Follow us on
އިމާމް ނަވަވީގެ ސާޅީސް ހަދީސް
| މުޙައްމަދު މަޢޫން

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.

އަލްއިމާމް ނަވަވީގެ ވަނަވަރު

ނަން:     ޔަޙްޔާ
ލަޤަބުފުޅު:   މުޙިއްޔިއްދީން
ކުންޔާ:     އަބޫ ޒަކަރިއްޔާ (އެކަލޭގެފާނުގެ އުފަންރަށް އައްނަވާއަށް ނިސްބަތްވެ މަޝްހޫރުވެވަޑައިގެންފައިވަނީ ”އައްނަވަވީ” މިނަމުންނެވެ.)
 އުފަންތާރީޚް:   ހިޖުރައިން 631 ވަނައަހަރުގެ މުޙައްރަމްމަހުގައި
އުފަންވެފައިވަނީ:
           ޤައުމު: ސީރިޔާ
           ޕްރޮވިންސް: ދިމިޝްޤު
           ރަށް: ޙަވްރާން
           އަވަށް: އައްނަވާ

ޢިލްމު ޙާސިލްކުރައްވަން ވަޑައިގެންނެވި ރަށްރަށް:     ދިމިޝްޤު
 
 
އެކަލޭގެފާނުގެ ބައެއް އުސްތާޒުން:
       އަލްއިމާމް ކަމާލުއްދީން އިސްހާޤު ބްނު އަޙުމަދު
       އަލްއިމާމް މުޙައްމަދު ޢަބްދުއްރަޙްމާން ބްނު ނޫޙް
       އަލްހާފިޒު އިބްރާހީމް ބްނު ޢީސާ
 

އެކަލޭގެފާނު ލިޔުއްވި ބައެއް ފޮތްތައް:

ރަވްޟަތުލް ޠާލިބީން (ޝާފިޢީ މަޒުހަބުގެ ފިޤްޙު ފޮތެއް)

އަލްމިންހާޖު (ޝާފިޢީ މަޒުހަބުގެ ފިޤްޙު ފޮތެއް)

ޞަޙީޙް މުސްލިމްގެ ޝަރަޙަ (މިފޮތަކީ ޞަޙީޙް މުސްލިމްގެ މައްޗަށް ލިޔެވިފައިވާ އެންމެ ފުރިހަމަ ޝަރަޙަކަމަށް ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.)

ރިޔާޟުއް ޞާލިޙީން (މިފޮތަށް އިސްލާމީ ދުނިޔޭގައި ލިބިފައިވާވަރުގެ މަޝްހޫރުކަމެއް ލިބިފައިވަނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ފޮތްކޮޅަކަށެވެ.)

އަލްޢަރްބަޢީނުލް ނަވަވިއްޔާ (ސާޅީސް ޙަދީޘް)

ޢިލްމު ޙާސިލްކުރެއްވުމުގައި ޙިއްމަތްތެރިކަން ހުރި މިންވަރު:

ވަރަށް ތުއްޕުޅު ޢުމުރުފުޅުގައި ޤްރުޢާން ހިތުދަސްކުރެއްވިއެވެ.

ޢުމުރުފުޅުން ނަވާރަ އަހަރުގައި ދިމިޝްޤަށް ވަޑައިގެން އެކި ޢިލްމުވެރިންގެ ގާތުން ޢިލްމު އުނގެނެން ފެއްޓެވިއެވެ. މިގޮތުން ޢިލްމުގެ އެކި ރޮނގުރޮނގުން ކޮންމެދުވަހަކުވެސް 12 ފިލާވަޅު ނަންގަވައެވެ.

ކިޔަވާވިދާޅުވި ދުވަސްވަރު އަވަހާރަލައްޕަވާ އުޅުއްވީ ވަރަށް މަދުންނެވެ.

އަދި އެދުވަސްވަރު ކިރިޔާ ހައިހޫނުކަން ފިލާމިންވަރަށް މެނުވީ ފަރީއްނުކުޅުއްވައެވެ.

އެކަލޭގެފާނުބޭނުންކުރެއްވި ފޮތްތަކުގައިވާ އުނދަގޫ މައްސަލަތަކުގެ މައްޗަށް ޝަރަޙައާއި ނޯޓްސް ލިޔުއްވަމުންގެންދެވިއެވެ.

އަވަހާރަވީއިރު ޢުމުރުފުޅު:    46އަހަރު

އަވަހާރަވި ތާރީޚް:       ހިޖުރައިން 676 ވަނައަހަރުގެ ރަޖަބު މަހުގައި

 

ފޮތުގެ މުހިއްމުކަން

މިއީ ދީނުގެ މުހިންމު މައްސަލަތަކުގެ މައްޗަށް ބިނާވެގެންވާ ސާޅީސްދެ ޙަދީޘްގެ މައްޗަށް އެކުލެވިފައިވާ ފޮތެކެވެ. ރައުންޑް އޮފުކޮށްގެން ޢަދަދުތައް ބުނުމަކީ ޢަރަބިންގެ ޒަމާންވީ އާދައެއްކަމުން މިފޮތަށްވެސް ނަންދެވިފައިވަނީ ”ސާޅީސް ޙަދީޘް”ގެ ނަމުންނެވެ.

ޙަދީޘްތަކުގައި ބަޔާންވެފައިވަނީ އިސްލާމީ އަޤީދާ އަދި ފިޤްހް ގެ މުހިންމުޤަވާއިދުތައް

ޙަދީޘްތަކުގެ އުސްލޫބަކީ ޖަވާމިޢުލް ކަލިމް (ކުރު ޢިބާރާތްތަކަކުން މާނަފުން ބޭނުންތެރި ފިލާވަޅުތަކެއް ދިނުން)

ފޮތެއްގެ މުހިންމުކަން އެނގޭ އެއްގޮތަކީ އެފޮތް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިއޮތުމުންނެވެ. މިފޮތް ވަރަށް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު އަދި އެންމެ ފައިދާބޮޑު ޝަރަޙައަކީ އިމާމް އިބްނި ރަޖަބުގެ ޖާމިޢުލް ޢުލޫމުލް ޙިކަމްއެވެ.

 

الحديث الأول:

عن أمير المؤمنين أبي حفص عمر بن الخطاب (رضي الله عنه) قال: سمعت رسول الله (صلى الله عليه وسلم) يقول:

 “إنما الأعمال بالنيات و إنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجـر إليه”.

 (رواه إماما المحدّثين: أبو عبدالله محمـد بن إسماعيل بن إبراهيم بن المغيرة بن بردزبه البخاري الجعفي، وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفة).

ޙަދީޘްގެ މާނަ:

”ނިޔަތްގަތް ގޮތުގެ މައްޗަށް މެނުވީ ޢަމަލުތައް ބިނާވެގެންނުވެއެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާއަށް ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ ﷲއާއި އެކަލާނގެ ރަސޫލާއަށް ކުރެވުނު ހިޖުރައެއް ކަމުގައެވެ. އަދި ދުނިޔަވީ ކަމަކަށް ނުވަތަ މީހަކާއި ކައިވެނިކުރުމަށްޓަކައި ހިޖުރަކުރިމީހާގެ ހިޖުރަވާހުށީ އޭނާ ހިޖުރަކުރި ކަމެއްގެ މައްޗަށެވެ.”

ޙަދީޘްގެ މުހިންމުކަން:

މިޙަދީޘަކީ އިސްލާމްދީނުގެ ތިންބައިކުޅަ އެއްބައިކަމުގައި އިމާމް އަޙްމަދު ބިން ޙަންބަލް ވިދާޅުވިއެވެ.

ފޮތެއްފަށާނަމަ، އޭގެ ފެށުމަކަށް ގިނަ ޢިލްމުވެރިން ހިމަނަނީ މިޙަދީޘެވެ.

އަޅަކަށްލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ހުރިހާ ކަމެއްގައިވެސް އޭނަގެ ނިޔަތް ތެދުވުމެވެ.

ފިޤްހު ޢިލްމުގެ މައި ޤަވާއިދުތަކުގެ ތެރެއިން އެއް ޤަވާއިދު ބިނާވެފައިވަނީ މި ޙަދީޘްގެ މައްޗަށެވެ.

އެއީ: الأُمُوْرُ بِمَقَا صِدِهَا، ކަންކަމުގައި ޙުކުމް ކަނޑައެޅެނީ އޭގެ މަޤްޞަދަށެވެ.

ޙަދީޘް އެކުލެވިފައިވާގޮތް:  

މި ޙަދީޘްގައިވަނީ ދެ ޖުމްލައާއި އަދި ދެމިސާލެވެ.

ދެ ޖުމްލައިގައިވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކެވެ. ދެމިސާލުގައިވަނީ ދެޖުމްލައިގެ ޝަރަޙައެވެ.

ދެ ޖުމްލައަކީ

“إنما الأعمال بالنيات

و إنما لكل امرئ ما نوى،

ދެ މިސާލަކީ

فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجـر إليه”

إنما    ދަލީލްކޮށްދެނީ ޙަޞްރުކުރުމަށެވެ.

الأعمال ޢަމަލުތަކުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތައް ހިމެނެއެވެ.

بالنيات  ނިޔަތުގެ މާނައަކީ ކަމަކަށް ޤަސްދުކުރުމެވެ.

هجرة  އެއްރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ހިޖުރަކުރުމެވެ. އަދި ގޯސް ޙާލަތަކުން ރަނގަޅު ޙާލަތަކަށް ބަދަލުވުމަކީވެސް ހިޖުރަކުރުމެވެ. މިސާލަކަށް ބޮޑެތި ފާފަތައް ކުރަމުންއައި މީހަކު ފާފަކުރުން ދޫކޮށްލާ، ރަނގަޅު ޞާލިޙް މީހަކަށްވުމަކީވެސް ހިޖުރަކުރުމެކެވެ.

“المسلم من سلم المسلمون من لسانه و يده , و المهاجر من هجر ما نهى الله عنه” متفق عليه

” މުސްލިމަކީ އެމީހެއްގެ އަތުންނާއި ދުލުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ. އަދި މުހާޖިރަކީ ﷲ ނަހީކުރެއްވި ތަކެތިން ހިޖުރަ ކުރާ މީހާއެވެ.”

މި ޙަދީޘަކީ ނިޔަތް ރަނގަޅުވުމާއި، ޢަމަލުގައި އިޚްލާޞްތެރިވުމުގެ ބޭނުންތެރިކަން ބޮޑުކަން ހާމަވެފައިވާ ޙަދީޘެކެވެ. ކޮންމެ ހެޔޮކަމެއް ހެޔޮކަމަކަށްވުމަށްޓަކައި ދެ ކަމެއް ބޭނުންވެއެވެ. އެއީ ނިޔަތް ރަނގަޅުވުމާއި، އެ ޢަމަލުކުރުމުގައި ނަބިއްޔާ  (صلى الله عليه وسلم)އަށް ތަބާވުމެވެ. ޢަމަލުތަކުގެ ހަޤީޤަތް ހާމަވާހުށީ ޤިޔާމަތްދުވަހުންނެވެ. މީހަކު ކިތަންމެ ރަނގަޅުކަމެއްކުރުމުގައި ވެސް، އެކަމުގެ ތެރޭގައި ކަންދެއްކުމާއި ދުނިޔޭގެ އެދުމެއް އިސްކޮށްފައިވާނަމަ، އެކަމަކީ އެއްވެސް އަގެއްހުރި ކަމެއްކަމުގައެއްނުވާނެއެވެ. އެފަދަ ޢަމަލުތައް ވާނީ ވަޔާ ބުރައިގެންދާ ކުނޑިތަކެއް ފަދައިންނެވެ.

{وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا} (ފުރުޤާން 23 ).

 މާނަ: ” އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.”

އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރެއްވައިފައިވެއެވެ.

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾

(ހޫދު 15، 16 )

މާނަ:  ”ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް ، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާތިލުވެގެން ވެއެވެ.”

ޙަދީޘާއި ގުޅުންހުރި އެހެން ބައެއް ނައްޞުތަކާއި އާޘާރުތައް

ހެޔޮ ކަމެއްކުރުމުގެ ނިޔަތް އޮވެ، ދިމާވި ކަމެއްގެ ސަބަބުން އެކަންކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް އެމީހަކަށް އެހެޔޮ ޢަމަލުކުރުމުގެ އަޖުރު ލިބޭނެއެވެ. އަންނަނިވި ޙަދީޘުން އެކަން ދަލީލްކޮށްދެއެވެ.

«إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا» صحيح البخاري

” (ﷲގެ) އަޅާ ރަށުގައި ޤާއިމުވެ، ހެޔޮ ޙާލުގައިހުރެ (ޤަވާޢިދުން) ކުރާ ޢަމަލުތައް، އޭނާ ބަލިވެގެން ނުވަތަ ދަތުރުމަތީގައިވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވިޔަސް އެ ޢަމަލުތަކުގެ އަޖުރު އޭނައަށް ލިޔުއްވޭނެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘެއްގައިވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

 إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ». رواه مسلم،

މާނަ: ” ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.”

ސުފްޔާނުއް ޘަވްރީ ވިދާޅުވެފައިވެއެވެ. ”ނިޔަތަށްވުރެ އުނދަގޫ ކަމަކަށް ތިމަންނަ ފަރުވާނުކުރަމެވެ.”

ޢަބްދުﷲ ބުން މުބާރަކް ވިދާޅުވިއެވެ.

“ނިޔަތުގެ ސަބަބުން ކުޑަ ޢަމަލެއްވެސް މަތިވެރިވެގެންދެއެވެ. އަދި ނިޔަތުގެ ސަބަބުން ބޮޑު ޢަމަލެއްވެސް ކުޑަކަމަކަށްވެގެންދެއެވެ.”

« مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ »

رواه أبو داود بإسناد صحيح

މީހަކު ﷲ ތަޢާލާގެ ވަޖުހުފުޅު އެދިގެން އުނގެނެންޖެހޭ ޢިލްމެއް އުނގެނުމުގައި  ދުނިޔެވީ ކަމެއް ޙާސިލުކުރުމަށް ޤަސްދުކޮށްފިނަމަ ޤިޔާމަތްދުވަހުން އޭނައަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ.

الحديث الثاني:

عن عمر (رضي الله عنه) أيضاً قال: بينما نحن جلوس عند رسول الله (صلى الله عليه وسلم) ذات يوم إذ طلع علينا رجل شديد بياض الثياب، شديد سواد الشعر، لا يرى عليه أثر السفر، ولا يعرفه منا أحد، حتى جلس إلى النبي (صلى الله عليه وسلم) ، فأسند ركبتيه إلى ركبتيه، ووضع كفيه على فخذيه، وقال: يا محمّد أخبرني عن الإسلام؟! فقال رسول الله (صلى الله عليه وسلم) : “الإسلام أن تشهد أن لا إله إلا الله، وأن محمداً رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلاً”، قال: صدقت. فعجبنا له يسأله ويصدّقه، قال: فأخبرني عن الإيمان؟ قال: “أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره”، قال: صدقت. قال: فأخبرني عن الإحسان؟ قال: “أن تعبد الله كأنك تراه فإن لم تكن تراه فإنه يراك”. قال: فأخبرني عن الساعة؟ قال: “ما المسؤول عنها بأعلم من السائل”، قال: فأخبرني عن أماراتها؟ قال: “أن تلد الأمة ربتها، وأن ترى الحفاة العراة العالة رعاء الشاء يتطاولون في البنيان”، ثم انطلق. فلبثت ملياً، ثم قال: “ياعمر أ تدري من السائل؟” قلت: الله ورسوله أعلم، قال: “فإنه جبريل أتاكم يعلّمكم دينكم”. (رواه مسلم)

އަދިވެސް ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް އެކަލޭގެފާނުގެ ކިބައިން ރިވާވެގެންވެއެވެ.

އެއްދުވަހަކު ތިމަންނާމެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީންދެގެން ތިބީމުއެވެ. ދެންފަހެ އެތަނަށް ހުދުކަން ގަދަ ހެދުމެއްގައވާ ފިރިހެނަކު އަތުވެއްޖެއެވެ.  އެބޭކަލެއްގެ ބޮލުގެ އިސްތަށީގެ ކަޅުކަންގަދައެވެ. އަދި ދަތުރުގެ އެއްވެސް އަސަރެއް އެބޭކަލެއްގެ ކިބައިން ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް އެބޭކަލަކީ ކާކުކަމެއް ނުއެނގެއެވެ. ދެން އެބޭކަލު  މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކައިރީގައި އިށީންނަވައިފިއެވެ. އަދި އެބޭކަލެއްގެ ކަކޫ މާތްނަބިއްޔާގެ ކަކޫކޮޅުގައި ޖައްސައި ދެއަތްތިލަ އެބޭކަލެއްގެ ފަލަމަސްގަނޑުކޮޅުގެ މަތީގައި ބާއްވަވައިފިއެވެ.

އަދި އެބޭކަލަކު ދަންނަވައިފިއެވެ. “އޭ މުޙައްމަދެވެ(ޞައްލަﷲ ޢަލައިހި ވަސައްލަމަ). އިސްލާމްކަމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ. “

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވައިފިއެވެ. “އިސްލާމްކަމަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް  ނުވާކަމަށް ޤަބޫލުކުރުމާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ ރަމަޟާންމަހު ރޯދަހިފައި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ﷲގެ ގެކޮޅަށް ޙައްޖުވުމެވެ.“

ދެން އެބޭކަލަކު ދަންނަވައިފިއެވެ. “ކަލޭގެފާނު ތެދުހައްދަވައިފީމުއެވެ.” (ދެން ޢުމަރު ރަޟިޔަﷲ ޢަންހު ޙަދީޘްކިޔައިދެއްވަމުން ބަޔާންކުރެއްވިއެވެ.) އެބޭކަލަކު ސުވާލުކުރެއްވެވުމަށްފަހު މާތްނަބިއްޔާ ތެދުހެއްދެވިކަމަށް ވިދާޅުވުމުން އެބޭކަލަކާއި މެދު ތިމަންބޭކަލުން އަންތަރީސްކޮށްފިއެވެ.

އެބޭކަލަކު ދަންނަވައިފިއެވެ. “ފަހެ އީމާންކަމާއި ބެހޭގޮތުން ތިމަންނާއަށް ޚަބަރުދެއްވާށެވެ”
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲއަށް އީމާންވެ މަލާއިކަތްބޭކަލުންނަށާއި ބާވާލެއްވުނު ފޮތްތަކަށާއި އަދި ރަސޫލުބޭކަލުންނަށާއި އަދި އާޚިރަތްދުވަހަށާއި އަދި ޤަދަރުގެ ހެޔޮމިންވަރާއި އޭގެ ނުބައިމިންވަރަށް އީމާންވުމެވެ.“

އެބޭކަލަކު ދަންނަވައިފިއެވެ. “ފަހެ ކަލޭގެފާނު ތެދުހައްދަވައިފިއެވެ.” އަދި ދެންނެވިއެވެ. “އިޙުސާންތެރިކަމާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުދެއްވާށެވެ.”

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ހަދީޘްފުޅު ކުރެއްވިއެވެ. “އެއީ ތިބާ ﷲ (ސުބުހާނަހޫ ވަތަޢާލާ) ފެންނަ މީހެއްފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިޔަބައިމީހުންނަށް ނުފެނުނު ކަމުގައިވިޔަސް އެއިލާހު ތިޔަބައިމީހުން ދެކިވޮޑިގަންނަވަތެވެ.”

އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތްދުވަހާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުކުރާށެވެ. (އެބަހީ ޤިޔާމަތްވާނެ ވަޤުތާއި ބެހޭގޮތުންނެވެ)” މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. “އެކަމާއި ބެހޭގޮތުން ސުވާލުކުރެވުނު ފަރާތަށް ސުވާލުކުރި ފަރާތަށްވުރެ ބޮޑަށް އެނގިގެންނުވެއެވެ.“

ދެން އެބޭކަލަކު ދަންނަވައިފިއެވެ. “(އެހެންކަމަށްވާނަމަ) ތިމަންކަލޭގެފާނަށް އެކަމުގެ ޢަލާމާތްތަކުން ޙަބަރުދެއްވާށެވެ. މާތްނަބިއްޔާ ހަދީޘްކުރެއްވިއެވެ. “އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. ބަކަރިހުއިހައްޕަން ހުސްފަޔާ އޮރިޔާމުން ސަޙަރާތެރޭގައި އުޅުނު ބަދަވީންތައް އުސް އިމާރާތްތައް އަޅަން އެއްބަޔަކު އަނެއްބަޔަކާ ވާދަޖަހާނެތެވެ.“

ދެން އެޔަށްފަހު އެބޭކަލަކު ވަޑައިގެންފިއެވެ. ދެން ތިމަންކަލޭގެފާނު ދިގުމުއްދަތެއްހޭދަކުރެއްވީމެވެ. (އެއީ ތިންދުވަސްކަމުގައި ބުނެއެވެ. ނުވަތަ އެޔަށްވުރެ ގިނަކަމުގައިވެސް ބުނެއެވެ. އަދި އެޔަށްވުރެ މަދުކަމުގައިވެސް ބުނެއެވެ.)

ދެންއެޔަށްފަހު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރެވެ. ސުއާލުކުރީ ކާކުކަން ދެނެހުރީމުތޯއެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެޔަށްފަހު އެއިލާހުގެ ރަސޫލާއެވެ.

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމަކަށަވަރުން އެބޭކަލަކީ ޖިބުރީލު (އަލައިހިއް ސަލާމެވެ). އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުގަންނައިދެއްވުމަށްޓަކައެވެ.”

ޙަދީޘް އެކުލެވިފައިވާގޮތް:  

މި ޙަދީޘްގައި އިސްލާމްކަމާއި، އީމާންކަމާއި ،އިޙްސާންކަމާއި އަދި ޤިޔާމަތްދުވަހުގެ ބައެއް ޢަލާމާތްތައް ބަޔާންވެފައިވެއެވެ.

