Follow us on
އިސްލާމީ އިޤްތިޞާދު 101
| މުޙައްމަދު މަޢޫން

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.
އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްވެސް ޝާމިލްވާ ގޮތަށް އައިސްފައިވާ ދީނެއްކަމުން، މާލީ އަދި އިޤްތިޞާދީ ކަންކަން ބައްޓަންކުރަންވީ ގޮތުގެ އިރުޝާދުތައްވެސް މިދީނުގައި އައިސްފައިވެއެވެ. މިގޮތުން އިސްލާމީ އިޤްތިޞާދެއްގެ އޮނިގަނޑު އެކަށައެޅިފައިވަނީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމާއި ، ހޭދަކުރުމާއި އަދި އާމްދަނީ އިތުރުކުރެވިދާނެގޮތްތަކުގެ މައްޗަށެވެ. އިސްލާމީ އިޤްތިޞާދަކީ މާއްދިއްޔަތާއި ރޫޙާނިއްޔަތުގެ ވަޒަންހިފަހައްޓައިދޭ ތަރަހައެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ.

1- ތާރީޚީ ގޮތުން އިސްލާމީ އިޤްތިޞާދު
އެހެން ޢިލްމުތަކެކޭވެސް އެއް ފަދައިން އިސްލާމީ އިޤްތިޞާދުގެވެސް އެންމެ އިސް ދެ މަރުޖިޢަކީ ޤުރުއާނާއި ސުންނަތެވެ. ނިސާ ސޫރަތުގެ ފަސް ވަނަ އާޔަތުގައި މުދަލަކީ ދިރިއުޅުން ހިފަހައްޓައިދޭ ބާރެއްކަމުގައި މާތް ﷲ ވަޙީކުރައްވައިފައިވުމުން މި ދާއިރާގެ މުހިއްމުކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިންވަނީ މި ޢިލްމު އިތުރަށް ފުޅާކޮށްފައެވެ.
ޢުމަރުގެފާނުގެ ޚިލާފަތުގައި ދީވާންތައް އުފެއްދިއިރު، ދީވާން އަލްޚަރާޖު، ދީވާން އަލް ނަފަޤާތު އަދި ދީވާން އަލްއަންހާރުވެސް އުފެއްދިއެވެ. ދީވާން އަލްޚަރާޖު ގެ މަސްއޫލިއްޔަތަކީ ދައުލަތަށް އެކި ގޮތްގޮތަށް ލިބޭ އާމްދަނީގެ ހިސާބު ކިތާބު ބެލެހެއްޓުމާއި، ޚަރާޖު އަދި ޢުޝޫރު ނެގުމެވެ. ދީވާން އަލް ނަފަޤާތުގެ މަސްއޫލިއްޔަތަކީ މުވައްޒަފުންގެ މުސާރަދިނުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޭދަކުރުމާއި ޚިލާފަތުން ހޭދަކުރަންޖެހޭ ކަންކަމަށް ހޭދަކުރުމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހިންގުމެވެ. ދީވާން އަލްއަންހާރަކީ ކޯރުތަކާއި، ކެނަލްތައް އަދި ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން ބަލަހައްޓާ ދީވާނެވެ.

އިޤްތިޞާދީ ދާއިރާއިން ކުރެވިފައިވާ އެންމެ ފުރަތަމަ އެއް މަސައްކަތަކީ ޙަނަފީ މަޒުހަބުގެ ޢިލްމުވެރިޔެއްކަމުގައިވާ އަބޫ ޔޫސުފު ޔަޢުޤޫބު ބިން އިބްރާހިމް ގެ ކިތާބު އަލްޚަރާޖެވެ. މިފޮތް އެކަލޭގެފާނު ލިޔުއްވީ ޚަލީފާ ހާރޫނުއްރަޝީދުގެ އެދިލެއްވުމުގެ މަތިން ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހަމަޖައްސަންވީ ގޮތުގެ ފިޤްހީ އަތްމަތީފޮތެއްގެ ގޮތުގައެވެ. މި މަސައްކަތާއި ވިދިގެން ދެންވެސް އަޅުގަނޑުމެންނަށް ފެންނަން އޮތީ ޙަނަފީ މަޒުހަބުގެ އެހެން އިމާމެއްގެ ފޮތެކެވެ. އެއީ އަލްއިމާމް މުޙައްމަދު ބިން ޙަސަން އަލް ޝައިބާނީ ލިޔުއްވާފައިވާ ކިތާބު އަލް ކަސްބެވެ. މިފޮތަށް ‘ކިތާބު އަލް އިކްތިސާބް’ މި ނަންވެސް ކިޔެއެވެ. މިއީ އާމްދަނީ ހޯދުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް އަލިއަޅުވައިލާ ލިޔެވިފައިވާ ފޮތެކެވެ. މި ފޮތުގައި އަލް ޝައިބާނީ އާމްދަނީ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތައް ހަތަރު ގިންތިއަކަށް ބައްސަވާފައިވެއެވެ. އެއީ:
1. އަލް އިޖާރާ: މުދަލާއި ބިން ކުއްޔަށް ދިނުމާއި، އަދި އުޖޫރައަށް މަސައްކަތްކުރުން
2. އަލް ޞިނާޢާ: އެއްޗެހި އުފެއްދުން Manufacturing
3. އަލް ޒިރާޢާ: ދަނޑުވެރިކަން
4. އަލް ތިޖާރާ: ވިޔަފާރި
މީގެއިތުރުން ކޮންމެ މީހަކުވެސް އެ މީހެއްގެ ހުނަރާއި ޝައުޤުވެރިކަމަށް ރިޢާޔަތްކުރުމަށްފަހު، އާމްދަނީހޯދާނެ ޝަރުޢީގޮތުން ހުއްދަ ދާއިރާއެއް ކަނޑައެޅުމަށް އަލް ޝައިބާނީ މިފޮތުގައި ބާރުއަޅުއްވާފައިވެއެވެ.

އޭގެފަހުން އިމާމް އަބޫ ޢުބައިދު އަލް ޤާސިމް ވަނީ ކިތާބު އަލްއަމްވާލް ގެ ނަމުގައި މާލިއްޔަތާއި އަދި އިޤްތިޞާދާއި ގުޅޭ ޙަދީޘްތަކާއި ސަލަފުންގެ އާޘާރުތައް ޖަމާކޮށް ‘އެކުވެންޏެއް’ (compendium) އެކުލަވާލައިފައެވެ.

މީގެފަހުންވެސް ތަފާތު ފޮތްތައް މި ދާއިރާއިން ލިޔެވިފައިވެއެވެ. ޚިލާފަތު ބަލިކަށިވަމުންގޮސް، އިސްލާމީ އުއްމަތް ކަޅުފޮއި ދުވަސްތަކަކާއި ބައްދަލުކުރިއެވެ. މި ދުވަސްތައް ދިގުޒަމާންތަކަށް ދިގުދެމެމުންގޮސް، 1970 އަށް އެޅުނުއިރު އަނެއްކާވެސް އިސްލާމީ އުއްމަތް އަލިވިލުމަކުން ތާރީޚުގެ އާ ބާބެއް ފެށިއެވެ. އެދުވަސްވަރު އިސްލާމީ ގިނަ ޤައުމުތަކަށް ދިޔައީ އިސްތިޢުމާރީ ބާރުތަކުގެ ކިބައިން މިނިވަންކަން ލިބެމުންނެވެ. މުސްލިމުންގެ މެދުގައި ކީރިތި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވުމުގެ ޖޯޝެއް އުފެދި، ގިނަގުނަ ހެޔޮ ބަދަލް އިސްލާމީ އުއްމަތަށް އަންނަން ފެށިއެވެ. އިސްލާމީ އިޤްތިޞާދަށް ވެސް ބަހާރު މޫސުމެއް އައެވެ.

