Follow us on
الوكالة
| ފާނޫޒް.ކޮމް

އަލްވަކާލާ ނުވަތަ އަލްވިކާލާ މި ބަހުގެ މާނައަކީ ރައްކާތެރި ކުރުމެވެ. އަދި އެހެން ފަރާތަކާ ކަމެއް ހަވާލުކުރުމަށާއި، ޖާމިނުވުމުގެ މާނައިގައި ބޭނުންކުރެވޭ އަރަބި ލަފްޒެކެވެ. ގިނަ މިހުން ދެކޭގޮތުގައި ވަކާލާތު ކުރުމަކީ ކަމަކާބެހޭ ގޮތުން ނުވަތަ މައްސަލައަކާ ބެހޭގޮތުން މީހެއްގެ ބަދަލުގާ އެހެން މީހެއް ކަނޑައަޅާ އެ މީހެއް ނުވަތަ މައްސަލައެއް ދިފާއު ކޮށް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމެވެ. ތިމާގެ އަމިއްލަ ކަމެއް އެހެން މީހަކާ ނުވަތަ އެހެން ފަރާތަކާ ހަވާލުކުރުމަކީ ވަކީލުކުރުމެވެ. ނުވަތަ ވަކާލާތުކުރުމެވެ. އެހެނަސް ދިވެހިބަހުގެ ރަދީފުގައި ވަކީލުކުރުން މާނަކޮށްފައިވަނީ ކަމެއް ނިމިގެން ދާނެގޮތް އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިންވަރުފުޅުގައިވާ ގޮތެއްގެ މައްޗަށް ކަމަށް ހިތް ނިޔަތް ޚަލާސްކުރުމަށެވެ.

އަޞްލު ޙަޤީޤަތުގައި ވަކީލުކުރުމަކީ: ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ އިލާހަށް ބަރޯސާވުމެވެ. އަދި އެކަންކަންވަނީ އެއިލާހުގެ އަތްޕުޅުގައިކަން ކަށަވަރުކުރުމެވެ. ފަހެ އެއިލާހު އިރާދަކުރައްވާނަމަ އެކަންކަން ނުވާނެއެވެ. އަދި އިރާދަކުރައްވާނަމަ އެކަމުގެ އިދިކޮޅު މެދުވެރިކުރައްވައެވެ. އަދި އެއިލާހު އިރާދަކުރައްވާނަމަ އެކަންވުމަށް ހުރަސްއެޅޭފަދަ ކަންކަން މެދުވެރިކުރައްވައެވެ.

ވަކީލުކުރުން ޝަރުޢުކުރެއްވުން

ވަކީލުކުރުން ނުވަތަ ވަކާލާތު ކުރުމަކީ ޤުރުއާނާއި ސުންނަތުން ސާބިތުވެފައިވާ މުއާމަލާތެކެވެ. ނިޝާއު ސޫރަތުގެ 35 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައި ވެއެވެ.
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا ۗ إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا (النساء 35(
މާނައީ “އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި އެކަމާމެދު ތިޔަބައިމީހުން ބިރުގަތްފިނަމަ އެކަލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ސުލްހަ ކުރުމަށް އެދެމީހުން ގަސްދުކުރާ ނަމަ ﷲ އެދެމީހުން ސުލްހަކުރަށްވާ އެއްބަސްކުރައްވާފާނެއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ހަބީރުވަންތަ ރަސްކަލާނގެއެވެ. ﷲގެ މި ވަހީ ބަސްފުޅުން އެނގޭ ގޮތުގައި ވަކާލާތުކުރުމާއި ވަކީލުކުރުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގާ ހުއްދަ ކަމެކެވެ.

ވަކީލުކުރުމުގެ ޙުކުމް

ވަކީލުކުރުމަކި މުބާހުކަމެކެވެ. އެހެނީ އިސްލާމް ދީނުގާ ހަރާމް ކުރަށްވާފައިނުވާ ނުވަތަ ނަހީ ކުރައްވާފައި ނުވާ ކޮންމެ ކަމެއްގައި ވަކާލާތު ކުރެވިދާނެއެވެ. އެހެނަސް ޝަރުޢީ ހައިޘިއްޔަތުގެ ސަބަބުން ވަކާލާތު ކުރުމުގެ ޙުކުމް ތަފާތުވަކަމަށް އިލްމުވެރިން ލިޔުއްވައެވެ. އެގޮތުން ސުންނަތް ކަންކަމަސް ވަކާލާތުކުރުމަކި ސުންނަތެވެ. ހަމައެހެންމެ ޙަރާމްކަކަމަކަށް ވަކާލާތުކުރުމަކީ ޙަރާމްކަމެކެވެ. މީހަކަށް ލިބޭ ގެއްލުމަކުން މީހާ ސަލާމަތް ކޮށްދިނުމަށް ވަކާލާތުކުރުމަކީ ވާޖިބެކެވެ.