“الإسلام أن تشهد أن لا إله إلا الله، وأن محمداً رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلاً”

“އިސްލާމްކަމަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް  ނުވާކަމަށް ޤަބޫލުކުރުމާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ ރަމަޟާންމަހު ރޯދަހިފައި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ﷲގެ ގެކޮޅަށް ޙައްޖުވުމެވެ.“

أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره

(އީމާންކަމަކީ) ﷲއަށް އީމާންވެ މަލާއިކަތްބޭކަލުންނަށާއި ބާވާލެއްވުނު ފޮތްތަކަށާއި އަދި ރަސޫލުބޭކަލުންނަށާއި އަދި އާޚިރަތްދުވަހަށާއި އަދި ޤަދަރުގެ ހެޔޮމިންވަރާއި އޭގެ ނުބައިމިންވަރަށް އީމާންވުމެވެ.

މާތް ﷲއަށް އީމާންވުމުގައި ތިން ބައެއް ހިމެނެއެވެ.އެއީ:

1. تَوحِيدُ الرُّبُوبِيَّة އެކަލާނގެ ރުބޫބިއްޔަތުގައި އެއްކައުވަންތަކުރުން: ކާއިނާތު ޚަލްޤުކުރެއްވުމާއި އެކާއިނާތުގެ އެންމެހައި ކަމެއް ތަދުބީރުކުރެއްވުމުގަޔާއި، ރިޒުޤްދެއްވުމާއި، މަރުއްވެވުމާއި ދިރުއްވުމުގައި އެކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އީމާންވުން

تَوحِيدُ الاُلُوهِيَّة އެކަލާނގެ އުލޫހިއްޔަތުގައި އެއްކައުވަންތަކުރުން: އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާއްސަކުރުމާއި އަޅުކަންތަކުގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރިނުކުރުން

تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން

 

މަލާއިކަތުންނަށް އީމާންވުން

الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَثْنَى وَثُلَاثَ وَرُبَاعَ يَزِيدُ فِي الْخَلْقِ مَا يَشَاءُ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ

سورة فاطر 1

حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

މަލާއިކަތުން ހެއްދެވިފައިވަނީ ނޫރުންނެވެ. ސޫރަތުލް ފާޠިރުގެ ފުރަތަމަ އާޔަތްތަކުން ދަލާލަތުކުރާފަދައިން މަލާއިކަތުންނަށް ފިޔަފުޅުތަކެއްވެއެވެ. ޖިބްރީލްގެފާނުގެ 600 ފިޔަފުޅުވެއެވެ. ގެފުޅާއި ދިމާ މަތީގައި ހަތްވަނަ އުޑުގައިވާ ބައިތުލް މަޢުމޫރަށް ކޮންމެދުވަހަކުވެސް ހަތްދިހަހާސް މަލާއިކަތުން އާދެއެވެ. އޭގެއަނެއް ދުވަހު ބައިތުލް މަޢުމޫރަށްއަންނަނީ އޭގެކުރީދުވަހު ނާންނަ ހަތްދިހަހާސް މަލާއިކަތުންނެވެ. މަލާއިކަތުންގެ ތަފާތު ވަޒީފާތައްވެއެވެ.

 

 ޖިބްރީލްގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. ވަޙީ އާއިގެން ﷲ ގެ ޙަޟްރަތުން އެކަލާނގެ އިރާދަކުރެއްވި ބޭކަލެއްގެ އަރިހަށް ވަޑައިގަނެއެވެ. އެއީ ނަބިއްޔުންނާއި ރަސޫލުންގެ އަރިހަށެވެ.

އެބޭކަލުންގެ ތެރެއިން ميكائيل ގެފާނަކީ ވާރެއާއި ގަސްގަހާގެހީގެ ކަންތައްތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.

އެބޭކަލުންގެ ތެރެއިން إسرافيل ގެފާނަކީ މީސްތަކުން މަރުވާ ހިނދުގަޔާއި ދެވަނަފަހަރަށް މީސްތަކުން ދިރިގެން ތެދުވާ ހިނދު ތާޅަފިލި ފުންމަވައިލެއްވުމުގެ ކަންތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.

އެބޭކަލުންގެ ތެރެއިން މަލަކަލްމައުތު ގެފާނަކީ މީސްތަކުން މަރުވާ ހިނދު މަރުހިއްޕެވުމުގެ ކަންތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.

އެބޭކަލުންގެ ތެރެއިން ފަރުބަދަތަކުގެ މަލާއިކަތާއަކީ އެފަރުބަދަތަކުގެ ކަންތައްތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.

އެބޭކަލުންގެ ތެރެއިން މާލިކު އަކީ ނަރަކައިގެ ބަނޑޭރިއެވެ.

އެބޭކަލުންގެ ތެރެއިން، މައިންގެ ރަޙިމްތަކުގައިވާ ޅަދަރިންގެ ކަންތައްތައް ޙަވާލުކުރެއްވުނު މަލާއިކަތުންވެއެވެ.

އާދަމުގެ ދަރިން ރައްކައުތެރިކުރުމާ ޙަވާލުކުރެވުނު މަލާއިކަތުންވެސްވެއެވެ.

 

ރަސޫލުބޭކަލުންނަށް އީމާންވުން

الله ސުބުޙާނަހޫވަތަޢާލާ މީސްތަކުންގެ ގާތަށް ރަސޫލުން ފޮނުއްވިކަމަށް އީމާންވާންޖެހެއެވެ.

وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ سورة الأنعام

ޤުރުއާނުގައި 25 ރަސޫލުބޭކަލުންގެ ނަން އައިސްފައިވެއެވެ. އޭގެތެރެއިން 18 ބޭކަލުންގެ ނަންފުޅު ސޫރަތުލް އަލްއަންޢާމްގެ 83 ވަނައާޔަތާއި 86 ވަނައާޔަތުގެ ދެމެދުގައި އައިސްފައިވެއެވެ. އެއާޔަތްތަކުގައި ނަންފުޅުއައިސްފައިނުވާ 7 ބޭކަލުންނަކީ އާދަމްގެފާނާއި، އިދްރީސްގެފާނާއި، ހޫދުގެފާނާއި، ޞާލިޙްގެފާނާއި، ޝުޢައިބުގެފާނާއި، ޛުލްކިފުލިގެފާނާއި އަދި މުޙައްމަދުގެފާނެވެ.

صلوات الله وسلامه و بركاته عليهم أجمعين

އާޚިރަތްދުވަހަށް އީމާންވުން

ޤިޔާމަތް ދުވަހާ ބެހޭގޮތުން ﷲ ތަޢާލާ އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަރުވުމަށްފަހުގައި ވާނޭކަމަށް، ޚަބަރުކުރައްވާފައިވާ ހުރިހާ ކަމަކަށް އީމާންވުމަކީ ޤިޔާމަތްދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ

ޒުމަރު ސޫރަތުގެ 68ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

 وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاء اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُم قِيَامٌ يَنظُرُونَ

މާނައީ: ”އަދި ތާޅަފިލި ފުންމަވައި ލެވޭނެއެވެ. އެހިނދު ﷲ އިރާދަކުރެއްވި ބަޔަކު ފިޔަވައި އުޑުތަކުގަޔާއި ބިމުގައި ވާހާ ބަޔަކު ހޭނެތިގެން ވެއްޓިދާނެއެވެ. ދެން ދެވަނަ ފަހަރަށް ތާޅަފިލި ފުންމަވައިލެވޭނެއެވެ. ދެން ހަމަ އެހިނދު މީސްތަކުން ތެދުވެ ބަލަބަލައި ތިބޭނެތެވެ.” ފަހެ، މީސްތަކުން ކައްވަޅުތަކުން ތެދުވެ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ޖަމާވާނެއެވެ. ފައިވާނަށް ނާރައި ހުސްފަޔާއެވެ. ހެދުންނުލައި އޮރިޔާން ހާލުގައެވެ. ޚިތާނަކާއި ނުލައި ގުނަވަން ފުރިހަމަވެގެންވާ ހާލުގައެވެ.

އަދި މުއުމިނުންގެ ތެރެއިން ނަރަކައަށް ވަންނަމީހުންނާއި މެދު އެބައިމީހުން ނަރަކައިން ނެރުމަށް ކުރެވޭ ޝަފާއަތެއް ވާކަމަށްވެސް އަހުރެމެން އީމާންވާންޖެހެއެވެ. އެ ޝަފާޢަތް،  رسول الله صَلَّ اللهُ عَلَيْهِ وَسَلَّمއަށާއި، އެހެނިހެން ނަބިއްޔުންނަށާއި އަދި މުއުމިންނަށާއި މަލާއިކަތުންނަށް ލިބިގެންވެއެވެ..

އަދި އަހުރެމެން އީމާންވަމުއެވެ. ހަމަކަށަވަރު الله ސުބުޙާނަހޫވަތަޢާލާ  މުއުމިނުންގެ ތެރެއިން ބަޔަކު އެއްވެސް ޝަފާޢަތަކާއި ނުލައި ހަމައެކަނި އެކަލާނގެ ރަޙްމަތާއި ދަރުމަވަންތަކަމުން ނަރަކައިން ނެރުއްވާނެއެވެ.

އަދި رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ حوض كوثر ވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެ حوضގެ ފެން ކިރަށް ވުރެ ހުދުވާނެއެވެ. އަދި މާމުޔަށް ވުރެ ފޮނިވާނެއެވެ. އަދި ގޮމަކަސްތޫރިއަށް ވުރެ މީރުވަސްދުވާނެއެވެ. އަދި އެ حوض ގެ ދިގުމިނުގައި އެއްމަސްދުވަހުގެ މަސާފަތުވާނެއެވެ. އަދި ފުޅާމިހުގައި އެއްމަސް ދުވަހުގެ މަސާފަތުވާނެއެވެ. އަދި އެ حوض ގެ ކަންވާރުތައް ރިވެތިކަމާއި، ގިނަކަމުގެ ގޮތުން އުޑުގެ ތަރިތައް ފަދައިން ވާނެއެވެ. އެކަލޭގެފާނުގެ އުއްމަތުގެ މުއުމިނުން އެ حوض އަށް ވާރިދުވާނެއެވެ. އެ حوض ފެންބޮއިފިމީހާ އެއަށްފަހު ދެން ފެނެއް ނުބޮވާނެއެވެ.

އަދި ޞިރާޠުމަގު ވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެމަގު ލެވިފައިވާނީ ނަރަކައިގެ މަތިންނެވެ. މީސްތަކުން އެބައިމީހުންގެ ޢަމަލުތަކުގެ މިންވަރުން އެމަގު ކަޑައްތުކުރާނެއެވެ. ފަހެ، މީސްތަކުން ކުރެ އެންމެ ފުރަތަމަ ޖަމާޢަތުގެ މީހުން ވިދައިލާ ވިދުވަރެއް ފަދައިން އެމަގު ކަޑައްތު ކޮށްލާނެއެވެ. ދެވަނަ ޖަމާޢަތުގެ މީހުން ޖެހިލާ ވައިރޯޅިއެއް ފަދައިން އެމަގު ކަޑައްތު ކުރާނެއެވެ. އަދި ތިންވަނަ ޖަމާއަތުގެ މީހުން އުދުހޭ ދޫނިތަކެއް ފަދައިންނާއި، ބާރުބާރަށް ހިގުމުގެ ހަލުއިމިނުގައި އެމަގު ކަޑައްތުކުރާނެއެވެ.

.

ފޮތްތަކަށް އީމާންވުން

ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ  އެކަލާނގެ ރަސޫލުންގެ މައްޗަށް ފޮތްތަކެއް ބާވައިލެއްވިކަން ޤަބޫލުކުރަންޖެހެއެވެ. އެއީ ޢާލަމްތަކުގެ މައްޗަށް (ޖިންނީންނާއި އިންސީންގެ މައްޗަށް) ޙުއްޖަތެއްގެ ގޮތުގައެވެ. އަދި ޢަމަލު ކުރާމީހުންނަށް މަގެއްގެ ގޮތުގައެވެ. އެރަސޫލުބޭކަލުން އެބައިމީހުންނަށް އެފޮތްތަކުގެ ޒަރީޢާއިން ޙިކްމަތް އުނގަންނައި ދެއްވައެވެ. އަދި އުރެދުންތަކުން އެބައިމީހުން ޠާހިރުކުރައްވައެވެ.

މިންވަރަށް އީމާންވުން

މިންވަރުފުޅަށް ހަތަރު މަޤާމެއްވެއެވެ.

العلم ދެނެވޮޑިގެންވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ފެށުމެއްނުވާ އަބަދީ ޢިލްމުފުޅުންވީ ހުރިހާކަމަކާއި، ވާނޭ ހުރިހާ ކަމަކާއި ވާނީ ކިހިނެއްކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އެކަލާނގެއަށް ކަމެއް އެނގިވޮޑިނުގެން އަލަށް އެކަމެއް އެނގިވޮޑި ނުގަންނަވައެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމަށްފަހުގައި ހަނދާންނެތުމެއް އެކަލާނގެއަށް ނިސްބަތްވެގެންނުވެއެވެ.

الكتابة ލިޔުއްވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ ، اللوح المحفوظ ގައި ޤިޔާމަތް ދުވަހާއި ހަމައަށް ވާނޭ ހުރިހާ ކަމެއް ލިޔުއްވިއެވެ.

المشيئة އިރާދަކުރެއްވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ އުޑުތަކާއި ބިމުގައިވާހާ އެއްޗެއްގެ އިރާދަކުރެއްވިއެވެ. އެކަލާނގެ އިރާދަފުޅާއިއެކު މެނުވީ އެއްވެސް ކަމެއްނުވާނެއެވެ. އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއްވާނެއެވެ. އަދި އިރާދަ ނުކުރައްވާ އެއްވެސް ކަމެއް ނުވާނެއެވެ.

الخلق ހެއްދެވުން.

އިޙްސާންކަން

أن تعبد الله كأنك تراه فإن لم تكن تراه فإنه يراك

“އެއީ ތިބާ ﷲ (ސުބުހާނަހޫ ވަތަޢާލާ) ފެންނަ މީހެއްފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިޔަބައިމީހުންނަށް ނުފެނުނު ކަމުގައިވިޔަސް އެއިލާހު ތިޔަބައިމީހުން ދެކިވޮޑިގަންނަވަތެވެ.”

 

 الحديث الثالث

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: ” بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ”.رَوَاهُ الْبُخَارِيُّ  وَمُسْلِمٌ

އަބޫ ޢަބްދުއްރަޙުމާނު އަބްދުﷲ ބިން ޢުމަރު ބިނިލް ޚައްޠާބު ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމުއެވެ. “ އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ.އެއީ        لَا إلَهَ إلَّا اللَّهُ އަދި مُحَمَّد رَسُولُ اللَّهِ މިފަދައިން ޝަހާދަތްކިޔުމާއި(އެބަހީ: ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ﷲ ފިޔަވައިނުވާކަމަށާއި އަދި ހަމަކަށަވަރުން ﷲގެ ރަސޫލާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށް  ހެކިވުމާއި)، ނަމާދު ގާއިމުކުރުމާއި ޒަކާތްދިނުމާއި އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހުގެ ރޯދަހިފުމެވެ.”

ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމު.

الحديث الرابع:

عن أبي عبد الرحمن عبد الله بن مسعود (رضي الله عنه) قال: حدّثنا رسول الله (صلى الله عليه وسلم) وهو الصادق المصدوق: “إن أحدكم يجمع خلقه في بطن أمه أربعين يوماً نطفةً ثم يكون علقةً مثل ذلك ثم يكون مضغةً مثل ذلك، ثم يرسل إليه الملك فينفخ فيه الروح ويؤمر بأربع كلمات: بكَتْب رزقه وأجله وعمله وشقي أو سعيد، فوالله الذي لا إله غيره إن أحد كم ليعمل بعمل أهل الجنة حتى ما يكون بينه وبينها إلا ذراع، فيسبق عليه الكتاب فيعمل بعمل أهل النار فيدخلها، وإن أحدكم ليعمل بعمل أهل النار حتى ما يكون بينه وبينها إلا ذراع فيسبق عليه الكتاب فيعمل بعمل أهل الجنة فيدخلها”. (رواه البخاري ومسلم)

ޙަދީޘްގެ މާނަ:

”ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް އޭނާގެ ޚަލްޤްއޭނާގެ މައިމީހާގެ ބަނޑުގައި ނުތުފާއެއްގޮތަށް ސާޅީސް ދުވަސްވަންދެން އޮވެއެވެ. އަދި ގަނޑު ލޭކޮޅެއްގޮތަށްވެސް ސާޅީސްދުވަސްވަންދެން އޮވެއެވެ. އަދި މުޟުޣާއެއްގޮތަށް ސާޅީސްދުވަސްވަންދެން އޮވެއެވެ. ދެން އޭނަގެ ކައިރިއަށް މަލާއިކަތާ ފޮނުއްވެއެވެ. އަދި އޭނާގެ ރޫޙަށް ފުމެލައްވައެވެ. އޭނައަށް ހަތަރު ކަލިމައެއް ލިޔުމަށް އަމުރުކުރެވިގެންވެއެވެ.  އެއީ އޭނަގެ ރިޒްޤާއި، ދިރިހުންނާނެ މުއްދަތާއި، އަދި އޭނަގެ ޢަމަލާއި، އަދި އޭނައަކީ ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަމެވެ. ﷲފިޔަވައި އެހެންއެއްވެސް އިލާހެއްނުވާ ރަސްކަލާނގެ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ސުވަރުގޭގެ  އަހުލުވެރިންގެ ޢަމަލުތައްކުރަމުންދާނެއެވެ.

މި ޙަދީޘް ޝަރަޙަކޮށްދެއްވަމުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.

ސޫރަތުލް ކަހުފުގެ 30 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިއެބަވެއެވެ. މިއާޔަތުން އެނގޭގޮތުގައި އިޚްލާސްތެރިކަމާއެކު ހެޔޮ ޢަމަލުކުރާމީހެއްގެ ޢަމަލުތައް ޤަބޫލުވެވިގެންވެއެވެ. ކަންމިހެންއޮތްއިރު މި ޙަދީޘްގައި ”ތިޔަބައިމީހުންކުރެ މީހަކު ސުވަރުގެވަންތަވެރިންގެ ޢަމަލުތައް ކުރަމުންދާނެއެވެ. (މީސްތަކުންނަށް ފެންނަ ފެނުމުގައި) އޭނާ މުލައްދަނޑީގެ މިންވަރަށް ސުވަރުގެއާއި ކައިރިވެއްޖައުމަށްދާނދެނެވެ. ދެން އޭނަގެ މައްޗަށް ލިޔެވިފައިވާ ޤަދަރުއޭނަގެ މައްޗަށް ގަދަވެދެއެވެ. އަދި އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް އޭނާވަދެއެވެ.” މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ދެ ގޮތަކަށް ދެވިދާނެއެވެ.

ޖަވާބު ދެވިދާނެ ފުރަތަމަ އުސްލޫބު: ސުވަރުގެ ވަނުން ބިނާވެފައިވަނީ ޢަމަލުތައް ޤަބޫލުވުމާއި حسن الخاتمة (ހެޔޮ ނިމުމުގެ) މައްޗަށެވެ. އީމާންވެ އިޚްލާސްތެރިކަމާއެކު ޞާލިޙް ހެޔޮ ޢަމަލުކޮށްފިމީހާ ހެޔޮ ރަނގަޅުގޮތެއްގައި ނޫނީ ނިމިގެންނުދާނެއެވެ.

ޖަވާބުދެވިދާނެ ދެވަނަ އުސްލޫބު: سوء الخاتمة (ނުބައި ނިމުން) ލިބުންވަނީ ރަނގަޅު ނޫންގޮތްގޮތަށް ޢަމަލުކުރި މީހުންނަށެވެ. މިސާލަކަށް ދެއްކުންތެރިކަމާއި މަޝްހޫރުވުމުގެ ނިޔަތުގައި ހެޔޮ ޢަމަލުކޮށްފިނަމަ އޭނައަށް ލިބޭނީ ނުބައި ނިމުމެކެވެ. މިކަން އިމާމް މުސްލިމްގެނެސްފައިވާ ޞައްޙަ ޙަދީޘަކުން އެނގެއެވެ. އެޙަދީޘްގައިވަނީ ”ތިޔަބައިމީހުންކުރެ މީހަކު ސުވަރުގެވަންތަވެރިންގެ ޢަމަލުތައް ކުރަމުންދާނެއެވެ. (މީސްތަކުންނަށް ފެންނަ ފެނުމުގައި) އޭނާ މުލައްދަނޑީގެ މިންވަރަށް ސުވަރުގެއާއި ކައިރިވެއްޖައުމަށްދާނދެނެވެ.” މިހެންނެވެ.

ޙަދީޘުން ލިބޭފައިދާތައް

-އިންސާނާ މައިމީހާގެ ރަޙިމުގައި ހެދިބޮޑުވާ މަރުޙަލާތައް ބަޔާންވެގެންވުން

-ފުރާނައެޅުއްވެނީ ރަޙިމުގައި ޤަރުބަގަންނަތާ 120 ދުވަސްފަހުން ކަމުގައި އެނގުން

– މަލާއިކަތުންގެ ތެރޭގައި ރަޙިމުގައިވާ ކުދިންގެ ކަންކަން ބެލެހެއްޓެވުންހަވާލުކުރެވިފައިވާ މަލާއިކަތުން ވާކަން އެނގުން

-މިންވަރަށް އީމާންވުމަކީ ވާޖިބެއްކަން އެނގުން

– އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އޭނަގެ އެންމެ ފަހު ޢަމަލުތަކާއި ހުރި ގުޅުން ބަޔާންވެގެންވުން

– އިންސާނާ ދިރިއުޅޭއިރު އުއްމީދާއި ބިރުވެރިކަން ޖަމަޢަކުރުމުގެ މުހިންމުކަން . އަބަދުވެސް ﷲ ގެ ހެޔޮ ރަޙްމަތަށް އުއްމީދުކުރަންޖެހޭނެއެވެ. ހަމައެގޮތަށް އެކަލާނގެ އަޒާބާއި ޢުޤުބަތަށް އަބަދުވެސް ބިރުވެތިވާންޖެހޭނެއެވެ.

