Follow us on
ދިވެހިބަހުގެ ދުވަސް 2018
| އަޙުމަދު އުނައިސް

ކޮންމެ ބައެއްގެ ބަހަކީވެސް އެ ބަޔަކަށް އެންމެ މުހިންމު އެއް އަސާާސެވެ. ބަސް ހިމާޔަތް ކުރުމަކީ އެބަހެއް ބޭނުންކުރާ ބައެއްގެ ޒިންމާއެކެވެ. އެގޮތުން އަހަރެމެންގެ ދިވެހިބަސް ހިމާޔަތް ކުރުމަކީ އަހަރެމެންގެ ޒިންމާއެކެވެ. މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. ރަސްމީ ސިފައެއްގައި ދިވެހިބަހުގެ ދުވަހުގެ ގޮތުގައި 14 އެޕްރީލް ފާހަގަ ކުރެވެން ފަށްޓަވައިފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ދިވެހި ބަހުގެ ދުވަހުގެ ޝިޢާރެއް ކަމުގައި މިއަހަރު ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅުއްވައިފައި ވާ ޝިއާރަކީ “ދިވެހި ފޮތް ކިޔަމާ : ދަރިވަރުން ބެލެނިވެރިން، އަހަރެމެން އެންމެން” މިއެވެ.

މިއަހަރުގެ ޝިއާރުގެ ދަށުން ދިވެހި ބަހުގެ އެކެޑަމީން ހަމަޖައްސަވައިފައި ވަނީ ކުދިންނާއި، ޒުވާނުންނާއި ބެލެނިވެރިންނަށް ޚާއްޞަކުރައްވައިގެން “ފަތްތޫރަ” ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފް ކުރެއްވުމެވެ. ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައި  މި އެޕްލިކޭޝަން ނެރުއްވަން ހަމަޖައްސަވައިފައިވާ ކަމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައެވެ. މި އެޕްލިކޭޝަނުގައި ގާތްގަނޑަކަށް  300 އެއްހައި ފަތްތޫރަ ހުންނާނެއެވެ. މި ރަސްމިއްޔާތުގައި ނެރުއްވަނީ އެންޑްރޮއިޑް އެޕްލިކޭޝަނެވެ.  ކައިރި މުސްތަޤުބަލެއްގައި އައިއޯއެސް އެޕްލިކޭޝަނާއި ވެބް އެޕްލިކޭޝަން ވެސް ނެރުއްވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.. މިކަމަކީ ރާއްޖޭގެ ގިނަބަޔަކަށް ފަތްތޫރަ ފަސޭހަކަމާއެކު ކިޔައިލެވޭނެ ކަމެއް ކަމުގައި ވާނެކަން ކަށަވަރެވެ.

ދިވެހިބަހުން ތުއްތުކުދިންނަށް ވާހަކަދެއްކުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމުގެ ގޮތުން   ވާހަކަ ދެއްކުމުގެ މަހާސަމާއެއް ފަށްޓަވަން ވެސް އެކެޑަމީން ވަނީ ހަމަ ޖައްސަވައިފައެވެ.  މިއީ ޕްރީސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މަހާސަމާއެކެވެ. ފެސްޓިވަލެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޙަރަކާތުގައި އެ ކުދިން ކުދިކުދި މައުޟޫޢުތަކަށް ވާހަކަ ދައްކާނެއެވެ. ކުދިންނަށް އެންމެ ކުޑައިރުއްސުރެ މިކަން ދަސްކޮށްދިނުމުގެ ބޭނުމަކީ ބަސް ކުރިއަރައިގެން އަންނާނީ ބަހުން ގިނައިން ވާހަކަދެއްކި ވަރަކަށް ކަމުގައި އަޝްރަފް އަލީ ވިދާޅުވިއެވެ. ހަމައެހެންމެ މިކަމަކީ ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި އިތުރުވާނެ ކަމެއްކަމުގައި ޔަޤީނެވެ.

ކުރީ އަހަރެކޭވެސް އެއްގޮތަށް މި އަހަރުވެސް އޮފީސްތަކުގެ މެދުގައި  ތާނަ އަތުންލިޔުމުގެ މުބާރާތެއް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް އަންނަ ފަރާތްތަކަށް އިނާމު ދެއްވާނެ ކަމުގައި ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އަންނަ އާދީއްތަ ދުވަހު އެކެޑަމީގެ އަސްކަނީގައި ޚާއްޞަ ފޮތް މަޢުރަޒެއް އޮންނާނެއެވެ. މިތާނގައި ފޮތްކިޔުމުގެ ޙަތަކާތެއް ވެސް ކުރިއަށް ދާނެއެވެ.

ކައިރި މުސްތަޤުބަލެއްގައި ދިވެހިބަހުގެ އެކެޑަމީގެ ދިރާސީ ކުތުބުޚާނާ، އީ- ކުތުބުޚާނާއެއްގެ ގޮތުގައި ހައްދަވައި އާންމުކުރައްވާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވައެވެ. މިކަން ވާނީ ކިޔުންތެރިކަމަށް ބޮޑެތި ބަދަލުތަކެއްގެނެސް، އަހަރެމެންގެ މަޢުލޫމާތު މުއްސަނދިވާނެ ކަމަކަށެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ދިވެހި ބަހާ މެދު ފުންކޮށް ވިސްނައި ބަހުން ކުރެވެން ހުންނަ މުޢާމަލާތްތައް ކުރަން ބާރުއަޅައު ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރިއަށް ރާވައިހިންގުމެވެ. ދިވެހިބަހުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ގިނަ އިސްކޫލުތަކެއްގައި ތަފާތު އެތައް ޙަރަކާތްތަކެއް ކުރިއަށްދާކަން އުފަލާއެކު ފާހަގަކުރަމެވެ.

ޚިޔާލު ފާޅުކުރައްވާ