2- 1973 ވަނައަހަރު އޮތް އިސްލާމީ ޤައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމުގެ ވިސްނުން ފާޅުކުރެވި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުނެވެ. 1975 ވަނައަހަރު ޖިއްދާގައި މި ބޭންކުގެ މައި ގޮފި ހުޅުވުނެވެ. ހަމައެއަހަރު ޑުބާއީ އިސްލާމިކް ބޭންކް ހުޅުވުނެވެ. 1977 ވަނައަހަރު މިޞްރު، ސޫދާން އަދި ކުވައިތުގައި އިސްލާމިކް ބޭންކުތައް ހުޅުވުނެވެ. ޖެހިގެން އައި ދެ ދަހައިގައި ވަރަށް ގިނަ ޤައުމުތަކެއްގައި އިސްލާމިކް ބޭންކުތައް ހުޅުވުނެވެ. 2002 ވަނައަހަރު މެލޭޝިއާގައި Islamic Financial Services Board ޤާއިމުކުރެވުނެވެ. މި ބޯޑްގެ އެންމެ އިސް މަސްއޫލިއްޔަތަކީ އިސްލާމިކް ބޭންކްތައް ތަބާވާނެ މިންގަނޑުތައް ކަނޑައެޅުމެވެ. ބަޙްރެއިންގައި ހުންނަ Accounting and Auditing Organization for Islamic Financial Institution (AAOIFI) އަކީވެސް މިފަދަ މަޤްޞަދެއްގައި 1991ވަނަ އަހަރު ޤާއިމުކުރެވުނު ތަނެކެވެ.

3- އިސްލާމީ އިޤްތިޞާދު ވަކި ޢިލްމެއް ގޮތަށް ކިޔެވެން ފެށުނުތާ އަށެއްކަ ދަހަ ވެފައިވާއިރު، މި ދާއިރާއަށް މުސްލިމުންނެކޭ އެއްފަދައިން ޣައިރު މުސްލިމުންވެސް ޝައުޤުވެރިވެއެވެ. 2008ގެ އިގްތިޞާދީ ކާރިސާއިން އުފެދުނު ރާޅުބާނިތައް ހުޅަނގުގެ ޤައުމުތަކަށް ހޮޅިލާ ބިންދަމުންދިޔައިރު، އޭގެ އަސަރު އިސްލާމީ އިޤްތިޞާދުގެ އެކަށީގެންވާވަރަކަށް ތަންފީޒުކުރެވިފައިވާ ޤައުމުތަކަށް ކުރީ ވަރަށް ކުޑަކޮށެވެ.4

އިސްލާމީ އިޤްތިޞާދުގެ އަސާސްތައް:
އަސާސް 1: އިސްލާމީ އިޤްތިޞާދު ބިނާވެފައިވަނީ އިސްލާމީ އަޤީދާގެ މައްޗަށާއި މަކާރިމުލް އަޙްލާޤްގެމައްޗަށެވެ.
މުސްލިމުންނަކީ ދުނިޔޭގެ ޙަޔާތަށްފަހު އާޚިރަތް ވާކަމާއި، ތިމާ ސިއްރުކުރާ ޢަމަލާއި ފާޅުކުރާ ޢަމަލުތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވާކަން ޤަބޫލުކޮށްގެން ތިބޭ ބަޔެކެވެ.

މިއަދު ދުނިޔެމަތީގައި ކުރާ ޢަމަލުތަކާއިމެދު އާޚިރަތްދުވަހުން ސުވާލުކުރެވޭނެކަމުގައި މުސްލިމުން އީމާންވެއެވެ. އެހެންކަމުން މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މެދުގައި ޖަވާބުދާރީވާންޖެހޭކަމުގެ ރޫޙް އިސްލާމީ އަޤީދާގެ ސަބަބުން އަށަގަންނުވައެވެ. ވެރިންނާއި ރައްޔިތުން، ޚިދުމަތްދޭ ފަރާތްތަކާއި، ޚިދުމަތްލިބިގަންނަ ފަރާތްތައް، ވަޒީފާދޭ ފަރާތްތަކާއި އަދި މުވައްޒަފުންގެ މެދުގައެވެ.

لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ (أَرْبَعٍ): عَنْ عُمُرِهِ فِيمَا أَفْنَاهُ، وَعَنْ عِلْمِهِ فيم فعل, وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَفِيمَا أنفقهُ، وَعَنْ جسمه فِيمَا أَبْلَاهُ ) صحيح الترمذي
رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވެއެވެ.

”ހަތަރުކަމަކާއިމެދު ސުވާލުކުރެވުމަށްފަހުގައި މެނުވީ އަޅާގެ ފައި ހުރިތަނުން ގުޑާވެސް ނުލާނެއެވެ. (އެއީ)އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންތޯއާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުން ތޯއާއި، އަދި މުދާ ހޯދީ ކިހިނަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި، އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާއިމެދުގައެވެ. ”

މީގެއިތުރުން އިންސާނުންނަކީ ދުނިޔެ އާރާސްތުކުރަން އެކަލާނގެ ޚަލީފާވެރިންގެ ގޮތުގައި ލެއްވިފައިވާ ބައެއްކަމުގައި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެއީ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތާއި، فاطر ސޫރަތުގެ 39 ވަނަ އާޔަތާއި އަދިވެސް ބައެއް އެހެން އާޔަތްތަކުގައެވެ.
ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގައި ބަޔާންފައިވަނީ އިންސާނުން އުޅެންވީ އެންމެ ފުރިހަމަ، އަދި އެންމެ ރިވެތި ގޮތެވެ. ވިޔަފާރީގައި މަކަރު ހެދުމާއި، ލަނޑުދިނުމާއި، ރިބާ ކެއުމާއި އަދިވެސް މިފަދަ އެންމެހާ ނޭންގާނީ ސިފަތަކާއި ދުރުވުމަށް މުސްލިމުންނަށް ވަނީ އަމުރުވެވިގެންނެވެ. އިސްލާމީ އަޚްލާޤީ ސިފަތައް ލިބިފައިވާ ވިޔަފާރިވެރިންވަނީ ތާރީޚްގެ އެކި މަރުޙަލާތަކުގައިފެނިފައެވެ.

މި ދެންނެވި ފަދަ ހިތްހެޔޮ، އޯގާވެރި ވިޔަފާރިވެރިންގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ގޮނޑުދޮށްތަކަށް ހިދާޔަތުގެ ރާޅުބާނިތައް ބީއްސަންފެށިއެވެ. އެ ސަރަހައްދަށް ވިޔަފާރިކުރަން އައިސް އުޅުނު ޢަރަބި މުސްލިމު ވިޔަފާރިވެރިންގެ ރިވެތި ސިފަތަކުގެ އަސަރުގައިޖެހި އިސްލާމްދީނާއި ދިމާއަށް އެ ޤައުމުތަކުގެ ގިނަބަޔަކު މިސްރާބުޖެހިއެވެ. އަދި މިދީން އިތުރަށް ދަސްކޮށް އިސްލާމީ ހިދާޔަތް ލިބިގަތެވެ.
މީގެ އިތުރުން އިސްލާމީ އަޙްލާޤީ އާދަތަކުގެ އެންމެ އިސް ބަހާތަކުގެ ތެރޭގައި އަމިއްލައަތުން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި، އިސްރާފުނުކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ ކުރާ ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ނަބަވީ އިރުޝާދުތައް އައިސްފައިވެއެވެ.

