Follow us on
އަޑު ގަދަޔަސް އަމަލުން ފެންނާކަށް ނެތް!
| މުޢައްލިމް އިބްރާހިމް

ޒަމާނުއްސުރެ މުސްކުޅިން ކިޔާ ބަހެއް އޮވެއެވެ. “ފަސް އިނގިލިވެސް ވާނީ ފަސްވަރެވެ”. އެއީ ތެދެކެވެ. އަޅުގަނޑުމެން ދިރިއުޅެމުންދާ މުޖުތަމައުއަކީ އެ މުޖުތަމައުގައި އަޅުގަނޑުމެންނާއި އެކި ގޮތްގޮތުން ތަފާތު ފަރާތްތަކެއް އުޅެމުންދާ ތަނެކެވެ. ވިސްނުމާއި ފިކުރުންނެވެ. ގާބިލްކަމާއި ބަރޯސާވަންތަކަމުންނެވެ. މިފަދައިން ތަފާތު ފަރާތްތަކާއިއެކު އުޅޭހިނދު، އެފަރާތްތަކާއި ގުޅިގެން އުޅެ އަމާން އަދި ގުޅިލާމެހިފައިވާ މުޖުތަމައުއެއް ބިނާކުރުމަށް އަތުކުރި އޮޅާލުމަކީ އެންމެހާ ފަރާތްތަކުގެ މައްޗަށް އޮތް ފަރުދީ ޒިންމާއެކެވެ.

ގިނަ ބައެއްގެ ނަޒަރުގައި ދިވެހި މުޖުތަމައުއަކީ ކުރިއަރައިފައިވާ މުޖުތަމައުއެކެވެ. އުސް އިމާރާތްތަކާއި ބްރިޖްތަކުންނެވެ. އިންސާނީ ފިކުރިއްޔާތާއި ވައްޓަފާޅިންނެވެ. ނަމަވެސް އިންސާނީ ފިކުރިއްޔާތުގެ ތަރައްގީއަށްވުރެ އަވަހަށް ކޮންކްރީޓް ތަރައްގީ އަވަސްވެފައިވާކަމަށް ބުނަމުންދާ ފަރާތްތައްވެސް ވަކި މަދެއް ނޫނެވެ. ވަކިން ޚާއްސަކޮށް މީސްމީޑިޔާގެ ވަސީލަތްތަކުގައެވެ. މަޝްހޫރު އަރަބި ސައްޔާހެއްކަމުގައިވާ އިބްނު ބަތޫތާ، ދިވެހިރާއްޖެ ސިފަކުރައްވަނީ އަމާން، އެކުވެރި، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައު އެއްގެ ގޮތުގައެވެ.

އަދުގެ ދިވެހި މުޖުތަމައު އިންވެސް މި މަންޒަރު ފެންނަމުން އެބަދެއެވެ. މަދުން ނަމަވެސް މެއެވެ. މީގެތެރެއިން އެއް މިސާލަކަށް ވާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ ސަމާލުކަމެވެ. އެ ފަރާތްތަކުން މުޖުތަމައުން އެކަހެރިވެ، ބާކީވަމުންދާ މިންވަރު މަދުވަމުންދާކަމެވެ. ވަޒީފާގެ މައިދާނާއި ތައުލީމީ ދާއިރާއިން އެފަރާތްތަކަށް އެތައް ފުރުސަތުތަކެއް ދަނީ ލިބެމުންނެވެ. މިކަމަކީ ޒަމާނީ ތަރައްގީގެ ކުލަވަރަކަށްވެސް ވެދާނެއެވެ. އެހެނަސް ހިތާމައަކީ އަދިވެސް އެފަރާތްތައް އެއްކޮށް މުޖުތަމައުގެ އެންމެންނާއި އެއްފަންތިއަކަށް ނުގެނެވޭކަމެވެ. އަދިވެސް އެފަރާތްތަކަށް ފުރިހަމަ އަޅާލުމާއި ލޯބި ނުދެވޭކަމެވެ.

މީގެ ދެތިން ހަފްތާގެ ކުރިން ހިނގައިދިޔަ ހާދިސާއެކެވެ. އީދު ދުވަހެއްގެ ހަވީރެވެ. ބަންދު ދުވަހެއްކަމުން ވިލިމާލޭގެ ފެރީ ޓާރމިނަލް އޮތީ އިހުނަށްވުރެ މީހުން ގިނަކޮށެވެ. އައިޝާ (އަސްލު ނަމެއް ނޫން) ވެސް އޭނާގެ ކުދިންނާއި އެއްކޮށް އީދު ދުވަސްކަމުން މާލެއަށް ދިއުމަށްޓަކައި ފެރީ ޓާރމިނަލަށް ދިޔައެވެ. އޭރު އެ ސަރަހައްދުގައި ވަރަށް ބާރަށް މިއުޒިކު ޖަހާފައި ހުއްޓެވެ. އެ މިއުޒިކުގެ ރާގަށް ތިރީހަކަށް އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ދިޔައީ ނަށަމުންނެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތައް ފެންނަމުންދިޔައެވެ. ނަމަވެސް އެވަގުތު ފެރީ ޓާރމިނަލަށް ވަދެ ނިކުމެ ހެދި ފަރާތްތަކަށް އެކަން ވެގެންދިޔައީ މަޖާކަމަކަށެވެ. އެންމެންވެސް އެންމެ ޒަމާނީ ފޯނުތައް ނަގައިގެން އެމީހާއަށް މަލާމާތްކޮށް، ވީޑިޔޯކުރަމުންދިޔައެވެ. އެވަގުތު އެކަން ހުއްޓުވުމަށް އެމްޓީސީސީގެ ބައެއް މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެފަރާތްތަކުގެ މަސައްކަތް ދިޔައީ ފެނަށެވެ. ފަހަރުގައި ގޮށްމުށުގެ ބާރުނެތީމަކަމަށް ވެދާނެއެވެ.

