Follow us on
އަބްދުލް ކަރީމުގެ ހަޔާތުން ރަމަޟާން މަހުގެ 1 ދުވަސް!
| އަޙުމަދު އަނަސް

ރަމަޟާން މަހަކީ ހުރިހާ މުސްލިމުންނަށްވެސް ބަރަކާތްތެރި، އެހެން މަސްތަކާއި ތަފާތު މަހެކެވެ. މަސައްކަތުގެ މާހައުލާއި، ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އެކި ވަޒީފާތައްވެސް އެކަން ތަފާތެވެ.

މިއީ ލ.ފޮނަދޫ އާލަމް އަބްދުލް ކަރީމް އަބްދުﷲ އެވެ. އުމުރުން 51 އަހަރެވެ. ކުރާ މަސައްކަތަކީ މިސްކިތެއްގެ މުދިމު ކަމެވެ. މިވަޒީފާގައި ކަރީމު މަސައްކަތްކުރާތާ މިހާރު 11 އަހަރާއި 6 މަސްދުވަސް ވެއްޖެއެވެ. އުމުރުން 5 އަހަރުގައި ލޮލުގެ ފެނުމުން މަހުރޫމްވީނަމަވެސް ހިތްވަރާއެކު މަސައްކަތްކުރެވެ. މުދިމެއްގެ ވަޒީފާ އަދާކުރަންފެށުމުގެ ކުރިން ކަރީމް ވަނީ އަމިއްލަ ބޭންޑެއް އުފައްދާ މިއުޒިކް ކުޅެފައެވެ. އެހެނަސް އުމުރުން 40 އަހަރުގައި އިމާމު ކަމުގެ ސަނަދު ނެގުމާއެކު ކަރީމުގެ ހަޔާތް ބަދަލުކޮށްލިއެވެ.

ކަރީމަކީ ފޮނަދޫގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މަޝްހޫރު އެއް އާއިލާ އަށް ނިސްބަތްވާ މޫނެކެވެ. ހަތް ކުދިންގެ މި އާއިލާގައި މިވަގުތު އެންމެ މަޝްހޫރީ ޕީޕީއެމްގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. ކަރީމަކީ އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮއެވެ.

3 ދަރިންނާއި އަންހެނުންނާއެކު ފޮނަދޫގައި އުޅެމުން އަންނަ ކަރީމް، އޭނާ ރޯދަމަހުގެ އެއްދުވަސް ހޭދަކުރާގޮތް ފާނޫޒު އާއި ޚިއްޞާ ކުރިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހު 3:30 ގައި ކަރީމު ހޭލައެވެ. ހާރުކައި ހަދައިގެން ދެން ދަނީ ފަތިސް ނަމާދަށެވެ. އިމާމުވެ ނަމާދު ކުރުމަށްފަހު ކޮންމެ ރެއަކުވެސް މިސްކިތުގައި 30 ވަރަކަށް މިނެޓު ހޭދަކޮށްލުމަކީ ކަރީމުގެ އާދައެކެވެ. އެއަށްފަހު އެނބުރި ގެއަށްދެއެވެ.

ކަރީމް އިމާމުވެ ނަމާދުކުރާ މިސްކިތް

ދުވާލުވެ އިރުއެރުމާއެކު ކަރީމުވެސް އާއިލާއާއެކު ވަޤުތު ހޭދަކުރެއެވެ. ދިރިއުޅުމުގެ ކަންކަމާމެދު ވިސްނާ، އެކި ކަންކަމުގައި މީހުނަށް އެހީތެރިވެދެއެވެ. މެންދުރު ނަމާދާއި ހަމައަށް ކަރީމު ކުރާކަމަކީ މިއީއެވެ. އާއިލާއާއެކު ވަޤުތު ހޭދަކުރުމެވެ. މެންދުރު ނަމާދުވެސް އިމާމުވެ ކުރުމަށްފަހު ކަރީމު މިސްކިތުގައި މަޑުކުރެއެވެ. އެހެނަސް ފަތިސް ނަމާދާއި ޚިލާފަށް މެންދުރު ނަމާދަށްފަހު މިސްކިތުގައި 1 ގަޑިއިރު ވަންދެން ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުކުރުމުގައި ވަޤުތެ ހޭދަކުރެއެވެ.

