Follow us on
ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތައް
| މުޙައްމަދު މަޢޫން

މި އާރޓިކަލްގައި ބަލައިލެވިފައިވާނީ ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތަކަށާއި، ރަނގަޅު ނަތީޖާއެއް ހޯދުމަށް އެހީވެދޭ ބައެއް ކަންތައްތަކުގެ މައްޗަށެވެ. މި މަޢުލޫމާތުތައް ނެގިފައިވަނީ ފިލާވަޅު ދަސްކުރުމުގެ ފަންނާއި ބެހޭގޮތުން ކަމުގެ މާހިރުން ލިޔުއްވާފައިވާ ބައެއްލިޔުންތަކުންނާއި، އަދި ޢިލްމު އުނގެނުމުގެ އުސްލޫބުތަކާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ލިޔުއްވައިފައިވާ ބައެއް ލިޔުންތަކުންނެވެ.

ފުރަތަމަ އުކުޅު: ވަކި އިންތިޒާމަކުން ފިލާވަޅު މުރާޖަޢާކުރުން
ފިލާވަޅު މުރާޖަޢާކުރަން ފެށުމުގެ ކުރިން މުރާޖަޢާކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއްހަދާށެވެ. މިގަޑީގައި ކިޔާނީ ކިތައް ޗެޕްޓަރތޯ، ނުވަތަ ހަދާނީ ކިތައް ތަމްރީންތޯ ކަނޑައަޅާށެވެ. މުރާޖަޢާކޮށް ނިމުމުން އުއްމީދުކުރި ނަތިޖާ ޙާސިލްކުރެވުނުތޯ ބަލަންޖެހޭނެއެވެ. އަދި ފިލާވަޅުތަކުގެ މައިންޑް މެޕްސް ހެދުމާއި ފިލާވަޅު އަމިއްލައަށް ޚުލާސާކޮށްފައި ވަކި ނޯޓްފޮތެއްގައި ލިޔުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. އަމިއްލަ އަތުން ލިޔެފައިވާއެއްޗެހި ކިޔަން ހުންނަ ޝައުޤުވެރިކަން ބޮޑުވުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ.

ދެވަނަ އުކުޅު: ގްރޫޕް ސްޓަޑީސް ހެދުން
ކުލާހުގެ އެހެންކުދިންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރުމުން ފޫހިކަމެއްނެތި ގިނައިރު ވަންދެން މުރާޖަޢާކުރެވޭނެއެވެ. ގްރޫޕް ސްޓަޑީގެ ސަބަބުން ކުރެވޭ މަސައްކަތްތައް ގިނަވާނެއެވެ. އެކަމަކު ގްރޫޕް ސްޓަޑީއިން އެދެވޭ ނަތީޖާއެއް ނުކުންނާނީ ބޭކާރު ވާހަކަޔާއި ކަންތައްތަކުން ދުރުވެ ސީރިއަސްކަމާއެކު މުރާޖަޢާކުރެވޭނަމައެވެ.

ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ. والله في عون العبد ما كان العبد في عون أخيه އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ. މިއީ ސަޙީޙް މުސްލިމްގައި އައިސްފައިވާ ހަދީޘެކެވެ.

ޞަޙީޙުލް ޖާމިޢުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. ﷲތަޢާލާގެ އަތްޕުޅުވަނީ ޖަމާޢަތާއިއެކުގައެވެ. މި ހަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން ހެޔޮކަމެއްގައި ކުރިޔަށްދާނަމަ، ﷲތަޢާލާ އެބަޔަކަށް ވާގިދެއްވުމާއި ނަޞްރާއިކާމިޔާބު ދެއްވުމުގައި ވޮޑިގެންވާނެއެވެ.

ތިންވަނަ އުކުޅު: ދުރާލާ މުރާޖަޢާކުރަންފެށުން
ހަނދާންނުނެތޭ ވަރަށް ދަސްކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު ގޮތަކީ ތަކުރާރުކޮށް އެއެއްޗެއްކިޔުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެ އެއްޗެއް ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ.