ވަކާލާތު ކުރުމަކީ ﷲ ޖާއިޒް ކުރަށްވާފައިވާ މުއާމަލާތެކެވެ. ވަކާލާތު ކުރުން ޖާއިޒް ކަންކަމުގެ ތެރޭގައި ﷲގެ ހައްގު ތަކާއި އިންސާނުންގެ ހައްގުތަށް ހިމެނެއެވެ. އެގޮތުން ﷲގެ ހައްގު ތަކަކީ ޒަކާތް، ކައްފާރާ ފަދަ ކަންކަމެވެ. އަދި އިންސާނުންގެ ހައްގުތަކަކީ ވިޔަފާރި އާއި ވަޒީފާ އަދާކުރުން ފަދަ ކަންކަމެވެ.

ވަކާލާތު ނުވަތަ ވަކީލުކުރުން ހުއްދަވާ ކަންކަން ވީފަދައިން ހަރާމް ކަންކަންވެސް ވެއެވެ. ވަކާލާތުކުރުން ހަރާމް ކަންކަމަކީ ޒިނޭ، ހައްދު، ނަމާދު، ފަދަ ކަންކަމެވެ. މި ހުރިހާ ކަމަކީވެސް ވަކާލާތުކުރުން ހަރާމް ކަންކަމެވެ. ވަކާލާތު ފަސްހުވާ ހާލަތް ނުވަތަ ކަންކަމަކީ ވަކީލު ވަކީލުކަމުން ދުރުކުރުން، ވަކީލު ކުރި ކަންތަށް ނިމުން، ވަކީލު އިސްތިއުފާ ދިނުން، މުވައްކިލާއި ވަކީލު ފުށުއެރުން ފަދަ ކަންކަމަކީ ވަކާލާތު ފަސްހުވާ ކަންކަން ކަމަށެވެ. މި ހާލަތްތަށް ނުވަތަ ކަންކަން ދިމާވުމުން ވަކާލާތުގެ މުއާމަލާތް ފަސްހުވާނެއެވެ.

ވަކާލާގެ ރުކުންތައް

ވަކީލުކުރުމުގެ ހަތަރު ރުކުނެއް ވެއެވެ. އެއީ:
* ޙަވާލުކުރާފަރާތް
* ޙަވާލުވާފަރާތް
* ޙަވާލު ކުރާމީހާއާއި، ޙަވާލުވާމީހާގެ ބަސް
* ޙަވާލުކުރާކަންތައް

ވަކީލުކަން ޞައްޙަވުމުގެ ޝަރުތުތައް

ވަކީލުކަން ޞައްޙަވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތުތަކެއްވެއެވެ.

މުވައްކިލުގެ ޝަރުތުތައް

މުވައްކިލަކީ ތިމާގެ އަމިއްލަ ކަމެއް ކުރުމަށް އެހެން މީހަކަށް ހަވާލުކުރާ މީހާއެވެ. މިފަދަ މީހެއްގެ ކިބައިގައި މިލްކުވެރިކަމުގެ ސަބަބުން ނުވަތަ ވިލާޔަތުގެ ސަބަބުން ތަޞައްތަފު ކުރުމަށް އެހެންމީހަކާއި ހަވާލުކުރާކަމެއް، ސީދާ އަމިއްލައަށް ތަޞައްރުފުކުރުން ޞައްޙަވުން ޝަރުތުވެގެންވެއެވެ. އެހެނީ އެކަންކުރުމަށް އެެހެންމީހަކާ ހަވާލުކުރުމުގެ ކުރިންވެސް އެކަންކުރުމުގެ ޝާރުޢީޙައްޤު، މުވައްކިލަށް ލިބިފައިވުމެވެ. އަދި ކުރުމަށް އެހެންމީހަކާ ހަވާލުކުރި ކަންތައް، މުވައްކިލު އަމިއްލައަށް ކުރުމުން އެކަން ޞައްހަވުމާއެކު އޭގެމައްޗަށް ޝަރުޢީ ޙުކުމްތައް ބިނާވެގެންދިއުމެވެ.

