Follow us on
ތައުބާވުން.. ކިހާ ދަރުމަހުރި އަޅުކަމެއްކަން އެނގޭތަ!؟
| އަޙުމަދު ހުސައިން

އަޅުގަނޑުމެންގެ ދެކޮނޑުގައި ޢަމަލުތައް ލިޔުއްވާ މަލާއިކަތް ބޭކަލުން ތިއްބެވިކަން ހަނދާންހުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ މަލާއިކަތުންނަކީ ﷲ ތަޢާލާ އެބޭކަލުންނާ ޙަވާލުކުރައްވާފައިވާ ޒިންމާ، އެކަލާނގެއަށް އުރެދުމަކާއިނުލައި ފުރިހަމަ ގޮތުގައި އަދާކުރައްވާ މަޚްލޫޤުންތަކެކެވެ. ސުވާލަކީ އަޅުގަނޑުމެން ފާފައެއް ކުރާއިރަށް ވައަތް ފަރާތުގައި އިންނަވާ ބޭފުޅާ އެ ޢަމަލު ލިޔުއްވާތޯއެވެ. އާދެ! އެ ލިޔުއްވުމުގެ ކުރިން އަޅުގަނޑުމެނަށް ވަނީ ވަގުތު ކޮޅެއް ދެއްވާފައެވެ. ﷲ ގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވެ، ތައުބާވުމަށް މުހުލަތެއް ވަނީ ދެއްވާފައެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ صَاحِبَ الشِّمَالِ لِيَرْفَعُ القَلَمَ سِتَّ سَاعَاتٍ – محتمل أن تكون الساعة الفلكية المعروفة، أو هي المدة اليسيرة من الليل أو النهار، من لسان العرب – عَنِ الْعَبْدِ الْمُسْلِمِ الْمُخْطِئِ، فَإِنْ نَدِمَ وَاسْتَغْفَرَ اللهَ مِنْهَا أَلْقَاهَا، وَإِلاَ كُتِبَتْ وَاحِدَةً.) [رواه الطبراني في الكبير والبيهقي في شعب الإيمان وحسنه الألباني في سلسلة الأحاديث الصحيحة 1209] މާނައީ: “ނުބައިކަމެއްކުރާ މުސްލިމު އަޅަކަށްޓަކައި ވައަތް ފަރާތުގައި އިންނަވާ ބޭފުޅާ ހަ ސާޢަތަށް ޤަލަން އުފުއްލަވައެވެ. – މިތާނގައި ސާޢަތަކީ ފަލަކީ ޙިސާބުގައި ބޭނުންކުރާ ގަޑި އިރަށްވުން އެކަށީގެންވެއެވެ. ނުވަތަ ޢަރަބި ބަހުގައި ކިޔައި އުޅޭ ގޮތަށް އެއީ ދުވާލާއި ރޭގަނޑުން ކުރު މުއްދަތަކަށް ވުންވެސް އެކަށީގެންވެއެވެ. – އޭނާ އެކަމާއި ހިތާމަކޮށް ﷲ ޙަޟްރަތުގައި އިސްތިޣްފާރުކުރުމުން (ނުލިޔެ) ދޫކޮށްލައްވައެވެ. ނޫންނަމަ އެއް(ކުށުގެ) ގޮތުގައި ލިޔެއެވެ.”