– ޢަމަލުތަކަކީ ސުވަރުގެ ވަނުން ނުވަތަ ނަރަކަވަންތަވެރިޔަކަށްވުމުގެ ސަބަބެއްކަމުގައި ބަޔާންވެފައިވުން

– ހެޔޮނިމުމެއް ދެއްވުންއެދި ދުޢާކުރުމުގެ މުހިންމުކަން

– ހިދާޔަތުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ މުހިންމުކަމާއި ހިދާޔަތުގެ މަތީގައި ސާބިތުކޮށްދެއްވަވާތޯ ދުޢާކުރުމުގެ މުހިންމުކަން

– އަބާއްޖަވެރިއެއްގެ ގޮތުގައި ލިޔުއްވިފައިވާ މީހާއަށް އެނަޔަކީ އަބާއްޖަވެރިއެއްކަމެއް ނޭނގޭނެއެވެ.

އިންސާނުން ކުރާ ކަމެއް ކުރަނީ، އޭނާގެ އަޒަލުގެ ފޮތުގައި ލިޔެވިފައި އޮތް އެއްޗެއް އެނގިގެނެއް ނޫނެވެ. ފޮތުގައި އޮތީ އޭނާ ވާނީ ފާފަވެރިއަކަށް ކަމެއް ނުވަތަ އަޅުވެރިއަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދެން އޭނާ އަމިއްލަ އިޚްތިޔާރުގައި، ފާފަވެރިއަކަށް ނުވަތަ އަޅުވެރިއަކަށް ވަނީއެވެ. ވީމާ ﷲ މިންވަރުކުރައްވާފައިވާ ގޮތް އަހަރެމެންނަށް ވަންހަނާވެފައިވާއިރު، މިންވަރުފުޅޭ ކިޔާފައި ހުއްޖަތްދެއްކޭނެ އެއްވެސް ގޮތެއް ނެތެވެ.

އިންސާނާއަށް ޘަވާބާއި ޢަޛާބު ދެވެނީ ދުނިޔޭގައި އޭނާކުރާ ޢަމަލަށެވެ.  މާތް ﷲ ޘަވާބު ނުވަތަ ޢަޛާބު ދެއްވަނީ، ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިފައިވާ ކަންކަމަށެވެ. އޭނާ ކުރި ހެޔޮކަމެއްގެ ދަރުމަ އޭނާއަށް ވެއެވެ. އަދި ކުޅަ ނުބައި ކަމެއްގެ ސަޒާވެސް އޭނާއަށް ލިބޭނެއެވެ. މީހަކަށް ނުކުޅަދާނަ ކަމެއް ކުރާކަށް ވެސް އިސްލާމްދީން ނާންގައެވެ

މި ހަދީޘް ގުޅިފައިވަނީ އީމާންކަމުގެ ހަރުކުނުގެ ތެރެއިން މިންވަރަށް އީމާންވުމުގެ ބަޔާއެވެ. އެހެންކަމުން ތަފްޞީލީ ނަޒަރަކުން މިންވަރަށް އީމާންވުމާއިމެދު ބަލައިލާނަމެވެ.

ޤަޟާ ޤަދަރަށް އީމާންވުން

މި ބައިގެ ދަށުން މި ގެނެސްދޭ މަޢުލޫމާތުތައް ނަގާފައިމިވަނީ އައްޝައިޙް (ޅޮހީ) ޢަބްދުލްރަޙީމްގެ އަރޓިކަލްއަކުންނެވެ

 (ޤަޟާ ޤަދަރަށް) މިންވަރަށް އިމާންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ކުރިން ހުރިހާ ތަކެއްޗެއް މިންވަރު ކަނޑައަޅުއްވައި، އެކަންކަން ވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ ވަޤުތު އެއިލާހު ދެނެވޮޑިގެންވާ ކަމާއި، އަދި އެނގިގެންވާ ތަނެއްގައި އެކަންކަން ވާނެކަމަށް (އީމާންވުމެވެ.). އަދި އެކަމެއް ހިނގާނީ ﷲ ތަޢާލާ ކަނޑައެޅުއްވި ގޮތެއްގެ މަތީންނެވެ

ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަން

ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮށާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާ ކަމާއި، އަދި އެއިލާހު ވެފައިވާ ކަންކަމާއި އަދި ވާނޭކަންކަން ދެނެވޮޑިގަންނަވާކަމާއި އަދި އަދި ނުވާކަންކަމާއި އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.

ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ.

އަދި ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ) رواه مسلم في صحيحه: 2653.

މާނައީ: “ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންގެ މިންވަރުފުޅުތައް، އުޑާ ބިންހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން ލިޔުއްވެވިއެވެ.

ތިންވަނައީ: ﷲގެ އިރާދަފުޅާ ލައިގެން މެނުވީ ކާއިނާތުގައި އެއްވެސް ކަމެއް ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ.

ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ ﷲއެވެ. އަދި އެތަކެތީގެ ޙަރަކާތްތަކާއި އަދި ޤާއިމުވާތަންލައްވަނީވެސް ﷲއެވެ. އެއިލާހު ނޫން އުފައްދަވާ ފަރާތެއްނުވެއެވެ. އަދި އެނޫން އުފައްދަވާ ބަލަހައްޓަވާ ފަރާތެއް ނުވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

ޤަދަރަށް(މިންވަރަށް) އީމާންވުމުގެ ފައިދާތައް.

ހ. ކަންތައް މެދުވެރިވާ ސަބަބު ތަކުގައި ހިފާއިރު ﷲއަށް ބަރޯސާވުން. ސަބަބުތަކުގައި ހިފަންޖެހޭފަދައިން އެކަމުގެ އާޚިރު ނަތީޖާގެނެސްދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ﷲ އަށް ކަމުގައި ޤަބޫލުކުރަންޖެހެއެވެ..

ށ. ދެރަކަމެއް މެދުވެރިވެގެން ހާސްވުމެއް އޭރުން ނުވެއެވެ. ސަބަބަކީ ހުރިހާ ކަމެއްވެސް ވަނީ ﷲގެ ޤަދަރުގެ (މިންވަރުގެ) މަތީންނެވެ

الحديث الخامس:

عن أم المؤمنين أم عبد الله عائشة رضي الله عنها قالت: قال رسول الله (صلى الله عليه وسلم) : “من أحدث في أمرنا هذا ما ليس منه فهو رد”. (رواه البخاري ومسلم)

”އަހަރެމެންގެ މި ދީނުގައި ނުހިމެނޭ ކަމެއް ދީނުގެ ތެރެއަށް ވައްދައި އިތުރުކޮށްފިއްޔާ، ފަހެ އެއީ ޤަބޫލުނުކުރެވި ރައްދުވެގެންވާ ކަމެކެވެ.”

وفي رواية لمسلم: “من عمل عملاً ليس عليه أمرنا فهو رد”.

”ތިމަންކަލޭގެފާނުގެ ސުންނަތާއި ޚިލާފަށް ޢަމަލެއްކޮށްފިމީހާގެ ޢަމަލަކީ ރައްދުކުރެވިގެންވާ (ޤަބޫލުނުކުރެވޭ) ޢަމަލެކެވެ.”       ޞަޙީޙް މުސްލިމް

ދީނުގެތެރެއަށް އިތުރުކުރާ ބިދުޢަތަކަކީ މިގޮތުން އެކަލޭގެފާނު ނިހާޔަތަށް އިންޒާރުކުރައްވާ ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. އެހެނީ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަސްފުޅު ވަޙީކުރައްވާ އަންގަވާފައިވަނީ އިސްލާމްދީން އެ އިލާހު މީސްތަކުންނަށް  ދީނެއްކަމުގައި ރުހިވޮޑިގެންނަވައި އެ ދީން އެބައިމީހުންނަށްޓަކައި ފުރިހަމަކޮށްދެއްވާފަކަމެވެ.

قال الله تعالى: ( اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا) المائدة:3.

 މާނައީ: “މިއަދު ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހުގެ ނިޢުމަތްތަށް ފުރިހަމަކޮށްދެއްވާ އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ރުހިވޮޑިގެންފީމެވެ. “

މިފަދައިން ﷲތަޢާލާ ބަސްފުޅުވަޙީކުރައްވާފައިވާއިރު ދީނުގެ ތެރެއަށް އެކަލޭގެފާނު   صلى الله عليه وسلم  ނުގެންނަވާ ކަމެއް ގެނެސްގަންނަމީހާއަކީ މާތް ނަބިއްޔާ  صلى الله عليه وسلم  ދީން ފުރިހަމައަށް ބަޔާން ނުކޮށްދެއްވާކަމުގައި ބުނެ އެކަމުގެ ތުހުމަތު އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވާމީހެކެވެ. އޭނަގެ ދުލުން މިފަދައިން ނުބުނި ކަމުގައިވީނަމަވެސް އޭނަގެ ޢަމަލުތަކުން މިކަން ދޭހަވެއެވެ

الحديث السادس:

عن أبي عبد الله النعمان بن بشير رضي الله عنهما قال: سمعت رسول الله (صلى الله عليه وسلم) يقول: “إن الحلال بيّن، وإن الحرام بيّن، وبينهما أمور مشتبهات لا يعلمهنّ كثير من الناس، فمن اتقى الشبهات، فقد استبرأ لدينه وعرضه، ومن وقع في الشبهات وقع في الحرام، كالراعي يرعى حول الحمى يوشك أن يرتع فيه، ألا وإن لكل ملك حمى، ألا وإن حمى الله محارمه، ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله ألا وهي القلب”. (رواه البخاري ومسلم)

” ހަމަކަށަވަރުން ޙަލާލްކަންތައްތައްވަނީ ބަޔާންވެ އެނގިގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމްކަންތައްތައްވަނީ ބަޔާންވެ އެނގިގެންނެވެ. އެދޭތެރޭގައިވަނީ ގިނަމީހުންނަށް ނޭނގޭކަންތައްތަކެކެވެ. ޝުބުހަތަކަށް ރައްކާތެރިވެއްޖެމީހާ އޭނަގެ ދީނަށާއި އަބުރަށް ރައްކާތެރިވެއްޖެއެވެ. ޝުބުހަކަމެއްގައި ޖެހިއްޖެމީހާ، ޙަރާމްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

އަދި ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. (އެ މަސްކޮޅު) ގޯސްވެއްޖެނަމަ، މުޅި ހަށިގަނޑު ގޯސްވެދެއެވެ. ފަހެ އެއީ ހިތް ފިޔަވައި ދެން އެހެން ކޮން މަސްކޮޅެއްހެއްޔެވެ؟ ”

العلامة ޢަބްދުލްމުޙްސިން އަލްޢައްބާދު حفظه الله މި ހަދީޘް ޝަރަޙަކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.

މި ހަދީޘްގައި އެންމެހައި ކަންކަން ބަހާލާފައިމިވަނީ ތިން ގިންތިއަކަށެވެ.

އެނގިބަޔާންވެގެންވާ ޙަލާލްކަންކަމާއި އެއްޗެހި- މިސާލަކަށް މޭވާއާއި ތަރުކާރީ، ފަލަމަޑީގެ ބާވަތްތަކާއި ނަޢަމް ސޫފީގެ މަސް އަދިވެސް ޢިލްމުވެރިންނަށާއި އަދި ޢާއްމުންނަށްވެސް އެނގޭ ޙަލާލްކަންކަން އަދި އެއްޗެހި

الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ

އާޔަތުގެމާނަ: ”މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލް ކުރައްވައިފިއެވެ.” {އަލްމާއިދާ:5}

އެނގިބަޔާންވެގެންވާ ޙަރާމްކަންކަމާއި އެއްޗެހި- މިސާލަކަށް މުޅަތަކެއްޗާއި، ރަލާއި، މަޙްރަމުންނާއި ކައިވެނިކުރުން ފަދަ ޢިލްމުވެރިންނަށާއި އަދި ޢާއްމުންނަށްވެސް އެނގޭ ޙަރާމް ކަންކަން އަދި އެއްޗެހި

އެ އެއްޗަކީ ޙަލާލް އެއްޗެއްކަން ނުވަތަ ޙަރާމްއެއްޗެއްކަން ކަނޑައެޅިގެން ނެނގޭ އެއްޗެހި. މިފަދަ އެއްޗެހީގެ ޙުކުމް ޢާއްމުންގެ ގިނަ މީހުންނަކަށް ނޭނގޭނެއެވެ.

مَا أَحَلَّ اللَّهُ  فِي كِتَابِهِ فَهُوَ حَلَالٌ، وَمَا حَرَّمَ فَهُوَ حَرَامٌ ، وَمَا سَكَتَ عَنْهُ فَهُوَ عَفْوٌ ، فَاقْبَلُوا مِنْ اللَّهِ عَافِيَتَهُ ، فَإِنَّ اللَّهَ لَمْ يَكُنْ لِيَنْسَى شَيْئًا

ޙަދީޘުގެމާނަ: ”މާތް ﷲ ޤުރުއާނުގައި ކަމެއް ނުވަތަ އެއްޗެއް ޙަލާލުކުރައްވައިފިނަމަ އެ ޙަލާލެވެ. ޙަރާމްކުރައްވައިފިނަމަ އެ ޙަރާމެވެ. އަދި އެކަލާނގެ އޭގެ ޙުކުމް ބަޔާންނުކުރައްވައި ދޫކުރައްވާފައިވާ ކަމަކީ ނުވަތަ އެއްޗަކީ ޢަފޫކުރެވިފައިވާ ކަމެއް ނުވަތަ އެއްޗެކެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ ޢަފޫކުރެއްވުން ޤަބޫލުކުރާށެވެ. ހަމަކަށަވަރުން ﷲ އެއްވެސް ކަމެއް ހަނދުމަނެތިވެ ވޮޑިނުގަންނަވައެވެ.” މިހެން ޙަދީޘްކުރެއްވުމަށް ފަހު، وَمَا كَانَ رَبُّكَ نَسِيّاً މި އާޔަތް ކިޔަވާވިދާޅުވިއެވެ.”

މި ހަދީޘްގައި އައިސްފައިވާ

فمن اتقى الشبهات، فقد استبرأ لدينه وعرضه، ومن وقع في الشبهات وقع في الحرام، كالراعي يرعى حول الحمى يوشك أن يرتع فيه، ألا وإن لكل ملك حمى، ألا وإن حمى الله محارمه

މި ބައި އައިސްފައިވަނީ މި ދެންނެވި ތިންވަނަ ގިންތިއާއި ބެހޭގޮތުންނެވެ.

ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله ألا وهي القلب

އަދި ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. (އެ މަސްކޮޅު) ގޯސްވެއްޖެނަމަ، މުޅި ހަށިގަނޑު ގޯސްވެދެއެވެ. ފަހެ އެއީ ހިތް ފިޔަވައި ދެން އެހެން ކޮން މަސްކޮޅެއްހެއްޔެވެ؟

ޝުބުހަ ކަންތައްތަކަކީ ޙަރާމްކަންތައްތަކަށް ގެންގޮސްދޭ ވަޞީލަތެކެވެ.

ޙަދީޘުން ލިބޭފައިދާތައް

– އިސްލާމީ ޝަރީޢަތުގައި އެންމެހައި އެއްޗިއްސާއި ކަންކަން ތިން ބަޔަކަށް ބެހިފައިވާކަން

– މީގެތެރެއިން ތިންވަނަ ގިންތީގައި ހިމެނޭ އެއްޗެހީގެ ޙުކުމް ގިނަބަޔަކަށް ނޭނގޭކަން

– އެއެއްޗެއްގެ ޙުކުމާއިމެދު ނުވަތަ އެކަމެއްގެ ޙުކުމާއިމެދު ޝައްކުވާނަމަ، އޭގެ ޙުކުމް އެނގިއްޖައުމަށްދާންދެން އެއެއްޗެއް ބޭނުންކުރުން ނުވަތަ އެކަމެއް ކުރުން މަޑުޖައްސާލުން

– އެކަމުގެ ސީދާ ޙުކުމް ނޭނގޭފަދަ ކަންކަން (އެކަމަކީ ފާފައަކަށްވުންވެސް ގާތްކަންކަން) ކުރަން ފަށައިފިނަމަ ޙުކުމް އެނގޭ މުންކަރާތްތައް ކުރަން ޖެހިލުންވާވަރު ކުޑަވެ، ބައެއްފަހަރު ކަނޑައެޅިގެން ޙަރާމްއެއްޗެހިވެސް ބޭނުންކުރެވުން ނުވަތަ ޙަރާމްކަންކަން ކުރެވުން

– ހިތުގެ މުހިންމުކަން ބަޔާންވެގެންވުން

– ބޭރު ފުށުގެ ޢަމަލުތައް ރަނގަޅުނޫންނަމަ، އެކަން އެދަލާލަތު ކޮށްދެނީ އެތެރެ ފުށްވެސް ރަނގަޅުނޫންކަމަށްކަން ބަޔާންވެފައިވުން

– އެކަމުގެ ސީދާ ޙުކުމް ނޭނގޭ ފަދަ ކަންކަން (އަދި އެކަންކަމަކީ ފާފައަކަށްވުމުގެ އިހުމާލްއޮތް ކަންކަން) ކުރުމުން ދުރުވެގަތުމަކީ މީހާގެ ޢަބުރަށާއި ދީނަށް ލިބޭ ރައްކާތެރިކަމެކެވެ.

الحديث السابع:

عـن أبي رقية تميم بن أوس الداري (رضي الله عنه) أن النبي (صلى الله عليه وسلم) قال: “الدين النصيحة”، قلنا لمن؟ قال: “لله ولكتابه ولرسوله ولأئمة المسلمين وعامتهم”. (رواه مسلم)

ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ. ”ދީނަކީ ނަސޭޙަތްތެރިވުމެވެ” ތިމަންމެން ދެންނެވީމެވެ. ”ކޮންބަޔަކަށްތޯއެވެ؟ ” ރަސޫލާ (صلى الله عليه وسلم) ޖަވާބުގައި ހަދީޘްކުރެއްވިއެވެ. ”ﷲ އަށާއި، އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާއަށާއި އަދި މުސްލިމްވެރީންނަށާއި އަދި ޢާއްމު މީސްތަކުންނަށެވެ.”

ޢަރަބިބަހުގައި ނަސޭޙަތުގެ ދެމާނައެއްވެއެވެ. އެއް މާނައަކީ އިޚްލާޞްތެރިވުމެވެ. އަނެއް މާނައަކީ ޢާއްމު ވާހަކަދެއްކުމުގައިވެސް ބޭނުންކުރެވޭފަދައިން ހެޔޮ އިރުޝާދުދީ، ހެޔޮބަސްބުނުމެވެ.

ﷲ އަށް އިޚްލާސްތެރިވާނެގޮތް:

ތައުޙީދުގެ ތިންބަޔަށް ރައްކާތެރިވުން. އެއީ:

تَوحِيدُ الرُّبُوبِيَّة އެކަލާނގެ ރުބޫބިއްޔަތުގައި އެއްކައުވަންތަކުރުން: ކާއިނާތު ޚަލްޤުކުރެއްވުމާއި އެކާއިނާތުގެ އެންމެހައި ކަމެއް ތަދުބީރުކުރެއްވުމުގަޔާއި، ރިޒުޤްދެއްވުމާއި، މަރުއްވެވުމާއި ދިރުއްވުމުގައި އެކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އީމާންވުން

تَوحِيدُ الاُلُوهِيَّة އެކަލާނގެ އުލޫހިއްޔަތުގައި އެއްކައުވަންތަކުރުން: އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާއްސަކުރުމާއި އަޅުކަންތަކުގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރިނުކުރުން

تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން

އެކަލާނގެ ފޮތަށް އިޚްލާސްތެރިވާނެގޮތް:

(الإيمان الجازم) ކީރިތި ޤުރުއާނަކީ މާތްﷲ ގެ ކަލާމްފުޅުކަމުގައި ހިތުން ތެދުކޮށް ޤަބޫލުކުރުން

(التسليم المطلق و القبول التام) ކީރިތި ޤުރުއާނުގައި އައިސްފައިވާ ޙުކުމްތަކަށާއި އިރުޝާދުތަކަށް ފުރިހަމަޔަށް ކިޔަމަންގަތުން

ކީރިތި ޤުރުއާންކިޔެވުމާއި އޭގެ މާނައާއިމެދު ވިސްނާ ފިކުރުކުރުމާއި، ކުޅަދާނަވީވަރަކުން ޤުރުއާން ހިތުދަސްކުރުމާއި، ކީރިތި ޤުރުއާނުގެ ޢިލްމުތައް

ކިޔަވއިދިނުން އަދި އިސްވެ މިދެންނެވުނު ކަންކަމުގެ މައްޗަށް މީސްތަކުންނަށް

ދަޢުވަތުދިނުން.

ﷲގެ ރަސޫލާއަށް އިޚްލާސްތެރިވުމަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބަޢަވުމެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަޙީތަކުން ދުރުވުމެވެ.

ވެރިންނަށް ނަޞީހަތްތެރިވުމަކީ ވެރިންނަށް ކިޔަމަންވުމާއި، ﷲއަށް އުރެދުމަކަށް އަމުރުނުކުރާހާ ހިނދަކު އެބައިމީހުންގެ އަމުރުތަކަށް ތަބަޢަވުމާއި، ހެޔޮކަންކަމުގައި ވެރިންނަށް މަދަދުވެރިވުމާއި، ވެރިންނަށް ހެޔޮ ރިވެތިގޮތުގައި ނަސޭޙަތްދިނުމާއި، އެބައިމީހުންނަށް ހެޔޮ ދުޢާކޮށްދިނުމާއި އަދި ވެރިންނާއި ދެކޮޅަށް ނުކުމެގަތުމުން ދުރުވެގަތުމެވެ.

