން ކަންކަމު ކަނޑަށް ދޫކޮށްލާފައި ހުންނަ ދާތަކުގައި ވެލާ ޖެހި ސަލާމަތް ނުވެވި ހުންނަ ތަން ފެންނަނީ މަދެއް ކޮށެއް ނޫނެވެ. މިހާރަކަށް އައިސް ދަލުގައި ޖެހިފައި ހުންނަ ވެލާ ސަލާމަތް ކުރާ ވީޑިއޯތައް މީސް މީޑިއާއިން ވަރަށް ގިނައިން ފެނެއެވެ. އަނެއްކާވެސް މިއޮތީ މިފަދަ ވީޑިއޯ އެކެވެ. މިފަހަރު މިއީވެސް ހަމަ ދަލެއްގައި ޖެހިފައި އޮތް ވެލައެކެވެ. އެހެނަސް އެވެލާ ސަލާމަތްކޮށްދިނީ  ޓްރާސް މޯލްޑިވްސް ސީޕްލޭން އެއްގެ ކެބިން ކުރޫއެކެވެ.

ޓްރާސް މޯލްޑިވްސްގައި މަސައްކަތްކުރާ ފަސްޓް އޮފިސަރ އަހުމަދު އަމްޖަދު މުސްތަފާ، ފޭސްބުކުގައި އަޕްލޯޑުކޮށްފައިވާ މިވީޑިއޯއިން ފެންނަނީ އެ އެއަރލައިންގެ ކެބިންކުރޫ، އިބްރާހިމް މުހައްމަދު ދަލެއްގައި ޖެހިފައި އޮތް ވެލައެއް މޫދުން ނަގައި، ސީޕްލޭންގެ ކަނދު މަތީގައި ބާއްވާ ތަނެވެ. އަދި އެދާގަނޑު ނެއްޓޭތޯ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ދާގަނޑު އޮޅިފައި އޮތްވަރުން ނުއެއް ނެއްޓެއެވެ. އަދި ހަމައެހެންމެ އެވެލާ “cocoon maldives” އަށް ގެންގޮސް، އެ ދާގަނޑުން ސަލާމަތްކޮށް ދޫކޮށްލާ ވީޑިއޯވެސް އަޕްލޯޑުކޮށްފައި ވެއެވެ. އިބުރާހިމް މުހައްމަދު އެވެލާ ސަލާމަތް ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ކުރީވެސް ސީޕްލޭން މޫދުތެރޭގައި ދުއްވަ ދުއްވާ އޮއްވައި، ސީޕްލޭނެ ކަނދެއްގެ މަތީގައި ހުރެއެވެއެވެ. ވުމާއެކު އިބުރާހިމް މުހައްމަދަކީ ހިތްވަރުގަދަ ޒުވާނެއްކަން ޔަގީނެވެ. އެއީ ހަމަ “ހީރޯ” އެކެވެ.

Yep. We were able to save him. 😎

Posted by Ahmeen Amjad Musthfa on Sunday, 24 December 2017

ސީޕްލޭންގެ ފަސްޓް އޮފިސަރ އަހުމަދު އަމްޖަދު މުސްތަފާ މަޢުލޫމާތު ދެމުން ބުނީ “cocoon maldives”ގައި ޓެކްސީ ކުރަން އުޅުމުގެ ތެރޭގައި ދާގަނޑެއް އޮޅިފައި އޮތް ވެލައެއް ފެނިގެން އެ ވެލަޔަށް އެހީވުމަށް މަޑުކުރީކަމަށެވެ.

ވެލާ ކަހަނބަކީ ކަނޑުގެ މާޙައުލުގައިވާ ދިރުންތައް ދެމެހެއްޓުމަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ހަމަ އެހެންމެ ފަތުރުވެރިންގެ މަޤުބޫލުކަން ވަރަށް ބޮޑަށް ލިބިގެންދާ އެއްޗެކެވެ. ވުމާއެކު ވެލާ ކަހަނބު ޙިމާޔަތް ކުރުމަކީ ރާއްޖޭގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަކަމެކެވެ. އެހެންނަމަވެސް ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން ވެލާ ކަހަނބަށް އެކި އެކި ގޯނާ ލިބެމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