Follow us on
މަރުވެދާނޭ މާދަމާ ގައިމޭ
| މިންމި

މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލިވެފަ ހުރި ނަމަވެސް އަހަރެންނަށް ނިދޭގޮތެއް ނުވިއެވެ. ކޮންމެ ރެޔަކުވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމާއާ ދޭތެރޭ ވިސްނާފަ އިތުރަށް މާޔޫސްވަނީއެވެ. ސަމާއާ ދޭތެރޭ އަހަރެންނަށް ނުވިސްނޭ އެންމެ ރެޔެއްވެސް ނުދެއެވެ. އެހަނދާން ތަކާ އަހަރެންނަށް ދުރަށް ދެވޭގޮތެއްވެސް ނުވިއެވެ. ކިތަންމެ ވަރަކަށް ސަމާއާ ދޭތެރޭ ވިސްނާފަ ހިތާމަ ކުރިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަރެންނަށް އިނގެއެވެ.

އެއީ މީގެ އެއްމަސް ދުވަސް ކުރިންނެވެ. އަހަރެންނަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ.

” ފައި އައި ނީޑް ޓް ޓޯކް ޓް ޔޫ.. ޕްލީޒް ރެޑީވެބަ.. އެބަދަން ފައިމިންގެޔަށް..”  އަހަރެންނަށް އިތުުރު އެއްޗެއް ބުނަން ފުރުސަތުވެސް ނުދީ ސަމާ ފޯން ކަނޑާލިއެވެ. ފޯނުން ގަޑި ބަލާލި އިރު އަދި އަށެއް ޖަހަނީއެވެ. ތެދުވާ ހިތް ނުވެފަ ހުރި ނަމަވެސް ސަމާގެ އަޑުގަވާ ނުތަނަވަސްކަމާ ހާސްކަން އިހްސާސްވެފަ އަހަރެންނަށް ތެދުވަން މަޖްބޫރުވިއެވެ. ސަމާއަކީ ސްކޫލް ދައުރުންސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.

ތައްޔާރުވާން ހުއްޓާ މީހަކު ދޮރުގަ ޓަކި ޖަހާ އަޑަށް އަހަރެން ގޮސް ދޮރުހުޅުވާލި އިރު ސަމާއެވެ.

” ފައި އެހާ ކުރިން ގުޅާފަ ބުނީމަވެސް ރެޑީ ވެ ނުނިމޭތަ..” ސަމާ ޝަކުވާ ކޮއްލަމުން ވަދެ އެނދުގަ އިށީންނިއެވެ.

” ނޫން މި ނިމެނީ އޭ.. ދެން ބުނެބަ ކިހިނެތްވީތަ ތިހާ ހާސްވެފަ ތިހިރީ… މިހާ ހެނދުނާ ކޮންތާކަށް ދާންތަ..” ލޯގަނޑު ކުރިމަތީ ޝޯލް އަޅަން ހުރެ  އަހަރެން ސަމާއާ ސުވާލްކޮލީމެވެ.

” ފައި އަހަރެންނަށް ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ.. ” ސަމާ އިސް ދަށަށް ޖަހާލައިގެން އިނދެ ބުނެލިއެވެ.

” އަނެއްކާވެސް އައްޔަ ގުޅީމަ ދިޔައީދޯ..” އަހަރެން އައިސް ސަމާ ކައިރީ އިށީންދެލަމުން ބުނެލީމެވެ.

” ނޫން އެޔަށް ވުރެ ބޮޑު ކަމެއް.. ޕްރޮމިސްކޮއްބަ ފައި ދުވަހަކުވެސް އަހަރެންނާ ފްރެންޑްޝިޕް ކަނޑާނުލާނެ ކަމަށް.. މިވާހަކަ ބުނީމަ ފައިވެސް އަހަރެން ދޫކޮއްލާފަ ގޮސްދާނެތީ ބިރުގަނޭ..” ސަމާ އަހަރެންގެ އަތުގަ ހިފާލަމުން ބުނެލިއެވެ.

” އައި ޕްރޮމިސް.. ޔުއާ މައި ބެސްޓް ފްރެންޑް.. ހައު ކޭން އައި ލިވް ވިތު އައުޓް ޔޫ..” އަހަރެން ހަމަ ޖެހޭގޮތް ދައްކަމުން އެހެން ބުނެލި ނަމަވެސް އަހަރެންގެ ހިތުގަ އެތަށް ސުވާލް ތަކެއް އުފެދެމުން ދިޔައެވެ. ސަމާ އަނެއްކާ ކީއްކުރީބާއޭ ހިތަށް އެރިއެވެ.  ސަމާގެ އަމަލުތަށް ހުންނަ ގޮތުން އަހަރެން އޭނައަށް ނަސޭހަތް ދިނަސް ގަބޫލް ކުރަނީއެއް ނޫނެވެ. ފަހަކަށް އައިސް އަހަރެން ކުރިޔަށްވުރެ ސަމާއާ ދުރުން އުޅެން ފެށީމެވެ. އެކަން ސަމާއަށްވެސް ފާހަގަ ވާނެ ކަންނޭންގެއެވެ.

” ފައި އައި އޭމް ޕްރެގް..” ސަމާ އިސްދަށަށް ޖަހާލައިގެން އިނދެ ކުއްވެރިއެއް ފަދައިން ބުނެލިއެވެ.

” ވަޓް..” އަހަރެންނަށް އިނީ ގަބޫލް ނުކުރެވިފައެވެ. އެވަރަށް ސަމާއަށް ނަސޭހަތް ދޭއިރުވެސް  ސަމާ އޭގެން ނަސޭހަތަކު އަޑު ނޭހީމަ ދެރަވިއެވެ.

“ޔެސް ފައި އަހަރެން ޕްރެގް.. އަޅެ ކިހިނެތްތަ އަހަރެން ހަދާނީ..” ސަމާއަށް ރޮވޭގޮތް ވިއެވެ.

” ކިހިނެތް ޕްރެގްކަން އިނގެނީ.. ޓެސްޓް ހެދީތަ..” އަހަރެންވެސް އިނީ ކަންބޮޑު ވެފައެވެ.

” އަހަރެން ޕީ ނުވާތާ ދެމަސް މިވީ.. ދެން ހެނދުނު ހޭލާއިރު ބޮލަށް ފާޑެއްގެ ގޮތެއްވެފަ ހުންނާތީ  ޝައްކުވެގެން ޓެސްޓް ކިޓެއް ގަނެގެން ބެލި އިރު ޕްރެގް.. އެހެންވެ ހޮސްޕިޓަލްއަށް ދާންވެގެން ފައި ކައިރީ ރެޑީ ވާށޭ ބުނީ.. އަހަރެން ބޭނުން ޔަގީން ކުރަން.. އަޅެ ޕްރެގް ވިއްޔާ އަހަރެން ކިހިނެތް ދެން ހަދާނީ.. މަންމަމިނަށް ކޮން މޫނެއް އަހަރެން ދައްކާނީ.. އަހަރެން ބޭނުމެއްނޫން އެބޯޓް ކޮއްލާކަށްވެސް.. އެކަމް އަހަރެންނަށް އެނޫން ގޮތެއްވެސް ނެތް.. ނަހަލާލް ދަރިއަކާއެކު އަހަރެން މިދުނިޔޭގެ ލަދާ ކުރިމަތިލާނީ ކިހިނެތް..” ސަމާ އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލިއެވެ.

” ސަމާ ހަމަޖެހިބަ.. އަދި ތިހާ ބޮޑަށް ވިސްނާކަށް ނުވެއެއްނު.. މީހުން ބުނޭ ޓެސްޓް ކިޓްއިން ބައެއްފަހަރު ނުބައިކޮށްވެސް ދައްކައޭ..  ހޮސްޕިޓަލްއިން ޓެސްޓް ހަދަން ހިނގާ އަވަހަށް.. ހަމަ އޭގެން ޕްސިޓިވް ވެފަ ޓެސްޓްއިން ނެގަޓިވްވެސް ވޭ..” އަހަރެން ސަމާއާ ދޭތެރޭ ހިތް ހަމަ ނުޖެހިފަހުރި ނަމަވެސް މިވަގުތުގަ ބޮޑަށް ބެލީ ސަމާ ހިތް ހަމަ ޖެހޭ ފަދަ އެއްޗެއް ބުނެވޭތޯއެވެ. އެބޯޓް ކުރުމާ މުޅިން ދެކޮޅު ނަމަވެސް މިވަގުތު އެއްޗެކޭ ނުބުނީ އޭނަ އިން ހާލު ފެނިފައެވެ. ޓެސްޓްގެ ނަތީޖާ ލިބުނީމަ އެކަމާ ވާހަކަ ދައްކަން އަހަރެން ފަސްކޮއްލީމެވެ.