އަޅުގަނޑުމެން އިންސާނުންނަކީ އަބަދާއި އަބަދު ފާފައަށް ހުށަހެޅިފައިވާ ބައެކެވެ. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ މުޖްތަމަޢަށް ބަލާލާއިރު މުޖުތަމަޢު ވަނީ ފާފަތަކުން ވަށާލެވިފައެވެ. ގަސްތުގައި ކުރެވޭ ފާފަތަކާއި ގަސްތަކާ ނުލައި ކުރެވޭ ފާފަތަކެވެ. އެހެނީ މުޖުތަމަޢުގައި ފާހިޝް ޢަމަލެއް ފެތުރި ޢާއްމުވެ، މީސްތަކުންނަށް އެއީ އެހާ ބޮޑުކަމެއް ކަމަށް ނުދެކެވޭ އެތަކެއް ފާފަތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަވެއެވެ. ދަންނަންޖެހޭ ޙަޤީޤަތަކީ މުޖުތަމަޢެއްގައި ފާހިޝް ޢަމަލެއް ފެތުރި ޢާއްމުވެ އެކަމަކީ މީސްތަކުންނަށް ކިތަންމެ ކުޑަ ކަމެއްކަމަށް ދެކެވުނު ކަމުގައި ވީނަމަވެސް ﷲ ގެ ޙަޟްރަތުގައި އެ ޢަމަލެއް ނުވަތަ ޢަމަލުތަކެއް ވާހުށީ ހަމަ ފާހިޝް ޢަމަލުކަމުގައެވެ. ފޭސްބުކް އިންސްޓާގްރާމް ނުވަތަ ފިލްމް ސީރީޒްތަކުން ފެންނަ ފާހިޝް މަންޒަރުތަކާއި އަޑުތަކަކީ އަޅުގަނޑުމެނަށް އެނގޭ ޙާލު ފަރުވާ ކުޑަ ކުރެވިފައިވާ ފާޙިޝް ޢަމަލުތަކެވެ. ހަމައެފަދައިން އަންހެންކަނބަލުން އަޢުރަ ނިވާކުރުމުގައި ފައިތިލަ ނުފޮރުވާ ނުވަތަ އިސްޓާކީނަށް އެރުމާމެދު ވަނީ ފަރުވާކުޑަ ކުރެވިފައެވެ. ފިރިހެން ބޭފުޅުންގެ އަޢުރައާމެދު ފަރުވާކުޑަކޮށް ފަލަމަސްގަނޑު ފެންނަ ފަދަ ކުރު ސޯޓު ލަނީ ވަރަށް އާދައިގެ ކަމެއް ކަމުގައި ދެކިގެންނެވެ. އެހެންކަމުން މިފަދަ ކަންކަން ދެނެގަނެ އިޞްލާޙުކޮށް، އަޅުގަނޑުމެން ވާންޖެހޭނީ އަބަދާއި އަބަދު ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާ ބަޔަކަށެވެ.

ޞަޙީޙުލް ބުޚާރީގައިވާ ދެ ރިވާޔަތެއްގައިވެއެވެ. عن أنس رضي الله عنه قال: (إِنَّكُمْ لَتَعْمَلُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنِكُمْ مِنْ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الْمُوبِقَاتِ.) މާނައީ: އަނަސް رضي الله عنه ވިދާޅުވިއެވެ. “ތިޔަބައިމީހުން ކުރާ ޢަމަލުތަކުގެ ތެރެއިން، ތިޔަބައިމީހުންގެ ލޯތަކުގެ ކުރިމަތީގައި އިސްތައްޓަކަށްވުރެ ވެސް މާކުޑަކަމަށް ދެކޭ ޢަމަލުތައް، ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެއީ މީހަކު ހަލާކު ކޮށްލަނިވި ކަންކަން ކަމުގައި ތިމަންމެން ދެކި އުޅުނީމެވެ.”

عن ابن مسعود رضي الله عنه قال: (إِنَّ الْمُؤْمِنَ يَرَى ذُنُوبَهُ كَأَنَّهُ قَاعِدٌ تَحْتَ جَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ، وَإِنَّ الْفَاجْرَ يَرَى ذُنُوبَهُ كَذُبَابٍ مَرَّ عَلَى أَنْفِهِ فَقَالَ بِهِ هَكَذَا – أَي بِيَدِهِ – فَذَبَّهُ عَنْهُ.) މާނައީ: އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. “ހަމަކަށަވަރުން މުއުމިނަކަށް އޭނާގެ ފާފަތައް ފެންނާނީ، އޭނާ ފަރުބަދައެއްގެ ދަށުގައި އިށީނދެ އިންނައިރު އެފަރުބަދަ އޭނާގެ ބޮލަށް ވެއްޓިދާނެތީ ބިރުގަންނަ ފަދައިންނެވެ. އަދި ފާޖިރު މީހާއަށް އޭނާގެ ފާފަތައް ފެންނާނީ އޭނާގެ ނޭފަތް ކައިރިން ދިޔަ މެއްސެއް ފަދަ ގޮތަކަށެވެ. އޭނާ މިފަދައިން (އެބަހީ އޭނާގެ އަތުން) އެފޮޅާލައި އޭނާއާއި ދުރުކޮށްލާނެއެވެ.”

