Follow us on
ތަނަވަސްކަމުގައި އުރެދުންތެރިނުވާށެވެ.
| މުޙައްމަދު މަޢޫން

ލޯބިވުން،އަދި އުއްމީދުކުރުން އަދި ބިރުވެތިވުން މިއީ އިންސާނުންގެ ޠަބީޢީ ސިފަތަކެކެވެ.  އިސްލާމީ އަޤީދާ މި ތިން ސިފައަށްވެސް ވަރަށް ބޮޑަށް ރިޢާޔަތްކުރެއެވެ.  މުސްލިމުންގެ އަޤީދާ ގޮވާލަނީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުއްމީދުކުރުމަށެވެ. އަދި އެކަލާނގެ އަޒާބަށް ބިރުވެތިވުމަށެވެ.  އަދި ތިމާ އެންމެ ލޯބިވާ ފަރާތަކީ މާތްﷲ ކަމުގައި ހެދުމަށެވެ. އަޅުކަމުގައި ކުރިޔަށްގެންގޮސްދޭ ބާރަކީ މިއެވެ.  އަދި އަޅުކަމުގެ ނާރެހަކީވެސް މިއެވެ.  މި މަފްހޫމް ތިލަކޮށްދެއްވަމުން އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ މުއުމިނާ ﷲ ހަޞްރަތަށް ކުރާ ދަތުރުގައި އޭނާގެ ހިތުގެ މިސާލަކީ ދޫންޏެއްގެ މިސާލެވެ. އެދޫނީގެ ބޮލަކީ ލޯތްބެވެ.  އަދި ކަނާތު ވަރަޔަކީ އުއްމީދެވެ. ﷲ ގެ ރަޙްމަތަށް އުއްމީދުކުރުމެވެ. ވާތު ވަރަޔަކީ އެއިލާހުގެ އަޒާބަށް ބިރުވެތިވުމެވެ.  މި ތިން ބައި ރަނގަޅަށް ހުންނަ މީހާ، ފައްސިޔައިގައި ދަތުރުކޮށްފައިވާ ދޯންޏެއްގެ މިސާލެވެ.

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49)
ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!

وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ (50)
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.
ސޫރަތުލް ޙިޖުރު

އިރުމަތިން ނަލަނަލަ ހިތްފަސޭހަ ގޮތެެއްގައި ވައި ރޯޅި ޖެހެމުން ގޮސް ގޮސް ހުއްޓާ، ކުއްލިއަކަށް މުޅި އުދަރެސް ކަޅު ވިލާތަކުން ބައްދާލާ ދުވަސްދުވަހާއި އަޅުގަނޑުމެންނާއި ކުރިމަތިނުވޭތޯއެވެ؟

އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ނިޢުމަތްތައް އަޅުގަނޑުމެންގެ އަތުން ބައެއްފަހަރު ބީވެގެންދަނީވެސް ހަމަމިފަދަ ގޮތަކަށެވެ. އެހެންކަމުން ނިޢުމަތްތައް ދެއްވި އިލާހުގެ މަތިން ތަނަވަސްކަމުގައިވެސް ގިނަގިނައިން ހަނދާންކުރާންޖެހެއެވެ. ތިމާގެ މުސީބާތްތައް ފިލާގޮސް، އުއްމީދުތަން ޙާސިލްވާންފެށުމުން ﷲ ގެ މަތިން ބައެއް މީހުން ހަނދާންނެތި، ނަމާދު އަޅާ، އުރެދުންތަކަށް އަރައިގަންނަން ބައެއް މީހުން ފަށައެވެ.

ﷲއަށް އަޅާ އުރެދޭ ޙާލުވެސް ، އަޅަކަށް ތަނަވަސްކަން ދެއްވަމުން ގެންދިޔުމަކީ އިސްތިދުރާޖުކުރެއްވުމެވެ.

ބޮޑެތި ފާފައާ ބެހޭގޮތުން  ރަސޫލާ(ޞ.އ.ވ) ސުވާލުކުރެވުމުން ހަދީސް ކުރެއްވިއެވެ.

( الشرك بالله، واليأس من روح الله، والأمن من مكر الله )
 މާނައީ:  (ﷲއަށް ޝަރީކުކުރުމާއި، ﷲގެ ރަޙުމަތުން އުންމީދުކަނޑާލުމާއި، ﷲގެ ތަދުބީރުފުޅުން އަމާންވެގަތުމެވެ.)

ﷲގެ ތަދުބީރުފުޅުން އަމާންވެގަތުމަކީ ތަނަވަސްކަމާއި ފާގަތިކަމުގައި މާތްﷲއަށް އުރެދުންތެރިވުމެވެ.