” ބައިދަވޭ ކާކަށް ޕްރެގް ވީ..” އަހަރެެން އެންމެ ކުރަން ބޭނުންވި ސުވާލް ކޮއްލީމެވެ.

”  ނޭންގެ.. އެފްބީއިން ދިމާވި މީހެއް.. އަހަރެން އޭނަ ކައިރީ ޕްރެގް ވާހަކަ ބުނި އިރަށް އަހަރެން ބުލޮކް ކޮއްލައިފި.. ފޯނަށް ގުޅަންވެސް ވަރަށް މަސެއްކަތް ކޮއްފިން.. އަހަރެންނަކަށް ނޭންގެ އެއީ ކޮންރަށަކު ކާކު ކަމެއްވެސް..” ސަމާ އިތުރަށް މާޔޫސްވެފަ ބުނެލިއެވެ.

” އަހަރެން ކިތަށް ފަހަރު ސަމާ ކައިރީ ބުނާނީ ފެންނަހާ މީހަކާއެކީ ގޮސް ތިހެން ނޫޅޭށޭ.. އެންމެ ފަހުން ހުރިހާ ދެރައެއް ތި ލިބުނީ ހަމަ ސަމާ އަކަށްނު.. ” އަހަރެން ހިތްހަމަ ނުޖެހިފަ ހުރެ ބުނެލީމެވެ. ސަމާވެސް އިތުރު އެއްޗެކޭ ނުބުނެއެވެ. އޭނަގެ ކުށް ގަބޫލް ކުރެވުނީ ކަންނޭންގެއެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. އުމުރުން އެންމެ ވިހި އަހަރުގަ އޭނަ އެއިނީ ނަހަލާލަށް ބަލިވެއެވެ. އެކަމާ ބެހޭގޮތުން އިތުރު ވާހަކައެއް ނުދައްކާ ދެމީހުންވެސް ނިކުމެ ޓެކްސީއެއް ހޯދައިގެން ދިޔައީ އޭޑީކޭއަށްށެވެ. ސަމާ ކަންތައް ކުރިގޮތުން ހިތްހަމަނުޖެހިފަ ހުރި ނަމަވެސް ސަމާގެ ހާލުފެނިފަ އަހަރެންނަށް ހަމްދަރްދީވެވުނެވެ. ޓެސްޓްގެ ނަތީޖާ ލިބޭނީ މާދަން ކަމުގަ ބުނުމުން ދެމީހުންވެސް ދިޔައީ އޭޑީކޭ ކެންޓީނަށެވެ.

” ޓެސްޓް ޕޮސިޓިވް ވެއްޖިއްޔާ އަހަރެން ކިހިނެތް ހަދާނީ.. އައި އޭމް ނޮޓް ރެޑީ ފޯދިސް ފައި.. މަންމަމެން ކައިރީ ބުނާނީވެސް ކީކޭ.. އެމީހުންގެ ސުވާލް ތަކަށް އަހަރެން ދޭނީވެސް ކޮން ޖަވާބެއް.. ” ސަމާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ ޓެސްޓް ނަތީޖާ ލިބުނީމަ ގޮތެއްވިސްނާނީ ކަމަށް އަހަރެން ބުނީމެވެ. އަހަރެން މަސެއްކަތް ކުރީ އެކި ވާހަަކަތަށް ދައްކައިގެން ސަމާ ހިތްހަމަ ޖައްސާލެވޭތޯއެވެ. ނަމަވެސް އަހަރެންގެ ވާހަކަތަކަށް މާބޮޑު ސަމާލްކަމެއް ނުދީ ސަމާ އިނީ އޭނާގެ އަމިއްލަ ދުނިޔެއަކަށް ގެއްލިހުސްވެފައެވެ. އެދުވަހު އަހަރެން ގެޔަށް ދިޔައީ މާބޮޑަށް ކަންކަމާ ނުވިސްނަން ސަމާއަށް ނަސޭހަތް ދީފައެވެ. އެހެން ބުނި ނަމަވެސް އޭނަ ވިސްނާނެކަން އަހަރެންނަށް އިނގެއެވެ. އަހަރެންނަށް އެހާ ފަސޭހައިން ހިތްވަރު ދޭން އިނގުނަސް ސަމާ ކުރިމަތިލަމުން އެދާ ކަންތަށް އަހަރެންނަށް އިހްސާސްވެސް ކޮށްނުލެވޭނެކަން ޔަގީނެވެ. އެކަން ތަޖްރިބާކުރި މީހަކަށް ނޫނީ އެ އިހްސާސް ތަކެއް ނޭންގޭނެއެވެ.  އަހަރެން ގެޔަށް ދިޔައިރު ބައްޕައާ ދޮންބެ ސިޓިންރޫމްގަ ޓީވީ ބަލަން ތިއްބެވެ.

” ދަރިފުޅާ ފައިހާ މަންމަ ބުނި ސަމާއާ އެކީ ހޮސްޕިޓަލްއަށް ދިޔަ ވާހަކަ.. އަނެއްކާ ސަމާ މާބޮޑަށް ބަލީތަ.. ސަމާގެ މަންމަމެން ކޮބާތަ..” ބައްޕަ އަހަރެން ފެނިގެން ސުވާލް ކޮއްލިއެވެ. އަހަރެން ދުވަހަކުވެސް ބައްޕަކައިރީ ދޮގެއް ހަދާފައެއް ނޯންނާނެވެ. އެހެން ކަމުން އެސުވާލަށް ޖަވާބްދޭން އަހަރެންނަށް ފުދޭވަރަކަށް އުނދަގޫވިއެވެ. ބައްޕަ ކައިރީ ސަމާގެ ވާހަަކަ ތެދަށް ބުނެވޭކަށްވެސް ނެތެވެ.

” ސަމާ ބޮލަށް ފާޑެއްގެ ގޮތެއްވާތީ ޑޮކްޓަރަށް ދައްކާލަން ދިޔައީ..ސަމާ މަންމަ ކައިރީ ބުނެފިއްޔާ މާ ކަންތައް ބޮޑުކޮއްލަފާނެތީ ކަންނޭންގެ ނުބުނީ.. ”  އަހަރެން އެއްކޮށް ތެދުހާމަ ނުކުރިޔަސް ދޮގު ނުހަދާ ބުނީމެވެ.

އިތުރަށް ބައްޕަ ސުވާލެއް ކޮއްފާނެތީ އަހަރެން އަވަހަށް ދިޔައީ ކޮޓަރިއަށެވެ.

