Follow us on
الوقف
| އައިޝަތު ޝަމްހާ

އަރަބިބަހުގައި ވަޤުފްގެ މާނައަކީ ހުއްޓުވާލުން ނުވަތަ ބަންދުކުރުމެވެ. ނުވަތަ ﷲއަށް އެއްޗެއް ޙާއްސަކޮށް އެކަލާނގެ މަގުގައި ބެހެއްޓުމެވެ.

ފިޤުހުވެރިންގެ އިސްތިލާހު ގައި “ވަގުފަކީ އޭގެ އަސްލު ސަލާމަތުން އޮތުމާއެކު އެއިންމަންފާއެއް ހާސިލްކުރެވޭ ކަހަލަ މުދަލެއް ކީރިތި ﷲގެ ޙަޞްރަތައް ތަޤައްރުބް ވުމުގެ ގޮތުން ވަކިފަރާތަކަށް ހޭދަކުރެވޭ ގޮތައް ބަންދުކުރުމެވެ.”

ވަޤުފަކީ ، އޭގެ އަސްލު ދެމިއޮތުމާއެކު ، ހުއްދަކަމައް ނުވަތަ މަންފާއެއް ލިބެނިވި މުދަލެއްﷲއާ ކުއްތަންވުމުގެ ގޮތުން ، ހުއްދަކަމަށް ، ނުވަތަ މީހަކައް ނުވަތަ ބަޔަކައް ވަޤުފް ކުރުމެވެ..

ވަގުފްގެ ހުކުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

އޭގެ ދަލީލަކީ: “ތިޔަބައިމީހުން ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮއްގެން މެނުވީ ތިޔަބައިމީހުން ހެވެއްނުލިބޭނެއެވެ. އަދި ތިޔަބައިމީހުން ހޭދަކުރާކޮންމެ އެއްޗެއް ، ފަހެ ހަމަކަށަވަރުން ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެއެވެ.”
(އަލް އަމްރު 92)

އަދި އިންސާނާ މަރުވުމަށްފަހު އޭނާއަށް ޘަވާބު ލިބިދޭ ތަކެތީގެ ވާހަކަ ބަޔާން ކުރާ ބާބުގައި އިމާމު މުސްލިމު ރިވާކުރައްވާފައިވެއެވެ.

މާނައީ: އިންސާނާ މަރުވެއްޖެއްޔާ ތިން ކަމަކުން މެނުވީ އޭނަގެ އަމަލުތައް އޭނަގެ ކިބައިން ކެޑިގެން ހިގާދެއެވެ. އެއީ ހިނގަހިނގާ ހުންނަ ސަދަޤާތަކާއި، އެއިން މަންފާއެއްކުރާނެ އިލްމަކާއި އަދި އޭނާއައްޓަކައި ހެޔޮ ދުއާކުރާނެ ރަގަނޅު ސާލިހު ދަރިއެކެވެ.

މި ހަދީޘް ފުޅުގައި ހިނގަހިނގާ ހުންނަ ޞަދަޤާތަކީ ވަޤްފެކެވެ. އަދި ޞާލިހް ދަރިއަކީ މާތްﷲގެހައްގުތަކާއި އަޅުތަކުންގެ ހައްގުތައް އަދާކުރުމުގައި ޤާއިމް ވެހުންނަ މީހާއެވެ.

ވަޤްފު ޝަރުއު ކުރެއްވުމުގެ ހިކްމަތް:
1. ﷲ އާ ކުއްތަން ވުމުގެ ގޮތުން ، އެކަލާނގެ މަގުގައި މުދާ ހޭދަ ކުރުމުގެ ދޮރު ހުޅުވުން
2. މުއުމިން އަޅާގެ ކިބައިގައިވާ ، ﷲ އަށް ޢުބޫދިއްޔަތު ހާލިސްކުރުމުގެ ޝައުގު ވެރިކަން އިތުރުވުން
3. މޫއުމިން އަޅާ މަރުވުމައްފަހުވެސް އޭނާއައް ސަވާބު ލިބިލިބި ހުންނާނޭ ހެޔޮކަމެއް ދެމިހުރުން
4. މުސްލިމުންގެ ގިނަ ބޭނުންތަކެއް ފުދުން ، މިސާލަކައް ، މިސްކިތާއި ، މަދަރުސާފަދަ ތަންތަން ބިނާކުރުން5. ފަގީރުންނާއި ، މިސްކީނުންނާއި ، ޔަތީމުންނާއި ، ދަތުރުމަތީގައި ހާލުގައި ޖެހިފައިވާ މީހުންގެ ގިނަ ބޭނުންތަކެއް ފުއްދުން
(ޑރ.އަބްދުލް ސައްތާރް އަބްދުލް ރަހްމާން)

