Follow us on
ޕްލާސްޓިކް ކޮތަޅަށް ބޮޑު “ނޯ” އެއް!
| އަޙުމަދު އަނަސް

މަގުމަތީގައިވެސް އެނޫން އެއްޗެއް ނެތެވެ. ގޮނޑުދޮށުގައިވެސް ހަމަ އެއެވެ. މޫދުން އަޑިޔަށް ފީނާ ބަލައިލިޔަސް ކަމަކު ދާކަށް ނެތެވެ. ކުނި ކޮށީގައިވެސް އެންމެ ގިނައީ އެއެއްޗެކެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ. އާދޭހެވެ. އެއީ ކުންޏެވެެ. ކުނީގެ ތެރެއިންވެސް ޕްލާސްޓިކް ކޮތަޅެވެ.

ޕްލާސްޓިކް ކޮތަޅަކީ ފެށުނީއްސުރެ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ގިނަ ފިހާރަތަކުން ވިޔަފާރިކުރުމުން އެ ގަތް އެއްޗެއް ދެނީ ޕްލާސްޓިކް ކޮތަޅަކަށް ލާފައެވެ. އެހެނަސް ބައެއް ފިހާރަތަކުން ފޮތި ކޮތަޅު އަދި ކަރުދާސް ކޮތަޅުވެސް ދެއެވެ.

ދިވެހި ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ހަދާފައި އޮތް އެންމެ ދިގު މަގުކަމުގައިވާ ހައްދުއްމަތީ ބޮޑުމަގުގެ އެއްކޮޅުން އަނެއްކޮޅަށް ބަލަލައިފީމެވެ. ލިބުނީ ޝޮކެކެވެ. މަގުގެ ދެފަރާޕުން ފެނުނީ ނޫކުލައިން ދިއްލިފައިވާ ޕްލާސްޓިކް ކޮތަޅުތަކެވެ. ފުޅިއާއި ދަޅެވެ. ސުޕާރީ ކައިފައި އެއްލާލާފައި އޮންނަ ޕެކެޓެވެ. ސިނގެރޭޓު ފިލްޓަރެވެ. ދިވެހިންގެ ހާލަކީ މިއީއެވެ. މައްސަލައެއް ނެތެވެ. ޑަސްޓްބިން ބަހައްޓާފައި ނެތީއެވެ.

އެހެނަސް އެމީހުނަށް އެކޮތަޅު ނުވަތަ ފުޅި އެއްލާނުލާ ޑަސްޓްބިނަކާއި ހަމައަށް ދެވެންދެން ނުހުރެވެނީ ހެއްޔެވެ. ފުލާސްޓިކް ކޮތަޅެއް ނަމަ ނުވަތަ ސުޕާރީ ހުސް ޕެކެޓު ނަމަ ޖީބަށް ލާފައިވެސް ބޭއްވޭނެއެއް ނޫންހެއްޔެވެ؟ އެތަކެތި މަގުތަކަށް އަޅައިގެން އެޔޮށް ރީތި މަގު ހަޑިކުރަނީ ކީއްކުރަން ހެއްޔެވެ؟

ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ދިއްކޮށްލުމުން އެއަށް ނޫނެކޭ ބުނަން ނުކެރެނީ ހެއްޔެވެ. މުގު ގަންނަން ފިހާރައަށްދާ މީހާ މުގު އަޅަން ކޮންޓެއިނާ އެއް ހިފައިގެން ދާނަމަވެސް ހަމަދަރުމަވާނެކަން ނޭނގެއެވެ. ފަހަރުގައި މިއީ ވަރަށް ލަދުވެތި ކަމަކަށްވެސް ވެދާނެއެވެ. އެހެނަސް ކޮންމެ މީހަކުވެސް މިގޮތަށް ކޮންޓެއިނަރ ހިފައިގެން ފިހާރައަށް ދާން ފަށައިފިނަމަ މިކަން ދިވެހިންގެ ތެރޭގައި އާދައަކަށްވެ، މިކަން ކުރަން އެއްވެސް މީހަކު ލަދެއް ނުގައްނާނެއެވެ.

މިއަށްވުރެ ފަސޭހައިން ކުރެވިދާނެ ކަމެއްވެސް އެބަ އޮތެވެ. ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅެއް ކޮންމެ މީހެއްވެސް ގެނގުޅެމާ ހިނގާށެވެ. މިފަދަ ކޮތަޅެއް ކޮންމެ މީހެއްވެސް ގެންގުޅޭނަމަ އެއްކަލަ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނެވޭނެކަން ޔަގީނެވެ.

މިއީ ހައްތަހާވެސް ކުރެވޭނެ ކަންކަމެވެ. އަޅުގަނޑުމެންގެ އުފަން މިވަތަން އަބަދުމެ އަބަދަށް “ދުނިޔެމަތީގެ ސުވަރުގޭގެ” ގޮތުގައި ބޭއްވޭނީ ކޮންމެ މީހެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެނެއެވެ. އެންމެން އަތުގުޅާލަން ހިނގާށެވެ. ޕްލާސްޓިކް ކޮތަޅަށް ތިބޭފުޅުން “ނޯ” ބުނާނަން ހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