ސަމާއާ ދޭތެރޭ ނޫން ކަމަކާ އަހަރެންނަކަށް ނުވިސްނެއެވެ. ސަމާ ކައިރީ އެވަރަށް ޒިނޭ ކުރުމާ ދުރުހެލިވާން އަހަރެން ނަސޭހަތް ދިން ވަރެއްވެސް ނޭންގެއެވެ. އަހަރެންވެސް މީ މާބޮޑަށް ދީނީ ކަންތަކާ ހޭލުންތެރިމީހަކަށް ނުވި ނަމަވެސް  ކުރިންސުރެވެސް ޒިނޭ އެއީ އަހަރެން އެންމެ ބިރު ގަންނަ އެއް ފާފައެވެ. ގްރޭޑް އަށެއްގެ އިސްލާމް ސާރ ޒިނޭ ފިލާވަޅު ކިޔާދިން ފަހުން ދުވަހަކުވެސް ޖިނޭ ނުކުރަން އަހަރެން އަޒްމް ކަންޑައެޅީމެވެ. އަދި އެގޮތުގަ އަހަރެން ދެމި ހުރީމެވެ. ސަމާ ފުރަތަމަ އެކަން ކޮއްފަ އެވާހަކަ ދެއްކި ދުވަހުވެސް އަހަރެން އެކަމާ ދުރުހެލިވާން ނަސޭހަތް ދިނީމެވެ. އެއީ ކިހާ ބޮޑު ފާފައެއްކަން ވިސްނަދިނީމެވެ. ސަމާ ބުނީ އެކަން އެއްފަހަރުވެސް ކޮއްފިއްޔާ ދުރު ނުވެވޭނެ ކަމަށެވެ. ނަމަވެސް ތައުބާވެ އެކަން ނުކުރަން އަޒްމް ކަނޑައަޅައިގެން  ހުރިއްޔާ ނުކޮށް ހުރެވޭނެކަމަށް އަހަރެން ވިސްނަދިން ނަމަވެސް އޭނަ މާބޮޑު ސަމާލްކަމެއް ނުދެއެވެ.  އެގޮތަށް އޭނައަށް ނުހުރެވެންޔާ ރަނގަޅު ކުއްޖަކާ ކައިވެނި ކުރުމަށްވެސް އަހަރެން އެދުނީމެވެ. ނަމަވެސް ސަމާގެ ހިޔާލުގައި ކައިވެނި ކުރާވަރަށް އަދި އޭނާ ބޮޑެއް ނުވެއެވެ. އަދި އެންމެ ވިހި އަހަރުގަ ކައިވެނި ކޮއްގެން އުޅޭނީ ކިހިނެތްހޭ އަހަރެން ކައިރީ އަހާލީ މަލާމާތުގެ ރާގަކަށެވެ. ކައިވެނިން ބޭރުގަ ކައިވެނި ކޮއްގެން ކުރާ ކަންތަށް ކުރެވޭ އިރު ކައިވެނި ކުރަން އޭނަ ކުޑަވާންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ހަރާމް ގޮތުގަ ލައްޒަތާ އަރާމު ހޯދުމަށްވުރެ ހަލާލު ގޮތު އެކަން ކުރުމުން ދުނިޔެއާ އާހިރަތުގެ އަޒާބުން ސަލާމާތްވާނެ ކަމަށް އަހަރެން އޭނައަށް ވިސްނަދޭން މަސެއްކަތް ކުރީމެވެ. އެންމެފަހުން  ސަމާއާ މާބޮޑަށް ޖަދަލު ނުކުރަންވެގެން އަހަރެން އެވާހަކަ ނުދައްކަމެވެ. ފަހުން އައިސް އެކަމާ ގުޅޭ ގޮތުން އަހަރެން ކައިރީ އެހާ ވާހަކަ ދައްކާވެސް ނުހަދާނެވެ. އެއްދުވަހަކު ނޫހުގެ އިން ހަގީގީ ހާދިސާއެއް ފެނިގެން އަހަރެން އޭނައަށް ދެއްކީމެވެ. ޖިނޭކޮއްފަ ފިރިހެންމީހާ ފާހާނާއަށް ވަދެފަ ނިކުތްއިރު އަންހެން މީހާ މަރުވެފަ އޮތްވާހަކައެވެ. އެވާހަކަ ކިޔާފަ ކޮންމެ މީހަކުވެސް އެކަން ކުރަން ޖެހިލުންވާނެކަން ޔަގީނެވެ. މީހެއްގެ މަރު އައިސް ބައްދަލްކުރާނީ ކޮންއިރަކު ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. އެކަން ކުރަން ތިއްބާވެސް އަޖަލް ހަމަވެދާނެއެވެ. އެ ފާހިޝްކަންމަތީ މިދުނިޔެއިން ވަކިވެގެން ދާން ބޭނުންވާނީ ކާކު ހެއްޔެވެ؟ ތައުބާވާން ފުރުސަތު ނުލިބި އެފަދަ ބޮޑު ފާފައެއްގެ ތެރޭގަ ނިމިގެންދާން އެކަކުވެސް ބޭނުން ނުވާނެކަން ޔަގީނެވެ.

މެންދުރު ނަމާދުގެ ބަންގީގެ އަޑަށް އަހަރެން އަވަސް ވެގަތީ ވެލޫ ކުރާށެވެ. ވުލޫ ކޮއްލައިގެން އަހަރެން ދިޔައީ ގޭގަ އިންނަ ޕްރޭޔާ ރޫމަށެވެ. ބައްޕަ އިންނަނީ ގޭގަ ކުޑަ ކުޑަ ނަމާދު ކުރާ ކޮޓަރިއެއް ހަދާފައެވެ. ކޮންމެ ވަގުތެއްގަވެސް އަހަރެން މަންމައާ އެކު ނަމާދު ކުރަނީ އެތާންގައެވެެ. އަހަރެންވެސް ދީނީ ކަންތަކަށް އިސްކަން ދޭން ފެށުނީ ބައްޕަގެ ފަރާތުންނެވެ. ބައްޕައަކީ މަޖީދިއްޔާ ސުކޫލްގެ އިސްލާމް ޓީޗަރެވެ. ބައްޕައަށް ލިބުނު ސްކޮލާޝިޕެއްގަ މިސްރަށް ގޮސް ކޯސް ހަދައިގެން އައި ފަހުން ބައްޕަ ވަރަށް ދީނީ ކަންތަކަށް ސަމާލްކަން ދެއެވެ.

އޭގެ އަނެއްދުވަހު ސަމާ ގުޅުމުން އޭނައާ އެކު ނަތީޖާ ނަގަން އަހަރެން ދިޔައީމެވެ. ނަތީޖާ ބަލާފަ އޭނާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭގަ ވަނީ ކީކޭކަން ހަމަ ރަނގަޅަށްވެސް އަހަރެންނަށް ނަގައިގަނެވުނެވެ.

” ފައި އައި އޭމް ޕްރެގް..” ވައި އަޑުން ސަމާ އެހެން ބުނެލި ނަމަވެސް އަހަރެންނަށް އެކަން މާކުރިންވެސް ނަގައިގަނެވުނެވެ.  އިތުރަށް ހޮސްޕިޓަލްގަ މަޑު ނުކޮށް އަހަރެން ސަމާ ގޮވައިގެން ދިޔައީ އަހަރެން ގެޔަށެވެ.

” ދަރިފުޅާ އާދޭ ކާން ސަމާ ގޮވައިގެން..” ދޮންބެއަށް ކާން ހަދައިދެން އިން މަންމައަށް އަހަރެންނާ ސަމާ ފެނިގެން ބުނެލިއެވެ.

” ފަހުން ކާނީ ދޯ ސަމާ..” އަހަރެން އެހެން ބުނެލާފަ އަވަހަށް ސަމާ ގޮވައިގެން އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ.

ކޮޓަރިއަށް ވަދެވުމާއެކު ސަމާ އަހަރެންގައިގަ ބައްދައިގެން އޮވެ ރޯންފެށިއެވެ.

” ސަމާ ދެން ރުއިޔަސް ތިކަމުގެ ހައްލެއް ނުލިބޭނެއެއްނު.. އަހަރެން ކުރިން ކިހާ ނަސޭހަތެއް ދިނިން ސަމާއަށް.. މިކަހަލަ ދުވަހެއް އައިސްދާނެ ކަމާމެދު އެއްފަހަރުވެސް ވިސްނާލިންތަ..” ސަމާ އެނދުގަ ބައިންދަމުން އަހަރެން ބުނެލީމެވެ.

” ނޭންގެ ފައި.. އަހަރެންނަކަށް މިދަރިފުޅެއް ނުބެލޭނެ.. އަހަރެން ބޭނުމީ އެބޯޝަންއަކަށް ދާން..” ސަމާ ރޮމުން ބުނެލިއެވެ.

” އަހަރެންނަކަށް އެއްގޮތަކަށްވެސް ނުފެނޭ އެބޯޓް ކުރާކަށް.. އެއީ ކިހާވަރެއްގެ ކަމެއްކަން ސަމާއަށް އިނގޭތަ..؟ ސަމާއަށް ކުރެވުނު ފާފައެއްގެ ސަޒާ ކުށެއްނެތް ތުއްތު ކުއްޖަކަށް ދޭންވީ ކީއްވެ..؟ އެކުއްޖާގެ ކުށަކީ ކޮބާ..؟ ސަމާ އެބޯޓް ކުރަން ވިސްނާއިރު އިނގޭތަ ތި  ކުރެވެނީ ކިހާ ވަރެއްގެ ނުބައި ކަމެއްކަން..؟  ޖިނޭ ކުރުމުގެ ފާފައިގެ މައްޗަށް މީހެއް މަރާލި ކަމުގެ ފާފަ.. ފާފައިގެ މައްޗަށް ފާފަ.. އެންމެ ރަނގަޅު ގޮތަކީ ސަމާއަށް ކުރެވުނު ކުށަށް ތައުބާވެ އެ ދަރިފުޅާއެކު ސަމާގެ ދިރިއުޅުން ކުރިޔަށް ގެންދިޔުން.. ސަމާއަކީ ތި އާއިލާގަ ހުރި ހަމަ އެކަނި ދަރި.. ސަމާގެ މައިންބަފައިންގެ ކިބައިގަވެސް އެ ދަރި ބެލުމުގެ ތަނަވަސްކަން ހުންނާނެކަން އަހަރެންނަށް ޔަގީން.. އެހެން ވީމަ ކޮބާ މައްސަލައަކީ..” އަހަރެން ސަމާގެ ނިންމުމާ މެދު ކިތަންމެ ހިތްހަމަ ނުޖެހިފަ ހުރި ނަމަވެސް ސަމާއަށް ވިސްނަދެވޭތޯ މަސެއްކަތް ކުރީމެވެ.