ވަޤްފުއަކީ ޝަރުއަކީ ގޮތުން އެކަމަށް ތަރްޙީބް ދެވިފައިވާ ޖާއިޒު ޢަމަލެކެވެ. މިކަން ޤުރްއަނާއި ރަސޫލާގެ ސުންނަތުން އެގެއެވެ.
މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ: “އަދި ހެޔޮކަމުގެ ތެރެއިން އެބައިމީހުންކުރާ އެއްވެސްކަމެއް ފަހެ އެކަމެއްގެ ޘަވާބުން އެބައިމީހުން މަޙްރޫމުނުކުރައްވާ ހުއްޓެވެ. ﷲއީ ތަގުވާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.”
(އަލް އަމްރު 115)

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުއްގެ މާނާގައިވެއެވެ: “އަބޫތަލްޙާއަށް ސާބަސްދެެމެވެ. އެއީ ފައިދާބޮޑު މުދަލެކެވެ. ތިބާގެ ކިބައިން ތިމަންކަލޭގެފާނު އެމުދާ ޤަބޫލުކުރައްވާފީމެވެ. އަދި ތިބާއައް އެ، އަބުރާދީފީމެވެ. ފަހެ އެމުދާ ސާތްތިމާގެ މީހުނަށްޓަކައި ވަގުފެއްގެ ގޮތުގާ ބަހައްޓާށެވެ.!”

ވަގުފުގެ ރުކުންތައް:
1. ވަޤުފްކުރާމީހާ
2. ވަޤުފް ކުރެވުނުއެތި
3. ވަގުފްކުރެވުނު ފަރާތް
4. ވަޤްފުގެ ބަސް

ވަޤުފްކުރާމީހާގެ ޝަރުތުތައް:
1. ބާލިޤް ވެފައިވާ މީހަކަށް ވުން.
2. ބުއްދިސަލާމަތުން ހުރުން.
3. މިނިވަނަކު ކަމުގައިވުން.
(ޑރ.އަބްދުލް ސައްތާރް އަބްދުލް ރަހްމާން)

މަރުބަލީގައިވާ މީހާ ކުރާވަޤުފް:
މަރުބަލީގައިވާ މީހާ އޭނާގެ މުދަލުގެ ތިންބައި ކުޅައެއްބަޔައްވުރެ ގިނައިން ވަޤްފުކުރުމަކީ ހުއްދަވެގެން ވާކަމެއްނޫން ކަމައް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ބަލިމީހާގެ މަޞްލަޙަތަކީ އޭނާ މަރުވުމުންވެސް ގިނައިން އެނާއަށް ޘަވާބުލިބޭނެ ކަންތައްތަކެއް ކުރެވިފައި ވުމެވެ. ވަޤުފަކީ މިކަމަށްއޮތް ރަގަނޅުމަގެކެވެ. އަދި މުދަލުގެ ތިންބައި ކުޅައެއްބައި ޞަދަގާތަށް ދިނުމައް ކީރިތި ރަސޫލާ ހަދީޘް ކުރެއްވިކަމައް ސަޢުދު ބުން އަބީވައްޤާޞު ރިވާކުރައްވާ ފައިވެއެވެ. ފަގީރުންގެ ގޮތުގައި ވާރުތަވެރިން ދޫކޮށް ދިއުމައްވުރެ ފުދިގެންވާ ބައެއްގެ ގޮތުގައި ދޫކޮއްދިޔުން މާހެޔޮކަން ބޮޑުކަމުގައި ކީތިތި ރަސޫލާ ޙަދީޘް ކުރައްވާ ފައިވެއެވެ..

ކާފިރުން ކުރާވަޤުފް:
ޝާފިއީ ޢިލްމުވެރިން ވިދާޅުވާގޮތުގައި މުސްލިމުން ފަދައިން ﷲއަށް ތަޤައްރުބުވުން ޤަސްތުކުރެވިފައި ނުވިޔަސް ކާފިރުން މިސްކިތައް ނުވަތަ ރަގަނޅުކަމަކަށް ކުރާ ވަޤުފް ސައްހަ ވެގެން ވެއެވެ. މިކަމަށް ނިޔަތެއް ބޭނުންވެގެން ނުވެއެވެ. އެމީހުނަކީ ހޭދަކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ބަޔަކަށް ވާތީ އެމީހުން ކުރާ ހޭދައިގެ ޘަވާބު ދުނިޔޭގައި އެމީހުނަށް ލިބޭނެއެވެ.. ﷲއަށްޓަކައި ކާފިރުން ކުރާކަން ތައްތަކުގެ ސަބަބުން އޭނާއަށް ދެއްވާރޯދި އާޙިރަތް އަންނަދެން ދެމިގެންވެއެވެ. ނަމަވެސް އާހިރަތް ދުވަސް އަންނަ އިރުއެމީހުންގެ އެއްވެސް ހެޔޮކަމެއް ނުވާނެއެވެ.

