Follow us on
އިއްޔެ ނަޝްފާ – ދެން މަ ނޫންކަމެއްވެސް ނޭނގެ – ގަނާކުރުމާއި އަހަރެން ދެކޮޅު!
| އީމާ ވަހީދު

މިވޭތުވެދިޔަ ހަފުތާ ތެރޭގައި މީސްމީޑިއާގައި އެންމެ ބޮޑަށް ވައިގައި ހިފާލާފައި ވަނީ ތިން އަންހެންކުދިން ވެގެން 15 އަހަަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ތިން އަންހެން ކުދިން ވެގެން ދިޔައީ އެ 15 އަހަރުގެ އަންހެން ކުއްޖާއަށް ގަނާ ކުރަމުންނެވެ. މިއީ ވަރަށް ހިތާމަ ކުރަންޖެހޭ ހާދިސާއެކެވެ. ކަމާބެހޭ ފަރާތްތަކުން ފިޔަވަޅެއް ނާޅާ ދޫކޮށްލެވޭ ވަރު ކަމެއް ނޫނެވެ. އެ ހާދިސާއަށް އެއްވެސް ފިޔަވަޅެެއް ނާޅާ ދޫކޮށްލުން ވާނީ އެކުދިންނަށް އެކަހަލަ ދަށުދަރަޖައިގެ އަމަލުތައް ހިންގުމަށް ދެވޭ ހިތްވަރެއް ކަމުގައެވެ.

މީސް މީޑިޔާގައި އަޑު ފެތުރެމުންދާ ގޮތުގައި މި ދަށުދަރަޖައިގެ އަމަލު ހިންގާފައިވާ ތިން އަންހެން ކުދިންނަކީ ނިހާ ނައީމު، ފާތިމަތު ޝަފާ އަދި އިޔާޝާ އިބްރާހީމެވެ. މި ތިން އަންހެން ކުދިން ވެގެން ގަނާ ކޮށްފައިވަނީ ނަޝްފާ ހަސަން ކިޔާ އަންހެން ކުއްޖެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިމަހު 19 އިން ފެށިގެން ނަޝްފާ ހުސެއިން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އާއިލާއިން ވަނީ މިމައްސަލަ ފުލުހުންނަށްވެސް ރިޕޯޓު ކޮށްފައެވެ. ނަޝްފާ ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ ނަޝްފާގެ ވަނަވަރު އާއްމުކޮށްފައެވެ.

އުފަލާއިއެކު ފާހަގަ ކޮށްލަން ޖެހެނީ ނަޝްފާ އަށް އަނިޔާކޮށް ގަނާ ކުރި ކުދިންނާ ދެކޮޅަށް އެތައް ދިވެހިންނެއް މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންދާ ކަމެވެ. އެތައް ބަޔަކު ދަނީ މިއަމަލު ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރަމުންނެވެ. މަދު ބަޔަކު އެ އަމަލު ހިންގި ތިން ކުދިން ދިފާއު ކޮށް ވާހަކަ ދައްކާފައި ވިޔަސް ގިނަ ބަޔަކު ތިބީ އެކުދިންނާ ދެކޮޅަށެވެ. އެކުދިންގެ ދިފާއުގައި ވާހަކަ ދެއްކުން ވާނީ ކުރިއަށް އޮތް ދުވަސް ތަކުގައިވެސް އެފަދަ އަމަލުތައް ހިންގުމަށް ދެވޭ ހިތްވަރެއް ކަމުގައެވެ.

އެހެންނަމަވެސް އެ ތިން ކުދިންގެ އަމަލާމެދު ނުރުހުން ފާޅުކުރުމުގެ ތެރެއިން ބައެއް މީހުން، ޚާއްޞަކޮށް ބައެއް ފޭސްބުކު ޕޭޖުތަކުން ގަނާ ކުރި ތިން ކުދިންނަށްވެސް ގަނާކުރަމުންދާ މަންޒަރު ފެންނަމުން އެބަދެއެވެ. މި ވީޑިޔޯގައި ގަނާ ކުރާ މަންޒަރު ފެންނަ އިޔާޝާ އަދި ޝަފާ މިހާރު ވަނީ މީސް މީޑިޔާ މެދުވެރިކޮށް މިކަމާ މަޢާފަށްވެސް އެދިފައެވެ.

ގަނާ ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކޮންމެ ކުލައެއްގެ ކޮންމެ ފަންތީއެއްގެ އަދި ކޮންމެ ދީނެއްގެ މީހެއް ކަމުގައިވިއަސް ގަނާ ކުރެވިގެން ނުވާނެއެވެ. ގަނާކޮށް މިފަދަ އަމަލުތައް ހިންގާ މީހުންނަށް ގަނާ ކުރެވޭ މީހާއަށް ކުރާ އަސްރު ވިސްނައިދިނުން މުހިންމެވެ. އޭރުން ދެވަނަ ފަހަރަށް އެކަހަލަ އަމަލެއް ހިންގުމުގެ ކުރިން އެތައް ފަހަރަކު ވިސްނާނެއެވެ.

މިއަދު އަޅުގަނޑުމެން އެންމެންގެވެސް އެދުމަކީ ވީހާވެސް އަވަހަކަށް ނަޝްފާ ހޯދާ، މިކަމުގެ އަޑީގައި ތިބި އެންމެންނަށް ހައްގު އަދަބު ލިބުމެވެ.

އިއްޔެ އެ ގަނާ ކުރީ ނަޝްފާއާއެވެ. އެވެސް މީހެއްގެ ދަރިއެކެވެ. ކޮންމެވެސް މީހެއްގެ ކޮއްކޮއެކެވެ. ނޫންނަމަ ދައްތައެކެވެ. ދެން އައިސް ގަނާ ކުރާނީ މަށަށް ނޫންކަމެއްވެސް ނޭނގެއެވެ. މިވަގުތަކީ އެންމެންވެސް ގަނާކުރުމާއި ދެކޮޅަށް ނިކުންނަންވީ ވަގުތެކެވެ. ގަނާކުރުން ފަދަ ނުބައި އަމަލުތައް މި ކުޑަކުޑަ މުޖުތަމައުން ނައްތާލުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. “Bully Free Society” އެއް އުފެއްދުމަށް ކޮންމެ މީހަކުވެސް އަތުކުރި އޮޅާލައިގެން ނިކުންނަން އެބަޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