” މައްސަލައަކީ އަހަރެން މީ ހަމަ އެކަނި ހުރި ދަރިޔަށްވުން.. ކިހިނެތް އެމީހުނަށް އަހަރެން ވިސްނަދޭނީ..  މި ހުރިހާ ކަމަކާ ކުރިމަތި ލުމަށްވުރެ ރަނގަޅުވާނެ އަމިއްލައަށް މަރުވިޔަސް.. ” ސަމާ ބޮލުން ދެ އަތުގަ ހިފަހައްޓާލަމުން ބުނެލިއެވެ.

“އަނެއްކާ އަނެއް ފާފަ.. އަމިއްލައަށް މަރުވުން އެއީ ހަމަ އެކަނި ތައުބާ ނުވެވޭނެ ފާފަ.. އަމިއްލައަށް މަރުވުމުން ލިބޭ ހިތްހަމަ ޖެހުމަކީ ކޮބާ.. އާން މިދުނިޔޭގެ ލަދާ ސަމާ ކުރިމަތިލާކަށް ނުޖެހޭނެ.. އެކަމް ވިސްނާލިންތަ؟ މި ނޫން ދުވަހެއްވެސް ވާކަން.. ފާފައެއް ކުރެވޭއިރަށް އެފާފައިން ސަލާމަތް ވާން އިތުރު ފާފައެއް ނުކޮށް ތައުބާވެފަ އެކަލާންގެ ހަސްރަތަށް ކުއްތަންވެބަ.. އެއްވެސް އަޅަކަށް ނުއުފުއްލެވޭވަރުގެ ބުރައެއް އެކަލާންގެ ނުޖައްސަވާނެ.. ސަމާއަށް އަދި އެބޮތް ތައުބާވުމުގެ ފުރުސަތު.. ގެޔަށް ގޮސް މަންމައަށް ހުރިހާއެއްޗެއް ކިޔާދީ.. އަހަރެންނަށް އިނގޭ މިހެން ބުންޏަސް އުނދަގޫ ކަމެއްކަން.. އެކަމް ހިތްވަރު ކޮއްލާފަ މަންމަ ކައިރީ ތެދަށް ބުނުން ބުއްދިވެރި ގޮތަކީ..” އަހަރެން ބުނެލީމެވެ.

”  ދެން ނޭންްގެ ގެޔަށް ގޮސް ވިސްނާލާފަ އިނގޭނީ..” ސަމާ އެހެން ބުނެފަ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ސަމާ ނިކުމެގެން ދިޔަ ތަން ބަލަން އަހަރެން އިނީ ސަމާ ދެން ކޮއްފާނެ ކަމަކާމެދު ވިސްނާށެވެ.  އަނެއްކާ ސަމާ ނަފްސަށް  ގެއްލުންދީ އަމިއްލައަށް މަރުވާން އުޅެފާނެ ބާއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ނުބައި ހިޔާލު ތަކުން އަހަރެން ހާސްކުރުވަމުން ދިޔައެވެ.  އަހަރެންނަށް ވިސްނަ ދެވޭ ވަރަށް ސަމާއަށް ވިސްނަދެވިއްޖެއެވެ. ސަމާއަކީވެސް މިހާރު އެއްޗެއް ނޭންގޭ ކުޑަކުއްޖެއް ނޫނެވެ. އަމިއްލައަށް މަރުވުން އެއީ ކިހާ ނުބައި ކަމެއްކަން ސަމާއަށްވެސް އިނގޭޭނެއެވެ. ކަންކަމާ ވިސްނޭ ވަރުން އަހަރެން ސިޓިންރޫމަށް ނިކުމެލީމެވެ.

” ކޮކީ އާދެބަ.. ދޮންބެ އެބޮތް ކުޑަ ވާހަަަކައެއް ބުނަންވެފަ..” ކޮޓަރިން ނިކުތްތަން ފެނިގެން ސޯފާގަ އިން ދޮންބެ އަހަރެންނަށް ގޮވާލިއެވެ.

” ދޮންބެ މިއުޅެނީ މެރީ ކުރަންވެގެން.. އަދި އެކަމް މަންމަމެން ކައިރީ ނުބުނަން.. ސަނާ ކިޔެވުން ފެށޭތީ މާލެ ބަދަލުވާން އުޅެނީ.. ދެން އެހެންވެ ދޮންބެ ބޭނުންވަނީ މެރީކޮށްގެން މިގެޔަށް ގެންނަން..” އަހަރެން އައިސް ސޯފާގަ އިށީންނުމުން ދޮންބެ ބުނެލިއެވެ. އަހަރެން އުފަލުން އަވަހަށް ކައިވެނި ކުރަން އެނދުނީމެވެ. އޭރުން އަހަރެންނަށްވެސް ފަހަރިއެއް ލިބުނީއެވެ. ދޮންބެއާާ އެކު ކައިވެނީގެ ކަންތަކާ ވާހަކަ ދައްކަންއިން އިރު ސަމާ މަތިން އަހަރެން  ހުރީ ހިނދު ކޮޅަކަށް ނަމަވެސް ހަނދާން ނެތިފައެވެ.

ދެދުވަސް ފާއިތުވެގެން ދިޔަ އިރުވެސް އަހަރެންނަށް ސަމާގެ ހަބަރެއް ނުވެއެވެ. ސަމާ އޮންލައިން އިންނަ ގަޑީ މެސެޖް ކުރިޔަސް ސީންވެސް ނާރުވައެވެ. ސަމާގެ އަމަލުތަށް ހުންނަ ގޮތުން އަހަރެން ކަންތަށް ބޮޑުވާން ފެށިއެވެ. އެގޮތަށް ސަމާ އަހަރެން އިގްްނޯ ކުރަންވި ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ސަމާގެ ހިޔާލުތަކުގަ އިންދާ ސަމާ ވައިބާއިން އަހަރެންނަށް މެސެޖްކޮއްލިއެވެ.

” ފައި އަހަރެންް ގޮތެއް ނިންމައިފިން.. އަހަރެން ބޭނުމީ އެބޯޓް ކޮއްލަން.. އަހަރެންނަކަށް ދަރިއެއް ނުބެލޭނެ އަދި.. އެ ދަރިފުޅު ދުނިޔޭގެ ލަދާ ކުރިމަތި ކުރުވާކަށް އަހަރެން ބޭނުމެއްނޫން.. ފައިވެސް އަހަރެންނަށް ސަޕޯޓް ނުކުރިޔަސް އެކަންތަށް ސިއްރުކޮއްދެއްޗޭ.. އަހަރެން ޕްރެގްކަން އިނގޭނީ އަހަރެންގެ ގާތް މީހުންގެ ތެރެއިން ފައިއަށް އެކަނި.. އަހަރެން ބޭނުމެއްނޫން މަންމައާ ހިސާބަށް އެވާހަކަ ދާކަށް.. އަހަރެންނަށް ދުވަހަކު ކަމެއް ކޮއްދެންޔާ މިކަންތަށް ސިއްރުކޮއްދީ..” ސަމާގެ މެސެޖް ކިޔާފަ އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އެވަރަށް އެބޯޓް ކުރުމުގެ ނުބައިކަން ކިޔާދިނުމުންވެސް ސަމާ އެ ނިންމީ ދުނިޔޭގެ ލަދުން ސަލާމަތްވާން  އަމިއްލަ ދަރި މަރާލާށެވެ. އެފަދަ ބޮޑުކަމެއް ކުރަން ސަމާ ނިންމި އިރު އެއްވެސް ވަރަކަށް ހެއްދެވިފަރާތަށް ބިރުވެތި ނުވަނީހެއްޔެވެ.؟

” ސަމާ ތިކަން ކުރަން ވިސްނި އިރު ތިކަމުގެ ނުބައިކަން ސަމާއަށް ނޭންގެނީތަ.. ދުނިޔޭގެ ލަދުން ދަރިފުޅު ސަލާމަތްކުރަންށޭ ކިޔާފަ އަމިއްލަ ދަރިފުޅު ތި މަރާލަނީ.. އެއްވެސް ރަހުމެއް ކުލުނެއްވެސް ނެތީތަ.. އަހަރެން ސަމާގެ ހުރިހާ ކަމެއްގަ ސަޕޯޓް ދިން ނަމަވެސް ތިކަމުގަ އަހަރެންނަށް އެއްބާރުލުމެއް ނުދެވޭނެ.. އައި އޭމް ސޮރީ.. ” އަހަރެން މެސެޖް ކޮއްލީމެވެ. ސީން އެރި ނަމަވެސް ސަމާގެ ރިޕްލައި އެއް ނާދެއެވެ. އަހަރެން އިތުރަށް ސަމާއަށް މެސެޖްކޮށް ނުހަދަމެވެ. ސަމާ އެކަން ކުރަން އެ ނިންމީވެސް އެކަމުގެ ނުބައިކަން އިނގި ހުރެއެވެ. އިތުރަށް އަހަރެން ދައްކާނެ ވާހަކައެއްވެސް ނެތެވެ.