ވަޤުފް ކުރެވޭއެތީގައި ހުންނަންޖެހޭ ޝަރުތުތައް:
1. ވަޤުފްކުރެވޭ އެއްޗަކީ ، މުދަލެއްކަމުގައިވުން.: މުދާވަގުފް ނުކޮށް އެއިންލިބޭ މަންފާ ވަޤުފް ކުރުން ޞައްހަވެގެން ނުވެއެވެ.
2. ވަޤުފްކުރެވޭ އެތި ކަދައެޅިފައިވުން: އެއީ ވަގުފް ކުރެވެ މުދަލަކީކޮބާ ކަންއެގުމެވެ. ކަޑައެޅިގެން ވަޤުފް ކުރެވުނުމުދަލަކީ ކޮބާކަން ނޭގޭ ގޮތަށް ކުރެވިފައިވާ ވަޤުފް ޞައްހަވެގެންނުވެއެވެ.
3. ވަޤުފްކުރާމީހާގެ މިލްކުގައިވާ އެއިން މިފާއެއް ލިބިގަނެވޭ އަދި އޭގެ މިލްކުވެރިކަން ބަދަލުކުރެވޭފަދަ އެއްޗަކައްވުން.
4. އޭގެ އަސްލު ސަލާމަތުން އޮތުމާއެކު އެއިން ލިބޭ ފައިދާ ދެމިގެންވާ އެއްޗަކަސްވުން.
5. އެއިން ލިބޭފައިދާ ހަލާލު އެއްޗަކަށްވުން: އެހެން ކަމުން ލަހުވުގެ ސާމާނުތަކާއި އާލާތްތައް ވަޤްފުކުރުން ޞައްހަވެގެން ނުވެއެވެ.

ވަޤުފްކުރެވޭ ފަރާތުގެޝަރުތުތަށް:
ވަޤުފްކުރެވޭ ފަރާތްތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ: ކަދައެޅި ޢައްޔަން ކުރެވިފައިވާ ފަރާތްތަކާއި އަދި ކަދަ އެޅި އައްޔަން ކުރެވިފައިނުވާ ފަރާތްތަކެވެ. ކަނޑައެޅި އައްޔަނުކުރެވިފައިވާ ފަރާތްތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެތެރޭގައިވަނީ
ހ. ވަޤުފްކުރިއެއްޗެއް މިލްކުރުމުގެ ކުޅަދާނަކަން ލިބިފައިވުން: އެއީ ވަޤުފްކުރާއިރު ދުނިޔޭގައި ހުރި ފަރާތަކަށް ވުމެވެ. އަދި ޝަރުއީ ފޮތެއް ވަޤުފްކުރެވޭ ފަރާތަކީ މުސްލިމެއް ކަމުގައިވުމެވެ.
ށ. ވަޤުފްކުރެވޭފަރާތަކީ ހަރްބީ ކާފިރެއްކަމުގައި އަދި މުރުތައްދު ވެފައިވާ މީހަކު ކަމުގައި ނުވުން.

ވަޤުފްކުރުން ބެހިގެންވާ ބައިތައް:
1. ގާތްތިމާގެ މީހުނަޝާއި ، ދަރިންނަށާއި ، ދަރިންގެދަރިންނަށް ކިތަނޮމެ ދުރަކަހ ދިޔަޔަސް ކުރާ ވަޤްފުުއެވެ.  މިވަގުފައްކިޔަނީ ، ދަރިކޮޅަށް ނުވަތަ ގާތްތިމާގަމީހުނަށް ކުރާ ވަޤްފެވެ.
2. މިސްކިއްތަކަށާއި ، މަދަރުސާތަކަށާއި ، ފަގީރުންނަށާއި ، ކިޔަވާކުދިން ނަށާއި ، އިލްމުވެރިންނަށްކުރާ ވަގްފެވެ. މިވަގުފައް ކިޔަނީ ، ހެޔޮކަމުގެވަގުފެވެ.

ކާފިރުންނަށްވަޤުފުކުރުން އަދި ވަކިފަރާތެއް ޢައްޔަނު ކުރެވިފައިނުވާ ވަޤުފް:
ޝާފިއީ މަދްހަބުގެ ޢިލްމުވެރިން ދެކެވަޑާގަންނަވާގޮތުގައި ދިންމީންނަށް ( މަޢުޞއްޔަތަކަށް އެހީތެރިވުން ޤަސްތުކުރެވިފައި ނުވާނަމަ ) ވަޤުފްކުރުން ހުއްދަވެގެންވެއެވެ. މިކަމުގެ ހެެއްކަކީ ދިންމީންނަށް ޞަދަގާތް ކުރުން ޖާއިޒްވެގެނަވުމެވެ.  ނަމަވެސް ހަރުބީކާފިރަކަށް ޞަދަގާތް ކުރުން ހުއްދަވެގެން ނުވުމާއެކުއޭނާއަށް ވަޤުފްކުރުންވެސް ޖާއިޒްވެގެނަނުވެއެވެ.