ކުރާ ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރެވޭތޯ ބަލާނަމަ، މުސްލިމު މުވައްޒަފުން މަސައްކަތުގެ މައިދާނުގައި ވަރަށް ބޮޑު ތަފާތެއް ދައްކުވައިދެވޭނެއެވެ.4

އަސާސް 2: މުދާ މިލްކުކުރުމާއި ހޭދަކުރުމުގެ ޙައްޤުދެވިފައިވާ މިންވަރު
އިސްލާމް ދީނަކީ އެއްވެސް ކަމެއްގައި ވަކި އަތަކަށް ބުރަނުވެ ވަޒަން ހިފަހައްޓާ ދީނެކެވެ. މި ގޮތުން އިސްލާމްދީނުގައި ޢާއްމު ފަރުދުންނަށް މުދާ މިލްކުކުރުމުގެ މިނިވަންކަންދީފައިވެއެވެ. މީސްތަކުންގެ މިލްކިއްޔާތަށް އިސްލާމްދީން އިޙްތިރާމް ކުރެއެވެ. މުދަލުގެ އެންމެ ޙައްގުކަން ބޮޑު ފަރާތަކީ އެމުދަލެއްގެ ވެރިފަރާތެވެ. މީސްތަކުންގެ އަބުރާއި ލޭ ޙުރުމަތްތެރި ކުރެއްވި ފަދައިން މީސްތަކުންގެ މުދާވެސް ވަނީ ޙުރުމަތްތެރި ކުރައްވާފައެވެ. އެހެންނަމަވެސް މުޖުތަމަޢުގެ އެންމެންނަށް ބޭނުންޖެހިފައިވާ ބައެއް އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ސަރުކާރުގެ ބެލެނިވެރިކަމުގައި ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއްވެސް އިސްލާމީ އިޤްތިޞާދުގައިވެއެވެ. އަދި އެހެންމީހުންގެ ހައްޤުތަކަށް އަރައިގަންނަ ވިޔަފާރިވެރިންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ދީފައިވެއެވެ. މިގޮތުން ވިޔަފާރިވެރިންތަކެއް މީސްތަކުން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުދަލެއްގެ އަގު މަތިކުރުމަށްޓަކައި އޭގެ ސަޕްލައި މަދުކުރަން އެއްބަސްވެއްޖެނަމަ، އެ ވިޔަފާރިވެރިންގެ މައްޗަށް ސަޕްލައި އިތުރުކުރުމަށާއި ހަމައަގެއްގައި އެ މުދަލެއް ވިއްކުމަށް އަމުރުކުރުމުގެ ބާރު ވަލިއްޔުލް އަމްރަށް ލިބިގެންވެއެވެ. މިއީ (الضرر يزال ) ގެ ފިޤްހީ ޤާޢިދާގެ ދަށުން ލިބިގެންވާ ބާރެކެވެ.
މީގެއިތުރުން ތިމާގެ އަމިއްލަ މަންފާ އަށްވުރެ މުޖްތަމަޢުގެ މަންފާ އަށް ވިސްނަން ޖެހޭ ކަމަށް ފިޤްހީ ބައެއް ޤާއިދާތައް ބާރުއަޅައެވެ. އެއީ “އެންމެންނަށް ލިބިދާނެ ގެއްލުން ފޫބެއްދުމަށް ޓަކައި އަމިއްލަ އަށް ގެއްލުމުގައި ބޮލުއެޅަން ޖެހެއެވެ” އަދި “ބޮޑު މަޞްލަޙަތެއް ހޯދުމަށް ޓަކައި ކުޑަމަޞްލަޙަތު އޮންނަ ކަންތައް ދޫކޮށްލެވެއެވެ” ފަދަ ޤާއިދާތަކެވެ. މި ޤާއިދާތަކުގެ އަލީގައި އަދި އެހެން ބައެއް ދަލީލް ތަކުގެ އަލީގައި ބައެއް ފިޤްހް ޢިލްމުވެރިން ޓެކްސް ނެގުން ހުއްދަކުރައްވައެވެ. ގައުމު ފައިސާ އަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަމަށް ޚަރަދު ކުރާނެ ފައިސާ ގައުމުގެ ޚަޒާނާގައި ނެތްނަމަ، އަދި ފައިސާވެރިން ޓެކްސް ނުދައްކައިފިނަމަ ގައުމު ބަނގުރޫޓުގެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ ޙާލަތެއްގައި، ޓެކްސް ނުދައްކައިފި މީހެއްގެ އަތުން ގަދަކަމުން އަތުލުންވެސް ހުއްދަވެގެންވާ ކަމެވެ. (އަލްމުސްތަޞްފާ ލިލްޣަޒާލީ 1/71، އަލްއަޙްކާމް ލިލްއާމިދީ، 1/157، އުޞޫލުލް ޚުޟަރީ، ޞަފްޙާ 55).6
މުދާ ހޭދަކުރަންވީ ގޮތުގެ އިރުޝާދުތަކަށް ބަލާލާއިރު، އަލް އިސްރާ ސޫރަތުގައި މުށް ބާރުކުރުމެއް، އަދި އެކީއެކަށް ހުޅުވާލުމެއް ނެތި މެދުމިނުގައި ޚަރަދުތައް ބެހެއްޓުމަށް އިރުޝާދު ދެއެވެ.
{ولا تجعل يدك مغلولة إلى عنقك ولا تبسطها كل البسط} [الإسراء: 29]
ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ.
އަދި ގާތްތިމާގެ މީހުންނާއި، މިސްކީނުންނާއި، ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެމީހުންގެ ހައްގު އަދާ ކުރުމަށް އަންގަވައެވެ. އަދި އިސްރާފު ނުކުރުމަށް އަންގަވައެވެ.

{وَلا تُبَذِّرْ تَبْذِيرًا} [الإسراء: 26]
އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ!
{إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ} [الإسراء: 27]
ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخ ން ކަމުގައިވޫއެވެ. އަދި شيطان އާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافر ވާ ކަމުގައިވިއެވެ.
ޔަތީމުންގެ މުދަލަށް އަރައިނުގަތުމަށް އަންގަވައެވެ. އެއްޗެއް ކިރާނަމަ ނުވަތަ މިނާނަމަ ތިލަފަތް ހަމަ ކުރުމަށް އަމުރު ކުރައްވައެވެ.
ފައިސާ، ނުވަތަ މުދާ ހޯދުމާއި، ހޭދަކުރުމުގައި، މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި، ޝަރުޠުތަކެއް ވެއެވެ.
އެއީ:
(1) ޙަލާލު ގޮތުގައި ފައިސާ ނުވަތަ މުދާ ހޯދުން
(2) ޒަކާތް ދިނުން
(3) ހުއްދަ ކަންތަކުގައި ހޭދަކުރުން، މިއެވެ.
ހެޔޮކަންކަމުގައި މުދާ ހޭދަކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއެޅިފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ ۗ وَالْكَافِرُونَ هُمُ الظَّالِمُونَ ﴿ سورة البقرة 254 ﴾
މާނަ: “އޭ إيمان ވެއްޖެ ތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: فدية ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާޔެއް ކޮށްދެނިވި) رحمة ތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ إذن ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ. كافر ންނަކީ ހަމަ އަނިޔާވެރިންނެވެ.”

ޞަޙީހުލް ބުޚާރީގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.
” ..އަދި ތިމަން ރަސޫލާ ތިޔަބައިމީހުންނަށް ނަރަކަވެރީންގެ ސިފައެއް ބުނެދެން ހެއްޔެވެ؟ އެއީ ޚުލްޤު ނުބައި ހަރުކަށި މިޒާޖު ގެންގުޅޭ މީހާއާއި މުދާ އެއްކޮށް ޖަމަޢަކޮށް އެއިން ހޭދަނުކުރާ މީހާއާއި ކިބުރުވެރިވާ މީހާއެވެ.”
ސަލަފުންގެ ބޭކަލަކު ވިދާޅުވިއެވެ.
أفكلما اشتهيت اشتريت
ތިބާ ހިތް އެދޭހާ އެއްޗެއް ގަންނަނީ ހެއްޔެވެ؟7
ލިބޭ މިންވަރު ދެނެތިބެ، ބޭނުންތައް ބަހާލައިގެން ޚަރަދުކުރާނަމަ، ދަރަނިވެރިނުވެ ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެއެވެ. ދަރަނިވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ރަސޫލާ محمد صلى الله عليه وسلم ދުޢާ ކުރައްވައިފައިވެއެވެ. އަދި ދަރަނި ނުދައްކާ އުޅުމުގެ ނުރައްކާތެރިކަން އެކަލޭގެފާނު ބަޔާންކޮށްދެއްވައިފައިވެއެވެ.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ ‏ ‏وَضَلَعِ ‏ ‏الدَّيْنِ وَغَلَبَةِ الرِّجَالِ
”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.”

