Follow us on
މީގެ 25 އަހަރު ކުރިން ޔޫސޭ ވީއޭއާރް ބޭނުންކުރި!
| އަޙުމަދު އަނަސް

ޒަމާނަށް އަންނަ ތަރައްގީއާއެކު ކޮންމެ ދުވަހަކުމެ އާ ހޯދުންތަކެއް ހޯދައި، އައު އީޖާދުތަކެއް ނެރެމުން ދެއެވެ. އަނެއްކާވެސް މިއޮތީ ފުޓުބޯޅައިގެ ތާރީހުގެ ތެރެއިން މުޅިން އަލަށް ފެށިފައިވާ ކަމެކެވެ. އެއީ ވީ.އޭ.އާރް ނުވަތަ ވީޑިޔޯ އެސިސްޓެން ރެފްރީއެވެ.

ވީއޭއާރަކީ ހެޑް ރެފްރީގެ ނިންމުން ވީޑިޔޯ ފުޓޭޖް ބަލައިގެން ރިވިއު ކުރާ ރެފްރީއެވެ. ފުޓުބޯޅައިގެ ތާރީހުގެ ތެރެއިން އެންމެ ފުރަތަމަ މިޓެކްނޮލޮޖީ ބޭނުންކޮށްފައިވަނީ މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕްގައެވެ.

އެހެންނަމަވެސް މީގެ 25 އަހަރުކުރިން ދިވެހި ޑްރާމާއަކުން މިވަނީ ވީއޭއާރ ފެނިގެން ގޮސްފައެވެ. އެއީ އެންމެން ދަންނަ ދިރިއުޅުމަކީމިއީބާ އިންނެވެ. ޔޫސޭ ރެފްރީއެއްގެ ކެރެކްޓާގައި އެ އެޕިސޯޑުގައި ދައްކުވައިދެއެވެ. މި އެޕިސޯޑުގައި ޔޫސޭ އަކީ މަޝްހޫރު ރެފްރީ ސޭވަރާޖެވެ. މީގެ އިތުރުން ޔޫސޭގެ “ޖަންގަލް ޕީޕީ” އެޕިސޯޑުގައި ދައްކުވައިދެނީ ފީފާގެ މެޗެއް ކުޅެވޭތަނެވެ. އެއްކޮޅުން ތަޅާފޮޅާ ފުޓުބޯޅައެއް ކުޅޭ “ޖަންގަލް ޕީޕީ”ކިޔާ ޓީމެކެވެ. އަނެއް ކޮޅުން މޮޑާން ފުޓުބޯޅައެއް ކުޅޭ “ހޮރޭލިއާ” ނަމަކަށް ކިޔާ ޓީމެކެވެ.

“އެދުވަސްވަރަކީ ހުއްދަ ނޫން ޑްރަގް ބޭނުންކުރޭތޯ މެޗުގެ ކުރިން ބަލަން ފެށި ދުވަސްވަރު… އެހެންވެ މިއެޕިސޯޑުގަ ކުޅުންތެރިން ދަނޑަށް އެރުވީ ސިނގެރޭޓު ބޮއެގެން ތިބިކަމަށް ޓެސްޓްވެސް ކޮށްފައި… އަނެއްކާ މިހާރުވެސް މިދަނީ ކޮންމެ ދުވަހަކު އާ ފޯނެއް ނިކުންނަމުން…. ހަމަ އެގޮތައް އޭރުވެސް ކޮންމެ ދުވަހަކު މުޅިން އާ ކެމެރާއެއް ނިކުންނާނެ. ދެން ޓީވީ މޯލްޑިވްސްގަ އުޅޭތީވެ ހިތައް އެރީ، މިހާ ފާޑު ފާޑުގެ ކެމެރާތައް ގިނަވަންޏާ ކޮންމެވެސް ދުވަހަކުން އަދި ކެމެރާ ފުޓޭޖު ބަލައިގެން މެޗުގައި ގޮތް ނިންމާނެޔޭ… އަނެއްކާ އެ އެޕިސޯޑު ކުޅުނުއިރު އޭރުގެ ފީފާގެ ނައިބުރައީސް ވެސް ބައިވެރިކޮށްގެން ފިލްމު ކުޅުނީ. އެހެންވީމަ ފީފާ އަށްވެސް ހަމަ ފެނިފަ ހުންނާނެ ޔޫސޭ ޓީވީ ފުޓޭޖު ބެލިކަން… އެހެންވެ ފީފާ އިން ނިންމި ނިންމުމެއް ކަންނޭނގެ މިއީ…” ޔޫސޭއަށް ކުރި ފޯނު ކޯލެއްގައި ކިޔައިދިނެވެ.


ޔޫސޭ: ދިވެހިރާއްޖޭގެ ޗާލީ ޗެޕްލިން


ޔޫސޭ އަކީ 1981 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް އޭރަކާއި އެންމެ ގުޅޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް “ދިރިއުޅުމަކީ މިއީބާ” ގެ ނަމުގައި ޑްރާމާތަކެއް ހަދައި ދިވެހިން ހެއްވާލުމުގައި އިސްދައުރެއް އަދާކުރަމުން އަންނަ މީހެކެވެ. ޔޫސޭ ވަނީ ވޭތުވެ ދިޔަ 39 އަހަރުގެ ތެރޭގައި ދިރިއުޅުމަކީ މިއީބާގެ 200 އަށްވުރެ ގިނަ އެޕިސޯޑު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އަދި ވަރަށް އަވަހަށް އަނެއްކާވެސް ދިރިއުޅުމަކީ މިއީބާގެ މުޅިން އާ އެޕިސޯޑެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެ ކަމަށް ޔޫސޭ ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ައެމް.ވީ.ޓެކް

    ފުރަތަމަ މިޓެކްނޮލޮޖީ ބޭނުންކޮށްފައިވަނީ މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕްގައެވެ.
    ނުވާނެ އެހެނެއް ބަލާ ރަނގަޅަށް މައުލޫމާތު ހޯދާ.