ފާގަތިކަމުގައި ﷲ އަށް ކިޔަމަންތެރިވުން އިސްކުރާކަމުގައިވަނީނަމަ، ތިމާގެ ނިޢުމަތްތައް އިތުރުކޮށްދެއްްވަވާނެއެވެ.

ކީރިތި ޤުރުއާނުގެ އިބުރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވަނީ:

وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
“އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮއްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް އިތުރުކޮއްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ

އެހެންކަމުން އަޅުގަނޑުމެން ﷲ ގެ ތަދުބީރުފުޅަށް އަމާންނުވެ، އަބަދުވެސް ﷲގެ ރަޙްމަތަށް އުއްމީދުކުރާ ޙާލު އެކަލާނގެއަށް ބިރުވެތިވާންޖެހޭނެއެވެ. ނިޢުމަތްތައް ދެމެހެއްޓެވުން އެދި ދުޢާކުރަންޖެހޭނެއެވެ.

((اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ))
[أخرجه مسلم 96 – (2739)]
މާނައީ: ”  މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.”

(why me?)

ތިމާއަށް ކުރިމަތިވެފައިވާ މުޞީބާތްތަކެއްގެ ސަބަބުން ﷲ ތަޢާލާގެ ޤަޟާ ޤަދަރަށް ނުރުހުންވެ، ﷲ ތަޢާލާ ވުޖޫދުގައިނުވާ ކަމަށް ޤަބޫލުކުރާ ހިސާބަށްދެއެވެ. ނުވަތަ ﷲ ތަޢާލާގެ ޢަދުލުވެރިކަމާއިމެދު ސުވާލުކޮށް، ތިމަންނައަށް މި މުޞީބާތްމެދުވެރިވާންވީ ކީއްވެހޭ ބުނާ ހިސާބަށްދެއެވެ. (why me?)

މިކަމަކީ މިޒަމާނަށް ޚާއްސަ ކަމެއްނޫނެވެ.

 މިފަދަ ބައެއް މީހުންގެ ޚަބަރުތައް ﷲ ތަޢާލާ ޤުރުއާނުގައިދެއްވާފައިވެއެވެ. މިގޮތުން ތަޤްވާވެރިކަމާއެކު އަޅުވެރިކޮށް އުޅެފަ، މުޞީބާތެއް މެދުވެރިވުމުން އަޅުކަންކުރުން ދޫކޮށްލާ ނުބައިމަގަށް ކައްސާލާ މީހުންގެ ވާހަކަ ބަޔާންކުރައްވަމުން ﷲ ވަޙީކުރައްވައިފައިވަނީ:

وَمِنَ النَّاسِ مَن يَعْبُدُ اللَّـهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ﴿١١﴾

شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ.

ސޫރަތުލް ޙައްޖު 11

މި އާޔަތް ތަފްސީރުކޮށްދެއްވަމުން އައްޝެއިޙް ޢަބްދުއްރަޙްމާން އިބްނި އައްސަޢްދީ رحمه الله ވިދާޅުވެފައިވެއެވެ.

ބައެއް މީހުންނަކީ އީމާންކަން ވަރަށް ބަލިކަށި މީހުންނެވެ. އެފަދަ މީހުންގެ ހިތަށް އީމާންކަމެއްނުވަދެއެވެ. ދީނުގެ އަޅުކަންތައްތައް ތިމާ އުޅޭ ރަށުގެ މީހުންފަދައިން ކުރަމުންދެއެވެ. އެފަދަ މީހުންނަށް މުޞީބާތެއްކުރިމަތިވެއްޖެނަމަ، މާޔޫސްވެ، ދީނުގެ އަޅުކަންތައްތައް މަތިން ފޫހިވެ ދީނާއި ދުރުވެއެވެ. އެފަދަ މީހުންނަށް ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޚާންތަކުގެ ކުރިމަތީގައި ސާބިތުވެ ކެތްތެރިއެއްނުވެއެވެ. މުޞީބާތެއްކުރިމަތިނުވެ، ފުރިހަމަކަމާއެކު ރިޒުޤު ލިބެމުންދާނަމަ، އޭނާ ދީންވެރިކަމާއެކު އުޅެއެވެ. އެކަމަކު މުޞީބާތެއްޖެހޭއިރަށް، މާޔޫސްވެ، ދީނުގެ އަޅުކަންތައްތައް މަތިން ފޫހިވެ ދީނާއި ދުރުވެއެވެ.

ޚިޔާލު ފާޅުކުރައްވާ