Follow us on
ރާޅުތަކުގެ ތެރެއިން މުސްތަޤްބަލް ކުރަހަމުން އަންނަ އާޒިމް
| އައިޝަތު އިނާން

ކުޑަކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނަ އިރު އަދި ފުރާވަރަށް އެޅުމުން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އުންމީދީ އަދި ފޮނި ހުވަފެންތަކެއް ދެކޭނެއެވެ. ވަޒީފާގެ މާޙައުލުގައި ކުރިޔަށްދާނެ ދާއިރާއެއް ކަނޑައަޅާނެއެވެ. ކުރަން އެންމެ ބޭނުންވާ މަސައްކަތެއް ނިންމާނެއެވެ. ތުއްތު ކުއްޖެއް ގާތު ކުރިޔަށް ދާނެ ދާއިރާއަކާއި ބެހޭގޮތުން ސުވާލުކޮށްލައިފިނަމަ ގިނަ ފަހަރަށް ދޭނެ ޖަވާބަކީ ‘ޕޮލިސް’، ‘ސިފައިންގެ މީހެއް’ މިފަދަ ޖަވާބުތަކެކެވެ. އެހެން ނަމަވެސް އެ ޖަވާބުތަކާއި ޚިލާފަށް މިފަހަރު އަޅުގަނޑާއި ދިމާވި ޒުވާނާގެ ޖަވާބު ވަރަށްވެސް ތަފާތެވެ.

މިއީވެސް އެހެން ކުދިންނެކޭ އެއްފަދައިން ހުވަފެންތަކެއް ދެކޭ ކުއްޖެކެވެ. ފުރާވަރުގެ ފިރިހެން ކުއްޖެކެވެ. ސްކޫލުގައި ގުރޭޑު ނުވައެއްގައި ކިޔަވަމުން އަންނަ ޅަނދޮޅު ޒުވާނެކެވެ. ނަމަވެސް އެ އުމުރާއި ބަލައިފައި އާދަޔާއި ޚިލާފު ހުނަރަކުން ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ގެންނަމުން އަންނަ ކުއްޖެކެވެ. އެއީ ށ.ކަނޑިތީމަށް އުފަން އާދަމް ޢާޒިމް އެވެ. އެކުވެރިންގެ ނަމުން ނަމަ “އާޑޭ” އެވެ.

އަޅުގަނޑާއި އެކުގައިވެސް ކިޔެވުމުގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފައި ވުމުން އާޒިމް އާއި ގުޅޭ ބައެއް މައުލޫމާތު ޚުދު އަޅުގަނޑަށްވެސް ވަނީ ލިބިފައެވެ. ނަމަވެސް އެންމެ ޔަގީން ކަން ދީގެން ބުނަން އިނގެނީ އެއީ އަބަދުވެސް މޫދަށް ވަރަށް ބޮޑަށް ލޯބިކުރާ ކުއްޖެއް ކަމެވެ. އާޒިމް އަކީ އުމުރުން އެންމެ 10 އަހަރުގައި ރާޅާ އެޅުމުގެ ދާއިރާއަށް ނިކުތް ކުއްޖެކެވެ. އެހެން ކަމުން އޭނާގެ ހުރިހާވެސް އުންމީދެއް މިއަދު ގުޅިފައިވަނީ މޫދާއެވެ. “ވޯޓާ ސްޕޯޓްސްގަ ބޮޑަށް މަސައްކަތް ކުރާނީ. ދެން އަންޑަރ ވޯޓާ ފޮޓޯގްރެފީ. މި ދެކަންތަށްވެސް މީ ވަރަށް ކުރާހިތުން ކުރާ ދެކަންތަށް.” އާޒިމް ކުރިޔަށް ދާނެ ދާއިރާއާއި ގުޅޭ ގޮތުން ސުވާލުކޮށްލުމުން ބުންޏެވެ.

