Follow us on
ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ގެއްލުނު ދެކުދިން
| އީމާ ވަހީދު

މިދިޔަ ހޮނިހިރު ދުވަހު މުޅި ދިވެހި ގައުމު ސިއްސުވާލީ ހިތަދޫގައި މޫދަށް އެރެން ގޮސް އުޅުނު ދެ ފިރެހެން ކުދިން ގެއްލުނު ޚަބަރުުންނެވެ. މުޅި ދިވެހި ގައުމުގެވެސް ދުއާއަކީ އަދި އުންމީދަކީ މި ދެކުދިން ސަލާމަތުން ފެނުމެވެ. މި ކަނޑު ގަދަ ދުވަސްވަރުގައި ކަނޑުގެ މާސިންގާ ބިޔަ ރާޅުތަކުގެ ތެރެއަށް ގެއްލިގެން ދިޔަ ހިތަދޫގެ ދެކުދިން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. އެމް.އެން.ޑީ.އެފް އަދި އާންމުން މި ދެކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދަނީ ވަރުބަލި ކަމެއް ނެތިއެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯސް އަދި އުދަ އަރާނެ ކުމުގެ އިންޒާރު ދީފައިވާ ދުވަސްވަރެކެވެ. މި ދެކުދިން ގެއްލުން ގަޑިއަކީ ހިތަދޫ ހިމެނޭ ސަރަހައްދަށް މޫސުން  ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެލާރޓުވެސް ނެރެފައިވާ ވަގުތެވެ.

ހިތަދޫއިން ގެއްލިފައިވަނީ އަލީ ފަހުމީ އަދި މަޔާމީން އަލީއެވެ. މަޔާމީންއަކީ މިއަހަރު ގުރޭޑް 9 އެއްގަ ކިޔަވަމުން އަންނަ ކުއްޖެކެވެ. އަދި ފަހުމީ އަކީ ގުރޭޑް 10 އެއްގަ ކިޔަވަމުން އަންނަ ކުއްޖެކެވެ. ފަހުމީ އާއި މަޔާމިން އެދުވަހު މޫދަށް ދިޔައީ އެދެކުދިންގެ އެކުވެރިއެއް ކަމަށްވާ ރާއިފުއާއިވެސް އެއްކޮށެވެ. ނަަމަވެސް އެސަރަހައްދުގައި ރާޅު ބޮޑުވެގެން އެކުދިން ބޭރަށް ދަމައިގަން ވަގުުތު އެސަރަހައްދުގައި އުޅުން މީހަކު ވަނީ ރާއިފް ސަލާމަތްކޮށްފައެވެ. ރާއިފް ސަލާމަތް ކުރި މީހާ ބުނިގޮތުގައި އެވަގުތު ރާޅު ބޮޑުވެ އާދަޔާއި ހިލާފަށް އޮޔަ ގަދަވުމުން ރާއިފްވެސް ސަލާމަތް ކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ. އަދި އަނެއް ދެކުދިން އެވަގުތު ބޭރަށް ދަމައިގަތީ ކަމަށް އެމީހާ ބުންޏެވެ.

މިދެކުދިން ގެއްލިން ޚަބަރު ރިޕޯޓުކުރުމާއެކު އެމް.އެން.ޑީ.އެފް އިންވަނީ ވައިގެ މަގުންނާއި ކަނޑު މަގުންނާއި އަދި ޑައިވް ކޮށްގެންވެސް ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޭގަނޑުވެސް ކުދިން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރުމަށް ނައިޓް ވިޝަން ޑިވައިސްތައް ވެސް ބޭނުންކުރިއެވެ. އެމް.އެން.ޑީ.އެފް ގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި މިދެކުދިން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ތިން ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ބަލައިފާވަކަމަށެވެ.

ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ޑައިވަރުން ކުރަނީ ފޮޓޯ: އައްޑޫ ލައިވް

ގެއްލުނު ދެކުދިންގެ ތެރޭން ކުއްޖެއްގެ ޓީޝާޓަކާއި ވައްތަރު ޓީޝާޓެއް ވަނީ ހޯދާފައެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ގެއްލުނު ދެކުދިން މޫދަށް އެރުނީ ޓީޝާޓު ނުލައި ހަމައެކަނި ސޯޓުލާގެންނެވެ. އަދި މިހާތަނަށް މި ދެކުދިން ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވެއެވެ. މިދެކުދިން މޫދަށް ދިޔައީ ހެނދުނު އޮތް ފުޓުބޯޅަ ޕްރެކްޓިސް ނިންމާލާފައެވެ.

ގެއްލުނު ދެކުދިންގެ ތެރޭން ކުއްޖެއްގެ ޓީޝާޓް ކަމަށް ބުނާ ޓީޝާޓް

ގެއްލުނު ދެކުދިންގެ އާއިލާވެސް މިވަގުތު ވަނީ ވަރަށް ބޮޑު ޝޮކެއްގެ ތެރޭގައެވެ. ދެ އާއިލާގެވެސް އުންމީދަކީ ދެކުދިން ސަލާމަތުން ވީހާވެސް އަވަހަކަށް ފެނުމެވެ.  މި ދެކުދިންނާއެކީ މޫދަށް ގޮސް އުޅެނިކޮށް ސަލާމަތް ކުރެވުނު ރާއިފް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ރަނގަޅެވެ.  ނަމަވެސް ރާއިފް ވެސް ހުރީ އޭނާގެ ދެ ރައްޓެހިން ގެއްލުމުން ފުން ހިތާމައެއްގައެވެ. ރާއިފްގެވެސް ދުއާއަކީ އޭނާގެ ދެއެކުވެރިން ވީހާވެސް އަވަހަކަށް ފެނުމެވެ.

މި ހިތާމަވެރި ވަގުތުގައި މުޅި ދިވެހި ގައުމު ވަނީ މަޔާމިން އަދި ފަހުމީގެ އާއިލާއާއި އެކުއެވެ. ހުރިހާ އެންމެން ހިތުގެ ފުންމިނުން ކުރާ ދުއާއަކީ މިދެކުދިން ވިހާވެސް އަވަހަކަށް ސަލާމަތުން ފެނުމެވެ. އާމީން.

ޚިޔާލު ފާޅުކުރައްވާ