އެރޭ ކެއުމުގެ ވަގުތުގަ ދޮންބެ ކައިވެނީގެ ވާހަކަދެެއްކިއެވެ. ކުޑަ ހަފްލާއަކުން ކައިވެނީގެ ކަންތައް ނިންމަން ބޭނުންވާކަމަށް ދޮންބެ ބުނެލިއެވެ. ދޮންބެ ކައިވެނީގެ ވާހަކަ ދެއްކުމުން މަންމަވެސް ހުރީ ނުހަނު އުފާވެފައެވެ. ދޮންބެ ދައްތައާ މަންމަ ބައްދަލު ނުވިނަމަވެސް ފޯނުން ގުޅައިގެން ވާހަކަ ދައްކާ ހަދައެވެ.  ހަފްތާއެއް ފަހުން ދޮންބެ ދައްތަވެސް މާލެ އައިސްފިއެވެ.  ކައިވެނި ކަންތަށް ނިމިގެން ދިޔައީ ގޭގައޮތް ކުޑަ ހަފްލާއަކުންނެވެ. އަހަރެން ސަމާއަށް ދައުވަތު ދިން ނަމަވެސް ސަމާގެ ހަބަރެއް ނުވެއެވެ. މަންމަވެސް ސަމާ ނާންނާތީ ސުވާލުކޮށްހެދިއެވެ.

އަހަރެން ސަމާއަށް ގުޅަން ވަރަށް މަސެއްކަތް ކުރީމެވެ. އެންމެ ފަހުން އަހަރެން ސަމާގެ މަންމައަށް ގުޅާލީމެވެ. ސަމާގެ މަންމަ ފޯނަށްވެސް ގުޅޭގޮތެއް ނުވިއެވެ. އަނެއްކާ ސަމާ އަހަރެންގެ ނަންބަރު އޭނަ ފޯނުންނާ މަންމަ ފޯނުންް ބްލޮކް ކޮއްލީހެއްޔެވެ؟  އަހަރެން މަންމަ ފޯނު ނަގައިގެން ސަމާއަށް ގުޅާލީމެެެވެ. ސަމާ ފޯނު ރިންގްވާން ފެށުމުން އަހަރެންގެ ނަމްބަރ އިނީ ބްލޮކްކޮއްފަކަން އަހަރެންނަށް ނަގައިގަނެވުނެވެ.  ދެފަހަރު ރިންގް ވި އިރުވެސް ސަމާ ފޯނެއް ނުނެގިއެވެ.

ސަމާގެ ހަބަރެއް ނުވާތީ ހާލު ބަލާލަން ގުޅާލީކަމަށް ބުނެ އަހަރެން މެސެޖްކޮށްލީމެވެ.  ސަމާގެ ހަބަރެއް ނުވުމުން އޭގެ އަނެއްދުވަހު އަހަރެން ނިންމީ ސަމާގެ ގެޔަށް ދާށެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވީ ގޭގަ ގެންގުޅޭ މީހާއެވެ.

” ސަމާ އެބައުޅޭތަ..” އަހަރެން ކުމާރީ ކައިރީ އަހާލުމުން ސަމާގެ ކޮޓަރިއަށް އިށާރާތް ކޮއްލިއެވެ. ސަމާގެ ކޮޓަރީގަ ދެތިން ފަހަރު ޓަކި ޖަހާލުމުން ވެސް ދޮރެއްނުހުޅުވިއެވެ. އެންމެ ފަހުން އަހަރެން ތަޅުގަ ހިފާލީމެވެ. ނަސީބުދިމާކުރި ގޮތުން  ކޮޓަރީގަ ހުރީ ތަޅުނުލައެވެ. އަހަރެން މަޑު މަޑުން ދޮރުހުޅުވާލާފަ ކޮަޓަރިއަށް ވަނީމެވެ.

” ސަމާ..” އެނދު ކައިރީ ހުއްޓިލާފަ އަހަރެން ސަމާއަށް ގޮވާލީމެވެ.

” ފައި..” މަޑު މަޑުން ލޯ ހުޅުވާލަމުން ބަލި އަޑަކުން ސަމާ އަހަރެންނަށް ގޮވާލިއެވެ.

” ސަމާ ބަލިވެތަ.. ” ސަމާގެ އަޑު ހުރި ގޮތުން އަހަރެން އަހާލީމެވެ. އަދި އެނދު އެއްފަރާތުގަ އިށީދެލީމެވެ.

” ނޭންގެ.. އަހަރެން އެ ބޭސް ބޭނުން ކުރިފަހުން ހުންނަނީ މުޅިން ވަރުދެރަވެފަ..  ވީކެއް މިވީ ބްލީޑްވާތަންވެސް.. ޑޮކްޓަރަށް ދައްކަންވެސް ދާން ނުކެރިފަ މިއިނީ.. ފައިއަށްވެސް ގުޅަން ނުކެރިފަ މި އިނީ..” ސަމާ ދެރަވެލާފަ ބުނެލިއެވެ.

” ހިނގާ  ހޮސްޕިޓަލްއަށްދާން.. ތިކަހަލަ ބާރުގަދަ ބޭސް ބޭނުންކޮއްފަ ކަމެއް ގޯސްވަންޔާ ޑޮކްޓަރަށް ނުދައްކާ ހުންނާކަށް ނުވާނެ..” ކިތަންމެ ހިތް ހަމަ ނުޖެހިފަ ހުރި ނަމަވެސް އެހާލުގަ ސަމާ ދޫކޮއްލާފަ ދާކަށްް އަހަރެންނަކަށް ނުކެރުނެވެ.

” މަަންމަ ކޮބާ..؟ މަންމައަކަށް ނޭންގޭތަ ސަމާ ބަލިވެ އުޅޭ ކަމެއް..” އަހަރެން އަހާލީމެވެ.

” މަންމައާ ބައްޕަވީ ރޯދަ އަންނާތީ ޝޮޕިންކޮއްލަން ލަންކާއަށްގޮސް.. .” ސަމާ އެނދުން ތެދުވޭތޯ މަސެއްކަތް ކުރަމުން ބުނެލިއެވެ. ވަރުދެރަވެފަ ހުރި ވަރުން ސަމާއަށް ހިނގެނީވެސް އަހަރެންގެ އެހީގައެވެ. ކުޑަކޮށް ތައްޔާރުވެލައިގެން އަަހަރެން ސަމާ ގޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރ ސުވާލު ކުރުމުންވެސް  ސަމާ ހެދީ ދޮގެވެ. ކަމެއްނުވެ މާބޮޑަށް ބްލީޑްވާކަށް ސަމާ ބުނެލިއެވެ. ހޮސްޕިޓަލްގަ އެޑްމިޓްވާން ޑޮކްޓަރ އެންގީ އިތުރު ޓެސްޓް ތަކެއް ހަދަން ބޭނުންވާތީއެވެ. އެޑްމިޓް ކުރި ފަހުން ސަމާގެ ހާލު ދިޔައީ ހައްތާ ދަށަށެވެ. ޑޮކްޓަރއަށް ތެދަށް ހުރިހާ އެއްޗެއް ކިޔާދޭން އަހަރެން އާދޭސް ކުރީމެވެ. އެހެނަސް ސަމާ އެއްބަސް ނުވުމުން އެންމެފަހުން އަހަރެން ސަމާއަށް ނޭންގިގޮސް ޑޮކްޓަރއަށް އެބޯޝަން ޕިލްސްގެ ވާހަކަ ކިޔާދިނީމެވެ.