އަސާސް 3: ރިޒްޤް ހޯދުމުގެ މަފްހޫމް
ރިޒުޤުގެ މަފްހޫމްގެ ތެރޭގައި ވިސްނުންތޫނުކަމާއި، ހުނަރުތަކާއި، އުޅެން ލިބިފައިވާ މާޙައުލާއި، އަނބިދަރިންނާއި، ދުޅަހެޔޮކަމާއި، ފައިސާގެ ތަނަވަސްކަން ހިމެނެއެވެ.
ﷲ ތަޢާލާވަނީ ރިޒުޤުގައި އަޅުތަކުން ތަފާތުކުރައްވާފައެވެ.
وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْضٍ فِي الرِّزْقِ __(النّحل 71)
މާނައީ: “އަދި މާތް ﷲ، ރިޒްޤު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ. ”
މި ގޮތަށް ރިޒުޤުގައި ތަފާތުކުރެއްވުމުގެ ހިކުމަތަކީ އިންސާނުން އެއްބަޔަކު އަނެއްބައެއްގެ ޚިދުމަތްތަކަށް ބޭނުންޖެހިފައިވާ ފަދަ ބައެއް ގޮތުގައި ލެއްވުމެވެ. އަދި މި ދުނިޔެއަކީ ފުރިހަމަ ތަނެއް ނޫން ކަމާއި، ނިމުމެއްނެތް، އިމެއްނެތް ފުރިހަމަ ޙަޔާތް ލިބުންވަނީ އާޚިރަތުގައިކަން ހަނދާންކޮށްދެއްވުމެވެ.

أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَةُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ ) الزّخرُف 32(

މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ބަހައިދެނީ އެއުރެންހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.”

އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (185)
ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.

އަދި އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިނުވުމަށް އަމުރުކުރައްވައިފައިވެއެވެ.
أَمْ يَحْسُدُونَ النَّاسَ عَلَى مَا ءَاتَاهُمُ اللَّهُ مِنْ فَضْلِهِ __ (النِّسَاء 54)
މާނައީ: “ނުވަތަ، ﷲ ގެ ފަޟުލަވަންތަވެރިކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟.”
އެހެނީ، މި ދުނިޔޭގެ ޙަޔާތަކީ އުޚުރަވީ ޙަޔާތާއި އަޅާ ބަލާއިރު، މާ ބޮޑު އަގެއްހުރި އެއްޗެއް ނޫންކަމުގައިވީތީ، ރިޒުޤު ތަނަވަސްކުރެވިފައިވާ ފަރާތްތަކުގެ ނިޢުމަތްތަކާއިމެދު ޙަސަދަވެރިވުމުގެ ބޭނުމެއް، ފައިދާއެއް ނެތެވެ. އަދި ކޮންމެ މީހަކަށްވެސް އުޚުރަވީ ނިޢުމަތްތައް ހޯދުމުގެ މަގުފަހިވެފައިވެއެވެ. ދެމިގެންވާ ނިޢުމަތްތަކަކީ އުޚުރަވީ ނިޢުމަތްތަކެވެ.
އެހެންކަމުން ކޮންމެމީހަކުވެސް އެމީހެއްގެ ހުނަރާއި ޝައުޤުވެރިކަމަށް ރިޢާޔަތްކުރުމަށްފަހު، އާމްދަނީހޯދާނެ ދާއިރާއެއް ކަނޑައެޅުމަށް އިސްލާމްދީން ބާރުއަޅައެވެ. އަދި މި ދާއިރާއަކީ ޝަރުޢީގޮތުން ހުއްދަ ދާއިރާއެއް ކަމުގައިވާންޖެހެއެވެ.

އަސާސް 4: އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް ބާރުއަޅާފައިވާ މިންވަރު

މަސައްކަތްތެރިކަމަކީ މުސްލިމުންގެ ޝަޚްޝިއްޔަތުގެ އެންމެ މުހިންމު އެއް ސިފައެވެ. ތިމާ ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ ފައިދާ މުޖުތަމަޢަށް ބޮޑުވިވަރަކަށް، ﷲގެ ހަޟްރަތުގައި ތިމާގެ ދަރަޖަ އިތުރުވެގެންވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ) رواه الطبراني و صححه الألباني
މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ.
ﷲ ތަޢާލާ ވަނީ މިދުނިޔޭގައިވާ ހުރިހާ އެއްޗެއް އިންސާނުންގެ ޚިދުމަތުގައި ލައްވާފައެވެ.
{اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ} [الجاثية:12]
اللَّه އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمر ފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
އިންސާނުންގެ ޚިދުމަތުގައި ލެއްވިފައިވާ ތަކެތީގެ ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ އެތައް ދާއިރާއެއް އިސްލާމީ ޝަރީއަތުގައިވަނީ ހުއްދަކޮށްފައެވެ. ކަންމިހެންހުރިއިރު، ކޮންމެ މީހަކުވެސް އެމީހަކާއި އެމީހެއްގެ ބެލުމުގެ ދަށުގައިވާ އަނބިދަރިންނަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ ފަރުޟުކުރެވިގެންވާ ކަމެކެވެ.

އިސްލާމްދީން މަސައްކަތްތެރިކަމަށް ބާރުއަޅާއިރު، ސަލާންޖެހުމުގެ ނުބައި އާދައިން ސަލާމަތްވުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
(اليدُ العليا خيرٌ من اليد السفلى)
މަތީގައި އޮންނަ އަތް އަބަދުވެސް ތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަން ބޮޑެވެ.
(އެބަހީ: ދޭ މީހާއަކީ އަބަދުވެސް ލިބިގަންނަ މީހާއަށްވުރެ ހެޔޮކަން ބޮޑު މީހެކެވެ.)
متفق عليه

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

((لا تزالُ المسألةُ بأحدكم حتى يلقى الله تعالى وليس في وجههِ مزعةُ لحمٍ ))
ގިނަގިނައިން ސަލާންޖަހާ މީހާ ﷲއާ ބައްދަލުވާހިނދު އޭނަގެ މޫނުގައި މަސްކޮޅެއް ނުހުންނަ ހުއްޓެވެ. متفق عليه

((من سأل الناس أموالهم تكثرًا، فإنما يسأل جمرًا؛ فليستقل أو ليستكثر)) رواه مسلم

އެމީހެއްގެ އަތުގައި މުދާ ގިނަކުރުމަށްޓަކައި މީސްތަކުންގެ ގާތުން އެދިއުޅޭ ސަލާންޖަހާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެން އެ އެދެނީ އަނގުރު އަލިފާނަށެވެ! ފަހެ އެ މަދުކުރަން އެދޭ މީހަކު މަދުކުރާށެވެ! އަދި ގިނަކުރަން އެދޭމީހަކު ގިނަކުރާށެވެ.!
رواه مسلم
ސަލާންޖަހައިގެން ތަކެތި ހޯދުމަށްވުރެ، އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ހޯދާ ޙަލާލުއެއްޗެއްގެ ފައިދާ މާބޮޑެވެ.