ރަސޫލާ صلى الله عليه وسلم ގެ ހަދީޘެއްގެ މާނައިގައިވެއެވެ. “ކުދި ފާފަތައް ކަމުގައި ބެލެވޭ ފާފަތަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ކުދި ފާފަތައް ކަމުގައި ބެލެވޭ ފާފަތަކުގެ މިޘާލަކީ ވާދީއެއްގެ މެދަށް ފޭބި ބައެއްގެ މިޘާލެވެ. ފަހެ (އޭގެތެރެއިން މީހަކު) ދަރުކޮޅެއް ހިފައިގެން އާދެއެވެ. އަދި އެހެން މީހަކުވެސް ދަރުކޮޅެއް ހިފައިގެން އާދެއެވެ. އެބައިމީހުން އޭގެން ރޮށި ފިހެވޭވަރަށް (ދަރު) އެއްކުރެވެންދެނެވެ. އަދި ހަމަކަށަވަރުން ކުދި ފާފައިގައި ހިފާ މީހާ އޭގެ ސަބަބުން ހަލާކުވެގެންދެއެވެ.

(އަދި އެހެން ރިވާޔަތެއްގައިވެއެވެ.) ކުދި ފާފަތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ މީހަކު ހަލާކުވެއްޖެއުމަށް ދާންދެން އެފާފަތައް އޭނާގެ މައްޗަށް ޖަމާވެއެވެ.”

ފާފައަކީ އޭގެ ޒާތުގައި ކުޑަ ފާފައަކަށް ވީނަމަވެސް ކުދި ފާފައަކީ އަޅުގަނޑުމެން ހަލާކުގެ ތެރެއަށް ގެންގޮސް މީހާ ނަރަކައަށް ވައްޓާލައިފަދަ ނުރައްކާތެރި އެއްޗެކެވެ. އެހެންކަމުން ކުދި ފާފަތަކަށް އަރައިގަނެވޭ މީހުންނާއި އެފަދަ ފާފަތަކުގައި ދެމި ތިބެވޭ މީހުންވެސް އަބަދާއި އަބަދު ތައުބާވުމަށް ވަރަށް ސަމާލުކަން ދޭންޖެހެއެވެ.

ތައުބާވުމަކީ ފާފައިން ނުވަތަ ފާފަތަކުން އެނބުރި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވެ އެކުރެވުނު ފާފަ ހުއްޓާލައި އެފާފައާމެދު ދެރަވެ ހިތާމަކޮށް، ދެން އެފަދަ ޢަމަލަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައަޅައެޅުމެވެ. އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤެއް އަދާކުރުމެވެ. މީހަކަށް ޣީބަ ބުނެވިފައިވާނަ އެމީހެއްގެ ކިބައިން މަޢާފަށް އެދެންޖެހެއެވެ. ނުވަތަ އޭނާގެ ޙައްޤު ކަނޑަން ޖެހޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا (سورة التحريم : 8) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ތައުބާވާށެވެ.” މި އާޔަތުގައި އެކަލާނގެ ވަޙީކުރައްވަނީ نصوح ތައުބާއަކުން ތައުބާ ވުމަށެވެ. އެ ތައުބާގެ ސަބަބުން ކުރެވިފައިވާ ފާފަތައް ފޮހެވޭވަރުގެ ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަށެވެ. ހަމައެފަދައިން އަޅުގަނޑުމެން ފާފަ ދޫކޮށްލާ ސަބަބަކަށް ވާންޖެހޭނީ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަލާނގެ ރުއްސެވުން ހޯދުމެވެ. އެއްވެސް ޙާލެއްގައި ފާފައާއި ދުރުހެލިވާ މައިގަނޑު ނުވަތަ ހަމައެކަނި ސަބަބަކީ ދުނިޔެވީ ގޮތުން މަންފާއެއް ޙާޞިލުކުރުމަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެއެވެ. އެހެން ވެއްޖެނަމަ އެ ކަމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދެއެވެ. ނަމަވެސް ދުނިޔެވީ ގޮތުން ލިބޭ މަންފާއަކީ ފާފައެއް ދޫކޮށްލުމަށް އެޅޭ ހިތްވަރަކަށް ވުން އެއީ ހަމަ އެންމެ ރަނގަޅުކަމެކެވެ.

