Follow us on
ދިވެހިންގެ ގޮސިޕް!
| އީމާ ވަހީދު

މީގެ ދެދުވަސް ކުރިން މީސްމީޑިއާގައި ދައުރުވާން ފެށި ހަބަރަކީ ސުކޫލު ކުއްޖަކު މޫދަށް ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅުނު ޚަބަރެވެ. އެކުއްޖާގެ ފޮޓޯ މީސްމީޑިއާގައި އާއްމުކޮށް، އެކުއްޖާ ސަލާމަތް ކުރި ތަން ފެންނަ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ދައުުރުވާން ފެށިއެވެ. މީސް މީޑިއާގައި މި ހާދިސާ ޢާއި ބެހޭގޮތުން ތަފާތު އެކި ވާހަކަތައް މީހުން ދައްކަން ފެށިއެވެ. މީސް މީޑިއާގައި އެ ދަރިވަރު ކިޔަަމުންދާ ސުކޫލުގެ ނަންވެސް “ބޮޑުއަކުުރުން” ޖަހައިގެން ކަބަރު ފަތުރަން ފެށިއެވެ. އެކުއްޖާ “އަމިއްލައަށް މަރުވާން” މަސައްކަތް ކުރާނީ ކުޑަކުޑަ ސަބަބަކާ ހެދިއެއް ނޫނެެވެ. ގިނަ ބަޔަކު ދިޔައީ އެކުއްޖާއަށް ބުލީކުރުމުން ކުރި ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކުރަމުންނެވެ.

އެހެނަސް މިގޮތަށް ކަމުގެ ދެކޮޅު ނުބަލާ މީސް މީޑިއާގައި މިފަދަ ޚަބަރު ފެތުރުމަކީ ކަމުގެ ހައްލެއް ނޫނެވެ. މިއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ. ބައެއް މީހުންނަށް މިކަން ވީ މަޖާކަމަކަށެވެ. މީހެއްގެ ޒާތީ ދިރިއުޅުމާއި ބެހުމަކީ މާ މޮޅު ކަމެއް ނޫނެވެ. އެކުއްޖާ ދިރިއުޅުމުގައި ހުރި ދަތިތައް އެނގޭނީ ހަމަ އެކުއްޖާއަށެވެ.

އެހެން މީހުންގެ އިހުސާސްތައް ދަންނަން ދިވެހިން ދަސްކުރަން ވެއްޖެއެވެ. މީސް މީޑިއާގައި އެޚަބަރު ފެތުރުމަކީ އެކުއްޖާއަށް ދިރިއުޅުމައިގެން ކުރިޔަށް ދިޔުމަށް އެޅިގެންދިޔަ އިތުރު ހުރަހެކެެވެ. އެކުއްޖާ ގަންނާނީ އިތުރަށް ލަދެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ބޭނުންވަނީ ތިޔަ ބޭފުޅުންގެ “ސޭޑް ރިއެކްޓް” އެއް ނޫނެވެ. ކަމާ ބެހޭ ފަރާތްތަކުގެ އެހީއެވެ. މީހެއް ޒާތީ ދިރިއުޅުމަކީ މީސްމީޑިއާގައި ފޫހި ފިލުވަން ބޭނުންކުރާ “ގޮސިޕް” އަކަށް ވެގެން ނުވާނެއެވެ.

ދެން މިއޮތީ އަނެއްކާވެސް އަނެއް ވާހަކައެވެ. އެވެސް ހަމަ ދާދި އިހަކަށްދުވަހު ހިނގާދިޔަ ހާދިސާއެކެވެ. މީގެ ހަފްތާއެއް ކުރިން މީސް މީޑިއާގައި ދައުރުވާން ފެށި މި ވީޑިޔޯއިން ފެންނަނީ ބައްޕައެއް ދަރިއެއްގެ ގައިގައި ތަޅާ އަނިޔާކުރާ މަންޒަރެވެ. މި ވީޑިއޯވެސް މީސްމީޑިއާގައި ވަރަށް އާންމުވިއެވެ. ކިތަންމެ މީހަކު މިމައްސަލަވެސް ކުށްވެރި ކުރިއެވެ. ޚުދު އަޅުގަނޑުވެސް އެކަމާ އެެއްބަހެވެ.

އެހެންނަމަވެސް އެކަންވެސް ވީ މީސް މީޑިއާގައި “ގޮސިޕް” އަކަށެވެ. މިކަހަލަ މައްސަލަތަކަކީ މީސްމީޑިއާ ފަދަ ތަންތަނުގައި އާންމު ކުރާ ކަންކަމެއް ނޫނެވެ. މިކަންކަމަށް ބޭނުންވަނީ ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަމެވެ. މިގޮތަށް މީހުންގެ ޒާތީ ދިރިއުޅުުމާ ބެހުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

ދިވެހިންގެ ގައިން މި ނުރަނގަޅު ސިފަތައް ފޮހެލަން ވެއްޖެއެވެ. އެހެން މީހުންގެ އިހުސާސްތައް ދަންނަން ދަސްކުރަން ވެއްޖެއެވެ. މީސް މީޑިއާ ހަދަންވީ މީހުންގެ ޒާތީ ދިރިއުޅުމާއި ބެހި މީހުންގެ އަބުރު ވައްޓާލާ ވެއްޔާ މޮޑޭ ތަނަކަށް ނޫނެެވެ.

ޚިޔާލު ފާޅުކުރައްވާ