އަސާސް 5: އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމް

އިސްލާމްދީން ގެނެސްދީފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމްގެ އަސްލަކީ މުސްލިމުންގެ އުޚުއްވަތްތެރިކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ.
“مثل المؤمنين في توادهم و تراحمهم و تعاطفهم , مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر و الحمى”
‘މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށްހިތުމުގައްޔާއި، ރަޙުމުކުރުމުގައްޔާއި އަދި އޯގާވެރިވުމުގައި މިސާލަކީ ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅައިފިނަމަ މުޅި ހަށިގަނޑު ހުންއައުމާއި ހޭލާހުރުމުން އެގުނަވަނަކާއި ބައިވެރިވާ ފަދައިންނެވެ.’ متفق عليه
މުސްލިމުންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރިން، އަތްމަތި ދަތި ނުވަތަ ހާލުގައިޖެހިފައިވާ އެހެން މުސްލިމުންނަށް ހޭދަކުރަންޖެހޭ ގޮތް ދެ ގިންތި އަކަށް ބެހެއެވެ. އެއީ ވާޖިބު ހޭދަކުރުމާއި އަދި މުސްތަޙައްބު ހޭދަކުރުމެވެ.

ވާޖިބު ހޭދަކުރުމުގައި ހިމެނެނީ މުދަލު ޒަކާތް އަދި ފިތުރު ޒަކާތެވެ.
ޝަރީޢަތުގައި ޒަކާތުގެ މާނައަކީ ވަކި ބާވަތެއްގެ މުދަލަކުން، ވަކި ޚާއްސަ ވަގުތެއްގައި މީސްތަކުންކުރެ ވަކި ޚާއްޞަ ބަޔަކަށް ލިބިދިނުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައި ވާޖިބުކުރައްވާފައިވާ ޙައްޤެކެވެ.
ޒަކާތުގެ ބެހެނިވެރިންނަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللَّـهِ وَاللَّـهُ عَلِيمٌ حَكِيمٌ﴾ [التوبة: 60]
މާނައީ: “ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމް ވަންތަ އިލާހެވެ.”
މި ގޮތުން ޒަކާތުގެ ބެހެނިވެރިންގެތެރޭގައި މިހިމެނޭ ފަރާތްތަކަށް އެމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެއަހަރަކުވެސް ވަކި މިންވަރެއް ދެވެއެވެ.
މުސްތަޙައްބު ހޭދަކުރުމަކީ އާޚިރަތަށްޓަކައި ގޮވާންކުރުމުގެ ގޮތުން ކުރުން އެދެވިގެންވާ ހޭދަތަކެވެ.

ހޭދަކުރުމާއި އަދި ޒަކާތާއި ގުޅޭ ގޮތުން އައިސްފައިވާ ބައެއް އާޔަތްތަކާއި އަދި ޙަދީޘްތައް
﴿خُذْ مِنْ أَمْوَالِهِمْ صَدَقَةً﴾ التوبة: 103
މާނައީ: “އެމީހުންގެ މުދަލުން ޞަދަޤާތެއް ކަލޭގެފާނު ނަންގަވާށެވެ
އަދި ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ
. « أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ» މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ މުދަލުން ޒަކާތް ފަރުޟު ކުރެއްވިއެވެ. އެމީހުންގެ މުއްސަދިންގެ އަތުން ނެގެއެވެ. އަދި ފަޤީރުންނަށް ރައްދު ކުރެވެއެވެ

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ ‏”‏‏ صحيح البخاري 5073 / صحيح المسلم
މާނަ: “އޭ އާދަމުގެ ދަރިޔާއެވެ. ތިބާ މުދަލުން ހޭދަކުރާށެވެ. އޭރުން ތިމަންއިލާހު ތިބާއަށް ހޭދަކުރައްވާހުށީމެވެ
(مَا نَقَصَتْ صَدَقَةٌ مِنْ مَالٍ) أخرجه مسلم. މާނައީ: “ޞަދަޤާތުގެ ސަބަބުން މުދަލުން އެއްވެސް އެއްޗެއް އުނިވެގެން ނުދެއެވެ.”
(دَاوُوا مَرْضَاكُمْ بِالصَّدَقَةِ) أخرجه البيهقي وحسنه الألباني. މާނައީ: “ޞަދަޤާތުން ތިޔަބައިމީހުންގެ ބަލިމީހުންނަށް ފަރުވާދޭށެވެ.”
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ. ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.

މާތް ﷲ ރުއްސުންލެއްވި سهل بن سعد ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
ތިމަންކަލޭގެފާނާއި އަދި ޔަތީމުން ބަލާމީހުން ސުވަރުގޭގައި ތިބޭހުށީ މިހާ ކައިރިކައިރީގައެވެ. އަދި އެކަލޭގެފާނު، އެކަލޭގެފާނުގެ މެދު އިނގިލިފުޅާއި ޝަހާދަތް އިނގިލިފުޅު ހަރަކާތްކުރައްވާ އިޝާރާތްކޮށްލެއްވިއެވެ.

ތަކާފުލް
އިސްލާމީ ތަކާފުލްގެ ނިޒާމަކީ ދީނުގައި ކަނޑައެޅިފައިވާ ހުއްދަ މުޢާމަލާތްތަކާއި ޢަޤުދު ތަކުގެ އިންތަކަށް ފެތޭގޮތަށް، ރިބާ އާއި ޖުވާއިން އެއްކިބާ ކުރެވިފައިވާ، އަދި ޔަޤީން ނުވާ ކަންކަމުން (الغرر) ރައްކާތެރިވެގެންވާ މުޢާމަލާތްތަކެއްގެ މައްޗަށް ބިނާވެގެންވާ މާލީ ޙިމާޔަތުގެ އޮނިގަނޑެކެވެ.
އިސްލާމީ ބައެއް ޤައުމުތަކުންވަނީ ތަކާފުލް އަށް ބިނާކޮށްގެން ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމްތައް ޤާއިމުކޮށްފައެވެ.
«إِنَّ الأَشْعَرِيِّينَ إِذَا أَرْمَلُوا فِي الغَزْوِ، أَوْ قَلَّ طَعَامُ عِيَالِهِمْ بِالْمَدِينَةِ جَمَعُوا مَا كَانَ عِنْدَهُمْ فِي ثَوْبٍ وَاحِدٍ، ثُمَّ اقْتَسَمُوهُ بَيْنَهُمْ فِي إِنَاءٍ وَاحِدٍ بِالسَّوِيَّةِ، فَهُمْ مِنِّي وَأَنَا مِنْهُمْ»
صحيح البخاري
ހަމަކަށަވަރުން އަލްއަޝްޢަރު ވަންހައިގެ މީހުން ހަނގުރާމައަށް ނުކުމެފިނަމަ، ނުވަތަ އެމީހުންގެ ކާބޯތަކެތި މަދުވެއްޖެނަމަ، އެބައިމީހުންގެ އަތުގައި ހުރި ހުރިހާ ކާއެއްޗެއް އެއް ފޮތިގަނޑަކަށް އަޅާ ރައްކާކުރެއެވެ. އަދި އެއަށްފަހު އެއް ކަންވާރަކަށް އަޅައިގެން ހަމަހަމަކޮށް އެމީހުންގެ މެދުގައި އެއެއްޗެހި ބަހައެވެ. އެބައިމީހުންވަނީ ތިމަންކަލޭގެފާނުގެ ކިބައިންނެވެ. އަދި ތިމަންކަލޭގެފާނު ވަނީ އެބައިމީހުންގެ ތެރެއިންނެވެ.
)އިތުރުބަޔާން؛ އަލްއަޝްޢަރުވަންހަ އަކީ ޔަމަނުން މަދީނާއަށް ހިޖުރަ ކޮށްފައިވާ ވަންހައެކެވެ.(
މި ޙަދީޘަކީ ތަކާފުލް ނިޒާމު އޭގެ މައްޗަށް ބިނާވެފައިވާ ނައްޞުތަކުގެ ތެރެއިން އެއް ނައްޞެވެ.