ހަތަރުވަނަ އުކުޅު: އޮފްލައިންވޭ!
އުނދަގޫ މާއްދާއެއް މުރާޖަޢާކުރާނަމަ، ފޯކަސް، ގެއްލި އެމާއްދާ މުރާޖަޢާކުރުން ހުއްޓާލާ، ފޯނާއި ކުޅުން ފަދަ ކަމެއްކުރެވެން ފެށުމަކީ ވަރަށްގިނަ ދަރިވަރުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން މުރާޖަޢާކުރާއިރު ފޯނު ނިންވާލުމާއި، އޮފްލައިންވުމަކީ ވަރަށް މުހިންމުކަމެކެވެ.

Daniel Goleman ލިޔުއްވައިފައިވާ Focus: the driver of excellence ގައި ވިދާޅުވެފައިވެއެވެ. ”ބޭކާރު މަޢުލޫމާތުތައް ތިބާގެ ސިކުނޑިއަށް އެޅޭ ވަރަކަށް ތިބާގެ ކޮންސެންޓްރޭޝަން ލެވެލް ދަށްވެއެވެ. އަދި އަޅުގަނޑުމެންގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ހެދިފައިވާ ބައެއް ވަޞީލަތްތަކަކީ އަޅުގަނޑުމެންގެ ވަޤުތުތައް ބޭކާރުގޮތުގައި ނަގައިލުމަށް އެހީތެރިވެދޭ ތަކެއްޗެވެ. މިކަންކަމަށް ތިބާ އިންޓަނެޓް ބޭނުންކުރަން ފެށުމުގެ ކުރިން ނުވަތަ ސޯޝަލް މީޑިއާއަށް ވަނުމުގެ ކުރިން ނުވަތަ އެކި އޮންލައިން ނޫސްތަކުން ޚަބަރުކިޔަންފެށުމުގެ ކުރިން ވިސްނާލުން ހުއްޓެވެ.”

Promodoro technique ފަސްވަނަ އުކުޅު:
މި ޓެކްނިކް ބޭނުންކުރާއިރު ކޮންމެ 35 މިނިޓަކުން އެލާމް ވާގޮތް ހަދާށެވެ. 35 މިނިޓް ވަންދެން މުރާޖަޢާކޮށްފައި، ފަސްމިނެޓްގެ ބްރޭކެއްނަގާށެވެ. މިގޮތަށް މުރާޖަޢާކުރުމުން ފޫހިނުވެ ގިނައިރުވަންދެން މުރާޖަޢާކުރެވޭނެއެވެ.

ހަވަނަ އުކުޅު: ދަސްކުރެވުނުވަރު ބެލުން
ފޮތްކިޔާ ނިންމާލަމުން ދަސްކުރެވުނުވަރު ބެލުމަށްޓަކައި ތަމްރީނެއް ނުވަތަ ކުޑަ ޓެސްޓެއް ހަދާށެވެ.  ފިލާވަޅު ދަސްކުރާނިންމާތަނުން މިގޮތަށް އެނގުނުވަރު ބަލާކަމުގައިވާނަމަ، ސިކުނޑީގައި މަޢުލޫމާތުހަރުލުމުގެ ރޭޓް 30 ޕަސެންޓް އިތުރުވެއެވެ.

މި ދާއިރާގެ ޢިލްމުވެރިން ދެކޭގޮތުގައި ދަސްކޮށްފައިވާ އެއްޗެއް ހަނދާނުގައި ގިނަދުވަހު ބެހެއްޓުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅުކަމަކީ ދޭތެރެ ދޭތެރެއިން އަމިއްލައަށްވެސް ޓެސްޓްހެދުމެވެ. މިގޮތަށް ޓެސްޓްހެދުމުން ފިލާވަޅުން ތިމާއަށް ނޭނގޭ ބައިތަކަކީ ކޮބައިކަންވެސް އެނގޭނެއެވެ.

ޕާސްޓްޕޭޕަރ ހެދުމަކީ މިގޮތުން ޓެސްޓްކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ފޮތްކިޔާނިންމާފައި، ފިލާވަޅުތަކުގެ ތަމްރީންތަކުގެ އެހީގައި އެނގިފައިވާ މިންވަރުބެލިދާނެއެވެ.

