Follow us on
ނަން ބޯޑުތަކުގައި ބޮޑުވާން ޖެހެނީ ތާނައިން ލިޔެފައިވާ އަކުރުތައް!
| އަޙުމަދު އުނައިސް

ދިވެހި ބަހުގެ އެކެޑެމީން ދިވެހި ބަސް ރައްކާތެރި ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާތަން މިއަދު މީސް މީޑިއާގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް ހާމަވަމުން އެބަ ދެއެވެ. އެގޮތުން ބަސް ރައްކާކުރުމަށްޓަކައި އައު ލަފުޒުތަކެއް އުފެއްދުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެކެވެ.

ބަސްތޫރައިގެ ނަމުގައި ބަސްތޫރަ.އެމްވީ އިން އަލަށް އުފެދުނު ލަފުޒުތައް އަޅުގަނޑުމެންނަށް ފެންނަން އެބަ ހުއްޓެވެ. އެގޮތުން ބަސްތޫރައިގެ ހަތަރު ވޮލިއަމެއް މިއަދުވަނީ އުފައްދާފައެވެ. ދާދި ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އައު ޤާނޫނެއް ފާސްކޮށްއިވާ ތަނެވެ. މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ އެ ޤާނޫނުގެ މައްޗަށެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު 9/2011 ގައި ބަޔާންކޮށްފައިވަނީ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ ނަން ބޯޑެއްގައި އެތަނެއްގެ ނަން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެކަމަށެވެ. އަދި އެހެން އަކުރަކުން ލިޔާނަމަ ތާނައިން ލިޔެފައިވާ އަކުރަށްވުރެ ބޮޑުވެގެން ނުވާނެކަމުގައެވެ.

ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ހުރި ސައި ހޮޓާތަކާއި ރެސްޓޯރެންޓްތައް، ފިހާރަތަކާއި ގާޑިޔާތަކުގެ އިތުރުން ގެސްޓް ހައުސްތަކުންވެސް ފެންނަމުންދަނީ ނަންބޯޑުގައި ދިވެހިބަހަށްވުރެ ބޮޑަށް އިނގިރޭސިބަހަށް އިސްކަން ދޭތަނެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެކެވެ. އަމިއްލަ ބަހަށްވުރެ އެހެންބަހަކަށް އިސްކަންދެވޭތީއެވެ.

ބަސް ހިމާޔަތް ކުރުމަށާއި، ދިވެހިބަހަށް އިސްކަން ދިނުމުގައި މިފަދަ ކަންކަމަށް ސަމާލުވެ، ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ މިކަމަށް އޮތް އެންމެ މުހިންމު ކަމެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ބަސް ހިމާޔަތް ކުރުމަކީ ޤައުމުގެ ފަރުދުންގެ ވާޖިބަކަށް ވީއިރު، ދިވެހިބަސް ހިމާޔަތް ކުރުމުގައިވެސް އަޅުގަނޑުމެން ކޮންމެ މީހަކުމެ މަސައްކަތް ކުރަން އެބަ ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