Follow us on
އަޒަލް – އެންމެނަށް ނަމޫނާއެއް
| އީމާ ވަހީދު

މިއަހަރުގެ މޯލްޑިވިއަން އައިޑަލް ކާމިޔާބު ކުރި އައިޝަތު އަޒަލް އަލީ ޒާހިރަކީ ހުރިހާ އެންމެންނަށްވެސް މިސާލެކެވެ. ނާކާމިޔާބީއަކީ ކާމިޔާބީގެ އަސްލުކަން އަޒަލް ވަނީ ސާބިތުކޮށްދީފައެވެ. ތިމާގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނީ ބުރަ މަސައްކަތާއި، ހިތްވަރުންކަން އަޒަލް ވަނީ ސާބިތުކޮށްދީފައެވެ.

އަޒަލްވަނީ ފުރަތަމަ މޯލްޑިވިއަން އައިޑަލްގައިވެސް ބައިވެރި ވެފައެވެ. ނަމަވެސް އޮޑިޝަނާއި ހަމައިން ކަޓައިގެން ދިޔައީއެވެ. އުންމީދު ކަނޑާނުލައި ދެވަނަ އަހަރުވެސް އައިޑަލްއަށް އައެވެ. ފުރަތަމަ އަހަރާއި ޚިލާފަށް  މިފަހަރު ތިއޭޓަރ ރައުންޑާއި ހަމައަށް ދިޔައެވެ. އެހެނަސް ތިއޭޓަރ ރައުންޑާއި ހަަމައިން ކަޓާގެން ދިޔައީއެވެ.

ދެންވެސް އަޒަލް ހިތްވަރު އެލުވައެއްނުލައެވެ. ތިންވަނަ އަހަރުވެސް އައިޑްލްގައި ބައިވެރިވިއެވެ. އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުން ނަމަވެސް އަޒަލް ތިންވަނަ ފަހަރަށް އައިޑަލްގައި ބައިވެރިވެ ޓައިޓަލް ކާމިޔާބުކުރިއެވެ.

ޖަޖުންވެސް އަދި ބެލުންތެރިންވެސް އަޒަލް ފާހަގަކޮށްފައިވަނީ ލަވަ ކިޔާއިރު އަމިއްލަ ވަންތަ ކަމެއް ގެންގުޅޭ ކުއްޖެއްގެ ގޮތުގައެވެ. އަޒަލް ކިޔަނީވެސް ވަރަށް ދިވެހިވަންތަ ލަަވައެވެ. ކޮންމެ ލަވައެއްވެސް ކިޔަނީ އަޒަލްގެ އަމިއްލަ ގޮތަކަށެވެ. އަޒަލް މިއަހަރުގެ އައިޑަލް ސީޒަން ކާމިޔާބުކޮށްފައިވަނީ ބޮޓަމް ތްރީ އަށް ނުގޮސްއެވެ. މިއިންވެސް ދޭހަަވަނީ އަޒަލްއަށް ބެލުންތެރިންގެ ސަޕޯޓް އޮތްވަރެވެ.

މިއަދުގެ ޒުވާނުންނަށް އަޒަލްއަކީ ނަމޫނާއެކެވެ. އަޒަލްގެ ގަދަ ހިތްވަރާއި މަސައްކަތުން ފިލާވަޅު ނަގަންވީއެވެ. އަަޒަލް ފަދައިން ތިމާ ބޭނުންވާ ހުވަފެންތައް ހަގީގަތަކަށް ހަދަން އަޒުމު ކަނޑައަޅަން ވީއެވެ. އަޒަލް އަށް އައިޑަލް ކާމިޔާބު ކުރެވުނީ ނުފޫޒުން ނުވަތަ ފައިސާގެ ބާރުންނޭ މީހުން ބުނާ ބުނުމަކަށް އެއްބަސް ވެވޭކަށް ނެތެެވެ. މިބުނުމަށް އެއްބަސްވެސް ވާނީ ވަަރަށް މަދު މީހުންނެވެ. އަޒަލް ފައިސާގެ ބާރުން އައިޑަލް ކާމިޔާބު ކުރިނަމަ ފުރަތަމަ ސީޒަނުވެސް ކާމިޔާބު ކުރީހެއް ނޫންތޯއެވެ. ދެވަނަ އަހަރުވެސް ކަޓައިގެން ނުދިޔާހެވެ. މިޔުޒިކަށް ލޯބިކުރާ ކުއްޖަކު ތިންއަހަރުގެ ބުރަ މަސައްކަތުން ހުވަފެންތައް ހަގީގަތަކަށް ހެދީއެވެ. އަޒަލްއަށް މި ޓައިޓަލް ލިބުނީކީ ނުފޫޒުގެ ބޭނުންކޮށްގެންނެއް ނޫނެވެ. އަޒަލްގެ ހުނަރާއި ބުރަ މަސައްކަތުންނެވެ.

ޚިޔާލު ފާޅުކުރައްވާ