ހަތްވަނަ އުކުޅު: ކިޔަވައިދިނުން
އިސްވެދެންނެވިފަދައިން އަމިއްލަ ނަފުސު ޓެސްޓްކުރުމަށްފަހު އެހެންމީހަކަށްކިޔަވައިދޭށެވެ. އެހެންމީހުންނަށް ކިޔަވއިދީގެން ދަސްކުރާއެއްޗެހި ހަނދާނުގައި ހުންނަ ހުރުމަށް ކިޔަނީ the protégé effect އެވެ. އެހެންމީހަކަށް ކިޔަވައިދެވޭނީ ކިޔަވައިދެވޭ މަޢުލޫމާތު ތިމާއަށް ރަނގަޅަށް ފަހުމްވެގެންނެވެ. ކިޔަވައިދިނުމަށްޓަކައި ފިލާވަޅުގެ މަޢުލޫމާތުތައް ވީހާވެސް ތިލަކޮށް ފަސޭހައިން ދޭހަވާނެގޮތަކަށް ޝަރަޙަކުރާށާއި މަޢުލޫމާތު މަރުޙަލާކުރަން ޖެހޭނެއެވެ. ކިޔަވައިދިނުމަށްޓަކައި މިދެންނެވި ހުރިހާގޮތަކަށް ފިލާވަޅު ”ކޮށާމަށާލަން” ޖެހޭއިރު ފިލާވަޅެއް އެހެން ކުއްޖަކަށް ކިޔަވައިދިނުމުން ތިމާއަށް ހުންނާނީ ފިލާވަޅު ވަރަށް ރަނގަޅަށް ފަހުމްވެފައެވެ. އަދި އެފިލާވަޅު ގިނަ ދުވަހު ހަނދާންވެސް ހުންނާނެއެވެ.

ރަނގަޅު ނަތީޖާއެއް ޙާޞިލްކުރުމަށް އެހީވެދޭނެ މުހިންމު ސަބަބުތައް

1- ތަޤްވާވެރިކަން އިތުރުކުރުން
ތަޤްވާވެރިކަމަކީ ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އަދި ނަޙީތަކުން ދުރުވެގަތުމެވެ.   ސިއްރާއި ފާޅުގައި ތިމާގެހުރިހާ ކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަން އަބަދާއި އަބަދު ހަނދާނުގައި ބެހެއްޓުމެވެ. ތަޤްވާވެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއްކަންކަމުގެ ތެރޭގައި ކީރިތި ޤުރުއާންކިޔެވުން އާދަކުރުމާއި، ވާރިދުވެފައިވާ ދުޢާތަކާއި ޒިކުރުތައް ކިޔުން ދޫކޮށްނުލުމާއި، ސުންނަތް އަޅުކަންތައްތަކަށް ކުޅަދާނަވީވަރަކުން ރައްކާތެރިވުމާއި، ކޮންމެ ކަމެއްގައިމެ ﷲ އަށް ވަކީލުކޮށް އެކަލާނގެ ހަޟުރަތުން ވާތްގަށްއެދުން ހިމެނެއެވެ.

ތަޤްވާވެރިކަން އިތުރުވާވަރަކަށް، ތިމާގެ ހިތްމަޑުވެ، ހިލަކަން ފިލާ، ހިތްސާފުވާނެއެވެ. ބޭކާރު ޚިޔާލުތަކާއި ވަސްވާސްތަކުން ސަލާމަތްވެވި، ސަމާލުކަން (concentration)  އިތުރުވާނެއެވެ. ތިމާގެ ޢިލްމުވެރިކަމާއި އެއްވަރަށް ތަޤްވާވެރިކަން އިތުރުކުރަންޖެހެއެވެ. ތަޤްވާވެރިކަމާއި ޢިލްމާއިހުރި ގުޅުން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ހާމަވެގެންދެއެވެ.

وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ – ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ [2:282].

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ. | وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾ – އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ. [65:4]

2- ދުޢާކުރުން
رَبِّ زِدْنِي عِلْمًا – މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!

اللهُمَّ زِدْني عِلْمًا وإيْمَانًا وَيَقِيْنًا – މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އަށް ޢިލްމާއި އީމާންކަމާއި ޢަޤީދާގެ ޔަޤީންކަން އިތުރު ކޮށްދެއްވާނދޭވެ!

رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي – މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا – މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އެ ޢިލްމަކުން މި އަޅާ އަށް މަންފާ ނުކުރާނޭ ޢިލްމުންނާއި، އިބަ ރަސްކަލާނގެ އަށް ބިރުވެތި ނުވާ ހިތަކުންނާއި އިބަ އިލާހަށް ކިޔަމަން ނުގަންނަ ނަފްސަކުންނާއި އިޖާބަ ނުކުރައްވާނޭ ދުޢާއިން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلا مُتَقَبَّلا – މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! މަންފާ ކުރަނިވި ޢިލްމަކާއި ރަނގަޅު ރިޒްޤަކާއި އިބަ އިލާހުގެ ޙަޟްރަތުގައި ޤަބޫލުވަނިވި ޢަމަލެއް މި އަޅާ އަށް ދެއްވުން އެދި އިބަ ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.

اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي, وَعَلِّمْنِي مَا يَنْفَعُنِي, وَزِدْنِي عِلْمًا – މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އިބަ ރަސްކަލާނގެ މި އަޅާ އަށް ދެއްވި ޢިލްމުން މިއަޅާ އަށް މަންފާ ކޮށްދެއްވާނދޭވެ! އަދި މިއަޅާ އަށް މަންފާކުރަނިވި ޢިލްމެއް މިއަޅާ އަށް އުނގަންނަވައިދެއްވާނދޭވެ! އަދި މިއަޅާ އަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ

އެ ދުޢާތަކުގެ އިތުރުން އެ ކުއްޖަކު ވަކި ގޮތަކަށް ދުޢާ ދަންނަވަން ބޭނުން ނަމަ، އެ ކުއްޖެއްގެ ހިތުގައި އޮތް ގޮތަކަށް ދަންނަވާށެވެ. ދިވެހި ބަހުން ވެސް ދުޢާކުރެވޭނެ އެވެ. ވަކި ބަހަކުން ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ.

މައިންބަފައިން ދަރިންގެ މައްޗަށް ކުރާ ދުޢާ އިޖާބަވެގެންވެއެވެ. މީގެއިތުރުން ބަންގި އާއި ޤަމަތާއިދޭތެރޭގަޔާއި ވާރޭވެހޭވަގުތާއި، ރޯދަވީއްލުމުގެ ކުރިންނާއި ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަވެގެންވާ ވަގުތުތަކެވެ. ނަބަވީ ސީރަތުން އަޅުގަނޑުމެންނަށް އިރުޝާދު ލިބެނީ ކަންކަންފަހިވުމަށް އޮންނަ ސަބަބުތަކުގައި ހިފުމަށްފަހު ދެން ދުޢާކުރުމެވެ. މަސައްކަތްކުރާ ހާލު އެކަން ކާމިޔާބުކޮށްދެއްވުން އެދި ކަށަކުޅަދުންވަންތަ އިލާހުގެ ހަޟްރަތުގައި ދެންނެވުމެވެ.ނަމާދުކުރުން ނުވަތަ ޒިކުރުކުރުން ފަދަ ސިކުނޑިއަށް ހަމަޖެހުންގެނެސްދޭ ކަންކަން ކުރުމުން ސިކުނޑީގައި އާ ނިއުރޯންސް އުފެދެއެވެ.

3- ފާފަތަކުން ދުރުވުން
ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުލައްތަކެއްޖެހި، ހިތް ކަޅުވެގެންދެއެވެ. މިކަން ބަޔާންކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

އެއްދުވަހަކު އިމާމް ޝާފިޢީ އެކަލޭގެފާނުގެ އެދުވަހުގެ ފިލާވަޅު ދަސްކުރުން އުނދަގޫވެގެން އެކަމުގެ ޝަކުވާ އެކަލޭގެފާނުގެ އުސްތާޒު އިމާމް ވަކީޢްއަށް ކުރިއެވެ. އެހިނދު އިމާމް ވަކީޢް އިމާމް ޝާފިޢީގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ. ”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ. ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’

4- ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފުން
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ. اللهم بارك لأمتى فى بكورها ކީރިތި ރަސޫލާ ކުރެއްވި ދުޢާ ގެ މާނައިގައި ވެއެވެ.

” ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”

ދުވަހުގެ ހެނދުނު ވަގުތުތަކުގައި ފިލާވަޅު ދަސްކުރުމުން، އެފިލާވަޅު އަވަހަށް ދަސްވެ، ހަނދާނުގައި ހުންނާނެއެވެ.

5- ފުރިހަމަ ނިދިހޯދުން
ފުރިހަމަ ނިންޖަކީ މަޢުލޫމާތު ސިކުނޑީގައި ހަރުލެއްވުމަށާއި ޕްރޮސެސްވުމަށް ކޮންމެހެންވެސް ބޭނުންވާއެއްޗެކެވެ.

6- ބޭކާރުކަންކަމުގައި ވަގުތު ހޭދަނުކުރުން
ފިލާވަޅުދަސްކުރަން ވަގުތުނުވާކަމުގެ ޝަކުވާއަކީ ޢާއްމު ޝަކުވާއެކެވެ. އެކަމަކު ރަނގަޅަށް ޓައިމް މެނޭޖުކުރާނަމަ މިކަމަށް ބޭނުންވާ ވަގުތު ރަނގަޅަށް ލިބޭނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. | (من حسن إسلام المرء تركه ما لا يعنيه) حديث حسن رواه الترمذي وغيره. _ ”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.” މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.

ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. ޢަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.” އަދި އެހެން ހަދީސެއްގައިވެއެވެ. | “نعمتان مغبون فيهما كثير من الناس: الصحة والفراغ” – އެ ދެނިޢުމަތަކަށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން މީސްތަކުންނަށް ގެއްލުންލިބޭ ދެ ނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ. – ސަޙީހް ބުޚާރީ

* ހިއްމަތްތެރިކަން އިތުރުކޮށްދޭފަދަ ހަދީސްތަކާއި ޢިބާރާތްތައް ފެންނަފަށުގައި ބެހެއްޓުމަކީ ހިތްވަރުއެލޭ ދަނޑިވަޅުތަކުގައި ހިތްވަރު އާލާކޮށްދޭ ކަމެކެވެ. މިގޮތުން ތިރީގައި މިގެނެސްދެނީ އެފަދަ ބައެއް motivational quotes އެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. | قال رسول الله {صلى الله عليه وسلم} المؤمن القوي خيرٌ وأحب إلى الله من المؤمن الضعيف وفي كل خير احرص على ما ينفعك واستعن بالله ولا تعجز – صحيح مسلم

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. ” (ދުނިޔެއާއި އާޚިރަތުގައި) ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ދަހިވެތިކަމާއިއެކު މަސައްކަތްކުރާށެވެ. އަދި ﷲގެ ވާގިފުޅު އެދޭށެވެ. އަދި ނިކަމެތިވެ ނުގަންނާށެވެ..”

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވާފަދައިން ދުނިޔެއާއި އާޚިރަތުގައި ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ޖޯޝާއިއެކު މިންނެތް މަސައްކަތްކުރާށެވެ. އެކަންކަމުގައި ނިކަމެތިވެނުގަންނާށެވެ.

ޢަރަބި ޝާއިރަކު ވިދާޅުވެފައިވެއެވެ. ”ގޮވާންކުރުމުގެ މޫސުމުގައި ތިބާ މުޑުވަށްކޮށް ގޮވާން އިންދާ އެބޮޑުކުރުމަށް ފެންދީ އަދި މިނޫންވެސް މިފަދަ މަސައްކަތްތައް ނުކޮށްހުއްޓާ ގޮވާންކެނޑުމުގެ މޫސުން އައުމުން ރަނގަޅު ގޮވާމެއްނުލިބުމުން ކުރިން ގޮވާންކުރުމުގެ މޫސުމުގައި ފަރުވާކުޑަކުރެވުނުކަމުގެ މައްޗަށް ދެރަވެ ހިތާމަކުރަންޖެހޭނެއެވެ.”

ޚިޔާލު ފާޅުކުރައްވާ