ޢާއްމު މުސްލިމުންނަށް ނަޞީޙަތްތެރިވުމަކީ އެބައިމީހުންނަށް  ހެޔޮ ފައިދާހުރިކަންކަމަށް މަގުދެއްކުމާއި އެބައިމީހުންނަށް ދީނީ އަދި ދުނިޔަވީ ޢިލްމު ފޯރުކޮށްދިނުމާއި އެބައިމީހުންނަށް ކަންކަން އޮޅުވާލުމުން ދުރުވުމާއި، އެބައިމީހުންނާއި ޙަސަދަވެރިވުމުންދުރުވުމާއި އަދިވެސް މިފަދަ ކަންތައްތަކެވެ.

 

الحديث الثامن:

عن ابن عمر رضي الله عنهما أن رسول الله (صلى الله عليه وسلم) قال: “أمرت أن أقاتل الناس حتى يشهدوا أن لا إله إلا الله وأن محمداً رسول الله، ويقيموا الصلاة، ويؤتوا الزكاة، فإذا فعلوا ذلك عصموا مني دماءهم وأموالهم إلا بحق الإسلام، وحسابهم على الله تعالى”. (رواه البخاري ومسلم)

” މާތް ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، އަދި ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށްދާންދެން މީސްތަކުންނާއި ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ފަހެ އެމީހުން އެކަންތައް ކޮށްފިނަމަ، އެމީހުންގެ ލެޔާއި އަދި އެމީހުންގެ މުދާވަނީ އިސްލާމްދީނުގެ ޙައްޤެއްގެ މައްޗަށްމެނުވީ ތިމަންކަލޭގެފާނުގެ އަތްޕުޅުން ސަލާމަތްކަންލިބިގެންނެވެ. އަދި އެމީހުންގެ ހިސާބުބެއްލެވުންވަނީ ﷲ ތަޢާލާއަށެވެ. ”

الحديث التاسع:

عن أبي هريرة عبدالرحمن بن صخر رضي الله عنه قال: سمعت رسول الله (صلى الله عليه وسلم) يقول: “ما نهيتكم عنه فاجتنبوه، وما أمرتكم به فأتوا منه ما استطعتم، فإنما أهلك الذين من قبلكم كثرة مسائلهم واختلافهم على أنبيائهم”. (رواه البخاري ومسلم)

” ތިމަންކަލޭގެފާނު ނަހީކުރެއްވިކަންތައްތަކުން ދުރުވާށެވެ. އަދި އަމުރުކުރެއްވި ކަންތައްތަކުން ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ކުރާށެވެ. ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެދިޔައީ އެމީހުން ސުވާލުކުރުން ގިނަކަމުގެ ސަބަބުންނާއި އެއުރެންގެ ނަބީބޭކަލުންގެ މައްޗަށް ޚިލާފުވެގަތުމުންނެވެ. ”

އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: إنَّ اللَّهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا

” ﷲ ވަނީ ކަލޭމެންގެ މައްޗަށް ކަންތައްތަކެއް ފަރުޟުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ނަގާނުލާށެވެ. އަދި ޙައްދުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ ފަހަނައަޅައި ނުދާށެވެ. އަދި ބައެއް ކަންކަމާއި އެއްޗެހީގެ ޙުކުމް ބަޔާންނުކުރައްވާ ދޫކުރައްވާފައިވެއެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތަކަށްޓަކައެވެ. ހަނދުމަފުޅުނެތިވޮޑިގެނެއް ނޫނެވެ. ވީމާ ތިޔަބައިމީހުން އެ ކަންތަކާ ބެހޭގޮތުން އިތުރު ސުވާލުކޮށް ހޯދަން ނޫޅޭށެވެ. ”

الحديث العاشر:

عن أبي هريرة (رضي الله عنه) قال: قال رسول الله (صلى الله عليه وسلم) : “إن الله تعـالى طيب لا يقبل إلا طيباً، وإن الله أمر المؤمنين بما أمر به المرسلين فقال تعالى: يا أيها الرسل كلوا من الطيبات واعملوا صالحاً ، وقال تعالى: يا أيها الذين آمنوا كلوا من طيبات ما رزقناكم ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء: يا ربِّ يا ربِّ، ومطعمه حرام، ومشربه حرام، وملبسه حرام، وغذي بالحرام، فأنى يستجاب له؟”. (رواه مسلم)

އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހު ހެޔޮ (ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކެވެ. (ރަސޫލު ބޭކަލުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީ ކުރައްވަވާފައިވެއެވެ.

 ‘ އޭ އެންމެހައި ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ. އަދި ޞާލިހު ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންއިލާހީ، ތިޔަބޭކަލުން ކުރައްވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.’ އަލްމުއުމިނޫން ސޫރަތުގެ 51 ވަނަ އާޔަތް

އަދި (މުއުމިނުންނާއި މުޚާޠަބު ކުރައްވަވައި)، ވަޙީކުރައްވަވާފައިވެއެވެ.

 ‘ އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަން އިލާހު ދެއްވަވާފައިވާ ޙަލާލު ރިޒުޤުން ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.’ –    އަލްބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތް

އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. ބޯހޭވި ހިރަފުހުންތަތްތެޅިފައިވާ މީހަކު އޭނާގެ ދެއަށް މައްޗަށް ނެގުމަށްފަހު، އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! ބުނެ ދުޢާ ކުރެތެވެ. ނަމަވެސް އޭނާގެ ކާއެއްޗެއްސަކީ ޙާރާމް އެއްޗިއްސެވެ. އަދި އޭނަ ބޯންގެންގުޅެނީ ޙަރާމް އެއްޗިއްސެވެ. އޭނަ ލާން ގެންގުޅޭ ފޭރާމަކީ ޙަރާމް ގޮތުގައި ހޯދާފައިވާ އެއްޗިއްސެވެ. އަދި އޭނާގެ ޖިސްމު ހެދިބޮޑުވެފައިވަނީ ޙަރާމް އެއްޗެހި ކައިގެންނެވެ. އެފަދަ މީހެއްގެ ދުޢާ އިޖާބަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ (ޞަޙީހް މުސްލިމް)

((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ، ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّى أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ)) [متفق عليه]

މާނައީ: ” ރަނގަޅު އެއްޗެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވައެވެ. – ޙަލާލު ޢާމްދަނީއަކުން (ހޯދާފައިވާ މުދަލުން) ކަދުރެއްގެ މިންވަރުވިޔަސް ޞަދަޤާތްކޮށްފިމީހާ ދަންނައެވެ. ހަމަކަށަވަރުން އެއެއްޗެއް ﷲ ތަޢާލާގެ ކަނާއަތްޕުޅުން ހިއްޕަވައެވެ. އެއަށްފަހު އެއެއްޗެއް ފަރުބަދައެއްހާ ބޮޑުވެއްޖައުމަށް ދާންދެން އެއަށް ރިޢާޔަތްކޮށްދެއްވައެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ ކުޑައަހެއް ބަލަހައްޓާ ފަދައިންނެވެ.”.

ޙަދީޘުން ލިބޭފައިދާތައް

މި ޙަދީޘްގައި ޒިކުރުކުރެވިފައިވަނީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ހަތަރު ސަބަބެއް ލިބިފައިވާ މީހެއްގެ ވާހަކައެވެ. އެއީ އޭނާއަކީ ދަތުރުވެރިއެއްކަމުގައިވުމާއި ބޯހޭވި، ހިރަފުހުން ތަތްތެޅިފައިވާ ނިކަމެތި ޙާލެއްގައިވުމާއި، ދެއަތް އުފުލުމާއި، އަދި ރުބޫބިއްޔަތުގެ އިސްމުފުޅު އެދި ދެންނެވުމެވެ. މި ސަބަބުތަކުގެ ތެރެއިން ސަބަބެއް އައިސްފިނަމަ ދުޢާ އިޖާބަ ކުރައްވާނެ ކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުން އެނގެ އެވެ. ނަމަވެސް މިފަދަ މީހަކު، އޭނާގެ ކެއުމާއި ބުއިމާއި ހެދުން ލުމާއި އެނޫން ވެސް ކަންކަމުގައި ޙަރާމް ގޮތުގައި ހޯދާ ތަކެތި ބޭނުން ކުރާ ކަމުގައި ވާނަމަ އޭނާގެ ދުޢާ އިޖާބަ ނުކުރެއްވޭނެ ކަން އަބޫ ހުރައިރާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ މި ޙަދީޘުން އެނގެ އެވެ.

އެކަމަކު ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ.

މި ޙަދީޘް ފައްޓަވާފައި ވަނީ ﷲ އަކީ އެންމެހާ ރަނގަޅު ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ ކަލާނގެ ކަމާއި، އެހެންކަމުން ރަނގަޅު އެއްޗެއް ނުވަތަ ރަނގަޅު ކަމެއް މެނުވީ އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަން ބަޔާން ކުރައްވަމުންނެވެ. ރަނގަޅު ތަކެއްޗާއި ކަންކަން ނުވަތަ ޠައްޔިބާތު އަކީ ކިލަނބު ކަމެއް މުޑުދާރު ކަމެއް ނެތް ސާފު ތާހިރު ތަކެއްޗާއި ކަންކަމެވެ. ﷲ ގަބޫލު ކުރައްވަނީ ރަނގަޅު ހަލާލު ތަކެއްޗެވެ. ޢަމަލުތަކާއި ބަސްތަކާއި ގަބޫލު ކުރުންތަކާއި މުދާތަކާއި އަދި އެނޫން އެއްޗެއް ނުވަތަ ކަމެއް ވިއަސް އެއިން ރަނގަޅު ތަކެއްޗެވެ. މިއާ ޚިލާފަށް ނުބައި ކަންކަން ގަބޫލު ނުކުރައްވާނެ އެވެ. އަލްމާއިދާ ސޫރަތުގެ 100 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެއެވެ. “ނުބައި ކަންތަކުގެ ގިނަކަން، ތިބާ އަޖައިބު ކޮށްލިއަސް، ނުބައި ކަންތަކާއި ރަނގަޅު ކަންތައް ހަމަހަމަ ވެގެނެއް ނުވެ އެވެ.” އެއަށް ފަހު އެ އާޔަތުގައި އަންގަވަނީ ތަޤުވާވެރި ވުމަށެވެ. އެއީ ދިންނަވައި ނަސީބު ލިބުމަށްޓަކައި ކަމަށެވެ.

ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ.

الحديث الحادي عشر:

عن أبي محمد الحسن بن علي بن أبي طالب سبط رسول الله (صلى الله عليه وسلم) وريحانته رضي الله عنهما قال: حفظت من رسول الله (صلى الله عليه وسلم) : “دع ما يريبك إلى ما لا يريبك”. (رواه الترمذي والنسائي، وقال الترمذي: حديث حسن صحيح)

ޙަދީޘްގެ މާނަ

ތިބާއަށް ޝައްކުވާކަންތައް ތިބާއަށް ޝައްކުނުވާ ކަންތަކަށް ދޫކޮށްލާށެވެ.

ޙަދީޘްގެ ޝަރަޙަ

އެކަމެއްގެ ޙަރާމް ޙަލާލްކަމާއިމެދު ޝައްކުވާކަންކަން ދޫކޮށްލާފައި، ޙަރާމް، ޙަލާލްކަން ބަޔާންވެ އެނގޭ ކަންތަކުގައި ހިފާށެވެ.

އިމާމް ابن رجب – رحمه الله މިޙަދީޘް ޝަރަޙަކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.

” މިޙަދީޘް ގެ މުރާދަކީ އެއެއްޗެއްގެ ޙުކުމާއިމެދު ޝައްކުވާއެއްޗެހި ނުވަތަ ކަންކަމުން ދުރުވެގަތުމެވެ. ފަހެ ފުރިހަމަ މުއުމިނެއް ޙަލާލް ކަމެއްކުރާއިރު އެކަމާމެދު ހިތްނުތަވަސްކަމެއް ނޯންނާނެއެވެ. އެހެންނަމަވެސް  ޙަރާމް ޙަލާލްކަމާއިމެދު ޝައްކުވާކަންކަންކުރުމުގައި ހިތްނުތަނަވަސްވުން އޮންނާނެއެވެ.”

الحديث الثاني عشر:

عن أبي هريرة رضي الله تعالى عنه قال: قال رسول الله (صلى الله عليه وسلم) : “من حسن إسلام المرء تركه مالا يعنيه”. (حديث حسن رواه الترمذي وغيره هكذا)

ޙަދީޘްގެ މާނަ

”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”

މިޙަދީޘް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު  حفظه الله ވިދާޅުވެފައިވެއެވެ.

ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. ޢަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.”

އަދި އެހެން ޙަދީޘެއްގައިވެއެވެ.”نعمتان مغبون فيهما كثير من الناس: الصحة والفراغ”

އެ ދެނިޢުމަތަކަށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން މީސްތަކުންނަށް ގެއްލުންލިބޭ ދެ ނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ. – ސަޙީހް ބުޚާރީ

الحديث الثالث عشر:

عن أبي حمزة أنس بن مالك رضي الله عنه خادم رسول الله (صلى الله عليه وسلم) عن النبي (صلى الله عليه وسلم) قال: “لا يؤمن أحدكم حتى يحب لأخيه ما يحب لنفسه”. (رواه البخاري ومسلم)

ޙަދީޘްގެ މާނަ:

ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށްއެދޭހައި ކަމެއް، ތިމާގެ މުސްލިމު އަޚާއަށްވެސް ލިބުމަށް ލޯބިކޮށްފުމަށްދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް ފުރިހަމައަށް އީމާންވީކަމުގައިނުވެއެވެ.

الحديث الرابع عشر:

عن ابن مسعود رضي الله تعالى عنه قال: قال رسول الله (صلى الله عليه وسلم) : “لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة”. (رواه البخاري ومسلم)

ޙަދީޘްގެ މާނަ:

ތިންކަމަކުންމެނުވީ މުސްލިމެއްގެ ލޭ އޮހޮރުވައިލުން ހުއްދަނުވާ ހުއްޓެވެ. އެއީ

މީހަކާ އިނދެ، ޖިމާޢުވުމަށްފަހު ޒިނޭކޮށްފިމީހާ

މީހަކުމެރުމުގެ ސަބަބުން މަރާންވެއްޖެމީހާ

ޖަމާޢަތާއިވަކިވެގަނެ ދީންދޫކޮށް މުރުތައްދުވެއްޖެމީހާ

ޙަދީޘްގެ ޝަރަޙަ

މި ޙަދީޘްފުޅުގެ މުރާދަކީ މީސްތަކުންގެ ފުރާނަތައް ހިފުންއެއީ ހުއްދަނޫން ކަމެއްކަން ބަޔާންކުރެއްވުމެވެ.

މީސްތަކުންގެ ފުރާނަތަކާއި ހަށިތަކާއިމެދު އަޞްލަކީ ރައްކާތެރިވެގެންވުމެވެ. ކަންމިހެންހުރުމާއެކު، ވަކި ސަބަބުތަކެއް މެދުވެރިވުމުން އެމީހާގެ ލޭ އޮހޮރުވުން ކަމާބެހޭ ޖުޑީޝަލް މުއައްސަސާތަކަށް (ކޯޓުތަކަށް) ހުއްދަވެއެވެ. އެސަބަބުތައް މިޙަދީޘްގައި ބަޔާންވެފައިއެވަނީއެވެ. އެއީ:

   މީހަކާ އިނދެ، ޖިމާޢުވުމަށްފަހު ޒިނޭކުރުން: ފަހެ މިމީހާގެ ޙައްދަކީ ހިލައިންތަޅާމެރުމެވެ. (އެބަހީ ރަޖަމުކުރުމެވެ.)

ލިވާތުކުރުމުގެ ހުކުމަކީވެސް މެރުމެވެ. އެކަމަކު މަރަންވީގޮތާއިމެދު މަޒުހަބުތަކުގައިވަނީ އިޚްތިލާފުވެފައެވެ. ލިވާތުކުރުމަކީ ފިރިހެނުން ފިރިހެނުންނާއިއެކު ޖިންސީ ޢަމަލުހިންގުމެވެ. އަދި އަންހެނާގެ ފުރަގަސްފަރާތަށް ޖިމާޢުވުމަކީވެސް ލިވާތުގެ ތެރެއިންވާ ކަމެކެވެ. ސިހާޤުކުރުމުގެ ޙުކުމަކީ ތަޢުޒީރުކުރުމެވެ. ސިހާޤުކުރުމަކީ އަންހެނުން އެހެން އަންހެނުންނާއިއެކު ޖިންސީ ޢަމަލު ހިންގުމެވެ.

މީހަކުމެރުމުގެ ސަބަބުން މަރާންޖެހުން: މި ގިންތީގެ ދަށުން އެބައެއްގެ މައްޗަށް މަރުގެ ޙުކުމްއަންނަނީ ޤަތުލުޢަމްދުކުރިމީހުންނަށާއި، ޤަތުލު ޝިބުޙުޢަމްދުކުރި މީހުންނަށެވެ.

ޖަމާޢަތާއިވަކިވެގަނެ ދީންދޫކޮށް މުރުތައްދުވެއްޖެމީހާ: އިސްވެދިޔަ ބައިތަކެކޭ އެއްފަދައިން މުރުތައްދުވެފައިވާމީހާގެ މައްޗަށްވެސް ޙުކުމް ކަނޑައަޅާނީ ޝަރުޢީ ކޯޓުތަކުންނެވެ. ޢާއްމުންގެ ވަކިވަކިފަރުދުންނެއްނޫނެވެ.

މި ޙަދީޘްޝަރަޙަކޮށްދެއްވަމުން އިމާމް އަލްހާފިޒް އިބްނި ރަޖަބު އެބަޔެއްގެ މައްޗަށް ޝަރުޢީ ކޯޓުތަކަށް މަރުގެ ޙުކުމް އިއްވިދާނެ އިތުރުބައެއްމީހުންގެނެސްފައިވެއެވެ. އެބައިމީހުންނަކީ:

ލިވާތުކުރާމީހާ

އެމީހާގެ މަޙްރަމަކާއިއެކީގައި ޖިންސީ ޢަމަލު ހިންގިމީހާ

ސިހުރުވެރިޔާ

ޖަނަވާރަކާއިއެކީގައި ޖިންސީ ޢަމަލުހިންގިމީހާ

ހަތަރުވަނަފަހަރަށް ރާބޯމީހާ

ފަސްވަނަފަހަރަށް ވައްކަންކުރާމީހާ

ކާފަރުންނަށް މުސްލިމުންގެ ޚަބަރުތައް ޖާސޫސްކޮށްހަދައިދޭ މުސްލިމް ޖާސޫސް

އަދިވެސް އިތުރުބައެއް ފަރާތްތައް ޒިކުރުކުރައްވާފައިވެއެވެ.

 

الحديث الخامس عشر:

عن أبي هريرة رضي الله عنه أن رسول الله (صلى الله عليه وسلم) قال: ” من كان يؤمن بالله واليوم الآخر فليقل خيراً أو ليصمت، ومن كان يؤمن بالله واليوم الآخر فليكرم جاره، ومن كان يؤمن بالله واليوم الآخر فليكرم ضيفه”. (رواه البخاري ومسلم)

ޙަދީޘްގެ މާނަ:

ﷲ އާ އާޚިރަތްދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ ހެޔޮބަސް ބުނާ ހުށިކަމެވެ. ނުވަތަ ހަމަހިމޭނުން ހުންނަ ހުށިކަމެވެ. އަދި މާތް ﷲ އަށާއި އާޚިރަތްދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ އަވަށްޓެރިޔާއަށް ކަމޭހިތާހުށިކަމެވެ. އަދި މާތް ﷲ އަށާއި އާޚިރަތްދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ މެހެމާނާއަށް ކަމޭހިތާހުށިކަމެވެ.

الحديث السادس عشر:

عن أبي هريرة رضي الله عنه: أن رجلاً قال للنبي (صلى الله عليه وسلم) : أوصني، قال: “لا تغضب”، فردّد مراراً، قال: “لا تغضب”. (رواه البخاري ومسلم)

ޙަދީޘްގެ މާނަ:

ހަމަކަށަވަރުން މީހަކު ނަބިއްޔާ (صلى الله عليه وسلم)ގެ އަރިހުގައި ތިމަންނާއަށް ވަޞިއްޔަތެއްކުރައްވާށޭ ދެންނެވިއެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ތިބާ ރުޅިއަރައިނުގަންނާށެވެ.” އެމީހަކު (އިތުރު ވަޞިއްޔަތަކަށްއެދި) ތިމަންނާއަށް ވަޞިއްޔަތެއްކުރައްވާށޭ ތަކުރާރުކޮށް ދެންނެވިއެވެ. މިއިން ކޮންމެފަހަރަކުވެސް އިތުރު އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ”ތިބާ ރުޅިއަރައިނުގަންނާށެވެ.”

الحديث السابع عشر:

عن أبي يعلى شداد بن أوس رضي الله عنه عن رسول الله (صلى الله عليه وسلم) قال: “إن الله كتب الإحسان على كل شيء، فإذا قتلتم فأحسنوا القتلة، وإذا ذبحتم فأحسنوا الذبحة؛ وليحدّ أحدكم شفرته وليرح ذبيحته”. (رواه مسلم)

ޙަދީޘްގެ މާނަ:

ހަމަކަށަވަރުން މާތްﷲ ވަނީ ކޮންމެ އެއްޗަކަށްވެސް އިޙްސާންތެރިވުމަށް ތިޔަބައިމީހުންގެ މައްޗަށް ވާޖިބުކުރައްވައިފައެވެ. ތިޔަބައިމީހުން ޤަތުލުކުރަންޏާ ރިވެތިކޮށް ޤަތުލުކުރާށެވެ. ތިޔަބައިމީހުން އެއްޗެއް ކަތިލަންޏާ ކަތިލުން ރިވެތިކުރާށެވެ. ކަތިލުމަށްބޭނުންކުރާއެއްޗެއްގެ މިއަ ތިޔަބައިމީހުންގެ ކޮންމެ މީހަކުވެސް ތޫނުކުރާހުށިކަމެވެ. އަދި އެމީހަކު ކަތިލާ އެއްޗަކަށް އަރާމުލިބޭގޮތަށް ކަތިލާށެވެ.