އެއަށްފަހު ގެއަށްދިޔުމަށްފަހު ކޮންމެ ދުވަހަކުވެސް ސިޔަރަތު އަޑުއެހުމަކީ ކަރީމުގެ އާދައެކެވެ. އަދި މިގޮތަށް ސިޔަރަތު އަޑުއަހަން އިނުމަށްފަހު އަނެއްކާވެސް މިސްކިތަށް ގޮސް އިމާމުވެ ނަމާދު ކުރެއެވެ.

އަސުރު ނަމާދަށްފަހު ކޮންމެ ދުވަހަކުވެސް ރައްޓެހިންނާއެކު އެމީހުންގެ ގެއަށް ނުވަތަ ފިނިބުރު ޖަހާލަން ދެއެވެ. ރައްޓެހިންނާއެކު ވާހަކަ ދައްކާލާ، ހީ ސަމާސާކޮށް، ސަކަރާތްޖަހާލުމަކީ ކަރީމުއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މިގޮތަށް ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށްފަހު ކޮންމެ ދުވަހަކުވެސް 17:45 ވުމުގެ ކުރިން ކަރީމު މިސްކިތަށްދެއެވެ. އަދި މިސްކިތުގައި ރޯދަ ވިއްލުމުގެ އިންތިޒާމް އޮތްގޮތް ބަލައެވެ.

މަޤުރިބު ނަމާދަށްފަހު އަނެއްކާވެސް ގެއަށް ދެއެވެ. ރަނގަޅަށް ކައިބޮއެ ހަދައިގެން އިޝާ ނަމާދަށް ބަންގި ގޮވަން މިސްކިތަށް ދެއެވެ. އިޝާ ނަމާދު ނިންމާ ތަރާވީހް ނަމާދުކޮށް ގެއަށް ދެއެވެ.

ކަރީމަަށް ކީރިތި ޤުރުއާނުން ބޮޑުބައެއް ހިތުން އެނގެއެވެ. އަދި މިހާރުވެސް ކަރީމު ދަނީ މުޅި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކަރީމަކީ މުދިމަކަށް ވުމުގެ ކުރިން ފޮނަދޫގައި ތިބި އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އެހާމެ މޮޅު މިއުޒިޝަނަރެކެވެ. ވަޑާންކުރުމުގައިވެސް އެވަރެއް ނެތެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައި ވީނަމަވެސް އެއީ އުފާވެރިކަމުގެ ނިމުން ކަމުގައި ނުބަލާ އުފާވެރި ދިރިއުޅުމެއް އުޅެމުންނެވެ. އެންމެ އަޖައިބުކުރަނިވި ކަމަކީ ކަރީމު ގިނަފަހަރަށް ގެއިން މިސްކިތަށްވެސް ދަނީ އެކަނި ހިނގާފައެވެ. ކަރީމު ސައިކަލުވެސް ދުއްވައެވެ. ކާރުވެސް ދުއްވައެވެ. މީހުން ވެސް އެނގެއެވެ. ލިބިފައިވާ މިޤުދުރަތީ ހުނަރަކީ ހަމަ އަޖައިބެކެވެ.

ކަރީމްގެ ދެމަފިރިން ސައިކަލުގައި. –ފޮޓޯ: ދޯ.އެމްވީ

ކަރީމަކީ ފޮނަދުގެ އެންމެވެސް ދަންނަ މީހެކެވެ. ހުރިހާ އެންމެންވެސް އިހުތިރާމާއު ގަދަރުކުރާ މީހެކެވެ. ކަރީމަކީ ހުރިހާ އެންމެނަށްވެސް ހަމަ ނަމޫނާއެކެވެ.

ޚިޔާލު ފާޅުކުރައްވާ