އަސާސް 6: ރިޝްވަތާއި ފަސާދަ ޙަރާމްކުރެއްވިގެންވުން
މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކައި އުޅުން އިސްލާމްދީން ވަނީ ޙަރާމް ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
(يأيها الذين ءامنوا لا تأكلوا أموالكم بينكم بالباطل إلا أن تكون تجارة عن تراض منكم)
މާނައަކީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކުން ފިޔަވައި، އެހެން ބާޠިލްގޮތްގޮތަށް ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ”. (ސޫރަތުއްނިސާ ގެ 29 ވަނަ އާޔަތް).

އަދިވެސް ވަޙީ ކުރެއްވިއެވެ.
(ولا تأكلوا أموالكم بينكم بالباطل وتُدلوا بها إلى الحُكّام لتأكلوا فريقاً من أموال النّاس بالإثْمِ وأنْتُم تعلمون)،
މާނައަކީ: “އަދި ތިޔަބައިމީހުންގެ މުދާތައް، ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ. އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، މީސްތަކުންގެ މުދަލުގެތެރެއިން ބައެއް، ފާފަވެރިގޮތުގައި ކެއުމަށްޓަކައި، ތިޔަބައިމީހުންގެ މުދާތައް ޙުކުމްކުރާމީހުންނަށް ނުދޭށެވެ”. (ސޫރަތުލް ބަގަރާ ގެ 188 ވަނަ އާޔަތް).

މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެވޭނެ އެންމެ ބޮޑުގޮތަކީ ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ޙައްގު މަގުން ކަމެއް އެއްކިބާ ކުރުމުގެ ގޮތުން ފައިސާދެވޭތީއެވެ.
ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީ ރިޝްވަތުދިނުމާއި، ހިފުމާއި އަދި އެކަމުގައި މެދުވެރިއަކަށްވުމެވެ. ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ކިބައިން ރިވާވެގެންވެއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ. ރިޝްވަތަކީ ފައިސާދިނުމަކާނުލާ ކޮށްދޭންޖެހޭ ކަމެއްގައި ތިމާގެ އަމިއްލަ މަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭ އެއްޗަކަށް ކިޔޭނަމެކެވެ.

އިބްނުޢާބިދީން-ރަޙިމަހުﷲ- އެކަލޭގެފާނުގެ “ޙާޝިޔާ” އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ. “ރިޝްވަތަކީ: ޙާކިމާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް ތިމާއާއި އެއްކޮޅަށް މައްސަލަ ނިންމުމަށް، ނުވަތަ އޭނާ ބޭނުން ގޮތަކަށް މައްސަލަ އަނބުރާލުމަށްޓަކައި ދެވޭ އެއްޗަކަށްކިޔޭ ނަމެކެވެ”. މިތަނުގައި ޙާކިމް އޭ އޮތް ބަހުގެ މުރާދަކީ ގާޟީ ނުވަތަ އެނޫންވެސް ރިޝްވަތުދޭމީހާގެ މަޞްލަޙަތު އަނބުރާލުމުގެ ބާރު ލިބިގެންވާ މީހާއެވެ. އެއީ ސަރުކާރުގެ މަސްއޫލުފަރާތެއް ނަމަވެސް ނުވަތަ އަމިއްލަ މަސައްކަތުގައި އުޅޭ ވިޔަފާރި އެޖެންޓުން ފަދަ މީހުން ކަމުގައިވީ ނަމަވެސް އެވެ.

ރިޝްވަތުދިނުމަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެއީ ބޮޑެތިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ގެ ލަޢުނަތް ޙައްގުވެންވާ ކަމަށް ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވާ އެއްޗެކެވެ. މިފަދަ ނުބައި ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅުމަށް ކީރިތި ޤުރްއާނުގައި ވަނީ އަންގަވާފައެވެ.
(وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان)
މާނައަކީ: “ތިޔަބައިމީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި ނުބައިކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅޭށެވެ”. (ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް).

(لعن الله الراشي والمرتشي والرائش)
މާނައަކީ: “ރިޝްވަތުދޭމީހާއާއި، ހިފާމީހާ، އަދި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ލަޢުނަތް ލައްވައެވެ”.

މާތްﷲ ގެ ލަޢުނަތްލެއްވުމޭ ބުނެވޭބަހުގެ މާނައަކީ: އެމީހަކު މާތް ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ.

ރިޝްވަތަކީ “ސުޙްތު” ގެ ބާވަތެކެވެ. އެގޮތުން އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
(كل لحم أنبته السحت فالنار أولى به ، قيل: وما السحت؟ قال: الرشوة في الحكم)
މާނައަކީ: “ސުޙްތުކައިގެން ހަށިގަޑުގައި ޖަހާފައިވާމަހަށް އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ”. ދެންނެވުނެވެ. “ސުޙްތަކީ ކޮބައިތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ޙުކުމްގައި ރިޝްވަތު ދިނުމެވެ”.ކީރިތި ގުރްއާނުގައި ޔަހޫދީން ސުހްތު ކެއުމުގެ ސަބަބުން އެބައިމީހުންނަށް ވަނީ ބަދު ބަސް ރައްދުކުރައްވާފައެވެ. ވަޙީ ކުރެއްވިއެވެ.
(سَمّاعُونَ لِلكَذِبِ أَكّالُونَ للسُّحت) މާނައަކީ: “އެއީ ދޮގުބަސް އަހާމީހުންނެވެ. އަދި އެއީ ޙަރާމް މުދާ ކާމީހުންނެވެ”. (ސޫރަތުލް މާއިދާ ގެ 42 ވަނަ އާޔަތް).
އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު-ގެ ކިބައިން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
(إن الله تعالى طيب لا يقبل إلا طيباً وإن الله أمر المؤمنين بما أمر به المرسلين » فقال تعالى:
{ يا أيّها الرُّسُلُ كُلُوا من الطيّباتِ وَاعْمَلُوا صالحاً )
وقال تعالى( يا أيها الذين آمنوا كُلُوا من طيّباتِ ما رزقْناكُم)البقرة: 172]
ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب، يا رب، ومطعمه حرام، ومشربه حرام، وملبسه حرام، وغُذّي بالحرام فأنّى يُستجابُ له؟
މާނައަކީ: “ހަމަކަށަވަރުން ﷲ ތަޢާލާ އަކީ ހުރިހާ ރަގަޅުކަމެއްގެ ޞިފަލިބިގެންވާ އިލާހެވެ. އެއިލާހު ރަގަޅު ކަންތައް ފިޔަވާ އެހެން ކަމެއް ގަބޫލެއް ނުކުރައްވައެވެ. މާތް ﷲ މުއުމިނުންނަށް އަމުރުކުރައްވަނީ ހުރިހާ ރަސޫލު ބޭކަލުންނަށްވެސް އަމުރު ކުރެއްވިފަދައިންނެވެ. ވަޙީކުރެއްވިއެވެ. “އެންމެހައި ރަސޫލު ބޭކަލުންނޭވެ. ޙަލާލު ރަގަޅުތަކެތި ކައިހަދާށެވެ. އަދި ހެޔޮ ޢަމަލު ކުރާށެވެ”. (ސޫރަތުލް މުއުމިނޫން ގެ 51 ވަނަ އާޔަތް). އަދި މުއުމިނުންނާ މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. “އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވި ރަގަޅު ތަކެތިން ކައިބޮއި އުޅޭށެވެ. އަދި ހެޔޮ ޢަމަލު ކުރާހުށިކަމެވެ”. (ސޫރަތުލް ބަގަރާ ގެ 172 ވަނަ އާޔަތް)، އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. “މީހަކު ދިގުދަތުރެއްގެ މަތީގައި ހުރެ، ދަތުރުގެ ވަރުބަލިކަންމަތީގައި ހުރެ ހައްދަވާގެންގުޅުއްވާ އިލާހޭ ދަންނަވާ، ދެއަތްމައްޗަށްނަގައި، ގިނަ ގިނައިން ދުޢާ ކުރި ކަމުގައިވީނަމަވެސް އޭނާގެ ކާއެއްޗިއްސާއި، ބޯއެއްޗެތި އަދި އަންނައުނަކީ ޙަރާމްގޮތުގައި ހޯދާފައިވާ ތަކެތި ކަމަށްވަނީ ނަމަ އޭނާގެ ދުޢާ އިޖާބަ ކުރައްވާނީ ކޮންގޮތަކުންތޯއެވެ؟!”.
މިޙަދީޘް އިން ދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން، ދެއަތްމައްޗަށްނަގާ ދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާ ގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުން ބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުން ރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާ ހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ.

އެއްދުވަހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (يا أيّها النّاسُ كُلُوا ممّا في الأرضِ حلالاً طيّباً ) މާނައަކީ: “އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ބިމުގައިވާ ޙަލާލު ރަގަޅުތަކެތިން ކައި އުޅޭށެވެ”، (ސޫރަތުލް ބަގަރާގެ 168 ވަނަ އާޔަތް)، އެހިނދުގައި ސަޢުދު ބިން އަބީ ވައްގާޞް-ރަޟިޔަﷲ ޢަންހު- ކޮޅަށް ތެދުވެވަޑައިގެން ދެންނެވިއެވެ. ” އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަކީ ދުޢާ މުސްތަޖާބު ބޭފުޅެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކޮށް ދެއްވާށެވެ” ، ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއވިއެވެ. ” އޭ ސަޢުދު އެވެ. ތިބާގެ ކާނާއަކީ ޙަލާލު އެއްޗެއް ކަމުގައި ހަދާހުށިކަމެވެ. އޭރުން ތިބާއަކީ ދުޢާ މުސްތަޖާބު ބޭފުޅަކަށްވާނެއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މީހަކު ޙަރާމް ތަކެތިން ކޯވަރެއްގެ މިންވަރަށް އަގަޔަށްލީކަމުގައިވީ ނަމަވެސް ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ޢަމަލު ތައް މާތް ﷲ ގަބޫލު ނުކުރައްވާނެއެވެ. އެއްވެސް މީހެއްގެ ހަށިގަޑުގައި ޙަރާމް އެއްޗެއްކައިގެން މަސްޖަހާފައިވާނަމަ، އެމަސްތަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ”.

އަސާސް 7: ރިބާ ޙަރާމްކުރެއްވިގެންވުން
ރިބާގެ ވައްތަރުތައް
ރިބާގެ ދެ ވައްތަރެއްވެއެވެ. އެއީ:
1. ދަރަނީގެ ރިބާ
2. ވިޔަފާރީގެ ރިބާ
ރިބާއުއްނާސިޔާ، ނުވަތަ ޖާހިލިއްޔަ ރިބާ، ނުވަތަ ދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައެވެ.
ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާ އަކީ ދަރަނި އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއްބާވަތެއްގެ ދޭތި ބަދަލުކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަކަމެކެވެ.
މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ (ބޭންކު ފައިދާ) އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.
ރިބާ އަލްފަޟްލް: މިއީ ވިޔަފާރީގެ ރިބާއެވެ.
ރިބާ ހިނގާ ޝަރުތު ހަމަވެއްޖެނަމަ، ހަ ބާވަތެއްގައި ރިބާ ހިނގާކަމަށް ހުރިހާ ފިޤުހުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އެ ހަ ބާވަތަކީ: ރަން، ރިހި، ގޮދަން، ހިމަގޮދަން، ކަދުރު، ލޮނެވެ
. عُبَادَةَ بْنِ الصَّامِتِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ.
މާނައަކީ: “ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި ވިއްކާއިރު، އަދި ގޮދަނަށް ގޮދަން ވިއްކާއިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ވިއްކާއިރު، އަދި ކަދުރަށް ކަދުރު ވިއްކާއިރު، އަދި ލޮނަށް ލޮނު ވިއްކާއިރު، ވިއްކަންވާނީ އެއާއި އެއްވަރެއްގެ އެއްޗަކަށް، ހަމަހަމައަށެވެ. އަދި މި ބާވަތްތައް ތަފާތުނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.” ( رواه مسلم )
ރިބާ އަލްފަޟްލް ހިނގާ ބާވަތްތަކާއި އެ ބާވަތްތަކުން ކުރެވޭ މުޢާމަލާތްތައް ހުއްދަވާނެ ޙާލަތްތައް އަންގައިދޭ ޗާޓް9
ރަން ރިހި Wheatގޮދަން Barleyހިމަގޮދަން ކަދުރު ލޮނު
ރަން EM & SP SP No conditions No conditions No conditions No conditions
ރިހި SP EM & SP SP SP SP SP
Wheatގޮދަން No conditions SP EM & SP SP SP SP
Barley
ހިމަގޮދަން No conditions SP SP EM & SP SP SP
ކަދުރު No conditions SP SP SP EM & SP SP
ލޮނު No conditions SP SP SP SP EM & SP

ބޭނުން ކުރެވިފައިވާ ރަމްޒުތަކުގެ ތަފްޞީލު
SP- މުޢާމަލާތް ހުއްދަވުމަށް ޓަކައި އަތުން އަތަށް ބަދަލުކުރުން ލާޒިމްވުން spot exchange
EM & SP _ Equal Amount and Spot Exchange މުޢާމަލާތް ހުއްދަވުމަށް ޓަކައި އަތުން އަތަށް ބަދަލުކުރުން
ލާޒިމްވުމާއި އެކު މިނެކިރުމުގައި އެކަތި އަނެކެއްޗަށް ބަދަލުކުރެވޭ ވަރު ހަމަހަމަވެގެންވުން ލާޒިމުވުން
ރިބާއާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ނައްޞުތައް
އިސްލާމްދީނުގައި ރިބާވަނީ ޙަރާމްކުރައްވާފައެވެ.
ޤިޔާމަތް ދުވަހު ރިބާ ކާ މީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ :
الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ

މާނަ: ”ސޫދު(ރިބާ) ކާ މީހަކަށް، ޝައިޠާނާގެ ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަ ގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތް ﷲ މިކަމުގެ މައްޗަށް ގަދަ ނަޞޭޙަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެ މީހުން ދެމި ތިބޭނެތެވެ. ” (ބަޤަރާ :275)

ޖެހިގެން އޮތް އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

މާނައަކީ : ”ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.”(ބަޤަރާ :276)
ދެން 278 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާންވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ
މާނައަކީ : ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންނަކީ އީމާންވާ ބަޔަކު ކަމުގައިވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.”