އަދި މީގެ އިތުރުން މުދަލަކުން ތަޞައްރަފު ކުރުމަށް އެހެންމީހަކާއި ޙަވާލުކުރެވޭނީ ބާލިޣުގެ ބުއްދި ސަލާމަތުން ހުރުމާއެކު އަމިއްލަ މުދަލުން ތަޞައްރަފުކުރުން މަނާކުރެވިފައި ނުވާމީހަކަށެވެ. ބައްޕައަށް ކާފައަށް، އެމީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ މުދަލުން ތަޞައްރުފު ކުރުން އެހެން ފަރާތަކާއި ޙަވާލުކުރެވިދާނެއެވެ.

ވަކީލުގެ ޝަރުތުތައް

ވަކީލުންނަކީ އެހެންމީހެއްގެ ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޙަވާލުވެ، އެކަންތަކުގެ ވެރިޔާގެ ނައިބެއްގެ ގޮތުގައި އޭނާގެ ފަރާތުން އެކަންކަން ކުރާ މީހާއެވެ. ވަކީލުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:
* އޭނާއާއި ކުރުމަށް ޙަވާލުކުރެވޭ ކަންތަކަކީ އޭނާ އަމިއްލައަށް ކުރުން ޞައްޙަވެގެންވާ ކަމަކަށްވުން.
* ތަންދޮރު ވަކިކޮށް ދެނެނުގަނެވޭފަދަ ކުޑަކުއްޖަކަށް ނުވުން.
* މޮޔައަކަށް ނުވުން.
* މުދަލުގެ މުޢާމަލާތެއް ކަމުގައިވާނަމަ ވަކީލަކީ މުދާ ރަނގަޅު ގޮތުގައި ހޭދަކުރަނ އެނގޭ މީހަކަށްވުން.
* ވިޔަފާރިފަދަ ފެނުން ޝަރުތުވެގެންވާ ކަމެއްގައި ލޮލަށް ނުފެންނަ މީހަކަށް ނުވުން.
* ކައިވެނީގެ ކަމެއްގައި ވަކީލުކުރާނަމަ ވަކީލަކީ އިޙްރާމް ބަނދެގެންވާ މީހަކަށްނުވުން.
* ޢަދުލުވެރިއަކު ކަމުގައިވުމާއެކު އަމާނާތްތެރިއަކުކަމުގައިވުން

އިޖާބާއި ޤަބޫލު

އިޖާބާއި ޤަބޫލަކީ ޢަޤްދުގެ ޞީޣާއެވެ. އެއީ ކަމެއް ޙަވާލުކުރާ ފަރާތް (މުވައްކިލު) އެހެންމީހަކާއި ކަމެއް ހަވާލުކުރާމާއި އަދި މީހެއްގެ ކަމެއްކުރުމަށް ޙަވާލުވާ ފަރާތް (ވަކީލު) އެކަން ޤަބޫލުކުމެވެ. އިޖާބާއި ޤަބޫލުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ:
* ޞަރީހަބަހުން ނުވަތަ ވަށްބަހުން ވަކާލާރު ކުރުން ރުހިފާވާކަން މުވައްކިލުގެ ފަރާތުން ވަކީލަށް އެންގުމާއި، ވަކީލު އެކަން ޤަބޫލުކުރިކަން ބަޔާންކުރުމެވެ.
* ވަކާލާތުގެބަސް ނުވަތަ އިޖާބާއި ޤަބޫލު ވަކިކަމަކާއި މަތިކޮށްފައިވުން.

ވަކާލާ ފަސްޚްވުން

ތިރީގައި މިވަނީ ވަކާލާގެ ޢަޤްދު އުވިގެންދާނެ ކަންކަމެވެ.
* އަޤްދުކުރެވިފައިވާ ދެމީހުންކުރެ މީހަކު މަރުވުން ނުވަތަ މޮޔަވުން.
* ވަކީލުކުރެވުނު ކަންތައް ފުރިހަމަވުން.
* މުވައްކިލު އޭނާގެ ވަކީލު، ވަކީލުކަމުން ދުރުކުރުން.
* ވަކީލު އަމިއްލައަށް އިސްތިޢުފާ ދިނުން.
* ކުރުމަށް ޙަވާލުކުރެވިފައިވާ ކަންތައް މުވައްކިލުގެ ބާރުގެ ދަށުންދިޔުން.

ޚިޔާލު ފާޅުކުރައްވާ