الحديث الثامن عشر:

عن أبي ذر جندب بن جنادة وأبي عبد الرحمن معاذ بن جبل رضي الله عنهما عن رسول الله (صلى الله عليه وسلم) قال: “اتق الله حيثما كنت، وأتبع السيئة الحسنة تمحها، وخالق الناس بخلق حسن”. (رواه الترمذي وقال: حديث حسن، وفي بعض النسخ: حسن صحيح)

ޙަދީޘްގެ މާނަ

ތިބާ ކޮންމެތާކުވިޔަސް ﷲއަށް ތަޤްވާވެރިވާށެވެ. ނުބައިކަމެއް (ފާފައެއް) ކުރެވިއްޖެނަމަ، އެކަމާއި ވިއްދައިގެން ހެޔޮކަމެއްކުރާހުށިކަމެވެ. ހެޔޮ ރިވެތި ޚުލްޤަކާއިގެން މީސްތަކުންނާއި އެކުވެރިވެ އުޅޭށެވެ.

http://dhisalafiyyah.net/article/29607

 

الحديث التاسع عشر:

عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: “يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف”. (رواه الترمذي وقال: حسن صحيح)

وفي رواية غير الترمذي: “احفظ الله تجده أمامك، تعرّف إلى الله في الرخاء يعرفك في الشدة، واعلم أن ما أخطأك لم يكن ليصيبك، وما أصابك لم يكن ليخطئك، واعلم أن النصر مع الصبر، وأن الفرج مع الكرب، وأن مع العسر يسراً”.

ޙަދީޘްގެ މާނަ

އިބުނި އައްބާސް ގެ ފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަން ކަލޭގެފާނު ރަސޫލާ (صلى الله عليه وسلم) ގެ ފަހަތްޕުޅުގައިވަނިކޮށް ރަސޫލާ(صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ” އޭ ކޮއިފުޅާއެވެ. އަހަރެން ކަލެއަށް ކަލިމަތަކެއް އުނގަންނަވައިދެއްވާނަމެވެ.(އެއީ)

ﷲއަށް (ﷲ ގެ ހުކުމްފުޅުތަކަށް ނުވަތަ އެންގެވުންތަކަށް ) ރައްކާތެރިވާށެވެ. އޭރުން ﷲ، ތިބާ ރައްކާތެރި ކުރައްވާނެއެވެ.

ﷲ ގެ ކިބައަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާއަށް ވާގިދެއްވުމާއި ރައްކާތެރިކުރެއްވުމާއި ނަސްރުދެއްވުމާއިގެން ވޮޑިގެންވާތީ ތިބާދެކޭނޫއެވެ.

ކަމަކަށް އެދޭނަމަ ހަމައެކަނި ﷲ ގެ ކިބައިން އެކަމަކަށް އެދޭށެވެ.

ވާތްގަށްއެދޭނަމަ އެކަމުގައި ވާގިވެރިވެ ވޮޑިގަތުމަށް ހަމައެކަނި ﷲ ގެ ކިބައިން އެދޭށެވެ.

އަދި ދަންނާށެވެ. އުއްމަތުގެ އެންމެން އެކަތިގަނޑަކަށްވެ ކޮޔަށް ފައިދާއެއްދޭން އުޅުނަސް،ﷲ ލިޔުއްވައިފައިވާ ފައިދާ އެއް ނޫނީ އެމީހުންނަކަށް ކޮޔަކަށް ނުދެވޭނެއެވެ

އަދި އެހުރިހާ އެންމެން ވެގެން ކޮޔަށް ގެއްލުންދޭން އުޅުނަސް ﷲ ލިޔުއްވައިފައިވާ ގެއްލުމެއް ނޫން އެހެން އިތުރު ގެއްލުމެއް އެމީހުންނަކަށް ކޮޔަކަށް ނުދެވޭނެއެވެ

ދަންނާށެވެ. މިންވަރުފުޅުގެ ގަލަމުން ލިޔުއްވުމަށް އިރާދަކުރެއްވުނުކަންތައްތައް ލިޔެ ނިމިއްޖެއެވެ. اللوح المحفوظ ގައި ލިޔެވުނު ތަކެތީގެ ދެލިގަނޑު ހިކިއްޖެއެވެ.     

 މި ޙަދީޘް ގެއެހެން ރިވާޔަތެއްގައި ވަނީ

” ﷲ ގެ ކިބައަށް ރައްކާތެރިވާށެވެ. (ﷲ ގެ އެންގެވުންތަކަށް ރައްކާތެރިވާށެވެ.) އޭރުން ﷲ ތިބާއަށް ވާގިދެއްވުމާއި ރައްކާތެރިކުރެއްވުމާއި ނަސްރުދެއްވުމާއިގެން ވޮޑިގެންވާތީ ތިބާދެކޭނޫއެވެ.  ފާގަތި ކަމުގެ ދުވަސްތަކުގައި ތިބާ ﷲދެނެގަންނާށެވެ. (ﷲ މަތިން ހަނދުމަކޮށް އެކަލާނގެ އެނގެވި ގޮތަށް އުޅޭށެވެ). އޭރުން ތަދުމަޑުކަމުގެ ދުވަސް ތަކުގައި ތިބާގެ މަތިން ﷲ ދަންނާނެއެވެ.( ތިބާގެ މަތިން ﷲ ހަނދުމަ ކުރައްވާ، ތިބާގެ މުސީބާތް ލުއިކޮށްދެއްވާނެއެވެ.).އަދި ދަންނާށެވެ. ކޮޔަށް ނުޖެހި ހިނގައްގެ ކަމެއް އެއީ ތިބާއަށް ޖެހެންނެތް މުޞީބާތެކެވެ. އަދި ކޮޔަށް މުޞީބާތެއް ޖެހިއްޖެނަމަ، އެމުޞީބާތަކީ ކޮއި ފަހަނައަޅައިދާންނެތް މުޞީބާތެކެވެ.އަދި ދަންނާށެވެ.  ނަޞްރުލިބުންވަނީ ކެތްތެރިކަމާއިއެކުގައެވެ.  އަދި މޮޅިވެރިކަމަކަށްފަހު ހިތާމަ ފިއްލެވުންވެއެވެ. އަދި ދަތިކަމަކަށްފަހު ފަސޭހަކަން އަންނާނެއެވެ.

ޙަދީޘާއި ގުޅުންހުރި އެހެން ބައެއް ނައްޞުތަކާއި އާޘާރުތައް

މި ޙަދީޘްގައި ﷲގެ އެންގެވުންތަކަށް ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. ތަޤްވާވެރިވުމަކީވެސް އެއީއެވެ.

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.

وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾65:4

އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.

وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ

އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް ދިންނެވުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.

مَخْرَجًا ގެ މާނައަކީ މުޞީބާތުން ނިކުތުމެގެ މަގެވެ. ޤުރުއާން ދިވެހިތަރުޖަމާގައި މިބަހުގެ ތަރުޖަމާއެއްގޮތުގައި އައިސްފައިވަނީ ”ދިންނެވުމުގެ މަގު” މި ޢިބާރާތެވެ.

އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.

”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.

ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’

އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

..(ولو أن أهل القرى ءامنوا و اتقوا لفتحنا عليهم بركات من السماء و الأرض…) سورة الأعراف 96

”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”

މި ޙަދީޘްގައި ކެތްތެރިވުމަށްވެސް ބާރުއަޅުއްވައިފައިވެއެވެ. ދިމާވާ މުޞީބާތްތަކަށް ކެތްކުރުމުގެ އަޖުރު ނުހަނު މަތިވެރިވެފައިވެފައި ބޮޑެވެ.

އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

” مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ ”

އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުށްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.

މި ޙަދީޘްގައި ދަތިކަމަކަށްފަހު ފަސޭހަކަމެއް އަންނާނެކަމަށް އައިސްފައިވާގޮތަށް މިފަދަ ޢިބާރާތަކުން ޤުރުއާނުގައިވެސް އައިސްފައިވެއެވެ.

إِنَّ مَعَ الْعُسْرِ يُسْرًا

ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.

ހަމައެފަދައިން، އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.

ولا حزن يدوم ولا سرور

އަދި ހިތާމައެއްވެސް އަދި އުފާވެރިކަމެއްވެސް އަބަދަށް ދެމިގެންނުދެއެވެ.

الحديث العشرون:

عن أبي مسعود عقبة بن عمرو الأنصاري البدري رضي الله عنه قال: قال رسول الله (صلى الله عليه وسلم) : “إن مما أدرك الناس من كلام النبوة الأولى: إذا لم تستح فاصنع ما شئت”. (رواه البخاري)

ޙަދީޘްގެ މާނަ:

”އިހުޒަމާނުގެ ނަބީކަމުގެ ބަހުގެ ތެރެއިން މީސްތަކުންލިބިގަތްކަންތަކުގެ ތެރޭގައިވެއެވެ. ތިބާ ލަދުނުގަންނަކަމުގައިވާނަމަ، ހިތުހުރިކަމެއްކުރާށެވެ. ”

الحديث الحادي والعشرون:

عن أبي عمرو، وقيل أبي عمرة سفيان بن عبد الله رضي الله عنه قال: “قلت: يا رسول الله قل لي في الإسلام قولاً لا أسأل عنه أحداً غيرك، قال: “قل آمنت بالله ثم استقم”. (رواه مسلم)

ޙަދީޘްގެ މާނަ:

މާތް ﷲ ރުއްސުންލެއްވި ސުފްޔާން ބިން ޢަބްދުއްﷲ ދެންނެވިއެވެ. އިސްލާމްދީނާއިމެދު ކަލޭގެފާނު ފިޔަވައި އެހެންއެއްވެސް މީހެއްގެ ކައިރީގައި އަހަންނުޖެހޭފަދަ ބަހެއް ބުނެދޭށެވެ. ކަލޭގެފާނު ބުނާށެވެ. މާތްﷲއަށް އީމާންވެއްޖައީމެވެ. ދެން ސީދާވެގަންނަހުށިކަމެވެ. (ސީދާވެގަތުމަކީ މާތްﷲއަށް ކިޔަމަންތެރިވުންމަތީ ދެމިހުރުމާއި ﷲ ނުރުއްސަވާ ކަންތައްތަކުން ދުރުވެގަތުމެވެ. )

ދީނުގެ މަގުގައި ސީދާވެގަންނަމީހުންނަށް ހުރި ހެޔޮ ދަރުމައިގެ ވާހަކަ ފުއްޞިލަތު ސޫރަތުގެ 30 އަދި 31 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. އަދި އަލްއަޙްޤާފް ސޫރަތުގެ 13 އަދި 14 ވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ.

الحديث الثاني والعشرون:

عن أبي عبد الله جابر بن عبد الله الأنصاري رضي الله عنهما: “أن رجلاً سأل رسول الله (صلى الله عليه وسلم) فقال: أرأيت إذا صلّيت المكتوبات، وصمت رمضان وأحللت الحلال وحرّمت الحرام ولم أزد على ذلك شيئاً أدخل الجنة ؟ قال: نعم”. (رواه مسلم)

ޙަދީޘްގެ މާނަ:

ހަމަކަށަވަރުން މީހަކު ﷲ ގެ ރަސޫލާ (صلى الله عليه وسلم) ގެ އަރިހުގައި ސުވާލުދެންނެވިއެވެ. އަޅު ފަރުޟު ފަސްނަމާދުކޮށް، ރަމަޟާން މަހު ރޯދަ ހިފާ، ހަލާލްކަންތައްތަކަކީ ހަލާލްކަންކަމުގައި ދެކި، ޙަރާމްކަންތައްތަކަކީ ޙަރާމްކަންތައްތައްކަމުގައި ދެކޭނަމަ، ދެން އެމައްޗަށް ދެން އިތުރުކަމެއް އަޅު ނުކުރިޔަސް އަޅު ސުވަރުގެ ވަންނާނެކަމުގައި ދެކެވަޑައިގަންނަވަމުތޯއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އާއެކެވެ.”.

ومعنى حرّمت الحرام: اجتنبته، ومعنى أحللت الحلال: فعلته معتقداً حلّه.

ޙަރާމްކަންތައް ޙަރާމްކުރުމުގެ މާނައަކީ އެކަންކަމުން ދުރުވުމެވެ. ޙަލާލު ކަންތައް ޙަލާލުކުރުމަކީ އެކަމަކީ ޙަލާލްކަމެއްކަމުގައި ޤަބޫލުކުރާ ޙާލު އެކަމެއްކުރުމެވެ.

الحديث الثالث والعشرون:

عن أبي مالك الحارث بن عاصم الأشعري رضي الله عنه قال: قال رسول الله (صلى الله عليه وسلم) : “الطهور شطر الإيمان، والحمد لله تملأ الميزان، وسبحان الله والحمد لله تملآن أو تملأ بين السماء والأرض، والصلاة نور، والصدقة برهان، والصبر ضياء، والقرآن حجة لك أو عليك. كل الناس يغدو؛ فبائع نفسه، فمعتقها، أو موبقها”. (رواه مسلم)

ޙަދީޘްގެ މާނަ:

ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި الحمد لله މި ކަލިމަ މީޒާން ފުރާލައެވެ. سبحان الله والحمد لله މި ދެ ކަލިމަ އުޑާއި ބިމާއިހާތަން ފުރާލައެވެ. ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތްދިނުމަކީ އީމާންކަމުގެ ހެއްކެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ޤުރުއާން ވާހުށީ ތިބާއަށްވާ ޙުއްޖަތަކަށެވެ. ނުވަތަ ތިބާއާއި ދެކޮޅަށްވާ ޙުއްޖަތަކަށެވެ. އެންމެހައި މީސްތަކުން ހެނދުނު ހެނދުނާއި އެމީހުންގެ މަސައްކަތާއިގެން ނުކުމެގެންދެއެވެ. ފަހެ އެ ނަފުސެއްގެ މައްޗަށް ހެޔޮ ޢަމަލުކުރުމުގެ ވިޔަފާރި ހިންގައިފިމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. ނުވަތަ އެނަފުސެއްގެ މައްޗަށް ނުބައި ޢަމަލުކުރުމުގެ ވިޔަފާރިހިންގައިފިމީހާ ފަހެ ހަލާކުވެގެންފިއެވެ.

ޙަދީޘާއި ގުޅުންހުރި އެހެން ބައެއް ނައްޞުތަކާއި އާޘާރުތައް

އަޅުގަނޑުމެންނަށްޓަކައިވާ ޙުއްޖަތެއްކަމުގައި ޤުރުއާން ވާހުށީ އެފޮތް އުނގެނި، އެއާ އެއްގޮތަށް ޢަމަލުކުރާކަމުގައިވާނަމައެވެ. އަދި އެފޮތް ގިނަގިނައިން ކިޔަވާ ކަމުގައިވާނަމައެވެ. ކީރިތި ޤުރުއާން ކިޔެވުމުން ލިބޭ މަތިވެރި އަޖުރުގެ ވާހަކަ އެތައް ޙަދީޘެއްގައިބަޔާންވެފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

  ]تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لاَ أَقُولُ الْم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ     [  رواه الترمذي

ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ޘަވާބުލިބޭނެއެވެ.(

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خِيَارُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» أخرجه أحمد: حديث/ 1317 [صحيح]

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

”ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި، އެހެންމީހުންނަށް ޤުރުއާން އުނގަންނައިދޭ މީހާއެވެ.”

 

] يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا [

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތަރްތީލްކޮށް ކިޔަވާށެވެ. ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއިއެކު ވާޞިލްވެވޭ ހިސާބެވެ.” أخرجه الترمذي: حديث/ 3914 [صحيح

((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِى يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ)متفق عليه

މާނައީ: {ޤުރުއާން ކިޔެވުމުގައި ކުޅަދާނަމީހާވާހުށީ ވަޙީލިޔުއްވާ މާތް މަލާއިކަތް ބޭކަލުންނާއި އެކުގައެވެ. އަދި އުނދަގުލުން ކޮށަކޮށައިގެން ޤުރުއާން ކިޔަވާ މީހާއަށް ދެއަޖުރު ލިބޭ ހުށްޓެވެ.}.

(اقرؤوا القرآن فإنه يأتي يوم القيامة شفيعا لأصحابه)  أخرجه مسلم في صحيحه

”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް(އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.”

 ޤުރުއާން ހަޖުރުކޮށްފިކަމުގައިވާނަމަ، އޭރުން ޤުރުއާންވާހުށީ އަޅުގަނޑުމެންނާއި ދެކޮޅަށްވާ ޙުއްޖަތެއްކުގައެވެ.   ޤުރުއާން ހަޖުރުކުރުމަކީ ކީރިތި ޤުރުއާން ދޫކޮށްލުމެވެ.

وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا ﴿٣٠

“رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ.” ފުރުޤާން 30

   

ކީރިތި ޤުރުއާން ހަޖުރުކުރެވޭ ގޮތްތަކަކީ:

ކީރިތި ޤުރުއާން ކިޔެވުމުން ނުވަތަ އަޑުއެހުމުގެ މަތިން ފަރުވާކުޑަވެ، އެކަންކަން ކުރެވޭލެއް މަދުވުން ނުވަތަ އެއްވެސް ގޮތަކަށް ކީރިތި ޤުރުއާން ނުކިޔެވުން ނުވަތަ އަޑު ނޭހުން

ކީރިތި ޤުރުއާނާއި އެއްގޮތަށް ޙުކުމް ނުކުރުން

ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމަށް މަސައްކަތްނުކުރުން

ކީރިތި ޤުރުއާނުން ޝިފާލިބިގަތުން ދޫކޮށްލުން

الحديث الرابع والعشرون:

عن أبي ذر الغفاري رضي الله عنه عن النبي (صلى الله عليه وسلم) فيما يرويه عن ربه -عزّ وجلّ- أنه قال: “ياعبادي إني حرّمت الظلم على نفسي، وجعلته بينكم محرّماً؛ فلا تظالموا. يا عبادي كلكم ضال إلا من هديته؛ فاستهدوني أهدكم. يا عبادي كلكم جائع إلا من أطعمته؛ فاستطعموني أطعمكم. يا عبادي كلكـم عارٍ إلا مـن كسوته؛ فاستكسوني أكسكم. يا عبادي إنكم تخطئون بالليل والنهار وأنا أغفر الذنوب جميعاً؛ فاستغفروني أغفر لكم. يا عبادي إنكم لن تبلغوا ضرّي فتضرّوني ولن تبلغوا نفعي فتنفعوني. يا عبادي لو أن أوّلكم وآخركم وإنسكم وجنّكم كانوا على أتقى قلب رجل واحد منكم ما زاد ذلك في ملكي شيئا، يا عبادي لو أن أوّلكم وآخركم وإنسكم وجنّكم كانوا على أفجر قلب رجل واحد منكم ما نقص ذلك من ملكي شيئا. يا عبادي لو أن أوّلكم وآخركم وإنسكم وجنّكم قاموا في صعيد واحد فسألوني؛ فأعطيت كل واحد مسألته ما نقص ذلك مما عندي إلا كما ينقص المخيط إذا أدخل البحر. يا عبادي إنما هي أعمالكم أحصيها لكم ثم أوفيكم إياها؛ فمن وجد خيراً فليحمد الله، ومن وجد غير ذلك فلا يلومنَّ إلا نفسه”. (رواه مسلم)

މާތްﷲ ގެ ކިބައިން ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ.

”އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިމަން އިލާހުގެ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އަނިޔާވެރިކަމަކީ ޙަރާމްކަމެއްކަމުގައި ލައްވާފީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިމަންރަސްކަލާނގެ އެމީހަކަށް ތެދުމަގުދެއްކިމީހަކު މެނުވީ އެހެންއެންމެންވަނީ މަގުފުރެދިފައިވާ މީހުންގެ ގޮތުގައެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިމަންރަސްކަލާނގެ އެމީހަކަށް ކާންދެއްވިމީހަކު މެނުވީ އެހެންއެންމެންވަނީ ބަނޑުހައިވެފައިވާ މީހުންގެ ގޮތުގައެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިމަންރަސްކަލާނގެ އެމީހަކަށް އަންނައުނުދެއްވިމީހަކު މެނުވީ އެހެންއެންމެންވަނީ އޮރިޔާން ޙާލުގައެވެ. ފަހެ ތިޔަބައިމީހުން ފޭރާމަށް އެދޭށެވެ. އޭރުން ތިމަންރަސްކަލާނގެ ފޭރާން ދެއްވާހުށީމެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ރެޔާއި ދުވާލު ކުށްކުރަމުއެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ އެންމެހައި ފާފަތައް ފުއްސަވަމުއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެއަށް އުނދަގުލެއް ނުކުރެވޭ ހުށިކަމެވެ. އަދި ތިމަންރަސްކަލާނގެއަށް ފައިދާއެއްވެސް ނުކުރެވޭހުށިކަމެވެ. (އެބަހީ ތިޔަބައިމީހުންކުރާ ނުބައި ކަންތަކުން ގެއްލުންލިބޭނީ ހަމަ ތިޔަބައިމީހުންނަށެވެ. މާތްﷲއަށް އެކަމުން ގެއްލުމެއް ނުވާނެއެވެ. ހަމައެގޮތަށް ހެޔޮޢަމަލުގެ ފައިދާކުރާނީ ހަމަ ތިޔަބައިމީހުންނަށެވެ. މާތްﷲ އަކަށްނޫނެވެ.) އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންކުރެ އެންމެ ފުރަތަމަ މީހާ އަދި ތިޔަބައިމީހުންކުރެ އެންމެ ފަހު މީހާ އެންމެ ތަޤްވާވެރިމީހާގެ ހިތުގެ މަތީގައިވީކަމުގައިވިޔަސް، އެކަމަކުން މާތްﷲގެ ރަސްކަންފުޅަށް އެއްވެސް އެއްޗެއް އިތުރުނުވާ ހުއްޓެވެ. ތިޔަބައިމީހުންކުރެ އެންމެ ފުރަތަމަ މީހާ އަދި ތިޔަބައިމީހުންކުރެ އެންމެ ފަހު މީހާ އެންމެ ފާޖިރުމީހާގެ ހިތުގެ މަތީގައިވީކަމުގައިވިޔަސް، އެކަމަކުން މާތްﷲގެ ރަސްކަންފުޅުން އެއްވެސް އެއްޗެއް މަދުނުވާ ހުއްޓެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންކުރެ އެންމެ ފުރަތަމަ މީހާ އަދި ތިޔަބައިމީހުންކުރެ އެންމެ ފަހު މީހާ، އަދި އިންސިތަކާއި ޖިންނިތައް އެއް ފަސްގަނޑެއްގެމަތީގައި ތިބެ ކޮންމެ މީހަކުވެސް އެމީހެއްގެ ބޭނުންތަކުން ފަރިޔާދުކުރިކަމުގައިވީނަމަވެސް އެކަމުގެ ސަބަބުން ތިނޯހެއް ކަނޑަށްލާ، ނެގުމުން އެކަނޑުން މަދުވާ ފެންފޮދުހާ މިންވަރަށްވެސް މަދުނުވެއެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތައް ޙިސާބުކޮށް އެކަމުގެ ފުރިހަމަ ޖަޒާ ދެއްވާހުށީމެވެ. ހެޔޮ ނަތީޖާ ލިބުނުމީހާ މާތް ﷲއަށް ޙަމްދުކުރާހުށިކަމެވެ. އަދި ނުބައިނަތީޖާ ލިބުނުމީހާ ތިމާގެ އަމިއްލަ ނަފުސަށް މެނުވީ މަލާމާތްނުކުރާހުށިކަމެވެ.”

