Follow us on
ރޯދަމަހު ފުރިފަ، މިހާރު ދެ ސަފު – މީތި ކަޑަ
| އަޙުމަދު އަނަސް

ގެއާއި މިސްކިތާއި މާ ދުރެއް ނުވާނެއެވެ. 30 ސިކުންތުން މަޑު ހިނގުމެއްގައިވެސް ގެއިން ފެށިގެން މިސްކިތައް ދެވެއެވެ. އެހެނަސް ބަންގި ގޮވަން ފެށުމާއި އެކު ދުވެފައި ގޮސް މިސްކިތައް އަރާއިރު….. މިސްކިތް އޮންނަނީ ފުރިފަ ބާރުވެފައެވެ. މިސްކިތުގެ ބޭރުގައި، މަގުމަތީގައިވެސް ސަފުތައް ހަދާފައި އޮވެއެވެ. ޚުދު ގިނަ ފަހަރު އަހަރެންވެސް ހުންނަން ޖެހެނީ މިސްކިތުގެ ބޭރުގައެވެ. މިދައްކަނީ މިދިޔަ ރަމަޟާން މަހުގެ ވާހަކައެވެ.

ރަމަޟާން މަސް ނިމިއްޖެއެވެ. ފިތުރު ޢީދުވެސް އަހަރެމެންނާއި ބައްދަލުކޮށް، އަލްވަދާޢި ކިޔައިފިއެވެ. ސައްވާލު މަހުގެ ހަ ރޯދަ ހިފާވެސް ނިމިއްޖެއެވެ. ހަމަ އެއާއެކު މިސްކިތްތަކުން އެތައް ސަފެއް ގެއްލިއްޖެއެވެ. މިއީ މިކަން އޮންނަ ގޮތް ބާއެވެ؟ ނަމާދު ކުރަން ޖެހެނީ ހަމައެކަނި ރަމަޟާން މަހުގައި ހެއްޔެވެ؟ ދަންނަވަންތޯއެވެ. ނަމާދަކީ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ.

ކޮންމެ ހާލަތެއްގައިވެސް، އެހެނީ ތިމާ ހަނގުރާމަމަތީގައި ވާ ހާލުގައިވެސް ނަމާދުކުރުމަކީ ވާޖިބެކެވެ. ޞިއްޙަތު ސަލާމަތުން ހުންނަ ޙާލުގަޔާއި، ބަލިޙާލުގައިވެސް ނަމާދުކުރުމަކީ ވާޖިބެކެވެ. މުޤީމު ޙާލުގައި ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ.

އެހެންނަމަވެސް މިއަދު މިމުޖުތަމަޢުގެ ތެރެއިން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. ރަމަޟާން މަހުގައި ނަމާދަށް މިސްކިތައް އެރިއެއް ކަމަކު އެނޫން މަސްމަހުގައި މިސްކިތަކަށް ނާރައެވެ. އެމީހުނަށް ރަމަޟާން މަސް ނޫން މަސްމަހުގައި ނަމާދު ވާޖިބު ނޫނީ ހެއްޔެވެ؟ ފަރުވާ ކުޑައީ ހެއްޔެވެ؟ ނުވަތަ ކަންނެތީ ހެއްޔެވެ؟

ކޮންމެ ދިވެސްސެއްގެ ގާތުގައިވެސް ތިޔައީ ކޮން ދީނެއްގެ މީހެއްތޯ ސުވާލު ކޮށްލައިފިނަމަ ޖަވާބު ވަރަށްވެސް ފުރިހަމައެވެ. އަހަންނަކީ “%100 މުސްލިމެކޭ” ބުނެލަނީ ނުހަނު ފަހުރުވެރިކަމާއި އެކުގައެވެ. އެހެނަސް އެއީ ވަރަށް ހެއްވާ ވާހަކައެކެވެ. ނަމާދު ނުކުރާ މީހަކު ފުރިހަމަ މުސްލިމަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ނަމާދު އެޅުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އެހެނަސް މާތް ﷲ އަށް ބިރުވެތިވުމެއް ނެރި ނަމާދު އަޅަމުންދާ މީހުން މުޖުތަމަޢުގައި ހާދަ ގިނައެވެ.

ނަމާދު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭނީވެސް ނަމާދުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ) (الترمذي وحسّنه الألباني) މާނައީ: “ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ، އެހެންޢަމަލުތައްވެސް ރަނގަޅުވެ ޞާލިޙު ވެދާހުއްޓެވެ. އެކަން ފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ.”

ޣާފިލު ނިދިން ހޭލާކަށް ނުވޭ ހެއްޔެވެ؟ ތިމާގެ އުޅުން އިސްލާހުކުރާކަށް ނުވޭ ހެއްޔެވެ؟ ނަމާދަށް ފަރުވާތެރިވާކަށް ނުވޭ ހެއްޔެވެ؟ ގެއްލިއްޖެ ވަޤުތަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

ޚިޔާލު ފާޅުކުރައްވާ