Follow us on
ސޫރަތުލް ބަޤަރާގެ މާތްކަމާއި މަތިވެރިކަން އެނގޭނަމަ…
| އަޙުމަދު ހުސައިން

ސޫރަތުލް ބަޤަރާއަކީ ޤުރްއާނުގެ ތަރުތީބަށް ބަލާއިރު ދެވަނަ ސޫރަތެވެ. އަދި ޤުރްއާނުގައިވާ އެންމެ ދިގު ސޫރަތެވެ. މިއީ މަދަނީ ސޫރަތެކެވެ. ޤުރްއާނުގައިވާ އެންމެ ދިގު އާޔަތް ހިމެނެނީ ވެސް ސޫރަތުލް ބަޤަރާގައެވެ. އެއީ މިސޫރަތުގެ 282 ވަނަ އާޔަތެވެ. މިސޫރަތުގެ އާޔަތްތައް ބާވައިލެއްވުނީ ވަކިވަކިން އެކި ޙާލަތްތަކާއި ގުޅޭ ގޮތުންނެވެ. ޤުރްއާނުން އެންމެ ފަހުން ބާވައިލެއްވުނު އާޔަތަކީ މިސޫރަތުގެ 281 ވަނަ އާޔަތެވެ. ހަމައެފަދައިން ޤުރްއާނުގައިވާ އެންމެ މާތް އާޔަތްވެސް ހިމެނެނީ މި ސޫރަތުގައެވެ.

ސޫރަތުލް ބަޤަރާއަކީ ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން ޚާއްޞަ ކަންތައްތަކެއް ލިބިގެންވާ މާތްވެ، މަތިވެރިވެގެންވާ ސޫރަތެކެވެ. މި ސޫރަތުގެ މާތްކަމާއި ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެގެންވެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ގޯތިގެދޮރު ގަބުރުސްތާނުތަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެޔެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެއެއްގެ ކިބައިން ޝައިޠާނާ ފިލައެވެ.” އަބޫ އުމާމަތިލްބާހުލިއްޔު رضي الله عنه ވިދާޅުވިއެވެ. ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަޑު އެއްސެވީމެވެ. “ތިޔަބައިމީހުން ސޫރަތުލް ބަޤަރާ ކިޔަވާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެ ސޫރަތް ކިޔެވުން އެއީ ބަރަކާތްތެރިކަމެވެ. އަދި އެ ސޫރަތް ނުކިޔަވައި ދޫކޮށްލުން އެއީ ހިތާމަ ހުރި ކަމެކެވެ. އަދި އެ ސޫރަތް ކިޔަވައި މީހެއްގެ މައްޗަށް ސިހުރުވެރިންނަށް ބާރުލިބިގެން ނުވެއެވެ.” އެސްފީނާއާއި ޖިންނި ބީހުމާއި ސިހުރުގެ ކަންތައްތަކަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަންކަމެވެ. ޝައިޠާނާގެ ކިބައިން އަމިއްލަ ނަފްސާއި ދިރިއުޅޭ ގެއާއި ދުރު ކުރުވުމަކީ މިފަދަ ކަންކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވޭ ކަމަކަށް ވާނެއެވެ. ސޫރަތުލް ބަޤަރާއަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އަޅުގަނޑުމެނަށް ﷲ ތަޢާލާ ދެއްވާފައިވާ ހަތިޔާރެކެވެ.

އާޔަތުލް ކުރްސީގެ މާތްކަން
އާޔަތުލް ކުރުސިއަކީ ސޫރަތުލް ބަޤަރާގެ 255 ވަނަ އާޔަތެވެ. މިއާޔަތުގައި ވަނީ މާތް ﷲ ގެ ތަހުތުގެ ވާހަކައެވެ. މި އާޔަތަކީ ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތެކެވެ. އަދި މިއީ ރުޤިޔާއަށް ވެސް ބޭނުން ކުރެވޭ އާޔަތެކެވެ. އެސްފީނާއާއި، ސިޙުރާއި އަދި އާއްމު ރައްކާތެރިކަމަށް ވެސް މިއާޔަތް ބޭނުން ކުރެވެއެވެ. މި އާޔަތުގެ މާތްކަމާ ބެހޭގޮތުން ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ.

އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “މީހަކު ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފި ކަމުގައި ވަނީނަމަ އޭނާ ސުވަރުގެ ވަނުމަށް، މަރު ފިޔަވައި އިތުރު ހުރަހެއް ނުވެއެވެ.” މި ޙަދީޘުންވެސް އަޅުގަނޑުމެނަށް އެނގިގެންދަނީ ހެޔޮކަމުގެ މަގުތައް ވަރަށް ގިނަކަމެވެ. އަދި ރަޙްމާނުވަންތަ އިލާހު އަޅުގަނޑުމެނަށް ދެއްވާފައިވާ ނިޢުމަތްތަކެވެ. ފަސޭހަ މަގުތަކުން ﷲ ތަޢާލާ ވަނީ ސުވަރުގޭގެ މަގު އަޅުގަނޑުމެނަށް ތަނަވަސް ކޮށްދެއްވާފައެވެ.

ސޫރަތުލް ބަޤަރާގެ ފަހު ދެއާޔަތް
އަބީ މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑެއްގައި ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތް ކިޔަވައިފި މީހަކަށް، އެ ފުދިގެންވެއެވެ.” މި ޙަދީޘްގައި މިވާ “ފުދިގެންވުން” ޝަރަޙަ ކުރައްވަމުން ޢިލްމުވެރިން ތަފާތު ރައުޔުތައް ގެންނަވާފައިވެއެވެ. އެގޮތުން ޝާއިޠާނާގެ ނުބައިކަމުން ރައްކާތެރިކޮށްދިނުމަށް ފުދިގެންވުން، ކޮންމެ ނުބައިކަމަކުން ރައްކަލަކަށް ފުދިގެންވުން ނުވަތަ ޘަވާބުގެ ގޮތުން ފުދިގެން ވުމެވެ.

ނުޢުމާން ބިން ބަޝީރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގެ ދެހާސް އަހަރު ކުރިން ﷲ ތަޢާލާ ލިޔުއްވުމެއް ލިޔުއްވިއެވެ. އެ ލިޔުއްވި ލިޔުއްވުން ވަނީ ޢަރުޝިކޮޅުގެ މަތީގައެވެ. އަދި އެކަލާނގެ އެއިން ދެ އާޔަތެއް ބާވައިލެއްވިއެވެ. އެއީ ސޫރަތުލް ބަޤަރާގެ ނިމުމުގައިވާ ދެ އާޔަތެވެ. އެ ދެއާޔަތް ގެއެއްގައި ތިން ރޭ ކިޔަވައިފިނަމަ، ފަހެ ޝައިޠާނާ އެގެޔަކާ ކައިރިނުވާ ހުއްޓެވެ.” ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތް ޤަވާޢިދުން ކިޔެވުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެއެވެ. ހަމައެފަދައިން ހެނދުނާއި ހަވީރު އަދި ނިދާ ވަގުތުގައިވެސް މި ދެ އާޔަތް ކިޔެވުމަކީ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.

ސޫރަތުލް ބަޤަރާ މާނައާއެކު ގިނަގިނައިން ކިޔެވުމަށް އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި ތާވަލު ކުރަންޖެހެއެވެ. އަދި އެ ސޫރަތުގެ އާޔަތްތަކަށް ޢަމަލުކޮށް އެ އާޔަތްތައް ހިތުދަސްކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެހެނީ އަޞްޙާބުބޭކަލުން ޢަމަލު ކުރެއްވީ އެގޮތަށެވެ. ރިވާވެގެންވާ ގޮތުގައި އިބްނި ޢުމަރު ސޫރަތުލް ބަޤަރާ ހިތުދަސްކުރެއްވުމަށް އަށް އަހަރު ނެންގެވިއެވެ. އެބޭކަލުން ޤުރްއާން ވިދާޅުވަނީ އެބޭކަލުންގެ ހިތްޕުޅު މަޑުމޮޅި ކުރައްވައި، އަދި އެ ހިތުދަސްކުރައްވާ އާޔަތަކަށް ޢަމަލުކުރައްވަމުން ވަޑައިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