އިބްނި ޢައްބާސް رضي الله عنه ގެ އަރިހުން އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

أَنَّ نَاسًا مِنْ أَهْلِ الشِّرْكِ قَتَلُوا فَأَكْثَرُوا، وَزَنَوا فَأَكْثَرُوا، ثُمَّ أَتَوا مُحَمَّدًا – صَلَّى اللهُ عَلَيْهِ وَسَلَّمَ – فَقَالُوا: إِنَّ الَّذِي تَقُولُ وَتَدْعُو إِلَيْهِ لَحَسَنٌ، وَلَوْ تُخْبِرُنَا أَنَّ لِمَا عَمِلْنَا كَفَّارَةً، فَنَزَلَ قَولُ الله تعالى: وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَامًا (سورة الفرقان : 68) ، ونزل: قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ (سورة الزمر : 53). މާނައީ: ޝިރުކުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު ވަރަށް ގިނައިން މީހުން ޤަތުލު ކުރިއެވެ. އަދި ވަރަށް ގިނައިން ޒިނޭ ކުރިއެވެ. ދެންފަހެ އެބައިމީހުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ވިދާޅުވާ ބަސްފުޅުތަކާއި ދެއްވާ ދަޢުވަތު އެއީ ރަނގަޅު އެއްޗެއްސެވެ. ތިމަންމެންގެ ޢަމަލުތަކަށް ކައްފާރާއެއް(ވާކަމު)ގެ ޚަބަރު ތިމަންމެނަށް ދެއްވާށެވެ.” ފަހެ ﷲ ތަޢާލާ އަންނަނިވި ބަސްފުޅު ބާވައިލެއްވިއެވެ. وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَامًا (سورة الفرقان : 68)  މާނައީ: “އެބައިމީހުންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާ މީހުންނެވެ. އަދި ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުން ނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެއެވެ.” ހަމައެފަދައިން ފާފަތަކުގައި ދެމިތިބެ، އެފާފަތައް ކުރުމުގައި އިސްރާފުކޮށްފައިވާ މީހުންނާއި ބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ (سورة الزمر : 53) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށެވެ.” އަދި ވެސް ﷲ ތަޢާލާއަކީ އަޅުތަކުންގެ ތައުބާ ޤަބޫލުކުރައްވާ ފަރާތެއްކަން ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. أَلَمْ يَعْلَمُواْ أَنَّ اللّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ (سورة التوبة : 104) މާނައީ: “ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަޅުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.” އަދި ވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ.

ތައުބާވުމަކީ ނުހަނު މާތް މަތިވެރި ކަމެކެވެ. އަދި ތައުބާވާ އަޅާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ހަމައެފަދައިން އެއަޅާ ތައުބާވުމުން ﷲ ތަޢާލާ އުފާވެވޮޑިގެންވާކަން އަންނަނިވި ޙަދީޘުން އެނގެއެވެ.

“ﷲ ގެ އަޅާ ތައުބާވުމުން، ދަތުރެއްގައިވީ މީހާ އުފާވިވަރަށްވުރެ ބޮޑަށް އެއިލާހު އުފާވެވޮޑިގަންނަވައެވެ. ޞަޙަރާގެ ތަނަވަސްކަމުގެ ތެރޭގައި ދަތުރު ކުރަމުން ދިޔަ މީހަކު އެކަހެރި ނުރައްކާތެރި މަންޒިލެއްގައި މަޑުކުރިއެވެ. އަދި އޭނާގެ ސަވާރީ އޭނާގެ ގާތުގައިވެއެވެ. އެވަނީ ކާބޯތަކެތިން ބަރުކުރެވިފައެވެ.