ކާފިރުންނަށް ވަޤުފް ކުރުމުގައި ބަލަންޖެހޭ އެންމެ މުހިންމުކަމަކީ ﷲ އަށް ނުކިޔަމަންތެރިވުމަށް މަގުފަހިވާފަދަ ކަމަކަށް ވަޤުފްނުކުރުމެވެ.

މުއްސަދިންނަށް ވަޤްފުކުރުން:
ﷲ އަށް ވެވޭ އުރެދުމެއްކަމުގައި ނުވާ ކޮންމެކަމެއްގައި މުއްސަދިންނަށް ޞަދަޤާތްވެސް ހުއްދަވެގެންވެއެވެ. އެހެންކަމުން އެބައިމީހުންނަށް ވަޤްފު ކުރުމަކީ ވެސް ޖާއިޒްވެގެންވާ ކަމެކެވެ.

ވަޤުފްގެ ބަސް:
ޞަރީހަ ބަހާއި ޞަރީހަނޫން (ކިނާޔަތު) ބަހެވެ. ޞަރީހަ ބަހުން ވަޤުފް ކުރުމުން ވަޤުފް ލާޒިމް ވެގެންދެއެވެ. ކިނާޔަތުގެ ގޮތުން ވަގުފް ކުރުމުން އެކަމުގައި ވާޤިފްގެ ނިޔަތަކީި ކޮބައިތޯ ބަލަންޖެހެއެވެ. ވަޢުފް ކުރުމުގެ ގަސްދުގައި ކުރުމުން ނޫނީ މިފަދަ ވަޤުފް ޞައްހައެއް ނުވާނެއެވެ.

ވަޤުފްގެ ބަހުގައި ހިމެނިގެންވާ ޝަރުތުތައް:
1. ބޭނުން އެގޭ ފަދަ ބަހަކަށްވުމެވެ. ނުވަތަ ލިޔުމަކަށްވުމެވެ.
2. ވަޤުފްކުރުމުގައި ވަކިވަގުތަކަށް އެކަން ކަޑައަޅާ ތައުޤީތު ކުރެވިފައިވެގެން ނުވާނެ އެވެ. ނަމަވެސް ބައެއް ކަންކަމައް ކުރެވޭ ވަޤުފްގައި ތައުޤީތުކަނޑައެޅިފައި އޮތް ނަމަވެސް ވަގުފް ގަބޫލުވެ ޝަރުތު ބާތިލްވެދެއެވެ.
3. ވަކިކަމެއް މަތިކޮށްފާ ވަޤުފް ނުކުރުން.
4. ވަޤުފްގެ ބަހުގައި އިޙްތިޔާރުގެ ޝަރުތު އެއްވެސް ފަރާތަކަށް ކަޑައެޅިފައިނެތުމާއި ވަޤުފްކުރުމާއެކު އެގެ ހުކުމް ލާޒިމްވުން.

ވަޤުފްގެ ތަފާތު މައްސަލަތައް:
* ޒިޔާރަތް ހެދުމަށާއި މިސްކިތުގެ ތަކެތި ޒީނަތް ތެރިކުރުމަށްޓަކައި ކަނޑާނަގާ ލާޖަހާ ، ކުރެހުންފަދަ ކަންތައް ކުރުމަށް ވަގުފްކުރުން ހުއްދަވެގެން ނުވެެއެވެ.
* މުއްސަދިންނައް ވަގުފްކުރުންވެސް ހުއްދައެވެ.
* ދިންމީކާފިރަކަށް މުއާހަދާއެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން އަމާންލިބިގެންވާ ކާފިރުންނަށް ހެޔޮކަމަކައް ވަގުފް ކުރުން ހުއްދައެވެ.
* އެއްތަނުންއަނެއްތަނައް ގެންދެވޭފަދަތަކެތި ވަގުފްކުރުން ސައްޙަވުން.
* ވަގުފްކުރިއެއްޗެއް އެއްވެސް މީހަކައް ނުވިއްކޭނެއެވެ. އަދި ހިބައިންވެސް ނުދެވޭނެއެވެ. ވާރުތައެއްވެސް ނުވާނެއެވެ.
* ވަގުފް ކޮއްފައިވާ އެއްޗަކުން ވަޤުފް ކުރިމީހާ ފައިދާއެއްލިބިގަތުމެއްނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