الحديث الخامس والعشرون:

عن أبي ذر رضي الله عنه أيضاً: أن ناساً من أصحاب رسول الله (صلى الله عليه وسلم) قالوا للنبي (صلى الله عليه وسلم) : يا رسول الله ذهب أهل الدثور بالأجور، يصلّون كما نصلي، ويصومون كما نصوم، ويتصدقون بفضول أموالهم، قال: “أو ليس قد جعل الله لكم ما تصدقون؛ إن بكل تسبيحة صدقة، وكل تكبيرة صدقة، وكل تحميدة صدقة، وكل تهليلة صدقة، وأمر بالمعروف صدقة، ونهي عن منكر صدقة، وفي بضع أحدكم صدقة، قالوا: يا رسول الله! أيأتي أحدنا شهوته ويكون له فيها أجر؟ قال: أرأيتم لو وضعها في حرام أكان عليه وزر؟‍ فكذلك إذا وضعها في الحلال كان له أجر”. (رواه مسلم)

ޙަދީޘްގެ މާނަ

ހަމަކަށަވަރުން މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން ފަޤީރުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައެވެ. ފަހެ އެބޭކަލުން ދެންނެވިއެވެ. މުދާވެރިން ތިމަންމެންނަށްވުރެ ކުރިއަރާގޮސް އެތައް ދަރަޖަތަކާއި ނިޢުމަތްތަކެއް ހާޞިލުކޮށްފިއެވެ.  އެމީހުން ތިމަންމެން ނަމާދުކުރާ ފަދައިން ނަމާދުކުރެއެވެ. އަދި ތިމަންނާމެންނާއި އެއްފަދައިން ރޯދަ ހިފައެވެ.  އަދި މުދާވެރިކަމުން ގިނަގިނައިން ޞަދަޤާތްދެއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އަދި ހަމަކަށަވަރުން ޞަދަޤާތްކުރާނެ މަގުތައް ތިޔަބައިމީހުންނަށްޓަކައި މާﷲ މަގުފަހިކޮށްނުދެއްވާހެއްޔެވެ؟ ކޮންމެ ތަސްބީޙުގެ ކަލިމައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރުގެ ކަލިމައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދުގެ ކަލިމައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްލީލުގެ ކަލިމައަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަންކަންކުރުމަށް އެހެންމީހުންނަށް ބާރުއެޅުމަކީވެސް ޞަދަޤާތެކެވެ. އަދި މުންކަރާތެއްމަނާކުރާ ކޮންމެފަހަރަކު އެކުރެވެނީވެސް ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުންގެ އަނބިންނާއިއެކު އެއްދާންކުރުމަކީވެސް ޞަދަޤާތެކެވެ. އެހިނދު އެ ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެމެންގެ ތެރެއިން މީހަކު އޭނަގެ އަނބިމީހާއާއެކު ޖިންސީ ޝަޙްވަތްތެރިކަންފުއްދުމަކީވެސް ޞަދަޤާތެއް ހެއްޔެވެ؟ އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. މީހަކު ޙަރާމް ގޮތުގައި ޖިންސީ ޝަޙްވަތްތެރިކަން ފުއްދައިފިނަމަ އޭނާ ފާފަވެރިނުވޭތޯއެވެ؟ ހަމަމިފަދައިން މީހަކު ޙަލާލް ގޮތުގައި ޖިންސީ ޝަޙްވަތްތެރިކަން ފުއްދައިފިނަމަ އޭނާއަށް އެކަމުގެ އަޖުރުލިބޭ ހުއްޓެވެ.

ޙަދީޘުން ލިބޭ ފައިދާތައް

ޞަޙާބީން ހެޔޮ ޢަމަލުތަކަކީ ކޮބައިކަން ދެނެގަތުމަށް ހުންނަ ޝައުޤުވެރިކަމުގެ ބޮޑުކަން އަދި އެބޭކަލުންގެ މެދުގައި ހެޔޮޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައިދިޔުމުގެ ވާދަވެރިކަން އޮތްކަން އެނގުން.

ޞަދަޤާތަކީ ހަމައެކަނި މުދަލުން ކުރެވޭ ޞަދަޤާތެއްނޫންކަން މިޙަދީޘުން އެނގެއެވެ.

سبحان الله , الحمد لله , الله أكبر, لاإله إلا الله ގިނަގިނައިން ކިޔުމަށް ދީނުގައި ބާރުއެޅިފައިވާކަމާއި، އަދި އެއީ އަމިއްލަ ނަފުސަށްޓަކައި ކުރެވޭ ޞަދަޤާތެއްކަން އެނގެން އޮތުން.

ހެޔޮކަންކަމަށް އަމުރުކުރުމަށާއި ނުބައިކަންކަން މަނާކުރަން ދީނުގައި ބާރުއަޅުއްވައިފައިވާކަމާއި އެކަމަކީ އެކަމުގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި އަދި އަނެކުންނަށް ފައިދާކުރާ ޞަދަޤާތެއްކަން އެނގުން

އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން، ޞައްޙަ ކައިވެންޏެއްގެ ތެރޭގައި ހެޔޮ ނިޔަތެއްގައި ޖިންސީއެދުން ފުއްދައިފިނަމަ، އެކަމަކީ އެކަމުގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި އަދި އަނެކުންނަށް ފައިދާކުރާ ޞަދަޤާތެއްކަން އެނގުން

ތިމާއަށް ކުޅަދާނަކަން ލިބިފައިނެތުމުގެ ސަބަބުން މުސްތަޙައްބު ހެޔޮ ޢަމަލެއްނުކުރެވޭނަމަ، ތިމާއަށް ކުޅަދާނަކަންލިބިގެންވާ އެނޫން ހެޔޮޢަމަލުތައް ކުރުން

ޒިކުރު ކުރެވިދާނެ ބައެއް ގޮތްތައް

مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ ޞަޙީޙް އައްތިރްމިޛީ

މާނަ: ”ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެކަލާނގެއަށެވެ. މިފަދައިން ބުނެފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދިއްޖެއެވެ.” (

ކީރިތި ޤުރުއާން ކިޔެވުން

الحديث السادس والعشرون:

عـن أبي هريرة رضي الله تعالى عنه قال: قال رسول الله (صلى الله عليه وسلم) : “كل سلامى من الناس عليه صدقة، كل يوم تطلع فيه الشمس تعدل بين اثنين صدقة، وتعين الرجل في دابته فتحمله عليها أو ترفع له عليها متاعه صدقة، والكلمة الطيبة صدقة، وبكل خطوة تمشيها صدقة، وتميط الأذى عن الطريق صدقة”. (رواه البخاري ومسلم)

ޙަދީޘްގެ މާނަ

ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހެއްގެ ކޮންމެ ގުނަވަނެއްގެ މައްޗަށް ހެނދުނުވާ ކޮންމެ ފަހަރަކު (އެ ގުނަވަންތައް ސަލާމަތުންވާ ކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން) ޞަދަޤާތެއް ކުރަންޖެހެއެވެ. ދެމީހެއްގެ ދެމެދު ޞުލްޙަކުރުމަކީ ޞަދަޤާތެކެވެ. މީހާގެ ސަވާރީއަށް އަރަން އެހީވެދިނުމަކީ ޞަދަޤާތެކެވެ. ނުވަތަ އޭނާގެ ސަވާރިގެ މައްޗަށް އޭނާގެ މުދާ އުފުލައިދިނުމަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ހެޔޮ ބަހަކީ ޞަދަޤާތެކެވެ. ނަމާދަށް ހިނގާފައި ދިޔުމަށްއަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ.

ނޯޓު:

ޟުޙާނަމާދުގެ ވަގުތަކީ ލޮންސިއެއްގެ މިންވަރަށް އިރުއެރީއްސުރެ އިރު މެދުން ފިލައްޖައުމާއިހަމައަށެވެ.

الحديث السابع والعشرون:

عن النواس بن سمعان رضي الله عنهما عن النبي (صلى الله عليه وسلم) قال: “البر حسن الخلق، والإثم ماحاك في نفسك وكرهت أن يطلع عليه الناس”. (رواه مسلم)

وعن وابصة بن معبد رضي الله عنه قال: أتيت رسول الله (صلى الله عليه وسلم) فقال: “جئت تسأل عن البر؟ قلت نعم، قال: استفت قلبك، البر ما اطمأنت إليه النفس، واطمأن إليه القلب، والإثم ما حاك في النفس، وتردد في الصدر، وإن أفتاك الناس وأفتوك”. (حديث حسن رويناه في مسندي الإمامين: أحمد بن حنبل والدارمي بإسناد حسن)

ޙަދީޘްގެ މާނަ

މާތްﷲ ރުއްސުންލެއްވި އަންނައްވާސް ބިން ސަމްޢާންގެ ކިބައިން ރިވާވެގެންވެއެވެ. އެހިނދު ހަދީޘްކުރެއްވިއެވެ. ”ހެޔޮކަމަކީ ޚުލްޤު ރިވެތިވުމެވެ. އަދި ނުބައިކަމަކީ ނަފުސު އެކަމާއި ދެކޮޅުހަދާ ކަންކަމެވެ. އަދި އެއީ އެހެންމީހުންނަށް އެނގެން ބޭނުންނުވާ ކަންކަމެވެ.”

މާތްﷲ ރުއްސުންލެއްވި ވާބިޞަތު ބިން މަޢްބަދު ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ތިމަންނަ (އެއްފަހަރަކު) ރަސޫލާ صلى الله عليه وسلمގެ އަރިހަށް އައީމެވެ. އެހިނދު އެކަލޭގެފާނު އެއްސެވިއެވެ. ތިބާ ތިޔަވަޑައިގަތީ، ހެޔޮކަންތައްތަކަކީ ކޮބައިކަން އޮޅުންފިލުވަންހެއްޔެވެ؟ ތިމަން ދެންނެވީމެވެ. އާދޭހެވެ. އެހިނދު ހަދީޘްކުރެއްވިއެވެ. ”ތިބާ ތިކަމާއިމެދު ތިބާގެ ހިތާއި ސުވާލުކުރައްވާށެވެ. އެހެނީ ހެޔޮކަމަކީ އެކަމަކަށް ނަފުސު ރުހި އަދި އެކަންތަކުގެ މައްޗަށް ހިތްހަމަޖެހޭކަންތަކެވެ. އަދި ފާފައަކީ އެކަމުގެ މައްޗަށް ނަފުސު ނުރުހި އަދި ހިތް ނުތަނަވަސްވެގެންދާ ކަންކަމެވެ. އެއީ މީސްތަކުން ތިބާއަށް ކޮންމެގޮތަކަށް ފަތުވާދިންކަމުގައިވިޔަސްމެއެވެ.”

ޙަދީޘުން ލިބޭ ފައިދާތައް

މި ޙަދީޘްގެ މުރާދަކީ ތިމާގެ ހިތާއި ސުވާލުކޮށްފައި، ހިތަށް ފެންނަހާ ކަމެއްކުރުމެއްނޫނެވެ. މި ޙަދީޘްގައި މިވާގޮތަށް ހިތާއި ސުވާލުކުރަންޖެހޭފަދަ ކަންކަމަކީ ޝުބުހަކަންތައްތަކެވެ. ނުވަތަ ޢިލްމުވެރިން ކަމުގެ ޙުކުމާއިމެދު އިޚްތިލާފުވެފައިވާ މައްސަލަތަކެވެ. އަދި ޙަދީޘް މުރާދުކުރެވިފައިވަނީ މުއުމިން ޞާލިޙް އަޅުތަކުންނަށެވެ. ފާޖިރުންނަކަށް ނޫނެވެ. އެހެންކަމުން މިޙަދީޘްގެ މުރާދަކީ މުއުމިން ޞާލިޙް އަޅުން އިޙްތިލާފީ މައްސަލަތަކުގައި ނުވަތަ ޝުބުޙަކަންތަކުގައި ތިމާގެ ހިތް އެކޮޅަކާއިމެދު ހަމަޖެހޭ ކޮޅެއްނެގުމެވެ.

الحديث الثامن والعشرون:

عن أبي نجيح العرباض بن سارية رضي الله عنه قال: وعظَنا رسول الله (صلى الله عليه وسلم) موعظةً وجلت منها القلوب وذرفت منها العيون، فقلنا: يا رسول الله كأنها موعظة مودّع، فأوصِنا، قال: أوصيكم بتقوى الله عزّ وجلّ، والسمع والطاعة وإن تأمر عليكم عبد، فإنه من يعش منكم فسيرى اختلافاً كثيراً، فعليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ، وإياكم ومحدثات الأمور، فإن كل بدعة ضلالة، وكل ضلالة في النار”. (رواه أبو داود والترمذي وقال حديث حسن صحيح)

ޙަދީޘްގެ މާނަ

މާތް ﷲ ރުއްސުންލެއްވި އަބޫ ނަޖީޙް، އިރުބާޟު ބުނު ސާރިޔަތުގެ ކިބައިން ރިވާކުރެއްވިއެވެ. (އެއްފަހަރަކު) ރަސޫލާ (صلى الله عليه وسلم) ތިމަންމެންގެ މެދުގައި ވަރަށް އަސަރުގަދަ ބަލާޣާތްތެރި ޚުތުބާއެއްދެއްވިއެވެ. އޭގެ ސަބަބުން ހިތްތައް މަޑުމޮޅިވެ ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ. ފަހެ ތިމަންމެން ދެންނެވީމުއެވެ. މިއީ އަޅުގަނޑުމެންނާއި ވަކިވެ ވަޑައިގެން އަލްވަދާޢު ވިދާޅުވުމުގެ ޚުތުބާއެއްކަމުގައި ތިމަންމެންނަށް ހީވެއެވެ. ފަހެ އަޅުގަނޑުމެންނަށް ވަޞިއްޔަތެއްކޮށްދެއްވާހުށިކަމެވެ. ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އަޅަކު ވެރިކުރެވުނުކަމުގައިވިޔަސް (އޭނާގެ ބަސް) އަޑުއަހައި ކިޔަމަންވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވަމުއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ގިނަދުވަހު ދިރިހުރެއްޖެމީހަކު ގިނަގުނަވެގެންވާ ދެބަސްވުންތައް ދެކޭހުއްޓެވެ. ފަހެ (ޚާއްސަކޮށް އެފަދަ ވަގުތުގައި) ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގުލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ހިފެހެއްޓުމަށް ތިޔަބައމީހުން އިސްކަންދޭހުށިކަމެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާހުށިކަމެވެ. (އެބަހީ ނަބަވީ ސުންނަތާއި ތެދުމަގުލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ގަދައަށް ހިފަހައްޓާ ސާބިތުވެތިބޭހުށިކަމެވެ.) އަދި ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމާއިމެދު ތިޔަބައިމީހުން ރައްކާތެރިވެ ތިބޭހުށިކަމެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.

الحديث التاسع والعشرون:

عن معاذ بن جبل رضي الله عنه قال: قلت يا رسول الله أخبرني بعمل يدخلني الجنة ويباعدني عن النار؟ قال: لقد سألت عن عظيم وإنه ليسير على من يسره الله تعالى عليه: تعبد الله لاتشرك به شيئاً، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت، ثم قال: ألا أدلك على أبواب الخير؟ الصوم جنة، والصدقة تطفئ الخطيئة كما يطفئ الماء النار، وصلاة الرجل في جوف الليل، ثم تلا: تتجافى جنوبهم عن المضاجع حتى بلغ يعملون ثم قال: ألا أخبرك برأس الأمر وعموده وذروة سنامه؟ قلت: بلى يا رسول الله، قال: رأس الأمر الإسلام، وعموده الصلاة، وذروة سنامه الجهاد، ثم قال: ألا أخبرك بملاك ذلك كله؟ قلت: بلى يا رسول الله، فأخذ بلسانه، وقال: كفّ عليك هذا، قلت يا نبي الله وإنا لمؤاخذون بما نتكلم به؟ فقال ثكلتك أمك يا معاذ، وهل يكب الناس في النار على وجوههم أو قال: على مناخرهم إلا حصائد ألسنتهم”. (رواه الترمذي وقال: حديث حسن صحيح)

ޙަދީޘްގެ މާނަ

މާތް ﷲ ރުއްސުންލެއްވި معاذ بن جبل ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ صلى الله عليه وسلم ދެންނެވީމެވެ. ”އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ނަރަކައިން ދިންނަވައި، ސުވަރުގެ ވައްދަވާނެ ޢަމަލެއް ދަންނަވައިދެއްވާށެވެ.” ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ”ތި ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާއިބެހޭގޮތުންނެވެ. އެކަން ފަސޭހަކޮށްދެއްވައިފި މީހަކަށް ފަސޭހަވެގެންވެއެވެ.   މާތް ﷲ އާ އެހެންފަރާތެއް ބައިވެރިނުކޮށް އެއިލާހަށް އިޚުލާސްތެރިކަމާއެކު އަޅުކަންކުރާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ޙައްޖުވާށެވެ.

ދެން އެކަލޭގެފާނު ވިދާޅުވިއެވެ.

ހެޔޮކަންކަމުގެ ދޮރާށިތައް ކަލޭގެފާނަށް ބުނެދެންހެއްޔެވެ؟ ރޯދަހިފުމަކީ އައްޑަނައެކެވެ.  އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ، އަދި ރޭގަނޑު ދަންވަރުވަގުތުގައި ދަމު ނަމާދުކުރުމެވެ. ދެން ނަބިއްޔާ صلى الله عليه وسلم  މި އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ.

 تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَاهُمْ يُنفِقُونَ (16)

فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (17) [السجدة:19]، ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ޙަބަރުދެންހެއްޔެވެ؟  އެންމެ މުހިއްމު އަދި އެންމެ އިސް ކަމުގެ މަތިން އަދި އޭގެ ތަނބުތަކާއި ބެހޭގޮތުން  އަދި އޭގެ ކުރިބޯއްޓާއިބެހޭގޮތުން ދެން ތިމަން ކަލޭގެފާނު ދެންނެވީމެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ. ނަބިއްޔާ صلى الله عليه وسلم  ވިދާޅުވިއެވެ. އެންމެ މުހިއްމު އަދި އެންމެ އިސް ކަމަކީ އިސްލާމްދީނެވެ.، އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދުކުރުމެވެ. ދެން ނަބިއްޔާ صلى الله عليه وسلم  ވިދާޅުވިއެވެ. “ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ”. މުޢާޛް ދެންނެވިއެވެ. “އާދޭހެވެ”، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. “މިއެތި ހިފަހައްޓާށެވެ”، އެހިނދު މުޢާޛް ދެންނެވިއެވެ. “އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟”، ޙަދީޘް ކުރެއްވިއެވެ. “މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!”.

ތި ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާއިބެހޭގޮތުންނެވެ.  –> މި ބަސްފުޅުގެ މުރާދަކީ ސުވަރުގެ ވެއްދެވުމާއި ނަރަކައަށް ލެއްވުމަކީ ވަރަށް ބޮޑުކަމެކެވެ. އެހެނީ ރަސޫލުންނާއި ނަބީން ފޮނުއްވެވި، ފޮތްތައް ބާއްވައިލެއްވުނީ އިންސާނުންނަށް ދިންނެވުމުގެ މަގު ބަޔާންކޮށްދެއްވުމަށެވެ. 

 

ޙަދީޘުން ލިބޭ ފައިދާތައް

ދޫރައްކާތެރިކުރުމުގެ މުހިއްމުކަން މި ޙަދީޘުން އެނގިގެންދެއެވެ. މިފަދަ އެހެން ޙަދީޘެއްގައިވެއެވެ.

“المسلم من سلم المسلمون من لسانه و يده , و المهاجر من هجر ما نهى الله عنه” متفق عليه

” މުސްލިމަކީ އެމީހެއްގެ އަތުންނާއި ދުލުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ. އަދި މުހާޖިރުންނަކީ ﷲ ނަހީކުރެއްވި ތަކެތިން ހިޖުރަ ކުރާ މީހާއެވެ.”

