Follow us on
“ބިންގަޑި” ފާހަގަކުރުން މިރޭ!
| އަޙުމަދު އުނައިސް

ކޮންމެ އަހަރެއްގެ މާޗް މަހުގެ 24 ވަނަ ދުވަހަކީ ދުނިޔޭގައި ބިންގަޑި ފާހަގަ ކުރާ ދުވަހެވެ. އެގޮތުން ރާއްޖޭގައިވެސް މި އަހަރަކީ މި ހަރަކާތް ފާހަގަކުރާ 10 ވަނަ އަހަރެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި އެއް ވަގުތަކު ކަރަންޓު ބޭނުންކުރާ ކުރުން ހުއްޓާލުމުގެ ހަރަކާތެއް މި ދުވަހުގައި ކުރިއަށް ގެންދެއެވެ. މި ޙަރަކާތުގެ ބޭނުމަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުން ލިބިދާނޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުވުމެވެ.

މިއަހަރުގެ ހަރަކާތް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 08:30 އިން 09:30 އަށެވެ. އެގަޑީގައި ގޭގޭގެ ބޮކިތަކާއި، އޭސީތަކާއި މިނޫންވެސް ކަރަންޓުގެ ސާމާނުތައް ބޭނުންކުރުން މަދުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އެދިފައެވެ.

މިއަހަރުގެ ބިންގަޑީގެ މައި ހަރަކާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އެގޮތުން މުޅި އައްޑޫ ސިޓީގެ ލައިޓުތައް މިރޭ 08:30 އިން 09:30 އަށް ނިއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޙަރަކާތުގެ ނަމަކީ ‘ސްވިޗް އޮފް އިވެންޓް’ އެވެ. މި އިވެންޓް އޮންނާނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށް އައްޑޫގައި މިވަގުތު ޙަރަކާތްތެރިވަމުން އަންނަ އާރތު އަވާ މޯލްޑިވްސް ޓީމުން ވަނީ ބުނެފައެވެ.

އެގޮތުން ފޯރިގަދަ ޙަރަކާތްތަކަކާއިއެކު ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އެ ޓީމުން ބުނެއެވެ. މީގެ އިތުރުން މާލޭގައި ބައިސްކަލު ބުރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ކެފޭ އާއި ރެސްޓޯރެންޓްތަކުގައި މިއުޒިކު ހަރަކާތްތަކާއިއެކު އުއްބައްތި އަލީގެ ރޭގަނޑުގެ ކެއުންތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބިންގަޑިއާއި ގުޅިގެން ހިންގާ ހަރަކާތްތައް ‘އާރތު އަވާ މޯލްޑިވްސް’ގެ ފޭސްބުކް ޕޭޖްގައި ޙިއްސާކުރެއްވުމަކީ އާރތު އަވާ މޯލްޑިވްސް އިން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އަހަރެމެންގެ ހަރަކާތްތައް ފެނިގެން ދާނެކަމަށް އެ ޖަމްއިއްޔާއިން ވިދާޅުވެއެވެ.
އާރތު އަވާ މޯލްޑިވްސް ޕޭޖްގެ ލިންކު – https://www.facebook.com/EarthHourMV


ޚިޔާލު ފާޅުކުރައްވާ