Follow us on
ދިވެހިންގެ ތެރެއިން ނެތެމުންދާ އެއްބައިވަންތަކަން!
| އީމާ ވަހީދު

އިންޑިއާ ކަނޑަށް އުކާލެވިފައިވާ މުތީތަކެއް ފަދަ މި ދިވެހި ރާއްޖެއަކީ އެއްބައިވަންތަކަމުގެ ނަމޫނާއެއް ދުނިޔެ އަށް ދައްކާފައިވާ ގައުމެކެވެ. އެކި ފަހަރުތައް މަތިން މާޒީގައި ދިމާވެފައިވާ ބޮޑެތި ކާރިސާތަކުގައި ދިވެހިންވަނީ އެއްބައިވަންތަކަމުގެ މިސާލު ދައްކާފައެވެ. ފިކުރީ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކޮށްފައި އިންސާނިއްޔަތަށްޓަކައި އަތުގުޅާލާފައެވެ. ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ނަމަވެސް ހިތާމައަކީ މިއަދު ދިވެހިންގެ ތެރޭން މި އެއްބައިވަންތަކަން ނެތެމުންދާތީއެެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި ކުލުނު މިއަދު ނެތުމުން ކޮންމެ ދިވެއްސެއްވެސް ހިތާމަ ކުރަންޖެހެއެވެ.

ދިވެހިންވަނީ ސުނާމީ ކާރިސާގައިވެސް ތިމާގެ އަމިއްލަ އެދުން އެއްފަރާތް ކޮށްފައި ތިމާގެ އަޚާއަށް އެހީތެރިވުމުގައި އަތުކުރިތައް އޮޅާލާފައެވެ. ތިމާ އަމިއްލައަށް ހުސްބަނޑާ ހުރެފައި ތިމާގެ އަވައްޓެރިޔާއަށް ބަނޑުފުރާނެ ކާއެއްޗެހި ދީފައެވެ. ސުނާމީ ކާރިސާގައި ގޭގެއަށް ފެންވަދެގެން ނޫޅެވޭ ވަރު ވުމުން ތިމާގެ އެކުވެރިޔާގެ ގޭގައި ނިދާ ހެދިއެވެ. އެހެންނަމަވެސް މިއަދު ހިތާމަަޔާއެކީ ފާހަގަކޮށްލަން ޖެހެނީ މިއަދު ދިވެހިންގެ ތެރޭގައި މި އެއްބައިވަންތަކަމާއި އެކުވެރިކަން ނެތްކަމެވެ. ތިމާގެ އަވައްޓެރިޔާއަކީ ތިމާގެ ހަތުރަކަށް ވަނީ ވެފައެވެ. ތިމާގެ އަވައްޓެރިޔާއާއި މޫނާ މޫނު ދިމާނުވާ ފަހަރު މަދެއްނޫނެވެ.

އެއްބައިވަންތަކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަވި ދިވެހިން މިހާރު ފާހަގަކުރެވިފައިވަނީ ބައިބައިވެފައިވާ ބައެއްގެ ގޮތުގައެވެ. މިއީ ކޮންމެ ދިވެއްސެއްވެސް ހިތާމަކުރަންޖެހޭ ކަމެކެވެ. ހިތާމައާއެކު ފާހަގަކޮށްލަން ޖެހެނީ މިއަދު ދިވެހިންގެ މެދުގައި އޮންނަ އާއިލީ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިވާކަމެވެ. ތިމާގެ އަމިއްލަ މައިންބަފައިންނަށް އަޅާނުލާ ބިކަ ހާލުގައި ތެޅެން ވަނީ ދޫކޮށްލާފައެވެ. މިއަދު ދިވެހިންނަށް މުހިންމީ ދުނިޔަވީ އުފާތައް ހާސިލުކުރުމެވެ. ތިމާގެ އާއިލާއަށް ވުރެ ތިމާއާއި އެއްފިކުރެއް ގެންގުޅޭ ދުރުހިލޭ މީހުން ގާތްވެއެވެ.

ދިވެހިންގެ ކާބަފައިން ދައްކާފައިވާ މަގުން ހިނގަން ދިވެހިން ފަށަންވެއްޖެއެވެ. ދިވެހިންގެ ތެރޭން ނެތެމުންދާ އެކުވެރިކަމާއި އެއްބައިވަންތަަކަން އަލުން ދިރުވައި އާލާކުރަން ވެއްޖެއެވެ. ދުނިޔަވީ އުފާތަކަށް އިސްކަންދިނުމުގެ ބަަދަލުގައި އާހިރަތް އިސްކުރަން ވެއްޖެއެވެ.

ޚިޔާލު ފާޅުކުރައްވާ