Follow us on
ވޯޓު ލުމުގެ ކުރިން ވިސްނަންޖެހޭ ބައެއް ކަންކަން
| ފާނޫޒް.ކޮމް

މިދުވަސްވަރު ދެމީހަކު އެއްވާ ކޮންމެ ތަނެއްގައި ދެކެވޭ ވާހަކައަކީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގައި ބާއްވާ ދިވެރި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވާހަކައެވެ. މީސް މީޑިޔާވެސް މިވަނީ އެކި އެކި ކެނޑިޑޭޓުންގެ ޕޯސްޓުތަކުން ފުރިފައެވެ. ވޯޓުހޯދަން ގެއަށް އައިސް “ސަލާންޖަހާ” މީހުންވެސް މަދެއް ނޫނެވެ.

އެއަކު މައްސަލައެއް ނެތެވެ. ނަސީބެއް ލިބޭނީ މަސައްކަތެއް ކޮށްގެނެވެ. އެހެނަސް ކޮންމެ މީހަކުވެސް ވޯޓު ލުމުގެ ކުރިން އެތައް ކަމަކާއި މެދު ވިސްނަން ޖެހެއެވެ. ރިޔާސީ އިންތިހާބެއްގެ ވޯޓަކީ ކުޑަ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބަކީ ކުރިއަށް އޮތް ފަސް އަހަރު ދިވެހި ރާއްޖެ އާއި ހަވާލުވާނޭ ވެރިއަކު ހޮވުމެވެ. ވުމާއެކު ތާކުންތާކު ނުޖެހޭ “ކަނޑުކޮސް” މީހެއް ހޮވައިގެން ނުވާނެތާއެވެ.

ވޯޓުލުމުގެ ކުރިން ކޮންމެ މީހަކުވެސް އެ ވޯޓު ލެވެނީ އެންމެ ރަނގަޅު މީހާއަށް ކަމުގައި ބަލަން ވާނެއެވެ. އެގޮތުން ތިމާގެ އަމިއްލަ މުހުތާދުތައް ދުރަށް ޖައްސާލުމަށްފަހު ކޮންމެ މީހަކުވެސް ފައިދާ ބޮޑުވާފަދަ މެނިފެސްޓޯ އެއް ގެންގުޅުއްވާ ބޭފުޅަކަށް ވޯޓު ދެއްވުން މުހިންމެވެ.

ވޯޓަށް ކެމްޕެއިން ކުރާ ދުވަސްވަރު “ދޮގު ހަދައިގެން” ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވޯޓު ހޯދަން މަސައްކަތްކުރާ ކެނޑިޑޭޓުންވެސް އުޅެއެވެ. އެހެނަސް އެއިން މީހެއްގެ ދޮގު ހުވައިގައި ޖެހުމަށް ވުރެ ތަރައްގީއަށް މަސައްކަތްކުރާ މީހަކަށް ވޮޓު ލުމަކީ ހަމަ ޔަގީނުންވެސް ކޮންމެ މީހަކަށްވެސް ފައިދާވާނެ ކަމެކެވެ.

ވާނީވެސް އެހެންތާއެވެ. ދުނިޔޭގައި ކޮންމެ ޤައުމެއްވެސް ބޭނުންވަނީ ތަރައްގީވެ ކުރިއަރާ ދާށެވެ. ކުރިން އުޅުނު “މުސްކުޅި” ގޮތަށް ރުޖޫޢަ ވާކަށް ނޫނެވެ.

ވޯޓު ލުމުގެ ކުރިން ވެރިކަންކުރަން އެންމެ ޤާބިލު މީހަކީ ކާކުތޯ ބެލުންވެސް މުހިންމެވެ. އެގޮތުން އެއްވެސް ތަޖުރިބާއެއް ނެތް މީހަކަށްވުރެ ތަޖުރިބާ ހުރި މީހަކަށް ވޯޓުލުން މާ އެދެވިގެން ވެއެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް ވޯޓުލުމުގެ ކުރިން މިދެންނެވި ކަންކަމަށް ވިސްނާ، ފިކުުރުކުރުން މުހިންމެވެ. ވޯޓަކީ ކޮންމެ މިހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ވޯޓުލާން ވާނީ ތިމާ ބޭނުން މީހާއަށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ކަނޑުކޮސް

    މިއަށްތޯ ސިޔާސީ ކޮޅަކަށް ޖެހީފަ.. އެއަށްވަރަށް ނުޖެހޭށޭ ބުނޫމަވެސް.. ހޭޓް ޔޫ ފާނޫޒް