ފަހެ ގަހެއްގެ ހިޔަލުގައި އޭނާ އޮށޯވެ ނިދިއެވެ. ފަހެ އޭނާ ހޭލިއިރު އޭނާގެ ސަވާރީ ފެންނާކަށް ނެތެވެ. އަދި އޭނާ އެ ހޯދަން މަސައްކަތް ކުރިއެވެ. އޭނާ އުސް ހިސާބަކަށްގޮސް އެތާގެ މައްޗަށް އެރުމުންވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން އެނޫން އުސްގަނޑަކަށްގޮސް ބެލުމުންވެސް އެއްވެސް އެއްޗެއް ނުފެނުނެވެ.

ހޫނުގަދަވެ ކަރުހިތްކުން އިތުރުވި ހިނދު އޭނާ ބުންޏެވެ. “އަހަރެން މިއައި ތަނަށް އެނބުރި ދާނީއެވެ. ފަހެ މަރުވަންދެން އެތާ ނިދާނީއެވެ.” ފަހެ އޭނާ ގަހެއްގެ ގާތަށް ހިނގައްޖެއެވެ. އަދި އޭގެ ހިޔަލުގައި އޮށޯތެވެ. ހަމަކަށަވަރުން އޭނާ ވަނީ އޭނާގެ ސަވާރީއާމެދު މާޔޫސްވެފައެވެ. އޭނާ އެފަދައިން ވަނިކޮށް، އޭނާ ބޯހިއްލާލައިފައި ބަލާލިއިރު، އޭގެ ލަގަން ދަމަމުން އައިސް އެސަވާރީ އޭނާގެ ކައިރީގައި ހުއްޓެވެ. އަދި އޭނާގެ ކާބޯތަކެތީގެ ކޮއްތު އެއާއެކުވެއެވެ. ފަހެ އޭނާ އޭގެ ލަގަނުގައި ހިފިއެވެ.

ފަހެ މިމީހާ އޭނާގެ ސަވާރީއާއި ކޮއްތާމެދުވީ އުފަލަށްވުރެ ބޮޑަށް، މުއުމިނުމީހާ ތައުބާވުމުން ﷲ އުފާވެވޮޑިގެންވެއެވެ.

(މިތާނގައި މިވަނީ ޞައްޙަ ރިވާޔަތްތަކެއް އެއްކުރެވިފައެވެ. ترتيب صحيح الجامع 4/368)

ކަންމިހެން ހުރިއިރު ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށް އަވަސްވެގަންނާށެވެ. ވަކި ކަމެއް ވަންދެން ނުވަތަ ވަކި ދުވަހެއް އަންނަންދެން ނުވަތަ ވަކި ވަގުތެއް ޖެހެންދެން ތައުބާވުމަށް ލަސްނުކުރާށެވެ. ބައެއް މީހުން ފާފައަށް ދެވަނަ ފަހަރަށް އަރައިގަނެވިދާނެކަމުގެ ބިރު އޮތުމުންނޭ ކިޔާ ތައުބާވުން ލަސްކުރެއެވެ. މިއީ އިންތިހާ ދަރަޖައިގެ ނުރައްކާތެރި ކަމެކެވެ. ފުރާނަ ނޭވާ ހޮޅިއަށް އެޅުމުގެ ކުރިން ނުވަތަ ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން ވެއްޖެ ތައުބާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލު ވެވިގެންވާ ތައުބާއެކެވެ. ވީމާ ވަގުތު ފާއިތުވުމުގެ ކުރިން نصوح (ތެދުވެރި، އިޚްލާޞްތެރި) ތައުބާއަކުން ތައުބާވާށެވެ.


މަސްދަރު: އަހަރެން ތައުބާވާން ބޭނުން، އެކަމަކު.. (ފޮތް)

ޚިޔާލު ފާޅުކުރައްވާ

  1. Servant of Allah

    Varah beynun theri liyumeh varah furihama