” ސަމާގެ ޓެސްޓްތަކުގެ ނަތީޖާއިން އަހަރެންނަށް ތިކަން ދެނެގަނެވިއްޖެ.. ސަމާ އެބޭސް ބޭނުންކޮއްފަ އެ ހުރީ ބޭނުންކުރަން ޖެހޭ ގޮތަކަށް ނޫން..  އެބޭހަކީ ވަކި ގޮތަކަށް ވަކި ދުވަހެއް ކޮއްފަ ބޭނުން ކުރަން ޖެހޭ އެއްޗެއް.. އަދި އެ ބޭނުންކުރި ބޭހަކީވެސް އަސްލު އެބޯޝަން ޕިލްސް ހެނެއް ހިޔެއްނުވޭ.. އެބޭހުގެ ބާރު ގަދަ ކަމުން ސަމާގެ އެތެރަހަށި ވަނީ ވަރަށްބޮޑަށް ހަލާކުވެފަ.. ސަމާ އެ އޮތީ ފުރާނައަށް ނުރައްކާވާ ހިސާބުގަ.. އެކަމް އަހަރެމެން މި މަސެއްކަތް ކުރަނީ ބްލީޑްވުން ހުއްޓޭތޯ.. އެކަމަށް އިތުރަށް ދެވޭނެ ފަރުވާއެއްވެސް ނެތް..” ޑޮކްޓަރގެ އުންމީދެއް ނެތް ބަސްތަކުން އަހަރެން ހިތުގަ ޖެހުނެވެ. އެވާހަކަަތަށް ގޮސް ސަމާކައިރީ ބުނާނީވެސް ވަކި ކިހިނެތް ހެއްޔެވެ. އަހަރެން ނިންމީ ސަމާގެ މަންމައަށް ގުޅާފަ ހުރިހާއެއްޗެއް ހަގީގަތަށް ކިޔާދޭށެވެ.  ހޮސްޕިޓަލައް އަންނަންވެގެން އުޅުނު އިރު ސަމާ ބޭގް ނުގެންނާތީ އަހަރެންގެ ބޭގަށް ފޯނުލާން ދިން ހަނދާންވެފަ އަވަހަށް ސަމާގެ ފޯނު ނެގީމެވެ. ސަމާގެ ލޮކްކޯޑް ބަދަލްކޮއްފަ އިނދެދާނެ ކަމަށް ހީކޮއް އަހަރެން ޔަގީންކޮއްލަން ކޯޑް ޖެހީމެވެ. ކަންދިމާކުރި ގޮތުން ސަމާއިނީ ކޯޑް ބަދަލް ނުކޮށްށެވެ.  އަހަރެން އަވަހަށް ވައިބާރއަށް ވަދެ ސަމާގެ މަންމައަށް ގުޅާލީމެވެ. އެ ހުރިހާ ވާހަކަތަކެއް އަޑުއަހަން ސަމާ މަންމަ އިނީ ގަބޫލް ނުކުރެވިފައެވެ. އަމިއްލަ ދަރިއެއް އެފަދަ ގޮތަކަށް އުޅުނުކަން އިނގުުމުން ކެތްވާނީ ކޮން މަޔަކަށްހެއްޔެވެ. ތިމާގެ ދަރި ހަލާކުގެ ތެރެއަށް ވެއްޓި ދިޔައިރު ތިމާއަށް އޭގެން ކަމެއް ރޭކާނުލާ ހުރީ އަމިއްލަ މީހާގެ ފަރުވާ ކުޑަ ކަމުން ކަމަށް ސަމާގެ މަންމައަށް ގަބޫލުކުރެވުނެވެ. އަހަރެން ފޯން ބާއްވާފަ ބަލާލިއިރު ވައިބާރ އިން މެސެޖެއް އައިސްފައިނެވެ. ނަމަވެސް އެގަޑީ ޑޮކްޓަރ ގޮވާލުމުން އަހަރެން ފޯނު ބޭގަށްލާފަ ސަމާ ކައިރިޔަށް ދިޔައީމެވެ. ސަމާގެ ހާލު އިތުރަށް ސީރިޔަސް ވުމުން އައި ސީ ޔޫއަށް ބަދަލު ކުރާވާހަކަ ޑޮކްޓަރ ބުނެލިއެވެ. ސަމާ ކައިރީ ހުއްޓިލާފަ ދެތިން ފަހަރު އަހަރެން ސަމާއަށް ގޮވާލީމެވެ. ނަމަވެސް ސަމާގެ ހަރަކާތްތަށް ވަނީ ހުއްޓިފައެވެ. ސަމާގެ ހާލާ މެދު އަހަރެން އިތުރަށް ކަންބޮޑުވާން ފެށިއެވެ.  އަވަސް ޝިފާއެއް ދެއްވާތޯ ހެއްދެވި ފަރާތަށް ދުއާ ދެންނެވުމުގަ އަހަރެން ވަގުުތު ހޭދަކުރީމެވެ. ސަމާ އައިސީޔޫ އަށް ބަދަލު ކުރިތާ މާ ގިނަ އިރެއް ނުވެ ސަމާގެ ބޮޑަދައިތަ ހޮސްޕިޓަލަށް އައިސްފިއެވެ.  އެ މޫނު މަތިންވެސް ފެންނަނީ ނުތަނަވަސް ކަމާ ކަންބޮޑުވުމެވެ. އިރުއޮއްސޭހާއިރު އަންނަ ފްލައިޓްއިން ސަމާ މަންމައާ ބައްޕަ މާލެ އަންނަ ވާހަކަ ސަމާ ބޮޑުދައިތަ ބުނެލިއެވެ. އަހަރެންގެ މަންމަވެސް އަހަރެން ލަސްވެގެން ދެތިން ފަހަރު ގުޅާފަ އޮތެވެ. އަހަރެން މަންމައަށް ގުޅާފަ ސަމާގެ ވާހަކަ ކިޔާދިނީމެވެ. މަންމަވެސް މާގިނަ އިރު ތަކެއް ނުވެ ހޮސްޕިޓަލަށް އައިސްފިއެވެ. ޑޮކްޓަރ ކައިރީގަ ސަމާގެ ހާލު އަހާލާ ކޮންމެ ފަހަރަކު ޑޮކްޓަރުގެ އުންމީދެއް ނެތްް ބަސްތަކުން އަހަރެން އިތުރަށް މާޔޫސްކޮއްލައެވެ. އިރުއޮއްސެން ކައިރި ވެފަހުއްޓާ ޑޮކްޓަރ ދިން ހަބަަރަކުން އަހަރެންނަށް ހީވީ ފައި ދަށުން ބިންގަޑު ދެމިގެން ދިޔަ ހެެންނެވެ. ސަމާގެ ހާލު މާބޮޑަށް ދަށަށް ގޮސް މި ފަނާވަމުން ދާ ދުނިޔާ ސަމާ އަލްވަދާއުކިޔައިފިއެވެ. އަހަރެންނަށް ހުރެވުނީ މި ވަމުންދާ ގޮތް ގަބޫލް ނުކުރެވިފައެވެ. ސަމާގެ މަންމަ އާ ބައްޕައާވެސް ބައްދަލު ނުވެ ސަމާ އެދިޔީ މިދުނިޔެއާ މާދުރަށެވެ. އެނބުރި އައުމެއް ނެތް ދުނިޔެއަށެވެ. އިންސާނާގެ މަރަކީ އިންސާނާއާ އެންމެ ކައިރީގަ މާ އެކަށްޗެވެ.  ސަމާގެ ކިހާ ހުވަފެެން ތަކަކާ އުންމީދު ތަކެއް ދިރިއުޅުމަށްޓަކާ ދެކުނު ހެއްޔެވެ. ނަމަވެސް މަރުއައިސް ބައްދަލު ކުރާނީ ކޮންވަގުތަކު ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. ދުނިޔޭ ކުލަތަކަށް ހެއްލި އުފަލާ މަޖަލުގަ ދުވަސްތަށް ހޭދަ ކުރާއިރު މަރާމެދު ވިސްނާލަނީ މަދުބަޔެކެވެ.

އަހަރެން މަންމަ ގައިގަ ބައްދާލައިގެން ރޯންހުރީމެވެ. މާގިނަ އިރު ތަކެއްނުވެ ސަމާގެ މަންމައާ ބައްޕަވެސް ހޮސްޕިޓަލަށް އައިސްފިއެވެ. ސަމާގެ މަރުގެ ހަބަރު ލިބުމުން ސަމާގެ މަންމަ އަނބުރާގަނެގެން ހޮސްޕިޓަލުގަ އެޑްމިޓް ކުރެވުނެވެ. އަހަރެންނަށްވެސް އެތާ ހުންނަން އުނދަގޫ ވުމުން މަންމައާއެކު އެނބުރި އައީ ގެޔަށެވެ. ސަމާގެ މޫނު ފަހު ފަހަރަށް ބަލާލަން ދާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ. އަހަރެންނާއެކު އެންމެ ކުޑައިރުއްސުރެ އެކުގަ އުޅުނު އެކުވެރިޔާ އަހަރެން ދޫކޮއްލާފަ ދިޔައީއެވެ. ސަމާ މަރުވީ ކަމަށް އަދިވެސް އަހަރެންނަށް ގަބޫލު ނުކުރެވެއެވެ.

ހަފްތާއެއްވެގެން ދިޔައިރުވެސް އަހަރެންނަށް ހަމަޔަކަށް ނޭޅެއެވެ. އަދިވެސް އަހަރެންނަށް ވިސްނެނީ ސަމާއާ ދޭތެރޭގައެވެ. އެވަރަށް ސަމާއަށްދިން ނަސޭކަތްތަކުގެ އަޑު ސަމާ އެހިނަމައެވެ.