“ވަރަށް ދެރަވި އެމަންޒަރު ފެނުނީމަ ހަގީގަތުގައި. ނަސީބަކުން އެމްޓީސީސީ ސްޓާފުން ކައިރީ ބުނެގެން ނަށަންހުރި މީހާ ތަންކޮޅެއް ދުރަށް ގެންދިޔަ އެމީހުންގެ އެހީގައި. ފެރީގައި އިނދެފަ ހިތަށް އެރި އަޅުގަނޑުގެވެސް ހުރެޔޭ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. އެ ކުއްޖާއަށްވެސް އެހެންބާވައޭ ބޮޑުވީމަ މަލާމާތް ކުރާނީ މީހުން”، އައިޝާ ބުންޏެވެ.

އެ ވީޑިޔޯ ނަގަމުންދިޔަ ފަރާތްތަކަށް އެކަމުން އުފާލިބިދާނެއެވެ. މަދު ލައިކްސް ކޮޅަކާއި ވިއުސްކޮޅަކުން ހިތް ފުރިދާނެއެވެ. ނަމަވެސް އެ ޚާއްސަ އެހީއަށް ބޭނުންވާ މީހާއަށް ކުރި މަލާމާތް ކޮބާތޯއެވެ؟ އެމީހާ އަކީ ތިމާއަށްވުރެ ސިކުނޑީގެ ގޮތުން އުނި މީހަކަށް ވީތީ، އެމީހާގެ އުނިކަމަށް ފަރުވާލެއް ނުބެހެއްޓީއެވެ. “މޮޑާރން” ފޯނަކުންވިޔަކަސް އެކުރެވުނީ ނާތަހުޒީބު އަމަލެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިން ކުރިއެރިޔަސް، ވިސްނުމުގެ ގޮތުން އަދި 1900ގެ އަހަރުތަކަށްވެސް ނާޅަނީއެވެ. އެންމެން އެކުވެރިކޮށް، އަޅާލާ މުޖުތަމައު އެއްގެ ވާހަކަ އަޅުގަނޑުމެންނަށް ކިތަންމެ އަޑުހަރުކޮށް ދެއްކިދާނެއެވެ. އެހެނަސް އަމަލުން އެކަން ނުދައްކަނީސް އެވާހަކަތަކުގެ ބޭނުމެއް ނެތެވެ.

އަޅުގަނޑުމެންނަށް ކިތަންމެ އަޑުހަރުކޮށް “މިކަން ކުށްވެރިކުރަން” ކިޔާފައި ހަޅޭއްލެވިދާނެއެވެ. އިނގިލިތަކުން ހަންދާ ވަރަށް މީސްމީޑިޔާގައި ސްޓޭޓަސްތައް ޝާއިއުކުރެވިދާނެއެވެ. އެހެނަސް ހަގީގަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭންވާ ސަމާލުކަން ދިނަސް، ދޭންވާ ފުރިހަމަ ލޯތްބާއި އަޅާލުން އަދިވެސް ނުދެވޭކަމެވެ. ފަސް އިނގިލީގެ ފަރަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމެވެ. ޒަމާނީވާންވީ އަދި ތަރައްގީވާންވީ އުސްލޫބާއި އިންފްރާސްޓްރަކްޗަރ އިން އެކަންޏެއް ނޫނެވެ. ފިކުރިއްޔާތާއި ވިސްނުމުންވެސް ޒަމާނީވެ ތަރައްގީވާން ދިވެހިން ދަސްކުރަންވެއްޖެއެވެ. ޒަމާނީ އުސްލޫބުގެ ވަސީލަތްތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހޯދައި، އެފަރާތްތަކަށް އެހީވުމަށް ބޭނުންކުރަންވެއްޖެއެވެ. ޒަމާނީ އިންފްރާސްޓްރަކްޗަރތައް، އެފަރާތްތަކަށްޓަކައި އެއްކޮށް ހުޅުވާލަންވީއެވެ. އޭރުން ފުރިހަމައަށް ތަރައްގީވެވުނީއެވެ. ފުރިހަމައަށް ޒަމާނީ ވެވުނީއެވެ. އެކަކު އަނެކަކަށް އަޅާލައި، ލޯބިވާ މުޖުތަމައުއެއް އުފެދުނީއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ބޮޑޭ

    މަރހަބާ