Follow us on
އެނަމާ ބޯޓުގެ ހާދިސާއަށް 15 އަހަރު!
| އަޙުމަދު އަނަސް

ހިތުގައި އުފެދޭ އިހުސާސްތައް އަދިވެސް ހުރީ ހިތުގައި ނުފިލައެވެ. އެ ހަނދާންތައް ގުޅިފައިވަނީ އެނަމާ ބޯޓު ކުރި އެންމެ ފަހު ދަތުރާއެވެ. އެއީ މީގެ 15 އަހަރު ކުރިއެވެ. ގދ.ތިނަދޫގެ ރައްޔިތުންނަށް މިއަދުވެސް އެ ހަނދާންތައް އާވެ އާލާވާނެއެވެ. 2004 ވަނަ އަހަރު މާރިޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިނގާދިޔަ އެނަމާ ބޯޓުގެ ހާދިސާއެވެ. އެއީ ދިވެހި ރާއްޖޭގެ ތާރީޙުގައި ކަނޑުމަތީގައި ހިނގައިދިޔަ އެންމެ ހިތާމަވެރި ހާދިސާއެވެ.

އެނަމާ ބޯޓުގެ ކާރިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ. ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24 މީހުން މަރުވެ 2 މީހަކު ގެއްލިފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވުނީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

މި ހާދިސާ ހިނގި ދަތުރަކީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްޔާއި ބައްދަލުކުރި މެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ.

ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އިންޖީނު ހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރުފެށިއެވެ. ދެން އޭގެފަހުން ހުރިހާ ކަމެއްވެސް އާދައިގެމަތިން ގޮސް މި ހާދިސާއާއި ކުރިމަތިވީ ބޯޓުގައި ގިނައަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތްޖަހަމުން ދަނިކޮށް ވަރަށް ކުއްލިގޮތަކަށް އެރޭ 8:30 ކަންހާއިރުއެވެ. މިހާދިސާ ހިނގާފައިވާ ގޮތެއްކަމަށްވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ ‘އަރުތަ’ ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުންޖަހާލައިގެންނެވެ.

އެނަމާ ބޯޓު — ފޮޓޯ: ގޫގުލް

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ. މިހާމަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ކަމާބެހޭ ބައެއް މާހިރުން ދެކެއެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް މިފަރާތްތަކުން ދެކެއެވެ.

އެބޯޓުގެ ކެޕްޓަން މުހައްމަދު ޒާހިރު (އޭރު އުމުރުން 42 އަހަރުގެ) ބުނެފައިވަނީ “އެ ރާޅަކީ ބޮއްކުރައަކަށްވެސް އޭގެން އަސަރުނުކުރާނެވަރުގެ ކުޑަ ކުޑަ ރާޅެއް” ކަމަށެވެ. އޭނާ ބުނެފައިވަނީ ވިލިނގިލިން ފުރައިގެން ދެއްވަދޫއާހަމައަށް އައިއިރުވެސް ބޯޓު ރޯލުނުކުރާކަމަށެވެ. އަދި އެ ކުޑަ ކުޑަ ރާޅުގައި ޖެހި އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު ބަންޑުންޖަހާލީއެވެ.

އެނަމާ ބޯޓު ހާދިސާގައި ނިޔާވި މީހުންގެ ލިސްޓު — ފޮޓޯ: ގޫގުލް

އޭނާ ބުނެފައިވާގޮތުގައި ބޯޓުބަންޑުން ޖަހާލި ވަގުތު އިންޖީނު ރޫމުގައި އަލިފާން ރޯވެފައި ހުރި މަންޒަރު އޭނާއަށް ފެނިފައިވެއެވެ. އަދި ދުންގަނޑު މުޅިބޯޓަށް ފެތުނުކަމަށްވެއެވެ. މީގެ އިތުރުން ތެޔޮތައްވެސް ބުރައިގެންގޮސް ބޯޓާއި ބޯޓު ކައިރީ ވަށައިގެން ކަނޑުގައިވެސް ޑީސަލް ހުރިކަމަށްވެއެވެ. އެމީހުންނަށް ފުރަތަމަ އެހީވީ ރާޅު އުފައްދާފައި ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯންޏެވެ. އޭގެފަހުން ގއ.ދާންދޫ މިޔަރެން ދޯނި މިކަން ހިނގިވަގުތު އެނަމާ ބޯޓުކައިރިއަށް ގޮސް އެމީހުންނަށް އެހީނުވެ ވަނީ ގޮއްސައެވެ.

އެ ހާދިސާއިން ސަލާމަތްވި މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެ ތެރެއިން ގިނަބަޔަކު ސަލާމަތް ކުރެވުނީހެވެ. ނަމަވެސް 12 ޓަނުގެ މަސް އެބަހުއްޓޭ މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ ކިޔާފައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީނުވެ އެދޯނި ދިޔައީއެވެ. އަދި މީގެތެރެއިން ބައެއް މީހުންނަށް ފަހުންވަނީ ގާނޫނީގޮތުން ހައްގު އަދަބުދެވިފައެވެ.

ކަމެއް ހިނގާ ދިޔުމުން އެކަމެއްގެ ވާހަކަ ދެއްކުމަކީ އަބަދުވެސް ދިވެހިންގެ އާދައެވެ. ޤާނޫނާއި ޤަވާއިދުގެ ވާހަކައެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކައެވެ. ދަތުރަކަށް ކަނޑުމައްޗަށް އަރާއިރު ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާއިދުތަކާމެދު ވިސްނާ ފިކުރުކޮށްލަން ޖެހެއެވެ. އެނަމާ ބޯޓުގެ ހާދިސާ ހިނގިއިރު އެ ބޯޓުގައި ތިބެން ޖެހޭވަރަށްވުރެ އިތުރަށް މީހުން ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ. އެދުވަހު ދަތުރު ފެށުމުގެ ކުރިން ވިސްނާލިނަމަ މިކަން ނުވެ ހިނގައިދާނެއެވެ.

މަޢުލޫމާތު: ވިކިޕީޑިޔާ

ޚިޔާލު ފާޅުކުރައްވާ

  1. liyumuge fenvaru varah dhah..

  2. enamaa boat adiah dhiyai 2004 vana aharutha