ސަމާގެ ކުއްލި މަރުގެ ސަބަބުން އަހަރެންގެ ދިރިއުޅުމާމެދުވެސް ވިސްނާލަން މަޖްބޫރުވިއެވެ. އަހަރެންގެ މަރުއައިސް އަހަރެންނާ ބައްދަލްކުރާނީ ކޮންއިރަކު ކަމެއް ހުދު އަހަރެންނަކަށްވެސް ނޭންގެއެވެ.  ފަރުޟް ފަސް ނަމާދު ވަގުތަށް އަދާކުރި ނަމަވެސް ސުންނަތް ނަމާދުތަކަށް އަހަރެންނަށްވަނީ ފަރުވާކުޑަ ކުރެވިފައެވެ. ދުވަހުގެ ސައުވީސް ގަޑީރުގެ ތެރެއިން ޤުރުއާން ކިޔެވުމުގަ އަހަރެންނަށް ހޭދަކޮއްލެވެނީ ދެނަމާދު ދޭތެރޭ އިންނަ ކުޑަ ވަގުތުކޮޅު އެކަންޏެވެެ. ދިރިއުޅުމާމެދު ވިސްނި ވަރަކަށް އަހަރެން ބޯ ހާސްވާން ފެށިއެވެ. މަރަކީ ކޮންމެވެސް ދުވަހަކުން ކޮންމެ  މީހަކާވެސް ބައްދަލް ކުރާނެ އެއްޗެއްކަން އަހަރެން އަމިއްލަ ނަފްސަށް ވިސްނަދިނީމެވެ. އެކަލާންގެ ހަސްރަތުން ތައުބާވެ އަމަލުތަށް އިސްލާހް ކުރަން އަހަރެން އަޒުމް ކަނޑައެޅީމެވެ. މަރާމެދު ވިސްނާ ބޯ ހާސް ކުރުމަށްވުރެ މަރަށް ތައްޔާރުވުން މާ ބުއްދިވެރި ކަމުގަ އަހަރެން ދެކުނީމެވެ. އެދުވަހަށް ފަހު އަހަރެންގެ ދިރިއުޅުމުގެ ހަމަ އެކަނި މަގްސަދަކަށްވީ އާހިރަތުގެ ބާއްޖަވެރިކަން ހޯދުމެވެ. ކުރިޔަށްވުރެ ބޮޑަށް އަޅުކަމުގަ ވަގުތު ހޭދަކުރަން ފެށީމެވެ.

އެއްމަސް ފާއިތު ވެގެން ދިޔަ އިރުވެސް އަދިވެސް އަހަރެންނަށް ސަމާގެ ހިޔާލު ތަކާ ދުރަށް ދެވޭ ގޮތެއް ނުވެއެވެ. ކުއްލިޔަކަށް އަހަރެން ހިޔާލުތަކުން ބޭރަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ.  ފަތިސް ނަމާދު ކޮއްލައިގެން ޤުރުއާން ކިޔަވަން އިރުކޮޅަކު އިނދެލާފަ އަހަރެން ދިޔައީ ނިދަންށެވެ. ކުއްލިޔަކަށް ލޮލުގަ އަޅައިގަތީ ސައިޑް ޓޭބަލް މަތީ ޗާޖަށް ޖަހާފަ އޮތް ސަމާގެ ފޯނެވެ. ސަމާ ބަލިވެގެން  ހޮސްޕިޓަލަށް ދިޔަ އިރު އަހަރެން ބޭގަށްލާން ފޯނު ދިން ގޮތަށް އެ ފޯނު އޮތީ އަހަރެންގެ ބޭގްގައެވެ. ފަހުން އަހަރެންވެސް އޭގެ މަތިން ހަނދާން ނެތުނީއެވެ. އެ ބޭގް ފަހުން ޔޫސް ނުކުރާތީ އަހަރެންނަށް އެ ފޯނު ނުފެނި އޮތީއެވެ. މިރޭ އަލަމާރި ސާފް ކުރި އިރު އެ ދަބަސް ތެރެއިން އަހަރެންނަށް އެ ފޯނު ފެނުނެވެ. އެކަމް ޗާޖްގޮސްގެން ނިވިފަ އޮތީމަ އަހަރެން ޗާޖްކޮއްލީއެވެ. އަހަރެން ފޯނު ހުޅުވާލީ އެއީ ސަމާގެ އެންމެ ފަހު ހަނދާނަށް ވުމުންނެވެ. ފޯނު ހުޅުވާލި ވަގުތު ފުލުފުލުގަ އެތަށް މެސެޖްތަކެއް އައެވެ. އެތަނުން އަހަރެން އެންމެ ހައިރާންވީ ދޮންބެގެ ނަމްބާރ އިން ސަމާއަށް ގުޅި ކަމަށް މިސްކޯލް އެލާޓް އައީ މައެވެ.  ސަމާ ފޯނު ވައިފައި އޮން ކޮއްފަ އިނުމުން ވައިބާރ އިންވެސް ބައިވަރު މެސެޖްއައިސްފަ ހުރިއެވެ. އެންމެ ހައިރާން ވީ ދޮންބެ ސަމާއަށް މެސެޖްކޮއްފަ އިންތަން ފެނުމުންނެވެ. އަހަރެން އެ ކޮންވަސޭޝަން ހުޅުވާލީ ތެޅި ތެޅި އޮތް ހިތަކާއެކުއެވެ. ދޮންބެ އާ ސަމާ ދައްކާފަ ހުރި ވާހަކަތަށް ކިޔަން އަހަރެން އިނީ ގަބޫލު ނުކުރެވިފައެވެ. އާންއެކެވެ. ސަމާ ބަނޑުބޮޑުވީ ދޮންބެގެ ދަރިއަކަަށެވެ. އެބޯޓްކުރަން ސަމާއަށް ފޯސްކުރީވެސް ދޮންބެއެވެ. ދޮންބެ އަކީ އެފަދަ މީހަކަށް ވެދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމަވެ. ސަމާވެސް އެވަރު ބޮޑު ވާހަކައެއް އަހަރެން ކައިރީ ނުބުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެ ސުވާލުގެ ޖަވާބުވެސް އަހަރެންނަށް އެ މެެސެޖް ތަކުން ލިބުނެވެ.

” ހަނދާން ކުރާތި! ފައިހާއަށް ސަމާ ބަނޑުގަ ތިއޮތީ އަހަރެންގެ ދަރިއެއްކަން އިނގިގެން ނުވާނެ.. ސަމާވެސް އެއްބަސް ވެގެން ހަމަ އެކަނި ފިސިކަލް ރިލޭޝަންޝިޕެއް ބޭއްވީ.. ދެން  މިހާރު ކޮން  ވާހަކައެއް ދައްކާކަށް.. އެދަރިފުޅު ޖެހޭނީ އެބޯޓްކޮއްލަން.. ” ދޮންބެގެ މެސެޖްތަށް ކިޔާފަ އެއީ ދިންބެ ކޮއްފަހުރި މެސެޖް ކަމަކަށް އަހަރެންނަށް ގަބޫލުވެސްް ނުކުރެވުނެވެ.  ސަމާވެސް ދޮންބެ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންކަން އިނގި ހުރެވެސް އެފަދަ ގުޅުމެއް ބާއްވާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ދޮންބެ އާ ސަމާގެ ހިޔާލުތަކުގަ އޮއްވާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭންގެއެވެ.

ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކޮޓަރީ ދޮރުހުޅުވާލި އަޑަށެވެ. އަހަރެން ސިހިފަ ބަލާލިއިރު ކުރިމަތީ ރުޅިވެރި ކަމާއެކު އަހަރެންނަށް ބަލަން ދޮންބެ ހުއްޓެވެ.  . ދުވަހަކުވެސް ދޮންބެ އެހާ ރުޅިއައިސްފަ ހުއްޓާ އަހަރެން ނުދެކެމެވެެ.

” ފައިހާދޯ ސަމާ ފޯނުން އޮންލައިންވެގެން ތިއިނީ.. އޭރުވެސް ހިތަށް އެރިޔޭ..” ދޮންބެ ރުޅިވެރިކަމާއެކު ބުނެލިއެވެ.

” އައި ކާންޓް ބިލީވް ދިސް.. އަހަރެން ހިޔެއް ނުކުރަން ދޮންބެތީ ތިކަހަަލަ ވިޔާނުދާ މީހެއް ކަމަކަށް.. ސަމާ އެހާލުގަ މަރުވެގެން ދިޔުމުން ދޮންބެ ހިތަށް އެކައްޗެއްވެސް ނާރާތަ..؟ ” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް ދޮންބެގެ އަތުގެ ހޫނު އެތިފަހަރެއް އަހަރެންގެ މޫނުމައްޗަށް އެރިއެވެ.

” މީގެން އެއްވެސް ވާހަކައަށް އެއްވެސްމީހަކަށް އިނގިގެން ނުވާނެ..!” ދޮންބެގެ ރުޅިވެރި ބަސްތަކުން އަހަރެންވެސް އިތުރަށް ރުޅިއަންނަ ގޮތްވިއެވެ.

