Follow us on
އަދިވެސް ރާއްޖެއިން މިޔުޒިކަލީ ބްލޮކް ކުރާކަށް ނުވޭތަ؟
| އަޙުމަދު އަނަސް

ދިވެހިންނަކީ އަބަދުވެސް ޓެކްނޮލޮޖީގެ ރޮނގުން ވަރަށް ކުރީގައި އުޅޭ ބައެެވެ. އެގޮތުން ތަފާތު އެކި އެކި ވަސީލަތްތައް ބޭނުންކުރުމަކީ ދިވެހިންގެ އާދައެކެވެ. މާސް މީޑިޔާގެ ތެރެއިން މީސް މީޑިޔާއަކީ ދިވެހިންގެ ތެރޭަގައި ކުޑެއް ބޮޑެއް ނެތި އެންމެންވެސް ބޭނުންކުރާމުން އަންނަ އެއްޗެކެވެ.

ދިވެހިން އާންމުގޮތެއްގައި ބޭނުންކުރާ ފޭސްބުކާއި ޓްވިޓާ އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދައިން އެ ލިސްޓަށް އަނެއްކާވެސް މިވަނީ އައު ބޮޅެއް އިތުރުވެފައެވެ. އެއީ މިއުޒިކަލީ އެވެ.

މިއުޒިކަލީ އަކީ ގިނަ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް މަގުބޫލު އެޕެކެވެ. އެގޮތުން އެތައް ބަޔަކު ދަނީ މި އެޕް މެދުވެރިކޮށް އެމީހުންނަށް ލިބިފައިވާ އެކްޓް ކުރުމުގެ ހުނަރު އެންމެނަށް ދައްކާލަމުންނެވެ. ނަމަވެސް ހިތާމައަކީ މި އެޕް ބޭނުންކުރާ މީހުންގެ ތެރެއިން ގިނަ ދިވެހިން، ޚާއްޞަކޮށް އަންހެނުން އެޕްލިކޭޝަންގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ދާކަމެވެ.

މިފަދައިން ބުނަން މިޖެހުނީ ސަބަބަކާއި ނުލައެއް ނޫނެވެ. ސަބަބުތައް ލައްކަ ބައިވަރެވެ. މިއުޒިކަލީ އިން ގިނައިން ފެއްނަނީ ދިވެހި ފިރިހެނުން “ތުއި” ދައްކާ މަންޒަރެވެ. ދިވެހި ފިރިހެނުން އަންހެނުންގެ ގޮތުގައި އެކްޓު ކުރާ މަންޒަރެވެ. ވީއިރު މިއީ އިސްލާމް ދީނުގައިވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ. ދެން ފެންނަނީ އަންހެނުން އެމީހުންގެ ވަނާތައް ދައްކާ މަންޒަރެވެ. އެއްބަޔަކު ބަނޑު ދައްކައިދެން، އަނެއް ބަޔަކު ކަރު ހާޔަށް ދައްކައިގެން އުޅޭ މަންޒަރެވެ.

ފޭސްބުކު ޕޭޖަކުން މިއުޒިކަލީގެ ބައެއް ވީޑިޔޯތައް ފެނުމުން އެއިން ބައެއް ވީޑިޔޯތައް ބަލައިލީމެވެ. ފަސް ވަރަކަށް ވީޑިޔޯ ބަލާ ނިމުނުއިރު ދެކަމެއް ރަނގަޅަށް އެނގި ފަހުމުވިޔެވެ. ފުރަތަމަ ކަމަކަށް އެނގުނީ ދިވެހިންނަކީ އެކްޓުކުރުމުގައި ދެވަނައެއް ނުވާ ބައެއް ކަމެވެ. ދެން އެނގުނުކަމަކީ ދިވެހި ގިނަ ޒުވާނުންގެ ކިބައިގައި “ދުރޫސުލް އަޙުލާގުގެ” ކަނފުޅެއްވެސް ނެއްކަމެވެ.

“ދުރޫސުލް އަޙުލާޤުގެ” މިންގަނޑައް ފެތޭނަމަ އަންހެނުން އެމީހުންގެ “އައުރަ” ދައްކާނެހެއްޔެވެ. މޫނާއި ދެއަތްތިލަ ފިޔަވާ ހުރިހާ ތަނަކީ އަންހެނުންގެ އައުރައަށް ވާއިރު ބުރުގާ އަޅައިގެން އުޅޭ މީހުން ބުރުގާ ނާޅާ ވީޑިޔޯ ކުރުމުން އެއަރައިގަނެވެނީ ކިހާބޮޑު ފާފައަކަށްހެއްޔެވެ. މީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ ބައެއް މީހުން އެކަކު އަނެކަކުގެ ގައިގައި އޮޅުލައި ހަދާއިރުވެސް ވީޑިޔޯކޮށް މިއުޒިކަލީއަށް ލާފައި އެބަހުއްޓެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ކަންކަމަށް ދޮރުތައް ހުޅުވިފައި ހުރުމަކީ ކަންބޮޑުވާ ކަމެކެވެ. ކޮންމެ އެއްޗެއްގެ ބޭނުންވެސް ދެގޮތަކަށް ކުރެވެއެވެ. އެއީ އެދެވޭ ގޮތާއި ނޭދެވޭ. އެހެނަސް އެކްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ދޮރެއްކަމަށްވާ މިއުޒިކަލީގެ ބޭނުން ގިނަބަޔަކު ކުރަނީ ނަހަމަ ގޮތުގައެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އާންމުވެގެން އައި “ޕޯކިމޮން ގޯ” ގޭމުވެސް ދިވެހި ރާއްޖެއިން ވަނީ ބްލޮކް ކޮށްލާފައެވެ. ވުމާއެކު މިފަދަ އެއްޗެއް ރާއްޖެއިން ބްލޮކް ކޮށްލުމަކީ ކުރެވޭނެ ވަރުގެ ކަމެއްކަން ޔަގީނެވެ. ދިވެހިންގެ އަޙުލާޤީ މިންގަނޑު މިހާ ދަށަށް ދާއިރު އެކަމަށް މަގުފަހިކުރުވާ “ވައިރަސް” ދުއްވާލައިގެން ނޫނީ އެކަމުން ސަލާމަތެއް ނުވޭނެއެވެ. މިކަމަށް ފިޔަވަޅެއް ނޭޅިއްޖެނަމަ މިއުޒިކަލީ ހައްދުން ނެއްޓިގެންގޮސް ދެން ފެންނަންފަށާނެ ކަންކަން ތަސައްވުރުކޮށްްލަންވެސް ނޭނގެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ޢަލީ

    ޕޮކޮމަން ގޯ ރާއްޖެއަށް ބޮލޮކުކުރީ ރާއްޖެ އެމީހުންގެސަރވިސްލިސްޓްގަ ނުހިމެނޭތީ ރާއްޖެއިން ބުލޮކްކުރީކީ ނޫން

  2. ތިކުރެވެނީ އިސްތިހާރެއްކަން އެބަ އިނގޭތަ

  3. ހަންޑި

    ކޮންމެ އެއްޗެއްވެސް ނަހަމަ ގޮތުގައި ބޭނުން ކުރީމަ ގޯސްވާނެ. މައްސަލައަކީ އަަހަރެމެން.