Follow us on
ދިވެހިން މިނިވަންކަންމަތީ 53 އަހަރު!
| ފާނޫޒް.ކޮމް

“މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ” މިއީ އެތަށް ފަހަރަކުމެ އިވި އިވި ދަސްވެފައިވާ ލަވައެއްގެ ތަންކޮޅެކެވެ. އާއެކެވެ. އެއީ ހަމަ ތެދެކެވެ. އަލުވެތިކަމެއްގައި ދިރިއުޅެން ބޭނުންވާނީ ކާކުހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ އަހަރެން އެދޭ ގޮތެއް ނޫނެވެ. އެހެނަސް ވެރިކަނުގެ ދަހިވެތިކަމުގަޔާއި އަދި މިނޫންވެސް އަމިއްލަ މަންފާއަށް ބައެއް މީހުން “ޙުއްބުލް ވަތަން” އަޅުވެތިކަމުގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރެއެވެ.

މިއަދު ދިވެހިން ފާހަަގަކުރަމުން މިދަނީ 53 ވަނަ މިނިވަން ދުވަހެވެ. މިއީ އަހަރެމެން އެންމެވެސް އެކަމާއި ފަހުރުވެރިވާން ޖެހޭ ކަމެކެވެ. މިނިވަން ދިދައެއް ފިނި ހިޔަލުގައި މިނިވަންކަމާއެކު 53 އަހަރު ހޭދަކުރެވުމަކީ މިފަދަ “ޖަޒީރާ ގައުމަކަށް” ލިބިގެންދާނެ ފަހުރެކެވެ.

1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 1965 ދިވެހިރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. އިނގިރޭސިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވަނީ ސ. ގަން އަދި ހިތަދޫގައެވެ. 30 އަހަރު ދުވަހު އިނގިރޭސީން ދިވެހިންނަށް “ހިމާޔަތްދިނުމުގެ ނަމުގައި” އަޅުވެތިކޮށްފައި ވެއެވެ. ދިވެހިން އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ނުވަތަ ތެދުތެދަށް ދަންނަވަނަމަ އަޅުވެތިކަމުގެ ދަށަށް ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނާއި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަނަރާ ދެމެދު ކުރެވުނު މުއާހަދާއަށް ފަހުއެވެ.

އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތްއިރު ދިވެހިން ތިބީ ލިބެންޖެހޭ އެތައް ބައިވަރު ޙައްގަކުން މަހުރޫމުވެފައެވެ. އަމިއްލަ މިނިވަންކަމާއެކު ކުރެވޭ އެއްވެސް ކަމެއް ނެތްކަހަލައެވެ. ދަތުރެއް ނުކުރެވެއެވެ. ވިޔަފާރިއެއް ނުކުރެވެއެވެ.

ކޮންމެއަކަސް ކުރެވުނު ގިނަ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިންނާއި އިނގިރޭސިންނާދެމެދު ވެފައިވާ އެއްބަސްވުން އުވާލިއެވެ. އެއްބަސްވުން އުވާލަމުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތަކަށްވިއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މި ތާރީޚީ ލިޔުމުގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު މައިކަލް ވޯކަރއެވެ. ދިވެހިންގެ ފަރާތުން މި ތާރީޚީ ލިޔުމުގައި ސޮއިކުރެއްވީ އެ ދުވަސްވަރު ރާއްޖޭގެ ބޮޑު ވަޒީރު އަލްމަރުޙޫމް އަލްފާޟިލް އިބްރާހިމް ނާޞިރެވެ.

މިނިވަންކަން ލިބުމަށްފަހު، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމާއި އިބްރާހިމް ނާޞިރު ހަވާލުވިއެވެ. އެ ދުވަހަށް ފަހުގައި މިއަދާ ހަމައަށް ދިވެހިންނަކީ ސިޔާސީ ގޮތުން މިނިވަން ބަޔެކެވެ.

އަނެއްކާވެސް ހިތުގައި އުފެދެނީ ސުވާލެކެވެ. ރާއްޖެއަކީ ހަމަ ސިޔާސީ ގޮތުން މިނިވަން ޤައުމެއް ހެއްޔެވެ؟ ސިޔާސީ މިނިވަންކަމަކީ ހަމަ އެކަނި ދިވެއްސަކު ވެރިކަމުގައި ހުރުންހެއްޔެވެ؟ ކަން ކުރަންޖެހެނީ ބޭރުގެ ފަރާތްތަކުން ބޭނުންވާ ގޮތަށް ހެއްޔެވެ؟ އަބަދުވެސް މި އިވެނީ ބޭރުގެ ކޮންމެވެސް ޖަމާއަތަކުން ރާއްޖޭގެ އިސްވެރިންނާމެދު ފިޔަވަޅު އަޅަން އުޅޭ ވާހަކައެވެ. ނުވަތަ ކޮންމެވެސް ޤައުމެއްގެ ބަޔަކު އެމީހުންގެ ގޮށްމުށުގެ ބާރު ބޭނުންކުރަން އުޅޭ ވާހަކައެވެ.

އެދުވަހު ރާއްޖެއަށް ލިބުނު މިނިވަންކަމާއި ގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަދުވަސް ފާހަގަކުރަމުން މިދަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަދު އަހަރެމެން ފާހަގަކުރަމުން މިދަނީ ދިވެހިރާއްޖޭގެ 53 ވަނަ މިނިވަން ދުވަހެވެ. އަހަރެމެންގެ ދިވެހި ރާއްޖެއަކީ އަބަދުގެ އަބަދަށް މިނިވަން ގައުމެއް ކަމުގައި ލައްވާށި! އާމީން!

ޚިޔާލު ފާޅުކުރައްވާ