މޫދުގެ ލޮނުގަނޑުތެރޭގައި ގިނަ ވަގުތު ހޭދަ ކުރާ އާޒިމް އަށް މިދާއިރަށްއަށް ނިކުމެވުނީ އެކަމަށް ހުރި ޝައުޤެއްގެ ބޮޑުކަމުންނެވެ. ބޭބެމެންނާއި އެކު މޫދަށް ދިޔުމުގެ ތެރޭގައި ރާޅާ އެޅުމަށް ހިތެޖެހުނުލެއް ބޮޑުކަމުން އެކަމުން އަތް ފޮޅާލެވޭ ވަރަށްވުރެ ބޮޑަށް އޭނާގެ ދިރިއުޅުމާއި ރާޅާ އެޅުމާއި ގުޅި ލާމެހުނީއެވެ. އޭނާ ބުނާގޮތުގައި އޭނާއަށް މި ތަފާތު ހުނަރު ދަސްކޮށްދިނީ އޭނާގެ ބޭބެމެންނެވެ. ރިސޯޓު ދާއިރާގައި ބޭބެމެން މަސައްކަތް ކުރުމުގެ ސަބަބުން ލޮލަށް ފެންނަންފެށި މަންޒަރު ތަކާއެކު މިއަދު އާޒިމްއަށްވެސް އެ ވަނީ މި ދާއިރާއަށް ވަދެވިފައެވެ.

ކޮންމެ ކަމެއް ކުރިނަމަވެސް އާންމުންގެ ފަރާތުން ތަފާތު ޚިޔާލުތަށް ލިބޭނެއެވެ. ތަފާތު ފާޑުކިޔުންތަށް ލިބޭނެއެވެ. އެހެން ކަމުން އާޒިމްގެ އުމުރުގެ ހަގުކަމާއި މިދާއިރާގައި އޭނާ މަސައްކަތް ކުރުމުގެ ސަބަބުން މީހުންގެ ފަރާތުން ލިބޭ ފާޑުކިޔުމާއި ގުޅޭ ގޮތުން އާޒިމް ބުނީ ވަރަށް ރަނގަޅު އެއްބާރުލުމެއް އެންމެންގެ ފަރާތުންވެސް ލިބޭ ކަމަށެވެ. އިތުރަށް ކުރިޔަށް ދިޔުމަށްޓަކައި ގިނަ މީހުންގެ ފަރާތުން ހިތްވަރުގެ ބަސް ލިބޭކަމަށެވެ.

އާޒިމް ކަނޑު އަޑީގައި.

ވަރުގަދަ ޢަޒުމަކާއި އެކު އެހާ ހަގު އުމުރެއްގައި ރާޅާ އެޅުމުގެ ދާއިރާއަށް ނިކުތް އާޒިމް އަކީ ކުޑައިރުއްސުރެވެސް މި ދާއިރާއަށް ލޯބިކުރާ ކުއްޖެކެވެ. ނަމަވެސް އެއިރު އޭނާއަށް ފުރުސަތު ނުލިބެނީ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ހިތްވަރު އެލުވައެއް ނުލައެވެ. އެގޮތުން ރާޅާ އަޅަމުންގޮސް އެންމެފަހުން އާޒިމް މޫދުގައި ފީނައިފައި ފޮޓޯވެސް ނަގަންފެށީއެވެ. އެއިރު އޭނާގެ އުމުރުން ސާދަ އަހަރެވެ. ނަމަވެސް އެ އުމުރުގެ ކުއްޖަކާއި ބަލައިފައި އޭނާގެ މަސައްކަތް ވަރަށްވެސް ފުރިހަމައެވެ. މިހެން ދަންނަވާލަން މި ޖެހުނީ އާޒިމްގެ މަސައްކަތް ޚުދު އަޅުގަނޑުވެސް ދެކެފައި ވާތީއެވެ.

ރާޅާ އެޅިކަމުގައި ވިޔަސް ނުވަތަ ފޮޓޯ ނެގި ކަމުގައިވިޔަސް އެކި ކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ. އެކަން ކުރަން އުޅުމުގެ ތެރޭގައި ތަފާތު ކަންކަމާއި ކުރިމަތިލާ މީހުންވެސް މަދެއް ނޫނެވެ. އެހެން ކަމުން ރާޅާ އެޅުމަކީ ކިހާ އުނދަގޫ ކަމެއް ތޯ ބަލައިލަން އަޅުގަނޑު އާޒިމް އާއި ސުވާލު ކުރީމެވެ. އޭނާގެ ޖަވާބަކަށް ވީ “އެއީ އެހާ އުނދަގޫ ކަމެއް ނޫން. ޝައުޤުވެރިކަމާއެކު ކުރަންޏާ.”އެވެ. ތެދެކެވެ. ތިމާގެ ޝައުޤުވެރިކަން އެއްވެސް ކަމަކަށް ހުރިނަމަ ތިމާއަށް އެކަމެއް ކުރަން އުނދަގުލެއް ނުވާނެއެވެ. އަދި ކިތަންމެ ބޮޑެތި ދަތިތަކެއް ހުރި ނަމަވެސް އެ ހަރުފަތްތަށް ގިރާ ކުރާނެއެވެ.

