Follow us on
ދިވެހިން ދިވެހިންގެ ގޮތުގައި، ބުރިޖުގެ ނަލަކަންވެސް ގެއްލުވާލައިފި
| އަޙުމަދު އަނަސް

ހުޅުވައިފިއޭ. ނިންމައިފިއޭ. ހުޅުވާ ލޮލަށް ދައްކައިފިއޭ. ހުޅުމާލެއާ އެކު ހުޅުލެއާ އަދި މާލެއާ ގުޅުވައިދީފިއޭ. މިއީ ހަމަ ތެދެކެވެ. ބުރިޖު ނިންމާ ހުޅުވައިފިއެވެ. ބުރިޖު މަތީގައި ކައިވެނި ޕާޓީވެސް ބާއްވައިފިއެވެ. ނުވިތާކަށް ބުރިޖުގެ ވެދުމުގައި ހިނގާލުމެއްވެސް ބާއްވައިފިއެވެ. އެއާއެކު މުޅި ބުރިޖު “ގޮނޑަކަށް” ހަދައިފިއެވެ.

ބުރިޖުގެ ވެދުމުގައި އިއްޔެ ހިނގާލުމެއް ބާއްވާފައިވާއިރު މިއަދު މިވަނީ ބުރިޖުގެ ފޮޓޯތަކުން މުޅި މީސް މީޑިޔާ ފުރާލާފައެވެ. އެހެނަސް އެއީކީ އެތަނުގެ ރީތި މަންޒަރުތަކެއް ނޫނެވެ. ވޭތުވެ މިދިޔަ ދެ ދުވަހު ފެނުނު ބުރިޖުގެ ރީތި ފޮޓޯތައް ގެއްލި މިއަދު މި ފެންނަނީ ބުރިޖަށް އަޅާފައިވާ ކުނީގެ ފޮޓޯ އެވެ.

ޝައްކެއް ނެތެވެ. މީހުން އުޅޭ ތަންތަނުގައި ކުނި ހުންނާނެއެވެ. އެއީ ކޮންމެ މީހަކުވެސް ޤަބޫލުކުރާނޭ ކަމެކެވެ. އެހެނަސް މިވަރު ވީމާ މިއީ ބޮޑުވަރު ނުން ހެއްޔެވެ. މުޅި ސަރަހައްދު ބަލާލަން ނުކެރޭ ވަރަށް މިއޮތީ ކުނި ބުނިން ފުރާލާފައެވެ. މިތަނެކޭ އިންޑިޔާގެ ޗަލާ ބާޒާރެކޭ ތަފާތެއް ނެތެވެ.

މީސް މީޑިޔާއިން މި ފޮޓޯތައް ފެނި އަހަރެންގެ ހިތުގައި އަނެއްކާވެސް އުފެދުނީ ސުވާލެކެވެ. އެތަނުގައި ހަމަ ކުނި އަޅާނޭ ޑަސްބިނެއް ނެތީ ހެއްޔެވެ؟ ހޯދި ހޯދުމުން އެނގުނީ ޑަސްބިންވެސް އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ކަމެވެ. ދެން ޑަސްބިން ހުރި އިރު ބިންމައްޗަށް ކުނި އެޅީ ކީއްވެގެން ހެއްޔެވެ؟ މިކަމުން މި އެނގެނީ ދިވެހިންގެ އަހުލާގީ މިންގަނޑު ދަށް ކަމެއް ނޫން ހެއްޔެވެ؟

ރާއްޖެއަށްވާ އުމްރާނީ ތަރައްގީ އެބަ ގެނެއެވެ. އެކަން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ. އެހެނަސް މިއަދު ރާއްޖެއަށް އުމްރާނީ ތަރައްޤީއާއި އެވަރަށް ވިސްނުމުގެ ތަރައްޤީވެސް އެބަ ބޭނުންވެއެވެ. ދުނިޔެމަތީ “ސުވަރުގެއެއް” ގޮތުގައި ފަތުރުވެރިން ދެކޭ ރާއްޖެ މިއަދު މިވަނީ ކުނި ބުނިން ފުރިފައެވެ. ބުރިޖު އެކަންޏެއް ނޫނެވެ. ކަނޑަކަސް ފަޅަކަސް ކުނި އޮވެއެވެ. މީހަކުވާ އަޖައިބެއް ނުވާނެ ހެއްޔެވެ؟

ދިވެހިންނަށް ހަމަ އަދިވެސް ނުވިސްނެނީ ހެއްޔެވެ؟ ބުރިޖަށް އަރާ ސެލްފީ ނަގާފައި މީސް މީޑިޔާއަށް އަޕްލޯޑް ކޮށްލެވުނީމާ އެއީ ނިމުނީ ހެއްޔެވެ؟ ތިމާ އެއްލާލާ ކުނި ގަނޑު ބުރިޖުގެ މަތީގައި އޮވެ އަނެކާ ސެލްފީ ނަގަން ވާއިރަށް އެ ބުރިޖުގެ ނަލަކަން ގެއްލުނީމާ ދެން ކުރާނީ ކީއްހެއްޔެވެ؟

ކުރާނެ ކަމެއް ނެތެވެ. ދިވެހިން މިތިބީ އަދިވެސް ހަމަ ދިވެހީންގެ ގޮތުގައެވެ. އިހުގެ ވިސްނުމައިގެން ކުރިޔަށް ދިޔުމަށް ތައްޔާރަށެވެ. ގައިމު ހަޤީޤީ ތަހުޒީބަކީ ސިކުނޑި އާއި ވިސްނުން އާރާސްތުކުރުން ނޫން ހެއްޔެވެ؟ ހެޔޮނުވާނެއެވެ. ދެންވެސް މިހެން ނަހަދާށެވެ.

ޚިޔާލު ފާޅުކުރައްވާ