ދޫ ފުރިހަމަ ގޮތުގައި ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައެވެ. ޙަދިޘް ކުރެއްވިއެވެ. (مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ)، މާނައަކީ: “އެމީހެއްގެ ދެކޯދޭތެރޭގައިވާތަނާއި)އަނގަ)، ދެފައިދޭތެރޭގައިވާތަން(ފަރުޖު)،  ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ”.

ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (إنَّ مِنْ أَرْبَى الرِّبَا الِاسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ).

رواه أحمد وأبو داود وصححه الألبانى فى صحيح الجامع

މާނައަކީ: “އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ”

ﷲ ގެ މަގުގައި މުދާ ހޭދަކުރުމުގެ ދަރުމަ މި ޙަދީޘުން އެނގިގެންދެއެވެ. ﷲގެ މަގުގައި މުދާހޭދަކުރުމުގެ ދަރުމަޔާއި ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ.

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٢٦١

اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ސޫރަތުލް ބަޤަރާ 261

ދަމުނަމާދުކުރުމުގެ މާތްކަން މި ޙަދީޘުން އެނގިގެންދެއެވެ.

ދަމުނަމާދާއިބެހޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.  

عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ 

މާނައީ : “ހަމަކަށަވަރުން ﷲގެ ތިޔަބައިމީހުންގެ މައްޗަށް ތަހައްޖުދު ނަމާދު ކުރުންހުއްޓެވެ. މިހެނީ އެއީ ޞާލިޙު އަޅުންގެ އާދައެކެވެ. އަދި ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލެބޭ ފުރުޞަތެކެވެ. ހުތުރު ކަންތައްތަކާ ދުރުހެލިވެގަތުމެކެވެ. ފާފަތަކުގެ ކައްފާރާއެކެވެ. ހަށިގަނޑަށް ދިމާވާ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.”

މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އިބްނު ޢަސާކިރެވެ. އަދި މިއީ ޞައްޙަ ޙަދީޘެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.

الحديث الثلاثون:

عن أبي ثعلبة الخشني جرثوم بن ناشر رضي الله عنه عن رسول الله (صلى الله عليه وسلم) قال: ” إن الله تعالى فرض فرائض فلاتضيعوها، وحد حدوداً فلا تعتدوها، وحرّم أشياء فلا تنتهكوها، وسكت عن أشياء رحمةً لكم غير نسيان فلا تبحثوا عنها”. (حديث حسن رواه الدارقطني وغيره)

ޙަދީޘްގެ މާނަ

ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް ކަންތައްތަކެއް ފަރުޟުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ނަގާނުލާށެވެ. އަދި ޙައްދުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ ފަހަނައަޅައި ނުދާށެވެ. އަދި ބައެއް ކަންކަމާއި އެއްޗެހީގެ ޙުކުމް ބަޔާންނުކުރައްވާ ދޫކުރައްވާފައިވެއެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތަކަށްޓަކައެވެ. ހަނދުމަފުޅުނެތިވޮޑިގެނެއް ނޫނެވެ. ވީމާ ތިޔަބައިމީހުން އެ ކަންތަކާ ބެހޭގޮތުން އިތުރު ސުވާލުކޮށް ހޯދަން ނޫޅޭށެވެ.

الحديث الحادي والثلاثون:

عـن أبي العباس سهل بن سعد الساعدي رضي الله عنه قال: جاء رجل إلى النبي (صلى الله عليه وسلم) فقال: يا رسول الله دلّني على عمل إذا عملته أحبني الله وأحبني الناس، فقال: “ازهد في الدنيا يحبك الله، وازهد فيما عند الناس يحبك الناس”. (حديث حسن، رواه ابن ماجه وغيره بأسانيد حسنة)

ޙަދީޘްގެ މާނަ

ތިބާ ދުނިޔެމަތީގައި ޒުހުދުވެރިވާށެވެ. އޭރުން ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗަށް  އެދުމުން ދުރުހެލިވާށެވެ. އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ.

އިތުރުބަޔާން

ޒުހުދުގެ މާނަ އެކި ޢިލްމުވެރިންގެ ގާތުގައި ތަފާތުވެގެންވެއެވެ. މިގޮތުން ބައެއް ޢިލްމުވެރިންގެ ގާތުގައި ޒުހުދުގެމާނައަކީ ޙަސަދައާއި، ކިބުރުވެރިކަމާއި، ދަހިވެތިކަމުން ސަލާމަތްވެފައިވާ ހިތެއްގެ ވެރިޔަކަށް ވުމެވެ. އަދި ދުނިޔެވީ ޙަޔާތަކީ ވަޤުތީ ޙަޔާތެއްކަމާއިމެދު ޣާފިލުވެގެންނުވުމެވެ.

މި ހަދީޘްގެ ދެވަނަ ބައި ބާރުއަޅަނީ މީސްތަކުންގެ އަތުގައިވާ ތަކެތިން ޒުހުދުވެރިވުމަށެވެ. މިފަދައިން ޒުހުދުވެރިވާމީހަކު އޭނަގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން މަސައްކަތްކުރާނެއެވެ. މިފަދަ އެހެން ޙަދީޘެއްގައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

(اليدُ العليا خيرٌ من اليد السفلى)

މަތީގައި އޮންނަ އަތް އަބަދުވެސް ތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަން ބޮޑެވެ.

(އެބަހީ: ދޭ މީހާއަކީ އަބަދުވެސް ލިބިގަންނަ މީހާއަށްވުރެ ހެޔޮކަން ބޮޑު މީހެކެވެ.)

متفق عليه

الحديث الثاني والثلاثون:

عن أبي سعيد سعد بن مالك بن سنان الخدري رضي الله عنه أن رسول الله (صلى الله عليه وسلم) قال:

“لا ضرر ولا ضرار”. (حديث حسن رواه ابن ماجه والدارقطني وغيرهما مسنداً، ورواه مالك في الموطأ مرسلاً عن عمرو بن يحيى عن أبيه عن النبي (صلى الله عليه وسلم) فأسقط أباسعيد، وله طرق يقوي بعضها بعضاً)

ޙަދީޘްގެ މާނަ

ގެއްލުންދިނުމެއް ނުވެއެވެ. އަދި ގެއްލުންލިބިގަތުމެއްވެސް ނުވެއެވެ.

ޙަދީޘުން ލިބޭ ފައިދާތައް

މި ޙަދީޘަކީ ފިޤްހުގެ މައްސަލަތަކުގެ ދެބައިކުޅަ އެއްބައި އެ ހަދީޘަކަށް ރުޖޫޢަވާ ހަދީޘެކެވެ. އެހެނީ ފިޤްޙްބިނާވެފައިވަނީ ފައިދާ ލިބޭ ކަންކަން ޙޯދައިގަތުމަށާއި (جلب المنافع) އަދި ގެއްލުންދުރުކުރުމަށެވެ. (دفع المضار) . މި ޙަދީޘް ގުޅޭނީ (دفع المضار) ގެ ގިންތިއާއިއެވެ.

މި ފިޤްހީ ޤާޢިދާގެ ހިޔާގައި އެހެނިހެން ޖުޒުއީ ޤާއިދާތައްވެއެވެ. އެއީ:

الضرر يزال

الضرر يدفع بقدر الإمكان

الضرر لا يزال بمثله

الضرر الأشد يزال بالضرر الأخف

إذا تعارضت مفسدتان روعي أعظمهما بارتكاب أخفهما

درء المفاسد أولى من جلب المصالح

މި ޤާޢިދާ ތަންފީޒުކުރެވޭ ދާއިރާތައް

ވިޔަފާރީގެ މުޢާމަލާތުގައި ގަންނަމީހާއަށާއި ވިއްކާމީހާއަށް އިޚްތިޔާރު ދެވިގެންވަނީ ގެއްލުން ދުރުކުރުމަށެވެ. މިގޮތުން ޢައިބެއް ހުރި މުދަލެއް ވިއްކައިފިނަމަ، އެމުދާ ރައްދުކުރުމުގެ އިޚްތިޔާރު ގަންނަމީހާއަށް ލިބިގެންވެއެވެ. އަދި މިނޫން ބައެއް ޙާލަތްތަކުގައިވެސް ދެފަރާތަށްވެސް ކުރެވުނު މުޢާމަލާތް ކެންސަލްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

އެންމެހާ ޙައްދުތަކެއް އައިސްފައިވަނީ އިންސާނާއަށް ނުވަތަ އޭނާގެ މުދަލަށް ނުވަތަ އޭނާގެ އަބުރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމަށްޓަކައެވެ.

ޤިޞާޞް ޝަރުޢުކުރެވިފައިވަނީވެސް ގެއްލުން ދުރުކުރުމުގެ ގޮތުންނެވެ.

ވިޔަފާރިވެރިންތަކެއް މީސްތަކުން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުދަލެއްގެ އަގު މަތިކުރުމަށްތަކައި އޭގެސަޕްލައި މަދުކުރަން އެއްބަސްވެއްޖެނަމަ، ވަލިއްޔުލް އަމްރަށް އެ ވިޔަފާރިވެރިންގެ މައްޗަށް ސަޕްލައި އިތުރުކުރުމަށާއި، ހަމަ އަގެއްގައި އެ މުދަލެއް ވިއްކުމަށް އަމުރުކުރެވޭނެއެވެ. އެއީ ގެއްލުން ދުރުކުރުމަށްޓަކައެވެ. (الضرر يزال )

الحديث الثالث والثلاثون:

عن ابن عباس رضي الله عنهما أن رسول الله (صلى الله عليه وسلم) قال: “لو يعطى الناس بدعواهم، لادعى رجال أموال قوم ودماءهم، لكن البينة على المدعي واليمين على من أنكر”. (حديث حسن رواه البيهقي وغيره هكذا، وبعضه في الصحيحين)

ޙަދީޘްގެ މާނަ

ދަޢުވާކުރާ ކޮންމެ ފަހަރަކު މީސްތަކުންނަށް އެ ދަޢުވާކުރި ހައްޤެއް ލިބިދެވޭނަމަ، ބައެއް މީހުން އަނެކުންގެ ބޮލުގައި މުދަލާއި އަދި މަރުގެ ދިޔަ ފަދަ އެއްޗެހި ދޭންޖެހޭ ކަމުގެ އިލްޒާމުތައް އަޅުވަން ފަށާނެއެވެ. އެހެނެއްކަމަކު، ދަޢުވާ ކުރާ މީހާ ޙުއްޖަތް ޤާއިމުކުރަންޖެހޭނެއެވެ. އަދި ދަޢުވާ ލިބޭފަރާތަށް (އޭގެން ބަރީއަވުމަށްޓަކައި އެކަމަށް އިންކާރުކުރުމުގެ ގޮތުން) ހުވާކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

ޙަދީޘުން ލިބޭ ފައިދާތައް

މީސްތަކުންގެ މުދާ ރައްކާތެރިކުރުމަކީ ޝަރީޢަތުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ. މީހަކު ތިމަންނައަށް ފައިސާތަކެއް ނުވަތަ މުދާތަކެއް ދޭންޖެހޭކަމަށް ބުނެ ދަޢުވާކުރުމުން އެ ފައިސާ ނުވަތަ މުދާ ލިބޭނަމަ، މީސްތަކުން ގެ މުދާތަކަށް ލިބިފައިވާ ރައްކާތެރިކަން ފިލައިދާނެއެވެ.

އަރާރުންވުންތައް ހައްލުކުރާނެގޮތް މި ޙަދީޘްގައި ބަޔާންކޮށްދެއްވައިފައިވެއެވެ.

ދަޢުވާލިބިގަންނަ ފަރާތް އެއްބަސްނުވާނަމަ، ދަޢުވާ ކުރާ ފަރާތުން ޙުއްޖަތް ބަޔާންކޮށްދޭންޖެހޭނެއެވެ.

ދަޢުވާކުރާ ފަރާތަށް ޙުއްޖަތް ނުދެއްކިއްޖެނަމަ، ދެން ދަޢުވާލިބިގަންނަ ފަރާތުން ހުވާކުރާނީއެވެ. އޭނާ ހުވާކޮށްފިނަމަ، އެ ދަޢުވާ އިން އޭނާ ބަރީއަވީއެވެ. ހުވާނުކޮށްފިނަމަ، އޭނާގެ މައްޗަށް ދަޢުވާކުރެވެއެވެ.

الأصل براءة الذمة މި ފިޤްހީ ޤާއިދާ މި ޙަދީޘާއި ގުޅިފައިވެއެވެ. މި ޤާޢިދާގެ މާނައަކީ ”އަސްލަކީ ޒިއްމާއިން ބަރީއަވެގެންވުމެވެ.”

ފަހުން ރައްދުކުރާނެކަމަށް ބުނެ ފައިސާނެގުމަށްފަހު، ފައިސާދިންފަރާތާއި ފައިސާނެގިފަރާތާއިދެމެދު ނެގި މިންވަރާއިމެދު ޚިލާފު އުފެދިއްޖެނަމަ، ހުވާކުރަންޖެހޭނީ ދަރަންޏަށް ފައިސާނެގިފަރާތުންނެވެ. އަޞްލަކީ ދަރަނި ނެގި ފަރާތް ދަރަނިން ބަރީޢަވެގެންވުމެވެ. މިސާލަކަށް އަޙުމަދު މުޙައްމަދު އަތުން 5000 ރުފިޔާ ދަރަންޏަށް ނެގިއެވެ. އޭގެއެއްއަހަރު ފަހުން ދަރަނި ދައްކަން އަޙްމަދު އައުމުން މުޙައްމަދު ބުންޏެވެ. ”ކަލޭ ދަރަނީގެ ގޮތުގައި ނެގީ 5500 ރުފިޔާއެވެ.” ދިފާޢުގައި އަޙްމަދު ބުންޏެވެ. ”އަހަރެން ދަރަނީގެ ގޮތުގައި ނެގީ 5000 ރުފިޔާއެވެ.” މިޙާލަތުގައި ހެކި ދައްކަންޖެހޭނީ މުޙައްމަދެވެ. އެއީ މުޙައްމަދަކީ المدعي ކަމަށް ވާތީއެވެ. އަދި އެ އަދަދަށް ފައިސާނުނަގާ ކަމަށް އަހްމަދު ހުވާ ކުރަންޖެހޭނެއެވެ. އެއީ المدعى عليه ކަމަށް ވާތީއެވެ.

          الحديث الرابع والثلاثون:        

عن أبي سعيد الخدري رضي الله عنه قال: سمعت رسول الله (صلى الله عليه وسلم) يقول: “من رأى منكم منكراً فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان”. (رواه مسلم)

ޙަދީޘްގެ މާނަ

ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެންމެ ފުރަތަމަ އަތުން އެމުންކަރާތެއް މަނާކުރާހުށިކަމެވެ. އަތުން މަނާކުރެވެންނެތްނަމަ ދުލުން އެމުންކަރާތް މަނާކުރާހުށިކަމެވެ. ދުލުން މަނާކުރެވެންނެތްނަމަ ހިތުން މަނާކުރާހުށިކަމެވެ. މިއީ އީމާންކަމުގެ އެންމެ ކުޑަމިނެވެ.

އިތުރުބަޔާން

العلامة محمد بن صالح العثيمين – رحمه الله  ވިދާޅުވެފައިވެއެވެ.

 من رأى منكم منكراً فليغيره بيده މި ޢިބާރާތުން ދޭހަވަނީ ކޮންމެ ޙާލަތެއްގައިވެސް މުންކަރާތެއް ފެނިއްޖެނަމަ އެންމެ ފުރަތަމަ އަތުން އެމުންކަރާތެއް މަނާކުރަންޖެހޭ ކަމަށް ހެއްޔެވެ؟

العلامة محمد بن صالح العثيمين – رحمه الله  ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ބޮޑު ފިތުނައެއް ނުކުމެދާނެކަމަށް ބިރުހީވާނަމަ، އެކަން އެގޮތަށް ނުކުރާހުށިކަމެވެ. އެހެނީ ފިޤްހީ ޤާޢިދާ الضرر الأشد يزال بالضرر الأخف ގައިވާ ފަދައިން މި ޙާލަތުގައި ކުޑަ ގެއްލުން ބޮޑު ގެއްލުމުގެ މައްޗަށް އިސްކުރެވޭނެއެވެ.

އަދި އެފަދަ އެހެން ޤާއިދާއަކުންވެސް މިކަމަށް ބާރުލިބެއެވެ. އެއީ:

درء المفاسد أولى من جلب المصالح

الحديث الخامس والثلاثون:

عن أبي هريرة رضي الله عنه قال: قال رسول الله (صلى الله عليه وسلم) : “لا تحاسدوا، ولا تناجشوا، ولاتباغضوا، ولاتدابروا، ولايبع بعضكم على بيع بعض، وكونوا عباد الله إخواناً، المسلم أخو المسلم لا يظلمه ولايخذله، ولا يكذبه ولا يحقره، التقوى ههنا -ويشير إلى صدره ثلاث مرات- بحسب امرئ من الشر أن يحقر أخاه المسلم، كل المسلم على المسلم حرام؛ دمه وماله وعرضه”. (رواه مسلم)

ޙަދީޘްގެ މާނަ

ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް މަކަރުހަދާ ކެހިދީ ނަހަދާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދޭ ހުށިކަމެވެ. އަދި ތިޔަބައިމީހުންނަކީ ﷲ ގެ އަޅުންކަމުގައިވާ ޙާލު އަޚުންތަކެއް ކަމުގައިވާހުށިކަމެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރިނުވާ ހުއްޓެވެ. އަދި އޭނާ، އޭނާގެ އަޚާއަށް ނިކަމެތިކޮށެއް ނުހިތާހުއްޓެވެ. އަދި އޭނާ، އޭނާގެ އަޚާއަށް އޮޅުވާލާ ކެއްސެއް ނުދޭ ހުއްޓެވެ. އަދި ތަޤްވާވެރިކަންވަނީ މިތާނގައެވެ. މިހެން ޙަދީޘްކުރައްވައި އެކަލޭގެފާނުގެ ހިތްޕުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. (ދެން ޙަދީޘްކުރެއްވިއެވެ.) މުސްލިމަކު އޭނާގެ އަޚާއަށް ނުބައިކޮށްހިތުމަކީ އޭނާއަށް ކުރެވޭ ނުބައިކަމެއްކަމުގައި ފުދޭކަމެކެވެ. (އެބަހީ: އެއީ ނުބައިކަމެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކާއިމެދު ކަންތައްތަކެއް ޙަރާމްވެގެންވެއެވެ. އެއީ އޭނާގެ ލެޔާއި (އެބަހީ ފުރާނައާއި) އޭނަގެ މުދަލާއި، އޭނާގެ އަބުރާއި އިއްޒަތް ޙަރާމްވެގެންވެއެވެ.

ޙަދީޘުން ލިބޭ ފައިދާތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ

“مثل المؤمنين في توادهم و تراحمهم و تعاطفهم , مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر و الحمى”

‘މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށްހިތުމުގައްޔާއި، ރަޙުމުކުރުމުގައްޔާއި އަދި އޯގާވެރިވުމުގައި މިސާލަކީ ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅައިފިނަމަ މުޅި ހަށިގަނޑު ހުންއައުމާއި ހޭލާހުރުމުން އެގުނަވަނަކާއި ބައިވެރިވާ ފަދައިންނެވެ.’     متفق عليه

الحديث السادس والثلاثون:

عن أبي هريرة رضي الله عنه عن النبي (صلى الله عليه وسلم) قال: “من نفّس عن مؤمن كربةً من كرب الدنيا نفّس الله عنه كربةً من كرب يوم القيامة، ومن يسّر على معسر يسّر الله عليه في الدنيا والآخرة، ومن ستر مسلماً ستره الله في الدنيا والآخرة، والله في عون العبد ما كان العبد في عون أخيه، ومن سلك طريقاً يلتمس فيه علماً سهّل الله له به طريقاً إلى الجنة، وما اجتمع قوم في بيت من بيوت الله يتلون كتاب الله ويتدارسونه بينهم إلا نزلت عليهم السكينة، وغشيتهم الرحمة، وحفّتهم الملائكة، وذكرهم الله فيمن عنده، ومن بطّأ به عمله لم يسرع به نسبه”. (رواه مسلم بهذا اللفظ)

ޙަދީޘްގެ މާނަ

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިދީފިމީހާގެ ޢައިބު، އެމީހެއްގެ ދުނިޔެއާއި އާޚިރަތުގައި ޢައިބުތައް ފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ. އަދި ދުނިޔެއާއި އާޚިރަތުގައި މީސްތަކުންނަށް މަންފާކުރަނިވި  ޢިލްމެއް ޙާސިލްކުރުމަށްޓަކައި (ޢިލްމު ޙާސިލްކުރެވޭފަދަ) މަގަކުން ހިނގައިފިމީހާއަށް، ސުވަރުގެޔަށް ދެވޭ މަގުތަކުންކުރެ މަގެއް ﷲ ތަޢާލާ އޭނައަށް ފަހިކޮށްދެއްވާނެއެވެ. ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާނުލައްވާ ގޮތަކަށް، ﷲގެ ފޮތް ކިޔަވާ، އަދި އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ނަހަދައެވެ. އަދި އެބައިމީހުން ރަޙްމަތުން ވަށާލެވެއެވެ. (އެބަހީ: އެބައިމީހުންގެ މައްޗަށް ގިނަގުނަވެގެންވީ ރަޙުމަތް ލައްވައެވެ.) އަދި މަލާއިކަތްބޭކަލުން (މާތްކޮށް ހިއްތެވުމުގެ ގޮތުން) އެބައިމީހުން ވަށާލައްވައެވެ. އަދި ﷲތަޢާލާ، އެއިލާހުގެ ޙަޟްރަތުގައިވާ ބޭކަލުންގެ (މަލާއިކަތް ބޭކަލުންގެ) އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ. އަދި އެމީހަކު ހެޔޮޢަމަލުކުރުމުގައި ފަރުވާކުޑަކޮށް، ކަންފަސޭހަކޮށްލައިފި މީހާ ދަންނާށެވެ. އޭނާގެ ނަސަބުގެ މޮޅުކަމުން އޭނާއަށް ކުރާނެ ފައިދާއެއް ނޯންނާނެއެވެ.”