ބޭބެމެންގެ ފަރާތުން ތައާރަފްވި ރާޅާ އެޅުން އާޒިމް ދަސްކުރި ގޮތަށް ބަލައިލަމާ ހެއްޔެވެ؟ އާޒިމް ބުނާ ގޮތުގައި ރާޅާ އެޅުން ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ސާފިންގް އޭނާއަށް ދަސްވީ ބޭބެ މެންގެ އިތުރުން ރައްޓެހިންނާއި އެކީ މުދަށް ގޮސް އުޅުމުގެ ތެރޭގައެވެ. އެންމެ ފަހުން އެކަމަށް ހިތްޖެހި ޔޫޓިއުބް ބަލައިގެން ދަސްކުރީއެވެ. ރާޅާ އެޅުމެކޭ އެއްފަދައިން މޫދު އަޑީގެ ފޮޓޯނެގުމަށްވެސް އޭނާއަށް އާއިލާގެ ފަރާތުން އެއްބާރުލުން ލިބުނެވެ. އޭނާއަށް އެކަންވެސް ދަސްކޮށްދިނީ އޭނާގެ ބޭބެއެކެވެ.

ކޮންމެޔަކަސް އާޒިމްއަށް މިހާ ހިސާބަށް އާދެވުނު އިރު އޭނާ ޝުކުރު އަދާކުރަން ބޭނުންވާ އެތަށް ފަރާތެއް އެބަ ތިއްބެވެ. ވަކި ވަކިން ނަން ހާމަ ނުކުރި ނަމަވެސް އޭނާގެ އާއިލާ އެންމެންނަށް އޭނާ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއެވެ. އޭނާއަށް މި ދާއިރާގައި އެންމެ ބޮޑަށް ހިތްވަރު ލިބެނީ އާއިލާގެ ފަރާތުންނެވެ. އާޒިމްއަށް ރާޅާ އެޅުމާއި ފޮޓޯނެގުން ދަސްވި ގޮތަށް ބަލާއިރުވެސް އާއިލާގެ އެއްބާރުލުން އޭނާއަށް ލިބޭ މިންވަރު ހާމަވެގެން ދެއެވެ. ޝައްކެއް ނެތެވެ. ތިމާ ކޮންމެ ކަމެއް ކުރި ނަމަވެސް ތިމާ އާއި އެންމެ ގާތުގައި ހިތްވަރު ލައިދޭން ދެގޮތެއް ނުވެ ތިބޭނެ ބަޔަކީ ތިމާގެ ޢާއިލާއެވެ. އާޒިމްއަށް ވެސް އެންމެ ބޮޑަށް އެހީތެރިވެދީ ހިތްވަރުލައިދޭން ތިބި ބަޔަކީ އެއީއެވެ. ހަމަ އެޔާއެކު ރައްޓެހިންގެ ފަރާތުން ލިބޭ ހިތްވަރަށްވެސް އޭނާ ހެޔޮހިތުން ޝުކުރުވެރިވެއެވެ.

ގަދަ ހިތްވަރާއި ޢަޒުމާއި އެކު ރާޅާ އެލުމާއި ފޮޓޯ ނެގުމުން ދުވަހަކަށް ފަހު ދުވަހެއްގައި ކާމިޔާބީ ހޯދަމުން އަންނަ އާޒިމްއަށް މިއީ ނުކުރެވޭނެ ކަމެއް ނޫންކަން އޭނާ އެވަނީ ސާބިތު ކޮށްދީފައެވެ. ހިތްވަރާއި އެކު މަސައްކަތްކޮށްފި ނަމަ ތިމާއަށް ނުކުރެވޭނެ ކަމެއް ނޯންނާނެކަން އޭނާ އަޅުގަނޑުމެންނަށް ދައްކައިދީފިއެވެ. އެހެން ކަމުން އަޅުގަނޑުވެސް އެދެނީ އާޒިމްއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކޮށްދެއްވުމެވެ. އެދެނީ މި ދާއިރާގައި އަބަދުވެސް އާޒިމް އަށް ކާމިޔާބިއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ޑަބްސް ކިންގް

    އާޑޭ މީ މޭންއެކެ….🌊👌🏻😎💚💙

  2. ާއަހްޒަމް

    އާޒިމް މީ ގަދަ ރާޅެއް އިންގެ Ķèèޕް ùޕް ދަ ģŕèàť ވޯކް ބްރޯ

  3. ޝިފާ

    ވ މޮޅު ލިޔުމެއް އިނާން