” ކީއްކުރެވޭނީ.. މަންމަމެން ކައިރީ ބުނާނަން… ސަމާގެ މަރުގެ ޒިންމާ ނަގަން  ޖެހޭނީ ދޮންބެ.. ” ދޮންބެ އައި ރުޅީގަ މިނިކާ ޖަނަވާރެއްހެން އަހަރެން ގައިގަ އޮޅުލައިގަތުމަށްފަހު އެނދުމައްޗަށް ވައްޓާލިއެވެެ.

ބިރުން ހަޅޭލަވާ ގަތުމާއެކު އަހަރެންނަށް ހޭލެވިއްޖެއެވެ. ފެނުނީ ހުވަފެނެއްކަން އިނގިފަ ކޮންމެވެސް ވަރަަކަށް ހިތަށް ހަމަޖެހުން ލިބުނެވެ.  ދޮންބެ ހޭލުމުން ސަމާ ވާހަކަ ދޮންބެއާ ދައްކަން އަހަރެން ނިންމީމެވެ.

ރޯދަމަސް ކަމުން މެންދުރު ނަމާދު ކޮއްލައިގެން އަހަރެން ޤުރުއާން ކިޔަވާލަން މަޑުކޮއްލީމެވެ. ޤުރުއާން ކިޔަވާ ނިންމާލައިގެން ބަދިގެޔަށް ދިޔައިރު ދޮންބެ ދަައްތަވެސް މަންމައާ އެކު ހެދިކާ ހަދަން އެހީތެރިވެދޭން އުޅެއެވެ. ދޮންބެ ދައްތަ ދުވަހަކުވެސް ނަމާދު ކުރާތަނެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެން އެކަމާ ސުވާލުކުރި ނަމަވެސް ދޮންބެދައްތަ މާ ބޮޑަށް އެވާހަކައަކާ ނުވާނެއެވެ. ފަރުޟު ފަސް ނަމާދު ނުކުރެވޭއިރު ކީއްކުރަން ހިފާ ރޯދައެއްބާވެސް އަހަރެން ހިތަށް އަރައެވެ. ދިވެހި މުޖްތަމައުގެވެސް އާދައަކީ އެއީއެވެ. ރަމަޟާން މަސް އައުމުން އެންމެން ފޯރި ދައްކާފަ ރޯދަ ހިފި ނަމަވެސް އަޅުކަން ކުރުމުގަ ވަގުތު ހޭދަ ކުރަނީ މަދުބައެކެވެ. ހަމަ އެކަނި ނުކައި ހުރެގެން ރޯދަ ހިފުނީ ކަމަށް އެމީހުނަށް ގަބޫލް ކުރެވެނީ ކަންނޭންގެއެވެ.

” ދޮންބެދައްތައަށް އިނގޭތަ ނަމާދު ނުކޮށް ރޯދަ ހިފާކަށް ނުވާނެ.. ނަމާދަށް ފަހު ރޯދަ އަންނާނީ.. ރޯދައިގެ ފުރިހަމަ ސަވާބު ލިބޭނީ ރޯދައަށް ހުރެ ގިނަ ގިނައިން އަޅުކަން ކުރުމުން..” ހިތަށް އުނދަގޫވެގެން އަހަރެން އެންމެ ފަހުން ދޮންބެދައްތައަށް ވިސްނޭނެހެން ބުނެލީމެވެ.

” ޔާ ކޮކީ ދޮންބެދައްތައަށް މިހާރު އެކަން ގަބޫލު ކުރެވޭ.. ރޭ ޓީވީ ހުޅުވާލިއިރު އައި ދަރުސްއެއް އަޑު އިވިފަ ދޮންބެ ދައްތައަށްވެސް ގަބޫލު ކުރެވިއްޖެ މި އުޅެވެނީ ރަނގަޅަށް ނޫން ކަމަށް.. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ނަމާދެއް ނާޅާނަން..” ދޮންބެދައްތަގެ ބަސްތަކުން އަހަރެން ހިތްހަމަ ޖެހުނެވެ.

” ހާދަ އޮލަ ވާހަކައެއްގަ..” ކުއްލިޔަކަށް ދެމީހުން ސިއްސައިގެން ދިޔައީ ދޮންބެގެ އަޑަށެވެ. ދޮންބެ ފެނުމުންވެސް އަހަރެންނަށް އުނދަގޫވިއެވެ. އެކަމް ދޮންބެއާ ވާހަކަދައްކަން ބޭނުންވާތީ އަހަރެން ދޮންބެ ގޮވައިގެން ކޮޓަރިއަށް ދިޔައީމެވެ.

” ދޮންބެ އަހަރެންނަށް އިނގިއްޖެ ހުރިހާ އެއްޗެއް މިހާރު.. އަހަރެން ހިޔެއް ނުކުރަން ދޮންބެ އެހެން ކަންކޮއްފާނެ ކަމަކަށް.. ” އަހަރެންގެ އެ ޖުމްލައާއެކު ކުއްވެރިއެއް ފަދައިން ދޮންބެ އިސްޖަހާލިއެވެ.

” ކޮކީ ދޮންބެއަށް އިނގޭ ދޮންބެއަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން.. ދޮންބެ ފުރަތަމަ ސަމާ ކައިރީ ބުނީ އެބޯޓްކޮއްލަން.. ސަމާ ވަގުތުން އެއްބަސްވި.. އެކަމް ފަހުން ދޮންބެއަށް ވިސްނުނީ.. ދެން ސަމާއަށް ގުޅާފަ ބުނިން ހިނގާށޭ އެކުގަ އުޅެން ދަރިފުޅަށްޓަކާ ސަނާއާ ކައިވެނި ކުރުންވެސް ކެންސަލް ކޮއްފާނަމޭ.. އެކަމް ސަމާ އެއްބަހެއް ނުވި.. ދެން ދޮންބެވެސް ފަރުވާކުޑަކަމުން އަޅާ ނުލެވުނީ.. ސަމާ ކޮންމެވެސް ރައްޓެއްސެއްލައްވާ ބޭސް ގަނެގެން ކެއީ.. ސަމާ މަރުވި ވާހަކަ އަޑުއިވިފަ ދޮންބެވެސް  ވަރަށް ދެރަވި.. ކަންތައް ކުރެވުނު ގޮތުން އަމިއްލަ މީހާ ކުއްވެރި ކުރެވުނު.. އެކަމް ފަހުން ތައުބާވެފަ ދޮންބެ އެފަދަ ކަންކަަމުން ދުރުހެލިވާން އަޒުމް ކަނޑައެޅިން.. އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް އެފަދަ ފާފައަކަށް އަރައެއް ނުގަންނާނަން..” ދޮންބެ ވާހަކަތައް ނިމުނު އިރު ހުރީ ރޮޮވިފައެވެ.. އަހަރެން ދޮންބެއަށް ހިތްވަރުދިނީމެވެ.

ދުނިޔެއަކީ ކުޑަ ވަގުތުކޮޅެއްގެ ތަނެކެވެ. މަރުއައިސް ބައްދަލްކުރާނީ ކޮންވަގުތަކު ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. ދުނިޔޭގެ ރަން ދަޅަތަކަށް ނުހެއްލި މަރުވެދާނެކަމަށް ވިސްނާ ހެޔޮ އަމަލުތަށް ގިނަކުރަން މަސެއްކަތް ކުރުމީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް ހުޅުވިގެން ދާނެ ދޮރެކެވެ.

މަރުވެދާނޭ މާދަމާ ގައިމޭ
ދޫކޮއްފަ ލޮއެއްބާ އުފާ
ހުސްއަތާ ލޯމަރާލާފަ ދާނޭ ރޮމުން
ކޮއްފާ މިތާންގާ އުފާ

ތެދެވެރިން ނޫޅެޔޭ އިނގޭ އެކުވެރިން ނޫޅެޔޭ އިނގޭ
ކެހިވެރިން ގިނަތަނެއް އިނގޭ ދުނިޔެމީ  ދަސްކުރޭ އިނގޭ
އެންމެ ކައިރީގާ  ހީފަ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާ
ކަފުނުގާ ކެތްނުވާ ވަރަށް މަރުވުމުން ރޮއެ ހަދާނޭ
ދެދުވަހެއް ނުވެ ހަނދާން ހިތުން މަޑު މަޑުން ގެއްލިދާނޭ
ދުނިޔެއަށް ބޯލަބައިގެން ތިބޭ މީހުން ގައިމޭ ނުވާނޭ ލަފާ

މަރުވެދާނޭ މާދަމާ ގައިމޭ
ދޫކޮއްފަ ލޮއެއްބާ އުފާ
ހުސްއަތާ ލޯމަރާލާފަ ދާނޭ ރޮމުން
ކޮއްފާ މިތާންގާ އުފާ

💕 ނިމުނީ 💕

ޚިޔާލު ފާޅުކުރައްވާ