Follow us on
ޝަހީދުންގެ ދުވަސް – 1 ޝައުބާން 1440
| އަޙުމަދު އުނައިސް

ބޭރުބައެއްގެ އެހީ ހޯދައިގެން ރާއްޖޭގެ މިނިވަންކަން ނަގާލުމަށް އެތައްފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާކަން ތާރީޚުން ފެންނަށް އެބަހުއްޓެވެ. މިފަދަ ހާދިސާއެއްގައި ޤައުމާއި ދީނަށްޓަކައި ތިމާގެ އަމިއްލަ ލެޔާއި ފުރާނަ ޤުރުބާންކުރި ހިތްވަރުގަދަ ބަޠަލުންގެ ޒިކުރާ އައުކުރަން ޖެހެއެވެ.

ދިވެހި ޤައުމަށްޓަކައި ޝަހީދުވި ޝަހީދުންގެ ހަނދާނުގައި ކޮންމެ އަހަރެއްގެ ޝައުބާންމަހުގެ އެއްވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ. އާންމު ނަމުންނަމަ ޢަލީ ރަސްގެފާނެވެ. އެއީ ޕޯޗުގީޒުންނާ ކުރެއްވި ހަނގުރާމައެއްގައި ޕޯޗުގީޒުންގެ އަނިޔާވެރި ޙަމަލާއެއްގައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.

ޕޯޗުގީޒުން ރާއްޖެ ހިފުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، މީލާދީން 1550 ވަނަ އަހަރު ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހިރާއްޖެއަށް ޚިޔާނާތްތެރިވެވަޑައިގެންނެވުމެވެ. ތިން ފަހަރެއްގެ މަތިން ޕޯޗުގީޒުން ރާއްޖެ ހިފަން އައެވެ. ފުރަތަމަ ދެފަހަރު ޕޯޗުގީޒުންނަށް ނާކާމިޔާބުވިނަމަވެސް، ތިންވަނަ ފަހަރު ކާމިޔާބު ކުރިއެވެ.

އެގޮތުން ޕޯޗުގީޒުންގެ އަތްދަށުގައި 15 އަހަރު ވަންދެން ރާއްޖެ އޮތުމަށްފަހު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއެވެ. އާންމު ނަމުންނަމަ ބޮޑުތަކުރުފާނެވެ. ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. އެއިރު ޢަލީ ރަސްގެފާނުގެ ރަސްކަމުގެ މުއްދަތަކީ 2 މަހާއި 15 ދުވަހެވެ. އެރަސްކަލުން ރަސްކަމަށް އައީ މީގެ 460 އަހަރު ކުރިން، މީލާދީން 1558 ވަނަ އަހަރުގައެވެ.

ޢަލީ ރަސްގެފާނުގެ އިތުރުން 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ޙަމަލާގައި ޝަހީދުކޮށްލެވުނު ޙުސައިން އާދަމް އާއި  އެ ހަނގުރާމައިން ދުޝްމަނުންގެ އުންޑަތަކުން ޝަހީދުވި ޝަހީދުންގެ ޒިކުރާ އައުކުރަންޖެހެއެވެ. މީގެ އިތުރުން ދިވެހި ތާރީޚްގެ ލިޔުންތަކުން ފާހަގަކުރެވޭ މިފަދަ ޝަހީދުންގެ ތެރޭގައި ޕޯޗްގީޒުން ޝަހީދުކުޅަ ޢަލިތަކުރުފާނާއި ފޯޗްގީޒުންނާ ހަނގުރާމަކުރައްވަނިކޮށް ޝަހީދުވި ކަނބާ ޢާއިޝާ ރަނިކިލެގެފާނާއި ހޮޅީންނާ ހަނގުރާމަކުރައްވަނިކޮށް ޝަހީދުކުޅަ އައްސުލްޠާނު އިބްރާހީމް ކަލާފާނު ހިމެނިވަޑައިގަންނަވައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޝަހީދުންގެ ޒިކުރާ އައުކޮށް، އެމީހުންގެ ޖިހާދުން ހިތްވަރު ލިބިގަތުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތައް ވަރުގަދަކުރުމަށް ބާރުއެޅުމެވެ. އަދި އިސްކޫލު ކުދިންނަށް ދިވެހި ތާރީޚްގެ ކަންކަމަށް ޝައުޤު އިތުރުކުރުމާއި ތާރީޚީ ޙާދިސާތަކުން ލިބިގަންނަންޖެހޭ ފިލާވަޅުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއި ޝަހީދުންގެ މަތިވެރި ޖިހާދުގެ މައްޗަށް ފަޚުރުވެރިވުމަށާއި އަދި އެމީހުންގެ ޖިހާދުން ހިތްވަރު ލިބިގަނެ، ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށް ދަރިވަރުން އުފެއްދުމެވެ.

ޝަހީދުންގެ ޒިކުރާ އައުކުރުމުގެ ގޮތުން ރާއްޖޭގައި ބިނާކުރެވޭ އިސްލާމްދީނުގެ އެންމެ މަތިވެރި ބިނާތައްކަމަށްވާ މިސްކިތްތަކަށް މިފަދަ ބަޠަލުންގެ ނަންފުޅުތަކަށް ނިސްބަތްކޮށް ނަންދިނުމާއި، އިސްކޫލުތަކާއި މަގުތަކާއި ޤައުމުގެ މުހިންމު އެހެން ބިނާތަކަށްވެސް މިގޮތަށް ނަންދީގެން އެ ބަޠަލުންގެ ނަންފުޅުތައް އުފުލައި ދެމެހެއްޓުން ހިމެނެއެވެ.

އަޅުގަނޑު އެދެނީ ދިވެހި ޤައުމަށް ބާއްޖަވެރި ކުރިއެރުމާއި ފާގަތި މުސްތަޤުބަލެއް ދެއްވުމެވެ. ދިވެހި ޤައުމާއި އިސްލާމްދީނަށްޓަކައި ޝަހީދުވެގެންދިޔަ އަބުޠާލުންނަށް ހެޔޮ ރަޙުމަތް ލެއްވުމެވެ. އާމީން!

ޚިޔާލު ފާޅުކުރައްވާ