ދެން 279 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެއްވިއްޖެ ކަމަށެވެ. އިންސާނެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވުމަކީ، ކިހާ ނުރައްކާތެރި ކަމެއްތޯއެވެ؟
فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ: ”މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.”
އައްސަރްޚަސީ ވިދާޅުވެފައި ވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތް ﷲ ބަޔާން ކުރައްވާފައި ވާ ކަމަށެވެ.
ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިޠާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ.
ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ.
ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރެއްވުމެވެ.
ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިޤަކަށް ވުމެވެ.
ފަސްވަނަ ޢުޤޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.
އަދިވެސް ވަޙީކުރެއްވިއެވެ. (فَبِظُلمٍ من الذين هادوا حرّمنا عليهم طيّباتٍ أُحِلّتْ لهم وبِصَدّهم عن سبيلِ الله كثيراً ، وأَخْذِهِمُ الرّبا وقَدْ نُهُوا عَنْهُ وأكلهِم أموالَ النّاسِ بالباطلِ). މާނައީ: “ޔަހޫދީންނަށް ޙަލާލު ކުރެއްވިފައިވާ ރަނގަޅު އެއްޗެހިތަކެއް، އެބައިމީހުންގެ މައްޗަށް ތިމަންﷲ ޙަރާމްކުރެއްވީ، އެޔަހޫދީންގެ ފަރާތުން އަނިޔާވެރިވެ، ނުބައިކަންތައްކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުން މާތް ﷲގެ މަގުގައި ހުރަސްއަޅައި، އެމަގު ފިޔަވައި ގިނަފަހަރަށް މަނާކުރުމުގެ ސަބަބުންނެވެ. އަދި އެބައިމީހުންނަށް ނަހީވެގެންވުމާއިއެކު އެބައިމީހުން ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި މީސްތަކުންގެ މުދާތައް، ބާޠިލްގޮތުގައި އެބައިމީހުން ކެއުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ތެރެއިން ކާފިރުންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަން ﷲ ތައްޔާރުކުރައްވާހުށީމެވެ”. (ސޫރަތުއްނިސާ ގެ 160 ވަނަ އާޔަތް)

ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (إنَّ مِنْ أَرْبَى الرِّبَا الِاسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ).
رواه أحمد وأبو داود وصححه الألبانى فى صحيح الجامع
މާނައަކީ: “އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ”

ރިބާ ޙަރާމްކުރެއްވުމުގެ ޙިކުމަތް
ރިބާ ޙަރާމްކުރެވިފައިވަނީ އޭގެ ސަބަބުން:
1. އަނިޔާވަރިކަމުގެ ދޮރުތައް ހުޅުވޭތީއެވެ.
2. ފަޤީރުން އިތުރަށް ފަޤީރުވާތީއެވެ.
3. އިޤްތިޞާދަށް ފައިދާވާ ފަދަ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫޙު ނެތިކޮށްލާތީއެވެ.
އަދިވެސް މިފަދަ އެތައް ބައިވަރު ސަބަބުތަކަށްޓަކައެވެ.

މި މައުޟޫގެ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.
http://islamicaffairs.gov.mv/ribaa-behigenvaa-baithah

އަސާސް 8: ދައުލަތުގެ އިޤްތިޞާދު ހިންގާނެގޮތުގެ އިރުޝާދުތައް
ޙާލަތު ނިޔާކުރާގޮތުން، ސަރުކާރަށް ބައެއް އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުވުމުގެ ބާރުލިބިފައިއެވެ. އެއީ ޙަރާމް ވިޔަފާރިއެއް ނުވަތަ ބޭއިންސާފުވެރިގޮތްތަކެއް ވިޔަފާރިކުރުމުގައި ގެންގުޅުން ފަދަ ޙާލަތްތަކެވެ. އަދި ބައެއް ޙާލަތްތަކުގައި އިޤްތިޞާދީ މަސައްކަތްތައްކުރުމަށް އަމުރުކުރުމުގެ ބާރުވެސް ސަރުކާރަށް ލިބިގެންވެއެވެ. އެއީ އިޤްތިޞާދު އަޑިއަޅާލައިފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ޤައުމީ ފެންވަރުގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން ލާޒިމުކުރުން ފަދަ ކަންކަމެވެ.
ޒަކާތް، ޚަރާޖު، ޖިޒްޔަ ނެގުމުގެ ނިޒާމްތަކުގެ ތެރެއިން ސަރުކާރަށް ނުސީދާގޮތުން ޤައުމުގެ އިޤްތިޞާދަށް ބާރުފޯރުވެއެވެ.
އިސްލާމީ ދައުލަތަކަށް ފައިސާ ހޯދޭނެ މަގުތައް؛
• ޒަކާތް؛ ޒަކާތަކީ ނިޞާބު ހަމަވުމުން ފޮރުވާފައި ހުންނަ ފައިސާ އިންނާއި، ދަނޑުގޮވާމުން، އަދި ވިޔަފާރި މުދަލުން ނެގޭ އެއްޗެކެވެ. ވީމާ، ނިޞާބު ހަމަވެއްޖެނަމަ ޒަކާތް ނެރެން ޖެހޭނެއެވެ. ނޫންނަމަ ސަރުކާރުގެ ފަރާތުން ޒަކާތް ނެރުމަށް މަޖްބޫރު ކުރުވަން ޖެހޭނެއެވެ.
• ޓެކްސް: އިސްލާމީ ފިގްހުގައި ޓެކްސްގެ މަފްހޫމަކީ؛ ފައިސާވެރިންގެ މުދަލުން ސަރުކާރަށް ދެއްކުމަށް ކަނޑައެޅިފައިވާ ވަކި މިންވަރެކެވެ. އެމިންވަރެއް ސަރުކާރަށް ނެގެނީ ޢާއްމު ރައްޔިތުންގެ މަޞްލަޙަތުހުރި ޟަރޫރީ ބޭނުންތައް ފުއްދުމަށްޓަކައެވެ. މިގޮތުން ނެގޭ އެއްޗެއްވާން ޖެހޭނީ ވަގުތީ އެއްޗަކަށެވެ. ޔަޢުނީ ޓެކްސް ނެގެން ޖެހޭނީ ރައްޔިތުންނަށް ބޭނުންވެފައިވާ ވަކި ކަމެއް ކުރުމަށްޓަކައެވެ. އެކަމެއް ފުދުމުން ޓެކްސް ނަގައިގެން ނުވާނެއެވެ. ޓެކްސް ނެގުމަށް މެދުވެރިވެފައިވާ ޙާލަތު ފިލައި ދިޔުމުން އިތުރަށް ޓެކްސެއް ނެގިގެން ނުވާނެއެވެ.8
• ބިމުގައިވާ މަޢާދިނާއި ރިކާޒް (ފޮރުވުމަށްޓަކައި ބިމުއަޑީގައި ވަޅުލާފައި ހުންނަތަކެތި)،
• ޚަރާޖު، ޖިޒްޔަ

ނިންމުން
އިސްލާމީ އިޤްތިޞާދު ގެ އުސޫލުތަކަކީ އެއިން މުޅި އިންސާނިއްޔަތަށް ފައިދާ ލިބޭ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކެކެވެ. މި ނިޒާމުގެ އެންމެހައި ކަންކަން ބައްޓަން ކުރެވިފައިވަނީ ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިންނެވެ.

و صلى الله وسلم على نبينا وحبيبنا محمد وعلى آله وصحبه أجمعين. و الحمد لله رب العالمين.

Reference
1. Islamic Culture, Umm al Qura University
2. Dr. Abid Al Abdaaly
3. Faleel Jamaldeen
4. History of Islamic Economic Thought
5. Ismail Kamdar
6. د عياض عبداللطيف حفظه الله
7. دائرة معارف الأسرة المسلمة
8. د عياض عبداللطيف حفظه الله
9. Dr. Tariq Anqawi (2017). Muzakkira Muqarrar Ar-Riba. Al-Maab Publishers

المصادر:
أصول الاقتصاد الإسلامي ؛ د محمد السريتي
مبادئ الاقتصاد الإسلامي ؛ د عابد بن عابد بن راجح العبدالي
الثقافة الإسلامية 3 ؛ جامعة أم القرى
الربا و الغرر؛ د طارق عنقاوي
(تاريخ فكرة الاقتصادي الاسلامي) ؛ جامعة ملك سعدHistory of Islamic Economic Thought

ޚިޔާލު ފާޅުކުރައްވާ

  1. Barakallah Laka. Very good Article. May Allah bless you.

  2. މޫސަ

    ވަރަށް ފުރިހަމަ ލިޔުމެއް