މި ޙަދީޘްގައި އައިސްފައިވެއެވެ.

مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ  (رواه مسلم)

  މާނައީ” މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ.”

އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މުސްލިމާގެ ޢައިބުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެފަދަ ޙާލަތްތަކަކީ އަނިޔާލިބިގެންވާމީހާ އަނިޔާވެރިވާ މީހާގެ ވާހަކަދެއްކުމާއި، މުންކަރާތްމަނާކުރުމުގެ

ޝަރުޢީ ފަތުވާއެއްހޯދުމަށް

ޤަޞްދުގައި ފާޅުގައި ފާފަކުރާމީހުންގެ ވާހަކަދެއްކުމާއި

މަޝްހޫރުވުމުގެ ގޮތުން ފާފަކުރާމީހާގެ ވާހަކަ ދެއްކުން

ދެން މި ޙަދީޘްގައި އޮތް ވާހަކައަކީ،  މިސްކިތުގައި، ވަޣްޡުގައި އެ ކަލާނގެ މަތިން މީހަކު ހަނދުމަކޮށްފިއްޔާ، މާތް ﷲ އެ ވާހަކަ މަލާއިކަތް ބޭކަލުންނަށް އަންގަވައި، އެ މީހެއްގެ ނަން މަލާއިކަތް ބޭކަލުންގެ މަޖްލިހުގައި ޛިކުރުކުރައްވާނެއެވެ.

فَاذْكُرُونِي أَذْكُرْكُمْ

 މާނަ: ފަހެ އެހެން ކަމުން، ތިޔަބައި މީހުން ތިމަން ރަސްކަލާނގެ މަތިން ހަނދުމަކުރާށެވެ. އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުން މަތިން ހަނދުމަކުރައްވާނެ ހުށީމެވެ.” (އަލްބަޤަރާ:152)

މި ޙަދީޘްގެ މަފްހޫމް ދޭހަވާގޮތަށް އެހެން ނަބަވީ އިރުޝާދެއްގައި އައިސްފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.

الحديث السابع والثلاثون:

عن ابن عباس رضي الله عنهما عن رسول الله (صلى الله عليه وسلم) فيما يرويه عن ربه تبارك وتعالى قال: “إن الله كتب الحسنات والسيئات، ثم بين ذلك، فمن همّ بحسنة فلم يعملها كتبها الله عنده حسنةً كاملةً، وإن همّ بها فعملها كتبها الله عنده عشر حسنات إلى سبعمائة ضعف، وإن همّ بسيئة فلم يعملها كتبها الله عنده حسنةً كاملةً، وإن هم بها فعملها كتبها الله سيئةً واحدةً”. (رواه البخاري ومسلم في صحيحيهما بهذه الحروف)

ޙަދީޘްގެ މާނަ

މާނައީ: އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެކަލޭގެފާނުގެ ވެރިރައްބުގެ އަރިހުން ރިވާކުރައްވާފައިވާ މިޙަދީޘް ރިވާކުރައްވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. (ޙަދީޘްކުރެއްވިއެވެ.) ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮކަންކަމާއި އަދި ނުބައިކަންކަން ވަނީ ލިޔުއްވާފައެވެ. އެޔަށްފަހު އެކަންކަން ވަނީ ބަޔާންކޮށްދެއްވާފައެވެ. މީހާކު ހެޔޮކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކޮށްފިނަމަ ﷲ އެމީހަކަށް ފުރިހަމަ އެއްހެޔޮކަން ލިޔުއްވައެވެ. ފަހެ އެމީހަކު އެކަމެއް ބޭނުންވެ އެކަންކޮށްފިނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ދިހަހެޔޮކަމުން ފެށިގެން ގޮސް ހަތްސަތޭކަ ގުނައިން އެތައް ގުނައަކާއި ހަމައަށް ލިޔުއްވައެވެ. އަދި ނުބައިކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކޮށްފިނަމަ އެމީހަކަށް ހެޔޮކަމެއް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި ނުބައިކަމެއް ކުރަން ބޭނުންވެ އަދި އެކަމެއް ކޮށްފިނަމަ އެމީހަކަށް އެންމެ ނުބައިކަމެއް ކަމުގައި ލައްވައެވެ.

الحديث الثامن والثلاثون:

عن أبي هريرة رضي الله عنه قال: قال رسول الله (صلى الله عليه وسلم) : “إن الله تعالى قال: من عادى لي ولياً فقد آذنته في الحرب، وما تقرّب إليّ عبدي بشيء أحبّ إليّ مما افترضته عليه، ولايزال عبدي يتقرب إليّ بالنوافل حتى أحبه، فإذا أحببته كنت سمعه الذي يسمع به، وبصره الذي يبصر به، ويده التي يبطش بها، ورجله التي يمشي بها، ولئن سألني لأعطينّه، ولئن استعاذني لأعيذنّه”. (رواه البخاري)

ޙަދީޘްގެ މާނަ

ﷲ ތަޢާލާގެ ޤުދުޞިއްޔަ ޙަދީޘެއްގައިވެއެވެ. ތިމަންރަސްކަލާނގެ ވަލީވެރިޔަކަށް އުނދަގޫދޭމީހަކާއި ދެކޮޅަށް ތިމަންރަސްކަލާނގެ ހަނގުރާމަ އިޢުލާން ކުރައްވަމެވެ. ތިމަން ﷲގެ އަޅާގެ އޭނާގެ މައްޗަށް ފަރުޟުކުރެވިފައިވާ ކަންތައްތައް އަދާކުރާމިންވަރަކުން ތިމަން ﷲ އޭނާއާ ކުއްތަންވަމެވެ. އަދި ތިމަން ﷲ ގެ އަޅާ ނަފުލް އަޅުކަންތައް (ސުންނަތްތައް) ކުރަމުން ދިޔަވަރަކަށް އޭނާ ތިމަން ﷲ ގެ ރުހިވޮޑިގަތުން ލިބިއްޖައުމަށްދާންދެން އޭނާ ތިމަން ﷲއާ ކައިރިވަމުންދެއެވެ. ފަހެ ތިމަން ﷲގެ ރުހިވޮޑިގަތުން އޭނާއަށް ލިބުމުން އޭނާގެ އަޑުއެހުމާއި، އޭނާގެ ބެލުމާއި އޭނާ އެއްޗެއްގައި ހިފާހިފުމާއި އަދި އޭނާ ހިނގާހިނގުންވަނީ ތިމަންﷲއާ އެކުގައެވެ. އަދި އެމީހަކު ކަމަކަށްއެދި ތިމަންރަސްކަލާނގެ ހަޟްރަތުގައި ދަންނަވައިފިނަމަ، އެމީހަކު އެއެދުނުކަމެއް ފުއްދަވާދެއްވާ ހުށީމެވެ. އަދި އެމީހަކު ކަމަކުން ސަލާމަތްކަން އެދެފިނަމަ އެމީހަކު އެކަމަކުން ސަލާމަތްކޮށްދެއްވަމެވެ.

އިތުރުބަޔާން

މާތްﷲގެ ވަލީވެރިޔާއަކީ މާތްﷲގެ އަމުރުފުޅުތަކަށާއި، ނަޙީފުޅުތަކަށް ފުރިހަމަގޮތުގައި ޢަމަލުކޮށް ، ކުޅަދާނަވީމިންވަރަކުން އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމަށް މަސައްކަތްކޮށް ދުނިޔެވީ އެދުންތަކާއި  ބޮޑެތި ޝަޙުވަތްތެރި ކަންތައްތަކާ ދުރުވެހުރުމުގެ ސަބަބުން އެކަލާނގެއާ ގާތްކަންލިބިފައިވާ މީހާއެވެ.

ކަރާމާތަކީ ރަސޫލުންގެ ރިސާލަތަށް ފުރިހަމައަށް ތަބަޢަވެ ޢަމަލުކުރި ޞާލިޙް އަޅުންގެ އަތްމައްޗަށް މާތްﷲ ފާޅުކުރައްވާ އާދަޔާޚިލާފުކަންކަމެވެ.ޤުދުޞިއްޔަ ޙަދީސަކީ އޭގެ މާނަ ﷲގެ ހަޟްރަތުން އައިސްފައިވާ ނަމަވެސް  ޢިބާރާތް ރަސޫލާ ވިދާޅުވެފައިވާ ގޮތަށް ބަޔާންވެވޭ ޙަދީޘެވެ.

‘އޭނާ އެއްޗެއްގައި ހިފާހިފުމާއި އަދި އޭނާ ހިނގާހިނގުންވަނީ ތިމަންﷲއާ އެކުގައެވެ.’

މި ޢިބާރާތުގެ މާނައަކީ އޭނާގެ އަތްފައިގެ މަސައްކަތްތަކުގައި ބަރަކާތްލައްވަމެވެ.

الحديث التاسع والثلاثون:

عن ابن عباس رضي الله عنهما أن رسول الله (صلى الله عليه وسلم) قال: “إن الله تجاوز لي عن أمتي الخطأ والنسيان وما استكرهوا عليه”. (حديث حسن رواه ابن ماجه والبيهقي وغيرهما)

ޙަދީޘްގެ މާނަ

ހަމަކަށަވަރުން މިއުއްމަތުގެ މީހުންނަށް ހެދޭ ކުށްތަކާއި ހަނދާންނެތިގެންކުރެވޭ ކަންތަކާއި އަދި މަޖުބޫރުވެގެންކުރާ ކަންތައްތައް މާތް ﷲ ޢަފޫކުރައްވައިފައިވެއެވެ.

އިތުރުބަޔާން

الخطأ އަކީ ޤަޞްދުކުރުމެއްނެތި ހެދޭ ކުށްތަކެވެ.

الحديث الأربعون:

عن ابن عمر رضي الله عنهما قال: أخذ رسول الله (صلى الله عليه وسلم) بمنكبي فقال: “كن في الدنيا كأنك غريب أو عابر سبيل، وكان ابن عمر رضي الله عنهما يقول: إذا أمسيت فلا تنتظر الصباح، وإذا أصبحت فلا تنتظر المساء، وخذ من صحتك لمرضك، ومن حياتك لموتك”. (رواه البخاري)

ޙަދީޘްގެ މާނަ

ތިބާ މިދުނިޔެމަތީގައި ބީރައްޓެއްސެއްފަދައިން ވާހުށިކަމެވެ. ނުވަތަ މަގުހުރަސްކުރާ މީހެއްފަދައިން ވާހުށިކަމެވެ. އިބުނި ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވާކަމުގައިވެއެވެ. ހަވީރުވެއްޖެނަމަ ތިބާ އަނެއްދުވަހު އިރުއެރުމާއިހަމައަށް ހުންނާނޭކަމުގައި ހީނުކުރާހުށިކަމެވެ. އަދި ހެނދުންވެއްޖެނަމަ ތިބާ ހަވީރުވަންދެން ދިރިހުންނާނެކަމުގައި ހީނުކުރާހުށިކަމެވެ. ގަދަވެ ސަލާމަތުން ހުންނަދުވަހު ބަލިވެދާނެދުވަހަކަށްތަކައި ހެޔޮ ޢަމަލުކުރާހުށިކަމެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.

ޙަދީޘުން ލިބޭ ފައިދާތައް

މިދުނިޔަވީ ޙަޔާތުގައި އިންސާނާއަށް ލިބިފައިވާ ޢުމުރަކީ ހައްދެއްވާ އެއްޗެކެވެ. އަދި އާޚިރަތުގައި އޭނާއަށްއޮތް ދަރަޖަ ބިނާވެގެންވަނީ މިދުވަސްތަކަށެވެ. އެއީ ތިބާ ތިހޭދަކުރަމުންދާ ދުވަސްތަކެވެ. ތިބާގެ ނަފްސަށްޓަކާ ހެޔޮކަމެއް އިސްކޮށްފިނަމަ ތިބާ ވާހުށީ ބާއްޖަވެރިންގެ ތެރެއިންނެވެ. އަދި މިދުނިޔަވީ ޙަޔާތުގައި ތިބާގެ ނަފްސަށް ތިބާ އިހުމާލުވެ، ލިބިފައިވާ ވަގުތުގައި ފަރުވާކުޑަކޮށްފިނަމަ އާޚިރުތުގައި އެކަމާ ހިތާމަކުރާނެއެވެ.

ކަންމިހެން އޮތުމާއެކު، ބުއްދިވެރިންގެ ގޮތަކީ ޙަޔާތުން ފާއިތުވެދާ ކޮންމެ ދުވަހެއްގެ ހިސާބު އެދުވަހަކު ބަލައި، ކޮންމެ ދުވަހެއްގައިމެ ތިމާއަށް ކުރެވިފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ހެދުމެވެ. ﷲ ރުއްސަވާ ވޮޑިގެންނުވާ ގޮތެއްގައި، ތިމާގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ހޭދަކުރެވިފައިވާނަމަ، އެކަމެއް މުރާޖަޢާކޮށް އެކަމާމެދު ހިތާމަކޮށް، ކުރިއަށް އޮތް ތާނގައި އެފަދަކަމަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ.

ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ. ހިނދުކޮޅެއްގެ ތަނެކެވެ.

الحديث الحادي والأربعون:

عن أبي محمد عبدالله بن عمرو بن العاص رضي الله عنهما قال: قال رسول الله (صلى الله عليه وسلم) : “لا يؤمن أحدكم حتى يكون هواه تبعاً لما جئت به”. (حديث حسن صحيح، رويناه في كتاب الحجة بإسناد صحيح)

ޙަދީޘްގެ މާނަ

އެމީހެއްގެ ހަވާނަފުސު ތިމަންކަލޭގެފާނު ގެނެސްދެއްވި (ޝަރީޢަތާއި) ތަބަޢަވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ފުރިހަމައަށް އީމާންވީކަމުގައިނުވެއެވެ.

ޙަދީޘްއާއި ގުޅުން ހުރި އެހެން ބައެއް ނައްޞުތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” حُفَّتْ النَّارُ بِالشَّهَوَاتِ وَحُفَّتْ الْجَنَّةُ بِالْمَكَارِهِ ” – رواه مسلم – މާނަ : ” ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. (އިންސާނާގެ ހަވާނަފްސު އެދޭ ކަންތައްތަކުންނެވެ.) އަދި ސުވަރުގެ ވަށައިގެންވަނީ އިންސާނާ ނުރުހުންތެރިވާ ކަންތަކުންނެވެ. ”  ޙަދީޘުން އެނގޭގޮތުގައި، ނަރަކައިގެ ޢަޒާބުން ސަލާމަތްވުމަށްޓަކައި ހަވާނަފްސު އެދުންތަކުން ދުރުވާން ޖެހެއެވެ. ﷲތަޢާލާ ނަހީކުރައްވާފައިވާ އެޝަހުވަތްތަކުގެ ތެރެއަށް ވަދެއްޖެ ކަމުގައި ވާނަމަ އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަދި ސުވަރުގެ ޙާސިލުކުރުމަށްޓަކައި ތިމާގެ ނަފްސު ކުރަންނޭދޭ ކަންތައްތައްވެސް ކުރަން އެބަ ޖެހެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށްވީތީއެވެ. އެ އަމުރުފުޅުތަކަށް ކިޔަމަންވުމުގެ ގޮތުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” وَبُرِّ‌زَتِ الْجَحِيمُ لِمَن يَرَ‌ىٰ (*) فَأَمَّا مَن طَغَىٰ (*) وَآثَرَ‌ الْحَيَاةَ الدُّنْيَا (*) فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ (*) وَأَمَّا مَنْ خَافَ مَقَامَ رَ‌بِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ (*) فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ”  މާނަ : ” އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. (*) ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!  (*) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ. (*) އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!  (*) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.”

ﷲ ތަޢާލާ ވަހީކުރެއްވިއެވެ. ” وَعَسَىٰ أَن تَكْرَ‌هُوا شَيْئًا وَهُوَ خَيْرٌ‌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ‌ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ  ” – سورة البقرة 216- މާނަ : ” އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ލޯބިކުރާކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.  “

الحديث الثاني والأربعون:

عن أنس رضي الله عنه قال: سمعت رسول الله (صلى الله عليه وسلم) يقول: “قال الله تعالى: يا ابن آدم إنك ما دعوتني ورجوتني غفرت لك على ما كان منك ولا أبالي، يا ابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك، يا ابن آدم إنك لو أتيتني بقراب الأرض خطايا ثم لقيتني لا تشرك بي شيئاً لأتيتك بقرابها مغفرة”. (رواه الترمذي، وقال: حديث حسن صحيح)

ޙަދީޘްގެ މާނަ

މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسول الله (صلى الله عليه وسلم) ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

”ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ތިމަން ﷲ އަށް ދުޢާކޮށް، ތިމަން ﷲ ގެ ރަޙްމަތަށް އުއްމީދުކޮށް، ފާފަފުއްސެވުން އެދޭހައި ހިނދަކު ތިމަން ﷲ ތިބާގެ ފާފަތަކާއިމެދު (ފާފަތަކުގެ ގިނަކަމާއިމެދު) ފަރުވާލެއްނުބަހައްޓަވަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާގެ ފާފަތައް އުޑުގެ ވިލާތަކާއި ހަމައަށް ފޯރިޔަސް، (އެފަދަ ޙާލަތުގައިވެސް) ތިބާ ފާފަފުއްސެވުންއެދި ދަންނަވައިފިކަމުގައިވާނަމަ، ތިމަން ﷲ ތިޞާގެ ފާފަތައް ފުއްސަވައިދެއްވާނަމެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ބިން ފުރޭހާ ފާފަތަކާއިއެކު ތިމަން ﷲ އާ ބައްދަލުކުރިޔަސް ތިބާ ތިމަންﷲއަށް ޝިރުކުނުކުރާކަމުގައިވާނަމަ، ތިމަން ﷲ ތިބާއަށް ބިންފުރޭހާ ވަރަށް ފާފަފުއްސެވުމާއިގެން ތިބާގެ ގާތަށް އަންނަހުށީމެވެ. ”

ނޯޓު: މިޙަދީޘް ގެ މަޤްސަދަކީ ފާފަކުރުމަށް ހިތްވަރުދިނުމެއްނޫނެވެ. ނަމަވެސް އިންސާނުންނަކީ ހަނދާންނެތިގެންނާއި އަދިވެސް މިފަދަ ބައެއް ސަބަބުތައް މެދުވެރިވެގެން ފާފަތައް ކުރެވޭ ބައެއް ކަމުގައިވާތީ، އެފަދަ ޙާލަތްތަކުގައި ނާއުއްމީދުނުވެ، ފާފައިން ތައުބާވެ، ދިރިއުޅުން ﷲ އެންގެވި ގޮތްމަތީ އަލުން ފެށުމަށް ހިތްވަރުދިނުމެވެ. ތައުބާގެ ޝަރުތުތަކުގެ ތެރޭގައި ކުރެވުނު ފާފައާއިމެދު ދެރަވެ ހިތާމަކޮށް، އެފާފަ އަލުން ނުކުރުމަށް ޢަޒުމުކަނޑައެޅުން ހިމެނެއެވެ. ފާފަކުރުމުގެ ނިޔަތުގައި ތައުބާވާ މީހާ އެވަނީ ބޮޑު ވެގެންވާ އުރެދުންތެރިކަމެއްގައެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ސުވަރުގެ އެބަޔަކަށް ލިބުން ހައްޤުވެގެންވާ ތަޤްވާވެރީންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވައިފައިވަނީ:

”އަދި އެއުރެންނަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެއްޖެނަމަ ( އެބަހީ ކިތަންމެ ކުޑަ ފާފައެއް ކޮށްފި ކަމުގައިވީނަމަވެސް) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވަނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ޙާލު އެއުރެން ކުރިކުށުގެ މަތީގައި ދެމިނުތިބެއެވެ…

آل عمران 135

މި ޙަދީޘްގައިވާ يا ابن آدم إنك لو أتيتني بقراب الأرض خطايا ثم لقيتني لا تشرك بي شيئاً لأتيتك بقرابها مغفرة

މިޢިބާރާތުން ޝިރުކުކުރުމުގެ ނުރައްކާތެރިކަން ދޭހަވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

 “إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ” (النساء: 48)

“ހަމަކަށަވަރުން الله އަށް ޝިރުކު ކޮށްފައިވާ އެއްވެސް އަޅެއްގެ ފާފަ، އެކަލާނގެ ނުފުއްސަވާ ހުއްޓެވެ. އަދި އެނޫން އެހެން ހުރިހާ ފާފަތަކެއް، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާ ދެއްވާ ހުއްޓެވެ.” (ސޫރަތުއް ނިސާ:48)

އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް

أستغفر الله‎‎  وأتوب إليه

މާނަ: ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިނބަ ﷲއަށް ތައުބާވަމެވެ.

މަރާޖިޢުތައް:

جامع العلوم و الحكم

شرح الأربعين النووية لفضيلة الشيخ العلامة محمد بن صالح العثيمين – رحمه الله

شرح الأربعين النووية لفضيلة الشيخ عبد المحسن العباد – حفظه الله

رياض الصالحين ގެ ދިވެހި ތަރުޖަމާ

ދަރުމަ މަޖައްލާގެ އެކި ޢަދަދުތައް

http://dhisalafiyyah.net/article/8432

net

އުޞޫލީ ޤަވާޢިދުތައް، އައް ޝެއިޙް އިސްމާޢީލް ރިޔާޟް

http://dhisalafiyyah.net/article/27963

الممتع في القواعد الفقهية ؛ دز مسلم بن ماجد الدوسري

ޚިޔާލު ފާޅުކުރައްވާ